ޝީރީންގެ ޖުމްލައާއެކު ބަތޫލް އެތެރެއަށް ލާން އުޅުނު ނޭވާވެސް ހިނދުރީގެ ތެރޭގައި ތާށިވެއްޖެއެވެ. އޭނަގެ ދެލޯބޮޑުވި ހިނދު މުޅި މީހާއަށް ހުއްޓުމެއް އަތުވެއްޖެއެވެ. ހަރަކާތެއްކޮށްލަން ވެސް ނޭގިފައި ހުރެވުނީ ޝީރީން ބުނި ޖުމްލައިގެ މާނަ ހޯދުމަށް ސިކުނޑިއަށް ލަމުން ދިޔަ ބާރާ ހުރެއެވެ.

*****

''މަ ހަމަ އަޖައިބުވެއްޖެ އަޒްޔާނަށް ތި އަންނަ ބަދަލުތަކާ ހުރެ... މިހާރު އޭނައަށް ޓަކައި ތިހިތުގައި ހަމްދަރުދީ އުފެދުނީތަ އޭނައާ މެދު ކަންބޮޑުވުން ތި ފާޅުކުރަނީ؟... މިހުރިހާ ދުވަހު އަޒްޔާންގެ ހިތުގައިވި ރުޅިވެރިކަމާއި ބަދަލުހިފުމުގެ ރޫހަށް ވެސް ނިމުމެއް އައީތަ؟، އެހެން ވެއްޖެއްޔާމު މިހުރިހާ ދުވަހު އަޒްޔާން ކަންތައްކުރި ގޮތުގެ މާނައަކީ ކޮބައިތަ؟... އެ އަންހެނާ އަކީ އަޒްޔާންގެ މަންމައަށް މި ދުނިޔެމަތިން ވެސް އެންމެ ނިކަމެތި ހާލު ޖެއްސި މީހާގެ ދަރި... ކިތައް ފަހަރުތަ އަހަރެން މިވާހަކަ އަޒްޔާން ގާތު ދައްކަން ޖެހޭނީ؟... ތި ސިކުނޑިއަށް ކޮންމެވެސް އެއްޗެއް މިހާތަނަށް އައިއިރު ވިސްނެން ވެއްޖެދޯ؟..... ޖައުފަރު ގާތުން ބަދަލު ހިފަން މިއަށް ވުރެ ފަހި ފުރުސަތެއް ދެނެއް ނުލިބޭނެ، ބަތޫލްއަށް ލިބޭނެ ކޮންމެ ދެރައާއި ނިކަމެތިކަމެއް އެއީ ޖައުފަރަށް ރައްދުވާނެހާ ކަންތައް، ދެން ކީއްވެތަ އަޒްޔާންގެ މަގުސަދު ބަދަލުކުރަން ތިއުޅެނީ؟... މާކަ ގިނަ ދުވަހެއް ވެސް ނެތް އޭނަ ވިހާކަށް، އެހާހިސާބަށް ދެވޭއިރަށް އަހަރުމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލުނުވާނެ، އެކަމަކު މިހާރު އަޒްޔާނަށް އައިސްފައިވާ ބަދަލާ ހުރެ އަހަރެންގެ ހިތުގައި ޝައްކު އުފެދިއްޖެ...''

ޝީރީންގެ އަޑު ބާރެވެ. އޭނަ ހުރީ އަޒްޔާން ބަތޫލްއާ މެދު ހަމްދަރުދީ ފާޅުކުރުމުން އެކަމާ ނުހަނު ހިތްހަމަނުޖެހިފަ އެވެ. ހަމައެއާއެކު އޭނަ ބަތޫލްއާ މެދު އަމަލުބަހައްޓާ ގޮތާ މެދު ފާޑުކިޔުމުން ވެސް ރުޅިގަދަ ވެފައެވެ. އޭނައަށް އޭގެ މާނަ ނަގައިގަނެވުނީ މުޅިން އެހެން ގޮތެއްގައި ވީތީ އެވެ. އެއާއެކު އޭނަގެ ހިތުގައި ނުތަނަވަސްކަމެއް ވެސް އުފެދުނެވެ. އަޒްޔާންގެ ހިތް ބަދަލުވެއްޖެނަމަ އޭނަގެ ރޭވުން ކާމިޔާބު ނުވާނެތީ އެވެ. އޭގެ އިތުރުން އަޒްޔާންގެ ހަޔާތުން ބަތޫލްގެ ނެރެ އެއްފަރާތްކޮށްލަން އޭނަ ކުރަމުން އަންނަ ބުރަ މަސައްކަތް ފެނުފުލުން ހިނގައިދާނެތީއާއެކު ވެސް މެއެވެ. ޒައިނަބުގެ ވަކިވެ ދިއުމަށް ފަހު އޭނަ ދެކެނީ އަޒްޔާން އެއީ އޭނަގެ ޒިންމާއެއް ކަމުގައެވެ. ކަންތައް އެހެން އޮތްވާ ބަތޫލް ފަދަ ނުލަފާ ރަންޑީއަކާއެކު އަޒްޔާން މުޅި ހަޔާތް ދުއްވާލުމުގެ ފުރުސަތު ދެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ މީހުންގެ ދިރިއުޅުމަށް ފާޑުކިޔުމާއި މަތިންބައިން ޖެހިގެން އައިސް ވަނުމުގެ ސިފައަކީ އޭނަގެ ކަށީގައި ހަރުލާފައި ހުރި ނޭދެވޭ ސިފައެކެވެ. އެހާ ފަސޭހައިން އެކަންތަކާ ދުރަށް ދިއުން އެއީ އޭނައަށް މުސްތަހީލު ކަމަކަށްވަނީ ވެފައެވެ.

''އިތުރަށް ތި މައުޟޫޢުއަށް ވާހަކަދައްކަން އަހަރެން ބޭނުމެއް ނޫން...'' އަޒްޔާން ގާތަށް ރުޅިއައެވެ.

''އަޒްޔާން ހަޤީޤަތަށް ފިލަން އުޅުނަސް އެކަމެއް ނުވާނެ، ބަތޫލްގެ އަސްލެއް ވެސް ބަދަލެއް ނުކުރެވޭނެ، އޭނަގެ ބައްޕަ ޒައިނަބުގެ ޢިއްފަތްތެރިކަމަށް އަރައިގަތްކަމެއް ވެސް ބަދަލެއް ނުކުރެވޭނެ، ބައްޕައެއްގެ ލޯބިން އަޒްޔާން މަހުރޫމްވިކަން ވެސް މެ، އަޒްޔާން ބޭނުމީ ހަޤީޤަތަށް ފިލަން ކަމުގައިވަނީނަމަ އަހަންނަށް ވަރިހަމަ، އެކަމަކަމު ބަތޫލް ފެންނަ ކޮންމެ ފަހަރަކު އަޒްޔާންގެ ސިކުނޑި އެކަންތައް ހަނދުމަކޮށްދޭނެ، އޭރަށް ފިލަން ދުވާނީ ކޮންތާކަށް!...''

ކާމިޔާބު ނުލިބިދާނެތީ ހާސްކަމެއްގެ ތެރޭގައިވި ޝީރީން މަސައްކަތްކުރީ އަޒްޔާންގެ އިހުސާސްތަކަށް ހަމަލާދޭށެވެ. އޭގޭ ބާރުގައި އަޒްޔާންގެ ވިސްނުން ފަސާދަކޮށްލެވިދާނެކަމުގެ އުއްމީދު ވެސް އޮތީމަ އެވެ. އޭނަ ދެން ވެސް ދުލެއް ނުދިނެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އަޒްޔާނަށް އަމާޒުކުރަން ފެށީ ބަތޫލްއާ މެދު އެހިތުގައި ކުލުނެއް އުފެދިފައިވާ ނަމަ ރުޅިވެރިކަމުގެ އަލިފާނުގެ ހޫނުގައި އަންދާއަޅިއަށް ހަދާލުމަށެވެ. އަޒްޔާންގެ ހަޔާތުން ބަތޫލްއަށް ޖާގައެއް ދެވެން ނެތްކަން ވެސް ތަކުރާރުކޮށް ހަނދާންކޮށްދިނުމަށެވެ.

''ޖައުފަރުގެ ކުރިމައްޗަށް އަޒްޔާން ގޮސްފިނަމަ ރުޅިވެރިކަން ކޮންޓްރޯލް ކުރެވޭނެތަ؟... ބަދަލުހިފުމުގެ ރޫހުން ލޭހޫނު ނުވާނެތަ؟... ޒައިނަބަށް އިންސާފު ހޯދައިދޭން ބޭނުން ނުވާނެތަ؟...'' ޝީރީންގެ ކުރިމަތިން ދުރަށް ދާން އުޅުނު އަޒްޔާންގެ ފަސްފަހަތުން ހިނގައިގަންނަމުން ޝީރީން ވާހަކަދެއްކި އެވެ.

ޝީރީންގެ ސުވާލުތަކާއެކު އަޒްޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެޚިޔާލުން އެކަނި ވެސް ހިތަށް ވެރިވި ރުޅިވެރިކަމާއެކު ކަތުރުކަށިގަނޑަށް ވާންކަންވެރިވެ މުށްކަވާލެވުނެވެ. އޭރު އޭނަގެ ނޭވާގެ ހިނގުމަށް ވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. ފަރުވާތެރިކަމާއެކު އަޒްޔާނަށް ބަލަމުން ދިޔަ ޝީރީންގެ ތުންފަތަށް ފަތަހައިގެ ހިނިތުންވުމެއް ވެރިވީ ދެނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އޭނަ އަޒްޔާން ގާތަށް ޖެހިލިއެވެ.

''މިހުރިހާ ދުވަހު އަޒްޔާން ބޭނުންވާ ކަންތަކާ ގާތަށް އައިސްފައި ވަނިކޮށް ފުރަގަސްދޭން ނަހަދާ... ތިރުޅިވެރިކަން އަޒްޔާން އެދޭ މަންޒިލާ ހަމައަށް ގެންގޮސްދޭނެ... މުޅި ހަޔާތުގައި ވެސް އަޒްޔާނަށް ހެދުނު އެންމެ ބޮޑު ގޯހަކީ ބަތޫލްއާ ކައިވެނިކުރުން، އެކަމަކު އެކަމުން ވެސް މަންފާއެއް ހާސިލުވެވެން އެބަ އޮތް، އިތުރު ކަންތަކާ ވިސްނަން ހަދާނެކަމެއް ނެތް. މިއީ ބަދަލުހިފަންވީ ވަގުތު...'' އަޒްޔާންގެ ކޮނޑުގައި މަޑުމަޑުން ފިރުމާލަމުން ޝީރީން ވާހަކަދެއްކިއެވެ. މިހާރު އޭނަގެ އަޑުގައި ހަރުކަށިކަމެއް އަދި ރުޅިވެރިކަމެއް ވެސް ނުވެއެވެ.

ދެކެވުނު ވާހަކަތަކުން ހާމަވެގެން އައި އަނދިރި ސިއްރުތައް އެއްފަހަރާ ބަތޫލްގެ ސިކުނޑިއަށް ނަގައިގަތުން ވެގެން ދިޔައީ ގޮންޖެހުމަކަށެވެ. މުޅި މީހާއަށް ފިނިކަމެއް އައިސްފައިވިއިރު އުތުރިއަރަމުން އައި ޖަޒުބާތުތަކުން އޭނަގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދިއްޖެއެވެ. ބޮލުގެ ނާރުތަކަށް ބާރުވަމުން ދިޔަ ކަމުގެ އިހުސާސާއެކު ނާރުތައް ފަޅައިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. ލަސްނޭވާތަކެއް ލަމުން ދިޔަ ބަތޫލް ފާރަށް ލެނގިލަމުން އޭނަގެ ނޭވާ ހަމައަކަށް އަޅުވަން ފެށިއެވެ. އެވަގުތު ލޮލުން އޮހިގެން އައި ކަރުނަތަކާއެކު ބަތޫލްއަށް ގިސްލެވެން އުޅުނެވެ. އަވަސްއަވަހަށް އަނގަމަތީގައި އަތްއަޅައި ބާރުކޮށްލެވުނީ އަޑު ހިންދާލުމުގެ ނިޔަތުގައެވެ. އެހެނަސް ތުރުތުރުލުމެއް އުފެދިފައިވި ބަތޫލްގެ ތުންފަތުގެ ތެރޭން އަޑު ފޭދިގެން އައެވެ.

ހާމަވެގެން ދިޔަ ހަޤީޤަތުގެ މަންޒަރުތަކުގެ ކޮޅުތައް ގުޅި ބަތޫލްގެ ލޯކުރިމަތިން ފެންނަން ފެށިއެވެ. އޭނަގެ ހިތުގައި މިހުރިހާ ދުވަހު އުފެދިފައިވި ސުވާލުތަކުގެ ޖަވާބު ވެސް ލިބިގެން ދިޔަ އެވެ. ބައްޕަ އޭނައާއި އަޒްޔާންގެ ގުޅުމަށް ނުރުހުން ފާޅުކުރި ދުވަސް ބަތޫލްއަށް ސިފަވަމުން ދިޔަ އެވެ. އޭނަ ބައްޕަގެ ޚިޔާލާއި މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފުރަތަމަ ފަހަރަށް ބައްޕަގެ ރުޅިވެރި ހަމަލާތައް އޭނައަށް އަމާޒު ވިއެވެ. އެދުވަހު އޭނަގެ ހިތުގައި ޖެހުނުވަރު އަދިވެސް ހަނދާން އެބަހުއްޓެވެ. އޭރު އޭނަގެ ސިކުނޑިވީ ސުވާލުމާކުތަކުން ފުސްވެފައެވެ. ނަމަވެސް މިހާރު އޭނައަށް ބޮޑު މަންޒަރު ސާފުކޮށް ފެންނަން ފަށައިފިއެވެ. ބައްޕަގެ މިޒާޖަށް އައި ކުއްލި ބަދަލުތަކުގެ ސިއްރެވެ. ޒައިނަބާއި ބައްދަލުވި ދުވަހު އެމޫނުމަތިން ފެނުނު ސިހުމެވެ. އަޒްޔާނާ މެދު އުފެދިފައިވި ރުޅިވެރިކަމާއި ބިރެވެ. ބައްޕަ އޭނަ ގެއިން ނެރެލި ދުވަހު ދިން އިންޒާރުތަކެވެ.

އެފަދައިން ބައްޕަ ކަންތައް ކުރީ މާޒީގެ އަނދިރިކަން ސިއްރުކުރާށެވެ. ކުރެވުނު ކުށް ދުނިޔޭގެ ލޯތަކުގެ ކުރިމައްޗަށް އައިސްދާނެކަމުގެ ބިރަށްޓަކައެވެ. އެހެނަސް ދުނި އުމުރަށް ކަންތައް ސިއްރުނުކުރެވޭނެކަން ބައްޕައަށް ނޭގުނީ ހެއްޔެވެ؟ އެފަދަ ހުތުރު އަމަލަކަށް އަރައިގެންފާނެކަމަށް ބަތޫލްއަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. އޭނަގެ ހިތަށް އިތުރަށް ތަދުވީ ބައްޕަގެ ވަކިތަކުގެ ދަށުވެގެން ދިޔައީ އޭނަ އެންމެ ލޯބިވާ އަޒްޔާންގެ މަންމައަށް ވީތީ އެވެ. އެވަގުތު ބަތޫލްގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނަގެ ބައްޕަގެ ނުބައިކަމާ ހުރެ ޒައިނަބު ވަނީ ހާދަ ވޭނަކާއި ތަކުލީފެއް އުފުލާފައެވެ. އެކަންތައް އޭނައަށް ދުވަހަކު ތަސައްވަރެއް ވެސް ނުކުރެވޭނެއެވެ. އަޒްޔާންގެ ޅައިރުގެ ދުވަސްތައް ވެސް އޭނަގެ ބައްޕަ އެވަނީ ނަގާލާފައެވެ. ބަތޫލްއަށް ދެލޯ މަރާބާރުކޮށްލެވުނު ހިނދު އޭނަގެ މޭގައި ތޫނު ރިހުމެއް އުފެދިގެން އައެވެ. އެވަގުތު ބަލިކަށިވެފައިވި އޭނަގެ ހިތަށް އިތުރު ހަމަލާތަކެއް އަމާޒުކުރެވިގެން ދިޔައެވެ.

'''ޒޭން... ޒޭން އަހަންނާ ކައިވެނިކުރީ އެކަމުގެ ބަދަލު ހިފަންތަ؟... މިހުރިހާ ދުވަހު ޒޭންގެ ފަރާތުން ފެންނަމުން އައި ބަދަލުތަކުގެ އަސްލަކީ އެއީތަ؟... ޒޭން ހަޤީޤަތުގައި ވެސް އަހަރެން ދެކެ ލޯބިވިންތަ؟، ނޫނީ އެއީ އަހަންނަށް ދައްކާލި ދަޅައެއްތަ؟... ތިހިތުގައި އަހަންނަށްޓަކައި ވަނީ ހަމައެކަނި ރުޅިވެރިކަމާއި ނަފުރަތުތަ؟.......... އާހް!!... އަހަރެން މިކަންތައް ބަރުދާސްތުކުރާނީ ކިހިނެއް!... މިހުރިހާ ދުވަހު އަހަންނަށް އުޅެވުނީ ބިލާހުތަކެއްގެ ތެރޭގަ، ޒޭން އަހަރެން ދެކެ ލޯތްބެއް ނުވޭ، އެއިހުސާސްތަކަކީ ބަދަލުހިފުމުގެ ރޫހުގައި ކުރި ކަންތައްތަކެއް... އެކަމަކު... އެކަމަކު އަހަރެން ޒޭންދެކެ ވަނީ ހަޤީޤީ ލޯބި... ކީއްވެތަ ހުރިހާ ކަމެއް އެނގި ހުރެ އަހަރެންގެ އިހުސާސްތަކާއި ކުޅުނީ؟... ލޯބި ދެވެން ނެތް އިރު ހުވަފެންތަކެއް ދެއްކީ ކީއްވެ؟... އަހަރެންގެ ހިތަށް އަނިޔާ ދިނީ ކީއްވެ؟... އަހަރެން މީ ޒޭން ބަދަލުހިފުމަށް ބޭނުންކުރާ ކުޅޭކުޅޭ ބުދެއްގެ ދަރަޖަ ދިނީ ކީއްވެ؟... އެއްފަހަރު ވެސް އަހަރެން މިވާ ލޯބި އިހުސާސްނުކުރެވޭތަ؟......''

ބަތޫލްއަށް ރޮމުންރޮމުން ބިމަށް ތިރިވެވުނީ އިތުރަށް ކޮޅަށް ހުންނާނެހާ ހަކަތަ ނެތި އޭނަގެ ހަށިގަނޑު ބަލިކަށިވުމުންނެވެ. ބޮލަށް ކުރަމުން އައި ބާރާ ހުރެ ވެސް ހެޔަށް ގޮތްވާން އުޅޭހެން ބަތޫލްއަށް ހީވިއެވެ. އޭރު އޭނަގެ ހިތުގައި ވަނީ މުޅިން ތަފާތު ރިހުމެއް އުފެދިފައެވެ. ނަފުސަށް ހާސްކަންވެރިވެފައިވި އިރު ބަތޫލްއަށް އޭނަގެ ޒަމީރާއި ސުވާލުކުރެވުނެވެ. އޭނަ ކަންތައްކުރަންވީ ކިހިނެއް ހެއްޔެވެ؟ އަޒްޔާންގެ ހަޔާތުން އޭނައަށް ދުވަހަކު ޖާގައެއް ލިބުމެއް ނެތެވެ. އެހިތުގައި އޭނައަށްޓަކައި ވަނީ ސާފު ނަފުރަތެވެ. ހަމައެއާއެކު އޭނަގެ ބައްޕަ އަޒްޔާންގެ މަންމައާއި މެދު ކަންތައް ކުރި ގޮތުގެ ސަބަބުން އަޒްޔާންގެ ކުރިމައްޗަށް ދާން ވެސް އޭނަ ހުރީ ލަދުގެންފައެވެ. ދެން އަޒްޔާނާއި ހަތަރުކަޅި ހަމަކުރަން ވެސް އޭނައަށް ލާހިކެއް ނޫނެވެ. ކަންތަކާ މެދު ވިސްނެމުން ދިޔަ ވަރަކަށް ބަތޫލްގެ ރުއިމުގެ އަޑު ގަދަވާން ފެށިއެވެ. އެއަޑުގައި ރިހުމާއި ކެކުޅުން ވިއެވެ. އިތުރަށް ދިރިއުޅުމާއި ކުރިމަތިލާނެހާ ހިތްވަރެއް ނެތް ފަދައެވެ. ސިއްރުތަކުގެ ސިލްސިލާ ނިމި އޭނަގެ ހިތަށް ގޯނާކުރަމުން އައި ސުވާލުތަކުގެ ޖަވާބު ލިބުނު ހިނދު އޭނަގެ ހަޔާތަށް ވަނީ ބާރުގަދަ ޒަލްޒަލާއެއް އައިސްފައެވެ. އެޒަލްޒަލާގެ ލޮޅުންތަކުގެ އަސަރު ދުނިއުމުރަށް ދެމިގެން ދާނެއެވެ. ފަސޭހަވުމެއް ނެތް ޒަހަމްތަކެއް ވެސް ހިތުގައި އުފައްދާލާފައެވެ.

ބަތޫލްއަށް ޔަޤީންކުރެވުނުކަމެއް އޮތެވެ. އޭނައަށް އަޒްޔާންގެ ހަޔާތުން ޖާގައެއް ނެތްކަމެވެ. ހަމައެއާއެކު އޭނައަށް ވެސް ލަދުވެތިކަމުގެ އިހުސާސް ކުރެވުނެވެ. ބައްޕަގެ ކުށުގެ ސަބަބުން އޭނައަށް ވެސް އަޒްޔާނާއިއެކު އުޅުން ފަސޭހަކަމަކަށް ނުވާނެއެވެ. އެދެމެދުގައިވި މައްސަލަތައް ހައްލުވެ ލޯބި އުފެދުނުކަމުގައި ވިޔަސް އެހަޤީޤަތަށް ފިލަން ނުދުވޭނެއެވެ. އެއީ އެދެމެދަށް ދާއިމަށްޓަކައި އެޅިފައިވި ހުރަހެކެވެ.

*****

ކަންފަތުގައި އައިސްޖެހުނު ރުއިމުގެ އަޑާއެކު އަޒްޔާންގެ އިތުރުން ޝީރީނަށް ވެސް ހައިރާންކަމެއް ލިބުނެވެ. އަޒްޔާން އަވަސް އަވަހަށް މައިދޮރާއި ދިމާއަށް މިސްރާބުޖެހީ އެއީ ބަތޫލްގެ ރުއިމުގެ އަޑުކަން ޔަޤީންވުމުންނެވެ. އޭރު އޭނައަށް ނުތަނަވަސްކަމެއް ވެސް ލިބިފައި ވިއެވެ. ބަތޫލްގެ ރުއިމުގެ ފަހަތުގައިވާ ސަބަބާ މެދު ހިތުގައި އުފެދިފައިވި ސުވާލުތަކެއްގެ ސަބަބުންނެވެ. ނަމަވެސް ކުޑަކޮށް ހުޅުވިފައިވި ދޮރާއި ދޮރުގެ އެއްފަރާތަށް ކުރުގެޅިފައި އިން ބަތޫލް ފެނި އޭނައަށް ހުރިހާކަމެއް ފަހަމު ވިއެވެ. އެތެރޭގައި ދެކެވުނުހާ ވާހަކައެއް ވަނީ ބަތޫލްއަށް އެނގިފައެވެ.

ފަހަތުން އައި އަޒްޔާނާ އަރާހަމަކުރި ޝީރީނަށް ބަތޫލް ފެނުމުން ބަލަން ހުރެވުނެވެ. އެރުއިމާއި އަޑުގައިވި ހިތްދަތިކަމުން ދެންމެދެންމެ އޭނަގެ ހިތާއި ކުޅެލަފާނެހެން ހީވިއެވެ. ނަމަވެސް އެހަރުކަށި ހިތުގެ ހިލަ ފަށަލަތައް އެގިސްލުންތަކުން ފޫއަޅުވާނުލެވުނެވެ. އެއާ ޚިލާފަށް އޭނައަށް ބަތޫލްގެ ކަރުނަތަކުން ލިބުނީ ފިނިކަމެކެވެ. ހަމައެއާއެކު ސިއްރުން އޭނަގެ ވާހަކަތައް ބަތޫލް އަޑުއަހަފިކަން އެނގުމުން ހިސާބެއްގެ ނުރުހުންތެރިކަމެއް ވެސް އުފެދުނެވެ.

