މައުމޫން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހާސީނާއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބަންގްލަދޭޝަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ބައްދަލުކުރައްވައިފި އެވެ.

ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެޒިޑެންޓް އިން ނެރުނު ބަޔާނުގައިވާ ގޮތުގައި އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ބަންގްލަދޭޝޤ ބޮޑުވަޒީރުގެ އޮފީހުގަ އެވެ.

މިއަދު ހެނދުނު އޮތް މިބައްދަލުވުމުގައި ރައީސް މައުމޫނާއި ބޮޑުވަޒީރު ހަސީނާ ވަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ ދެމެދުގައި ޒަމާނުއްސުރެން އުފެދިފައިވާ ގާތްގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފައި ކަމަށް އެބަޔާނުގައިވެ އެވެ.
އަދި ސާކުގެ ކުރިއެރުމާއި ތައުލީމުގެ މުހިންމުކަމާމެދު މަޝްވަރާކުރެއްވި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މައުމޫން ބަންގްލަދޭޝަށް ހަ ވަނަ ފަހަރަށް ޒިޔާރަތްކުރައްވާކަމީ އެކަމަނާއަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނަވާ ކަމެއްކަމުގައި ވިދާޅުވެ، ބޮޑުވަޒީރު ހަސީނާ ވަނީ ރައީސް މައުމޫނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

އަދި އެކަމަނާގެ ބައްޕާފުޅު ޝައިހް މުޖީބުއްރަހްމާނުގެ ތަސައްވުރަކަށް އުފެދިގެން ދިޔަ ސާކް އުފެއްދެވި ބާނީންގެ ތެރޭގައި ރައީސް މައުމޫން ހިމެނިވަޑައިގަންނަވާކަން ފާހަގަ ކުރައްވާ، އެމަނިކުފާނަށް ބަންގްލަދޭޝްގެ ރައްޔިތުން ކުރާ އިހްތިރާމް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

އަދި އެމަނިކުފާނަކީ ހަމައެކަނި ރާއްޖެ އަށް ހިދުމަތް ކުރެއްވި ލީޑަރެއް ނޫން ކަން ފާހަގަކުރައްވައި، ދެކުނު އޭޝިއާ ސަރަހައްދުގެ ތަރައްގީ އާއި ކުރިއެރުމަށް އެ މަނިކުފާނު ކޮށްދެއްވި ހިދުމަތްތަކަށް އަލިއަޅުވާލައްވާފައިވާ ކަމަށް ވެސް ޝައިހް ހަސީނާ ވިދާޅުވި އެވެ. އެ ގޮތުން އަސާސީ ތައުލީމަށް މައުމޫން ދެއްވި އަހައްމިއްޔަތަކީ ރާއްޖެ އަށް ލިބިފައިވާ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ އަސްލު ކަމަށް ވިދާޅުވި އެވެ.

މައުމޫންގެ އެ ދަތުރުފުޅުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ފުރިހަމަކޮށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ބަންގްލަދޭޝް ސަރުކާރުން ތައުލީމަށް ދޭ ހާއްސަ އަހައްމިއްޔަތަށް މައުމޫން ތައުރީފު ކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު