ޑީއާރްޕީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކި ކުރުމުން ޕާޓީއާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމަށް ޑީއާރްޕީގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވަޑައިނުގަންނަވައިގެން އެ މައްސަލަ މިއަދު ބޭއްވޭ ގޮތެއް ނުވި އެވެ.
ސިވިލް ކޯޓުގައި މިއަދު އެ މައްސަލަ މެންދުރު ފަހު 3:30 ގައި ބޭއްވުމަށް އޮތީ ޝެޑިއުލްކޮށްފަ އެވެ. ނަމަވެސް ހަތަރެއް ޖެހިއިރު ވެސް ސުއޫދު ވަޑައިނުގެންނެވުމުން ކޯޓުން ވަނީ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މައްސަލައިގެ އަޑުއެހުމަށް ވަޑައިނުގެންނެވޭނެ ވާހަކަ ސުއޫދު އަންގަވާފައި ވެސް ނުވާ ކަމަށެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެން އޮންނަ އަޑުއެހުމަށް ހާޒިރުވުމުގެ ޗިޓު ސުއޫދުގެ ލޯ ފާމްގައި ހިއްޕާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.
މީގެ ކުރިން އެ މައްސަލައިގައި ބާއްވަން އޮތް އަޑުއެހުން ވެސް ކެންސަލްކޮށްފައި ވަނީ ސުއޫދު ހާޒިރުވެވަޑައިނުގަންނަވައިގެނެވެ. އެފަހަރު ސުއޫދު ވަޑައިނުގެތީ އުމަރުގެ މައްސަލަ ބާއްވަން އޮތް ގަޑީގައި ހައި ކޯޓުގެ އަޑުއެހުމަށް ވަޑައިގަންނަވަންޖެހޭތީ އެވެ.
ޑީއާރްޕީގެ ޒެޑް ފެކްޝަނުގައި މިހާރު އިސްކޮށް ހަރަކާތްތެރިވާ އުމަރު ނަސީރު ކުރައްވާ ދައުވާގައި ބުނެފައި ވަނީ ޑިސެމްބަރު 2، 2010 ގައި އޭނާ ޑީއާރްޕީން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އޭނާ ވަކި ކުރުމަށް ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުން ބާތިލް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ދައުވާގައި އެދެ އެވެ.