ފެން ހިފައިގެން ރަށަކަށް ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ކޮޅުފުށި ކައިރިން އަޑިއަށް ދިޔަ ދޯންޏެއް --- ފައިލްފޮޓޯ: ޕޮލިސް

ރ. މަޑުއްވަރީން ފެން ހިފައިގެން އެ އަަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުންދާ އާ ރަށަށް ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

ބަންޑުން ޖަހާލައިގެން އަޑިއަށް ގޮސްފައިވަނީ 50 ފޫޓުގެ، ރ. މަޑުއްވަރީ ދޯންޏެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ، ބަންޑުން ޖަހާލައިގެން އަޑިއަށް ދިޔަ ދޯނީގައި ތިބީ، ހަތަރު ދިވެހިން ކަމަށެވެ. އަދި އެ މީހުން ސަލާމަތް ކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ ދޯންޏަކުން ކަމަަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުުހުން ބުނީ އެ ދޯނި އަޑިއަށް ގޮސްފައިވަނީ މަޑުއްވަރީ އާއި އާ ރަށާ ދެމެދު އޮންނަ ފަޅުރަށެއް ކަމުގައިވާ އުފުލަންދޫ ކައިރިއަށް ކަމަށާއި، އެ ސަރަހައްދުގައި ފުލުހުންނާއި އާއްމުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ބުނީ، ޑައިވަރުން އެ ސަރަހައްދަށް ގޮސް ދޯނި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ދޯނި އޮތީ، 18 މީޓަރު އަޑީގައި ކަމަށް މައުލޫމާތު ލިބޭ ކަމަށްވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް