ރ. އިންނަމާދޫ ސްކޫލްގައި އިމާރާތް ކުރި މިސްކިތުގެ ހުރިހާ މަަސައްކަތެއް ނިމި ބޭނުން ކުރަން ފަށާފައިވާކަމަށް އެރަށު ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވެއްޖެއެވެ.
"ސަން" އަށް މައުލޫމާތުދެއްވަމުން އިންނަމާދޫ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު ސަމާ ވިދާޅުވީ، އައިޑީއެލް ބޯޓު ބިލްޑިން ކުންފުނީގެ ފަރާތުން އެ ސްކޫލްގައި އިމާރާތް ކުރަންފެށި މިސްކިތުގެ ހުރިހާ މަސައްކަތެއް ނިމި މިމަހުގެ ދިހަ ވަނަ ދުވަހު ސްކޫލާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެދުވަހުން ފެށިގެން ސްކޫލްގެ ދަރިވަރުންނާއި އެހެން މުވައްޒަފުންވެސް އެ މިސްކިތުގެ ބޭނުންކުރަމުންދާ ކަމަށެވެ.
މިސްކިތް އިމާރާތް ކުރުމަށް ސްކޫލްގެ ބަޖެޓުން އެއްވެސް ހަރަދެއްކޮށްފައި ނުވާ ކަމަށާއި އެއީ އައިޑީއެލް ބޯޓު ބިލްޑިން ކުންފުނީގެ އިސްނެގުމެއްގެ މަތީން ހިލޭ ސާބަހަށް ރަށަށް ކޮށްދިން ވަރަށް ރަނގަޅު ކަމެއްކަމަށްވެސް ޕްރިންސިޕަލްގެ ވާހަކަފުޅުގައި ފާހަގަކޮށްލާފައިވެއެވެ.

ރ. އިންނަމާދޫ ސްކޫލްގައި އިމާރާތްކުރި މިސްކިތް --- ފޮޓޯ: އިންނަމާދޫ ސްކޫލް
ސްކޫލްގައި މިސްކިތެއް އިމާރާތް ކުރުމުގެ ސަބަބުުން ވަރަށް ބޮޑެތި ފަސޭހަތަކެއް ކުރިމަތިވާމަކަށް އައިޝަތު ސަމާ ވިދާޅުވިއެވެ.
" ގިނަ ފަހަރު ކުދިން ގެޔަށް ފޮނުވާލީމަ އަސްލު ޔަގީން ނުވޭ އެކުދިން އެ އަންނަނީ ނަމާދު ކޮށްގެން ކަމެއް. އެކަމު މިހާރު އަޅުގަނޑުމެންގެ ކުރިމަތީގަ ކުރާތީ އެކަން ޔަގީންވޭ އެބަ. މިއީ ވަރަށް އުފާވާ މަނަޒަރެއް ފެންނަނީ މިހާރު،" ޕްރިންސިޕަލް ވިދާޅުވިއެވެ.

ރ. އިންނަމާދޫ ސްކޫލްގައި އިމާރާތްކުރި މިސްކިތް --- ފޮޓޯ: އިންނަމާދޫ ސްކޫލް
މިސްކިތެއް އިމާރާއް ކުރުމުން ދަރިވަރުން އަޅުކަމަށް ލޯބި ކުރާ ސިފަ ފެންނަމުންދާތީ ވަރަށް ހިތްހަމަޖެހޭ ކަމަށް އައިޝަތު ސަމާ ވަނީ ވިދާޅުވެފައެވެ.
ރ. އިންނަމާދޫ ސްކޫލަގައި 142 ދަރިވަރުންނާއި 24 ޓީޗަރުން ތިބެއެވެ.