''ކަލޭ މިހާރު މީހުންގެ ވާހަކަތައް ވެސް އަޑުއަހަން ފެށީތަ؟... ޖާސޫޖަކަށް ވުރެ ކަންތައް ނުބައި!... މަށަށް ހީވަނީ ހަޤީޤަތް ކަލެއަށް އެނގެން ތަޤުދީރުގަ އޮތީމަހެން މިހެން ކަންތައް މިވީ... ކަލޭގެ ބައްޕަޖެ ޖާހިލުކަމާއި ނުބައިކަން ކޮންމެވެސް އެއް ދުވަހަކުން ކަލެއަށް އެނގެން ޖެހޭނެތާ ދޯ...... އަހަރުމެންގެ ހިތުގައި ކަލެއާއި ކަލޭގެ ޢާއިލާއާ މެދު ވަނީ ސާފު ނަފުރަތު، ކަލޭމެން ތީ މީހެއްގެ ދިރިއުޅުން ނަގާލާފަ ތިބި ޖައްބާރު ބައެއް... ކާކަށް ދައްކަންތަ ކަލޭ ގިސްލަގިސްލާފައި ތި ރޮނީ؟، ތިކަރުނަތަކުން އަސަރުކުރާނެ މިހެއް މިތާކު ނެތް...''

އެންމެ ނިކަމެވެތިވެފައިވި ހާލުގައި ވެސް ބަތޫލްއަށް ޝީރީންގެ ވިހަ ދުލުގެ ތޫނުކަން ބަރުދާސްތުކުރަން ޖެހުނެވެ. ކަރުނުން ފުރިފައިވި ދެލޮލުން އޭނަ ބަލާލީ އަޒްޔާނަށެވެ. ނަމަވެސް އަޒްޔާނާއި ހަތަރުކަޅި ބައްދަލުވުމާއެކު ބަތޫލްއަށް އިސްތިރިކޮށްލަން މަޖުބޫރު ވިއެވެ. އެވަގުތު ބަތޫލްގެ ތުންފަތުގެ ތެރޭން ދިލަ އާހެއްގެ އަޑު ނިކުތެވެ. އޭނައަށް އަޒްޔާންގެ މޫނަށް ބެލުން ވެސް ވެގެން ދިޔައީ ވޭން ހުރިކަމަކަށެވެ. އެމޫނުން އޭނައަށް ހަނދުމަކޮށްދެނީ ރުޅިވެރިކަމާއި ނަފުރަތެވެ. އެއީ ދުވަހެއްގެ ކޮޅުން ވެސް ބަދަލުވާނެކަމެއް ނޫނެވެ. އެއީ ތަޤުދީރުގެ ނިޔާއެވެ. އޭނަގެ ބަދުނަސީބު ހަޔާތުގެ ހަޤީޤަތެވެ. އޭނަ ނިމިގެންދާނީ ވެސް އެހިތާމަތަކުގެ ތެރޭ ގައިދުވެ އަޅަކަށްވެފައި ވަނިކޮށެވެ.

''ބަލަ ކަލޭ ތި ރޮނީ ކާކަށް ދައްކަންހޭ މަ މިއަހަނީ!... އިމާރާތުގެ މީހުން އެއްކުރަންތަ؟، ކަލޭގެ ބައްޕައަށް ގުޅާފަ ކަލެއަށް ގެވެށި އަނިޔާ ކުރަނިޔޭ ކިޔާފަ އެމީހުން ލައްވާ ރިޕޯޓުކުރުވަންތަ ބޭނުމީ، އޭރަށް އަހަރުމެން ފުލުހަށް ގެންދާނެ ވިއްޔާ... އެއީ ދޯ ކަލެއާއި ކަލޭގެ ބައްޕަ ރާވާފަ އޮތް ގޮތަކީ... ކަލޭ ވެސް ތީ އޭނަ ކަހަލަ ނުބައި މީހެއް ދޯ؟... އެހެންނުވާނީ އެނުތާހިރު ލޭ ވިއްޔާ ކަލޭގެ ހަށިގަނޑުގައި ވެސް ދައުރުވަނީ!...''

ބަތޫލް ކައިރިއަށް ގުދުވެލަމުން ޝީރީން ހަޅޭއްލަވައިގަތެވެ. އޭނަ ހީވަނީ ބަތޫލްގެ ގަޔަށްބޮލަށް އަރާފާނެހެންނެވެ. އަޒްޔާން ޝީރީނަށް ހުރަސް ނޭޅިނަމަ އެފަދައިން ޝީރީން އަމަލު ވެސް ކުރީހެވެ. އެވަގުތު ބޭރުތެރޭގައި އަޑުގަދަ ވެގެން ޖެހިގެން ހުރި އެޕާރޓްމެންޓައިގައި އުޅޭ އަންހެނަކު ނުކުމެއްޖެއެވެ. އެއާއެކު ޝީރީންގެ ރުޅިގަނޑަށް ޕެެޓްރޯލް އަޅާލެވުނު ކަހަލައެވެ.

''މި ދޯ ކަލޭ ބޭނުންވާ ކަމަކީ؟، ހުރޭ ފިސާރި ކުޅި ދައްކާލާނަން، މަށަށް ވުރެ ނުބައި މިހާކު މިދުނިޔެ މަތީގަ ނުހުންނާނެކަން ކަލެއަށް އަންގަދޭނަން...'' ޝީރީން ހަޅޭއްލަވައިގަތެވެ.

ބަތޫލް އޭނަގެ ރުއިން ހުއްޓާލަން މަސައްކަތްކުރިއެވެ. އެއީ އޭނައަށް ނުހަނު ދަތިވިކަމަކަށް ވިއެވެ.

''ދައްތާ...'' އަޒްޔާން ހިތްހަމަނުޖެހުމާއެކު ޝީރީނަށް ގޮވާލިއެވެ. އަދި ބޭރުތެރޭގެ މަސްލަހަތު ގޯސްވެދާނެތީ އަވަހަށް ބަތޫލް އެތެރެއަށް ވައްދަން އުޅުނެވެ. އެތައް ދުވަހަކަށް ފަހު އަޒްޔާންގެ ގާތްކަމުގެ އިހުސާސް ބަތޫލްއަށް ކުރެވުނީ އެދަނޑިވަޅުގައެވެ. މުޅި މީހާއަށް ސިހުުން ވެސް ގެނުވިއެވެ. ދެކޮޅު ހަދަން ބޭނުންވިކަމުގައި ވިޔަސް މޭގެ ތެރޭގައި ފުރިބާރުވަމުން އައި ޖަޒުބާތުތަކުގެ ހިނަޔީގެ ސަބަބުން ބަތޫލްގެ ހިއްސުތައް ގަނޑުވެފައިވާ ކަހަލައެވެ. އަޒްޔާންގެ އަތުގެ ތެރެއަށް އޭނަގެ ހަށިގަނޑު ދޫކޮށްލެވުނީ ވަގުތީ ހިތްހަމަޖެހުމެއް ވެސް ލިބިދާނެކަމުގެ އުއްމީދުގައެވެ.

''ކޯޗެއް ކަލޭ ތިބަލަނީ، ކަލޭ ގޭގަ ހިނގާ ކަންތައްތަކަށް ފުރަތަމަ ސަމާލުކަން ދީބަލަ، ހުރި ހަމައެކަނި އަންހެންދަރި މުޅި މާލޭގެ ހަށިވިއްކަމުން ދުވާއިރު އެކަމަށް ކަލެއަށް ސަމާލުކަން ނުދެވޭ، އެކަމަކު މީހެއްގެ ކަމެއް ފެންނައިރަށް އެތަނަށް ބޯކޮއްޕަމުން އެބަދުވޭ، ހުވާ މިބުނީ މީގެ ފަހުން ކަލޭ މިގޭގަ ހިނގާ ކަމަކަށް ބޯކޮއްޕައިފިއްޔާ ކުޅިދައްކާލާނަން!...'' އަޒްޔާންގެ ފަހަތުން އެތެރެއަށް ވަންނަން އުޅުނު ޝީރީން ހުއްޓުނީ އެމީހުނަށް ބަލަން ހުރި އަންހެން މީހާ ފެނިފައެވެ. އެއާއެކު އަވައްޓެރިޔާއާއި ދިމާއަށް ޝީރީން ހަޅޭއްލަވައިގަތެވެ.

*****

ބަތޫލް ގޮވައިގެން އަޒްޔާން ދިޔައީ ކޮޓަރި އަށެވެ. އެނދުގައި ބަތޫލް ބައިންދަމުން ބަތޫލްގެ މޫނަށް އަޒްޔާން ފުން ނަޒަރެއް ދިނެވެ. އެލޮލުން ފައިބަމުން އައި ކަރުނަތަކަށް ހުއްޓުމެއް އަތުވެފައިވިކަމުގައި ވިޔަސް މޫނުމަތިން ފެންނަމުން ދިޔަ ހިތާމައިގެ ލިސާންތަކަށް ނިމުމެއް ނުވާ ކަހަލައެވެ. އެސްފިޔަތައް ތިރިކޮށްލެވިފައިވަނީ އިސްވެ އަޒްޔާނަށް ނުބަލަކަން އެނގެއެވެ. އިރުކޮޅެއް ވަންދެން އަޒްޔާން ހުރެފައި ކޮޓަރިން ނިކުންނަން ދިޔަ އެވެ. ނަމަވެސް ހުއްޓެވުނީ ބަތޫލް ވާހަކަދައްކަން ފެށީމައެވެ.

''އަޒްޔާން އަހަރެން ދެކެ ލޯބިވޭތަ؟...'' ބަތޫލް ކުރެހިފައިވާ އަޑަކުން ސުވާލުކުރިއެވެ. އެއާއެކު އަޒްޔާނަށް ފަސްއެނބުރި ބަލާލެވުނެވެ.

''އަހަންނާ ކައިވެނި ކުރީ ލޯބިވާތީތަ ނޫނީ ބަދަލު ހިފަންތަ؟...'' ތާޒާ ކަރުނަތައް ލޮލުން އޮހޮރިގަތުމާއެކު ބަތޫލް ކަރުނަތައް ފޮހެލުމަށްފަހު ދެވަނަ ސުވާލު ފެންމަތިކުރުވިއެވެ. އެ އަޑުން ވެސް އެހިތަށް އަސަރުކޮށްފައިވާ މިންވަރު އަޒްޔާނަށް ދޭހަ ކުރެވުނެވެ. ދޭނެ ޖަވާބެއް ނޭގި ބަސްހުއްޓިފައި ހުރެވުނީ އެހެންވެއެވެ.

