އިންޖީނުން ތެޔޮ ހުސްވެގެން މުޅި ވައިކަރަދޫން ކަރަންޓު ކެނޑިއްޖެ

ހދ. ވައިކަރަދޫ އިންޖީނުގެއިން ތެޔޮ ހުސްވެގެން އެ ރަށުން މިއަދު މެންދުރު ކަރަންޓު ކެނޑިއްޖެ އެވެ.

ވައިކަރަދޫ އިންޖީނުގެ ހިންގާ އެ ރަށުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ވިނަރެސް" ޖަމިއްޔާގެ ރައީސް އަބްދުލް ވާހިދު ޔޫސުފް މިއަދު ވިދާޅުވީ ރަށުން ކަރަންޓު ކެނޑުނީ އިންޖީނުން ތެޔޮ ހުސްވެގެން ކަމަށެވެ. އަދި އެ ޖަމިއްޔާ އުވާލުމަށް ސަރުކާރުން އަންގާފައިވުމުން ދަރަންޏަށް ޒިންމާވާން ބޭނުން ނުވާތީ އާއި ރަށު ކައުންސިލުން ވެސް ތެޔޮ ދިނުމަށް އިންކާރު ކޮށްފައިވާތީ އިންޖީނަށް ތެޔޮ ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވެސް ވާހިދު ވިދާޅުވި އެވެ.

"ދުވާލަކަށް 500 ލީޓަރު ތެޔޮ އެބަ ހަރަދުވޭ އިންޖީނުގެ ހިންގަން. ގާނޫނާ ތަކުރާރުކޮށް ހިލާފުވާ ކަމަށް ބުނެ ވިނަރެސް އުވާލަން ހޯމް މިނިސްޓްރީން އަންގާފައި އޮތީ. އެހެންވެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުން ބޭނުމެއް ނުވޭ ދަރަންޏަށް ޒިންމާވާ ގޮތަށް ތެޔޮ ގެންނާކަށް. އަނެއްކޮޅުން ރަށު ކައުންސިލުގެ އެއްވެސް އެހީއެއް ނުލިބޭ،" ވާހިދު ވިދާޅުވި އެވެ. "ހަމަ އިންޖީނުން ތެޔޮ ހުސްވެގެން ކަރަންޓު ކެނޑުނީ. އެއީ މެންދުރު 1:49 ގައި."

މީގެ އިތުރުން ވާހިދު ވިދާޅުވީ ތެޔޮ ހުސްވާ ކަމަށާއި ތެޔޮ ހުސްވެއްޖެ ނަމަ ކަރަންޓު ކަނޑައިގެންދާނެކަން މާ ކުރިން ވެސް ކައުންސިލާއި ރަށު ރައްޔިތުންނަށް އަންގާފައިވާނެ ކަމަށެވެ.

ވައިކަރަދޫ ކައުންސެލްގެ ރައީސް އަހުމަދު ވަހީދު މިއަދު ވިދާޅުވީ ނުރަސްމީކޮށް އެނގިފައިވާ ގޮތުގައި ވިނަރެސް ޖަމިއްޔާ އިން އެ ރަށުން ކަރަންޓު ކަނޑާލީ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލާއި ވިނަރެސް ޖަމިއްޔާއާ ގުޅިގެން އިންޖީނުގެ ހިންގުމަށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ޖަމިއްޔާ އިން އެގޮތަށް އިންޖީނުގެ ހިންގަން ބޭނުން ނުވާ ކަމަށެވެ. އަދި މިހާތަނަށް ވެސް އިންޖީނުގެ ހިންގަމުން ދިޔައީ އެ ޖަމިއްޔާ އިން އަމިއްލައަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޖީނުގެ ނުހިންގިގެން ކަރަންޓު ކަނޑާލީ. ޖަމިއްޔާ އާއި ކައުންސެލާ ގުޅިގެން ހިންގުމަށް ކޯޓުން ވެސް އަމުރުކޮށްފައި އޮތީ. އެކަމަކު ޖަމިއްޔާ އިން އެގޮތެއް ބޭނުމެއް ނުވޭ،" ވަހީދު ވިދާޅުވި އެވެ. "ކަރަންޓު ކަނޑާލާނެކަން އަޅުގަނޑުމެންނަށް ވެސް ނުރަސްމީކޮށް އޮތީ އެނގިފައި."

ކައުންސިލަރު ވިދާޅުވީ އިންޖީނުގެ ހިންގުން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ވެސް ޖަމިއްