އެފްއެންބީ ޝޯގެ ކޯ ސްޕޮންސަރަކަށް އޮންދިގޯ މޯލްޑިވްސް ހަމަޖައްސައިފި

ހައިރައިޒްގެ ފުރަތަމަ އެފްއެންބީ ޝޯ ގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު ޝަރުވާން

ފުޑް އެންޑް ބެވަރޭޖްސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް ބާއްވާ އެފްއެންބީ ޝޯގެ ކޯ ސްޕޮންސަރަކަށް އޮންދިގޯ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ފުޑް އެންޑް ބެވަރޭޖްސް ޝޯ ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މެއި މަހުގެ 18، 19 އަދި 20 ވަނަ ދުވަހު ނެޝަނަލް އާޓްގެލަރީގަ އެވެ. މިފަހަރުގެ ޝޯއަކީ ރާއްޖޭގައި ބާއްވާ ފުޑް އެންޑް ބެވަރޭޖްސް ޝޯގެ ދެވަނަ ޝޯއެވެ.

އެފްއެންޑްބީ ޝޯގެ ދެވަނަ ޝޯގެ ކޯ ސްޕޮންސަރަކަށް ހަމަޖެއްސި އޮންދިގޯ މޯލްޑިވްސްއަކީ ބައިނަލްއަގުވާމީ ގޮތުން ނަން މަޝްހޫރު ބްރޭންޑްތަކުގެ ފުޑް އަދި ބެވެރޭޖް ޕްރޮޑަކްޓްތަކެއް ރާއްޖޭގެ ހޯލްސޭލަރުން، ރީޓެއިލަރުން އަދި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ހޮޓެލްތަކަށް ޑިސްޓްރިބިއުޓުކޮށްދޭ ކުންފުންޏެވެ.

ސްރީލަންކާގެ "ޑެއިލީ" ބްރޭންޑްގެ ކިރު ޕެކެޓާރި، ތުރުކީގެ ކެންޓް ބޮރިންގާ، މެލޭޝިއާގެ އަލި ކެފޭ، ޝެފް ބްރޭންޑުގެ ބާސްމަތީ ހަނޑޫ އަދި ޑާކް ފެންޓަސީ ބްރޭންޑުގެ ބިސްކޯދު ރާއްޖެ އެތެރެކުރަނީ އޮންދިގޯ މޯލްޑިވްސްއިންނެވެ.

ދެހާސް އަށްވަނަ އަހަރުން ފެށިގެން ވިޔަފާރިކުރަމުން އަންނަ އޮންދިގޯ މޯލްޑިވްސްގެ އައުޓްލެޓްތައް މާލޭގެ އިތުރުން ފުވައްމުލަކު ސިޓީއާއި، އައްޑޫ ސިޓީގެ ހުޅުމީދޫ އަދި ހިތަދޫގައި ހުރެއެވެ.

ހައިރައިޒްގެ ފައުންޑަރު އަދި ޑިރެކްޓަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ އެ ޝޯގައި މިއަހަރު 30 އާއި ގާތްކުރާ އަދަދަކަށް، ފުޑް އެންޑް ބެވަރޭޖަސް ދާއިރާގައި އުޅޭ ފަރާތްތައް ބައިވެރިވާނެ ކަމަށެވެ.

"ރާއްޖޭގައި ބާއްވާ ރިސޯޓް ހޮޓެލްސް ޝޯތަކާ މި އިވެންޓް ހަމަ މުޅިން ތަފާތުވާނެ. މި ޝޯގައި ފެންނާނީ ހަމައެކަނި ފުޑް އެންޑް ބެވަރޭޖްސްގައި ހަރަކާތްތެރިވާ ފަރާތްތައް. މީގައި ފެންނާނީ ވެސް ހަމައެކަނި އެބޭފުޅުންގެ ތަފާތު ޕްރޮޑަކްޓްތައް،" އިސްމާއިލް ވިދާޅުވިއެވެ.

އެފްއެންޑްބީ ޝޯގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި ލޮޓަސް ފިހާރަވެސް ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް