މޫނުބުރުގާ އަޅާތީ ސްކޫލުން ވަކިކުރި ޓީޗަރަަކަށް ޕްރީސްކޫލަކުން ވަޒީފާ ދީފި

ރަސްދޫގައި ހިންގާ ޕްރީސްކޫލްގެ ކްލާހެއްގައި ދަރިވަރުންތަކަކާ އެކު ޓީޗަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/ ރަސްދޫ ކައުންސިލް

އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި، މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާތީ ވަޒީފާއިން ވަކިކުރި ޓީޗަރަށް އެ ރަށު ޕްރީސްކޫލަކުން ވަޒީފާދީފި އެވެ.

މޫނުބުރުގާ އަޅާތީ، މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފައިވަނީ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޤުރުޢާން ޓީޗަރުގެ މަގާމުގައި ހުރި ތަހުމީނާ މުހައްމަދެވެ.

ވަޒީފާއިން އެ ޓީޗަރު ވަކިކުރީ، "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް" ބަޔާން ކުރާ ގަވާއިދުގެ ދަށުން، މަސައްކަތުގެ މާހައުލުގައި އުޅޭއިރު މޫނު ނިވާ ނުކޮށް އުޅުމަށް ނަސޭހަތް ދިނުމަށްފަހު، އެގޮތަށް އަމަލު ނުކުރުމުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ރަސްދޫ ކައުންސިލް މެންބަރު އަބްދުލް މުހައިމިން، " ސަން" އަށް ވިދާޅުވީ، ކައުންސިލްގެ ފަރާތުން ފަންޑު ދީގެންނާއި ސްކޫލްގައި ކިޔަވާ ދަރިވަރުންގެއަތުން ފީ ނަގައިގެން ހިންގާ ޕްރީސްކޫލުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެ ޓިޗަރަށް ވަޒީފާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ދަނީ އެ ސްކޫލްގެ ޤުރުޢާން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންކަމަށެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން މޫނު ބުރުގާ އެޅުމަކީ މަނާކަމެއް ކަމަށް ކަނޑައެޅުމަށް ސިވިލް ސާވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާ ބާތިލްކުރުމަށް ގާނޫނީ ވަކީލުންތަކަކާއި ދީނީ އިލްމުވެރިންތަކެއް ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

comment ކޮމެންޓް