މެތަޑޯން: ރާއްޖޭގައި ވެސް ހެރޮއިންއާ ދެކޮޅަށް އެންމެ ވަރުގަދަ ހަތިޔާރު

"މެތަޑޯން" އޭ ބުނުމުން އެއީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ؟ ބޭހެއްގެ ނަމާ ވައްތަރު އެހެން ނޫންތޯ އެވެ؟ މެތަޑޯން އަކީ ހެރޮއިންއާ ދެކޮޅަށް "ހަނގުރާމަ" ކުރާ ބޭހެކެވެ. ޖަރުމަނުގެ ލެބޯޓްރީއަކުން 1937 ވަނަ އަހަރު އުފެއްދި މެތެޑޯންގެ ޑޯސްތައް ހަމައަށް ނަގައި، ފަރުވާ ފުރިހަމަ ކުރާ މީހަކު އަލުން ހެރޮއިން ބޭނުން ކުރުމަކީ ނާދިރު ކަމެކެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި މެތެޑޯން ވަނީ އެތައް ހެރޮއިން އެޑިކްޓުންނެއް އެ ވަބާއިން ސަލާމަތްކޮށްފަ އެވެ. ރާއްޖޭގައި ވެސް ހަމަ މެތެޑޯން އެހާ ކާމިޔާބެވެ. ރާއްޖޭގައި ވެސް މެތެޑޯންގެ ސަބަބުން ގިނަ ބަޔަކު ވަނީ ހެރޮއިނުން ސަލާމަތްވެފަ އެވެ.

މެތެޑޯން އަކީ ކޮބާ؟

"މެތެޑޯންއަކީ ހަމައެކަނި ހެރޮއިން ބޭނުން ކުރުމުން ދުރުހެލި ކޮށްދޭނެ އެއްޗެއް. އެއީ ބޭހެއް. މެތެޑޯން އެނގެން ބޭނުމިއްޔާ ފުރަތަމަ އެބަޖެހޭ ހެރޮއިން މަސައްކަތް ކުރާ ގޮތް އެނގެން. ހެރޮއިން ބޭނުން ކުރުމުންވާ ގޮތަކީ މީހާގެ ސިކުނޑީގެ ވަކި ހިސާބުތަކެއްގައި އެ ތަކެތި ހަރުލައި މަސްތުވަނީ،" ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރެވެންޝަން އެންޑް ރިހެބިލިޓޭޝަން ސާވިސާސް ]ޑީޑީޕީއާރްއެސް[ ގެ ފަރާތުން މެތެޑޯން ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ. ޗެންގަ ޕަ ވިދާޅުވި އެވެ.
ޑރ. ޗެންގަ ވިދާޅުވާ ގޮތުގައި ހެރޮއިންގެ އަސަރު ސިކުނޑިން ފިލުމުން ވެސް ހެރޮއިން ބޭނުން ކުރުމަށް ބޭނުންވެ، އެކަމަށް ދެވި ހިފާ ކަމަށެވެ. އަދި އެ ބޭނުން ނުކޮށްފި ނަމަ އެމީހާ އަށް އުނދަގޫވާނެ ކަމަށް ޑރ. ޗަންގަ ވިދާޅުވި އެވެ. އެހެންކަމުން މެތެޑޯން އިން ކުރާ ކަމަކީ ހެރޮއިން ބޭނުން ކުރުމުން އެ ތަކެތި ހަރުލާ ސިކުނޑީގެ ހާއްސަ ހިސާބުތަކުގައި މެތެޑޯން ވަކި ހިއްޕުން ކަމަށް އޭނާ ވިދާޅުވި އެވެ. ހެރޮއިނަށް ފުރުސަތު ނުދިނުމެވެ.

"ހެރޮއިން ބޭނުން ކުރުމުން މަސްތެއް ނުވާނެ"

މެތެޑޯން ވެސް ހަރުލަނީ ހެރޮއިން ވެސް ހަމަ ހަރުލާ ސިކުނޑީގެ ހާއްސަ ހިސާބުތަކުގައި ކަމުން، މެތެޑޯން ބޭނުން ކުރުމަށް ފަހު ހެރޮއިން ނެގި ނަމަވެސް އެތަކެތި ސިކުނޑީގައި ހަރުނުލާނެ ކަމަށް ޑރ. ޗެންގަ ވިދާޅުވި އެވެ. އަދި މުޅިން ފަރުވާ ފުރިހަމަވާ އިރު ހެރޮއިން ސިކުނޑީގައި ހަރުލާ ހުރިހާ ދިމާލެއްގައި މެތެޑޯން ވެސް ހަރުލާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ޗަންގަ ވިދާޅުވީ އެ ސްޓޭޖާ ހަމައަށް ފަރުވާ ފުރިހަމަވެއްޖެ ނަމަ އޭރުން ހެރޮއިން ބޭނުން ކުރި ނަމަވެސް އޭގެ އެއްވެސް އަސަރެއް ސިކުނޑިއަކަށް ނުކުރާނެ އެވެ. ކުރު ގޮތަކަށް ބުނާ ނަމަ އޭރުން ހެރޮއިނަކުން މަސްތެއް ނުވާނެ އެވެ. އަދި ހެރޮއިން ބޭނުން ނުކުރުމުން އުނދަގުލެއް ވެސް ނުވާނެ އެވެ.
"މެތެޑޯން އެ ބޭނުން ކުރަން ޖެހޭ ގޮތަށް ބޭނުންކޮށް ފަރުވާގެ ސްޓޭޖްތައް ފުރިހަމަކޮށްފި ނަމަ ހެރޮއިން ބޭނުން ކުރާ ހިތެއް ނުވާނެ. ހެރޮއިން ބޭނުން ނުކުރުމުން އުނދަގުލެއް ނުވާނެ. އަދި ފަރުވާގެ ސްޓޭޖްތައް ފުރިހަމައަށް، ފުރިހަމަކޮށްފި ނަމަ ހެރޮއިންގެ އަސަރެއް ވެސް ސިކުނޑިއަކަށް ނުކުރާނެ. އެއީ ހެރޮއިން ސިކުނޑީގައި ހަރުލާ ހުރިހާ ދިމާލެއްގައި އޭރު ހުންނާނީ މެތެޑޯން،" ޑރ. ޗަންގަ ވިދާޅުވި އެވެ. "ކުރު ގޮތަކަށް ބުނާ ނަމަ އޭރުން ހެރޮއިނުން މަސްތެއް ނުވާނެ، އެ ބޭނުން ކުރާ ހިތެއް ވެސް ނުވާނެ."

"ރާއްޖޭގައި މެތެޑޯންގެ ފަރުވާ"

ޑީޑީޕީއާރްއެސްގެ ސީނިއާ ކައުންސެލާ ޝެހެނާޒް އިސްމާއިލް ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ]ޔޫއެންއޯޑީސީ[ގެ އެހީތެރިކަމާ އެކު ރާއްޖޭގައި މެތެޑޯންގެ ފަރުވާ އެންމެ ފުރަތަމަ ދޭން ފެށީ އޮކްޓޯބަރު 16، 2008 ގަ އެވެ. ރާއްޖޭގައި މެތެޑޯންގެ ފަރުވާ ބޭނުން ކުރަން ފެށީ މަސްތުވާތަކެތި އޭގެ އެންމެ ނުރައްކާތެރި ގޮތަށް ސިރިންޖު ބޭނުންކޮށްގެން މަސްތުވާ އަދަދު ގިނަވަމުންދާތީ އެވެ.
ޝެހެނާޒް ވިދާޅުވާ ގޮތުގައި އެހެން އާދައިގެ ބޭސްތަކެކޭ އެއްފަދައިން މެތެޑޯންއަކީ ވެސް އޭގެ ނުރަނގަޅު ގޮތުގައި ބޭނުންކޮށްފި ނަމަ ނުރައްކާތެރި ބޭހެކެވެ. އެއިން މަސްތު ވެސް ވެވިދާނެ އެވެ. އެހެންކަމުން ޑީޑީޕީއާރްއެސް އިން މެތެޑޯންގެ ފަރުވާ ހޯދާ މީހުންނަށް އެ ބޭސް ދެނީ ވަރަށް ފަރުވާތެރިކަމާއެކު އެވެ. ފަރުވާ ހޯދުމަށް އަންނަ އިރު އެމީހަކު މަދުވެގެން އަށް ގަޑިއިރު ވަންދެން ހެރޮއިން ބޭނުންކޮށްފައި ހުރެގެންނުވާނެ އެވެ. އަދި މެތެޑޯން ދޭނީ އެމީހާ ރަނގަޅަށް ބެލުމަށް ފަހު ސީދާ ބޭނުންވާ މިންވަރަށެވެ. ބޭސް އިތުރު ކުރަމުންދާނީ ވެސް ހަމަ އެގޮތަށެވެ.
"ސީދާ އެ ބޭނުންވާ ވަރަކަށް މެޝާ ކޮށްގެން އަޅުގަނޑުމެން މެތަޑޯން ދޭނީ. މީގެ ނަހަމަ ބޭނުން ހިފުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ. އާންމުކޮށް އެއް އަހަރު ވަންދެން އަޅުގަނޑުމެން މި މެތެޑޯން ދެނީ. އެކަމަކު އެމީހެއްގެ ގޮތުން ހަމަ މުއްދަތު ދިގު ވެސް ވެދާނެ،" ޝެހެނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީޑީޕީއާރްއެސްގެ ކްލިނިކުގައި ހަމައެކަނި މެތެޑޯން ދެނީކީ ނޫން ކަމަށެވެ. އެކަމަކު މެތެޑޯން ދިނުމާ އެކު "ސައިކޯ-ސޯޝަލް ކޮމްޕޯނެންޓް" ނުވަތަ ސައިކޮލޮޖީގެ ކްލާސްތަކެއް ވެސް ކުރިއަށް ގެންދާ ކަމަށް ޝެހެނާޒް ވިދާޅުވި އެވެ. އަދި މެތެޑޯންއަކީ ހަމައެކަނި ހެރޮއިން އިން ސަލާމަތް ކޮށްދޭ ބޭހެއް ކަމުން އެހެން މަސްތުވާތަކެއްޗާ ވެސް ދުރުވުމަށް އެފަދަ ކްލާސްތަކަކީ ވަރަށް މުހިންމު، ބޭނުންތެރި ކްލާސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގެ ނިސްބަތުން ވަރަށް ގިނަ އަދަދެއްގެ މީހުން މިހާރު ވެސް ހެރޮއިން ބޭނުން ކުރެ އެވެ. އެކަމަކު ޑީޑީޕީއާރްއެސްގެ ތަނަވަސްކަން ހުރި މިންވަރުން ފުރުސަތު ދެވެނީ މަދު ބަޔަކަށް ކަމަށް ޝެހެނާޒް ވިދާޅުވި އެވެ.

"84 ޕަސެންޓް މީހުން މިހާރު ހެރޮއިން ބޭނުމެއް ނުކުރޭ"

ޑީޑީޕީއާރްއެސް އިން މެތެޑޯން ފަރުވާ ހޯދާ މީހުންގެ ތެރެއިން މިހާރު 84 ޕަސެންޓް މީހުންނަކީ ހެރޮއިން އިން ދުރުވެފައިވާ މީހުން ކަމަށް ޝެހެނާޒް ވިދާޅުވި އެވެ. މިހާރު ވެސް އެ ކްލިނިކުގައި 53 މީހަކު ފަރުވާ ހޯދަމުންދެ އެވެ. އޭގެ ތެރެއިން 72 ޕަސެންޓް މީހުންނަކީ އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް މިހާރު ބޭނުން ކުރާ މީހުން ނޫން ކަމަށް ވެސް ޝެހެނާޒް ވިދާޅުވި އެވެ.
"އަސްލު ވަރަށް ރަނގަޅު އަޅުގަނޑުމެންގެ ތަޖުރިބާ. ވަރަށް ކާމިޔާބު. މިހާރު ހަމަ އަޅުގަނޑުމެން ކައިރިއަށް އަންނަ ގިނަ ކުދިންނަނަކީ ވަޒީފާތަކަށް ވެސް ދާ ހަމަ އާދައިގެ ދިރިއުޅުމުގެ ތެރޭގައި އުޅޭ ކުދިން،" ޝެހެނާޒް ވިދާޅުވި އެވެ. "މި ކުދިންނަކީ ހެރޮއިން އެޑިކްޝަންގެ ސަބަބުން ކުރިން ވަރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިވެފައިވާ ކުދިން."
ގުޅޭ ޓެގު
comment ކޮމެންޓް