''އަޒްޔާންގެ ހިތް އޮތް ގޮތެއް އަހަންނަކަށް ނޭގޭ، އެކަމަކު އަހަރެން ޤަބޫލުކުރަން ބޭނުންވަނީ އަޒްޔާން އަހަަރެންދެކެ ލޯބި ވިކަމަށް، އެކުގައި ހޭދަކުރި ދުވަސްތަކަކީ ހަޤީޤަތެއްކަމުގައި، ތިހިތުގައި އަހަންނަށްޓަކައި އިހުސާސްތަކެއް ވާކަމުގައި... މިހުރިހާ ދުވަހު އަހަރެން ޤަބޫލުކުރީ ވެސް އެފަދައިން، އެކަމަކު މިހާރު އަހަރެންގެ ހިތުގައި ސުވާލު އުފެދޭ... އަހަންނަށް އަޒްޔާން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިތުގައި އިހުސާސްތަކެއް އުފެދުނު، އުއްމީދުކުރިން އަހަންނަށް އަޒްޔާންގެ ލޯބި ލިބޭނެކަމަށް، ފަހުން އަހަރެންގެ ހިތުގެ މުރާދު ވެސް ހާސިލުވި... އަހަރެން ވަރަށް ގިނަ ހުވަފެންތަކެއް ދެކުނިން އަޒްޔާނާއެކު، ކައިވެނީގެ އުފާ ހާސިލުކުރަން ބޭނުންވީ ވެސް ހަމައެކަނި އަޒްޔާނާއެކު... އަޒްޔާންގެ ކުއްޖަކަށް ބަލިވެ އިނުން ވެސް އެއީ އަހަންނަށް ލިބޭނެ ފަހުރެއްކަމުގައި ދެކުނިން... އެކަމަކު މިހާރު ހުރިހާ މަންޒަރެއް ބަދަލުވެއްޖެ، އަހަންނަކަށް ނޭގޭ ވިސްނަންވީ ކިހިނެއްކަމެއް... ބަދަލުހިފަން ވިޔަސް އަޒްޔާން އަހަރެންގެ އިހުސާސްތަކާ ކުޅުނީތީ ހިތުގައި ޝަކުވާތަކެއްވޭ... އަހަންނަށް އެނގޭ އަޒްޔާންގެ މަންމައާއި މެދު ކަންތައް ވެގެން ދިޔައީ ބޭއިންސާފުންކަން، އަހަރެންގެ ބައްޕަގެ ފުށުން އެފަދަ ނިކަމެތިކަމަށް ލިބުނީތީ އަހަރެން ދެރަވެ ލަދުގަނޭ... އަހަންނަށް ޤަބޫލުކުރެވޭ އަަހަރެންގެ ބައްޕަގެ ފުށުން ބަދަލުހިފަން ހަތިޔާރެއްގެ ގޮތުގައި އަހަރެން ބޭނުންކުރާ ސަބަބު ވެސް... އެކަމަކު ހަމަ އެންމެ ސުވާލެއް އަޒްޔާނާ ކުރަން ބޭނުންވަނީ... އަޒްޔާން އަހަރެންދެކެ ދުވަހަކު ވެސް ލޯބިވިންތަ؟... އަހަރެންގެ ބަނޑުގައިމިވާ ދަރިފުޅު ބޭނުންވޭތަ؟... އެދަރިފުޅާ މެދު ތިހިތުގައި ޒައްރެއްގެ ކުލުނެއް ވެސް ވޭތަ؟.......... ކޮންމެ ފަދަ ޖަވާބެއް ލިބުނަސް އަހަރެން ކެތްކުރާނަން... މިހާ ދުވަހު ވެސް ކެތްކުރި އުސޫލުން!...''

ރިހުން އެކުލެވިފައިވާ އަޑަކުން ބަތޫލް ވާހަކަދައްކަމުން ގޮސް ކަރުނުން ފުރިފައިވި ދެލޮލުން އަޒްޔާނަށް ބަލާލީ ނިކަން ހިތްވަރުކުރަމުންނެވެ. އޭނަގެ ދުލުކުރިއަށް ދެން ގެންނަން ބޭނުންވި ލަފުޒުތައް ބޭރުކުރަން ބަތޫލްއަށް ވަރަށް އުނދަގޫ ވިއެވެ.

''އަހަންނާއެކު އުޅުން އަޒްޔާނަށް ދަތިކަމަކަށް ވެފައިވާނަމަ އަހަރެން އެދެނީ އެންމެ ކަމަކަށް!... އަހަ...ރެން ވަ..ވަރިކޮށްދީ!... އޭރުން ދުވަހެއްގެ ކޮޅުން ވެސް އަހަންނާއި އަހަރެންގެ ދަރިފުޅުގެ ފުށުން އަޒްޔާނަށް އުނދަގުލެއް ކުރިމަތިނުވާނެ!... އަހަރެން އަޒްޔާންގެ ހަޔާތުން މިދަރިފުޅު ގޮވައިގެން ދުރަށް ހިނގައިދާނަން!...''

ގިސްލުމުގެ ތެރޭން ބަތޫލް ބުނެލިއެވެ.

(ނުނިމޭ)

comment ކޮމެންޓް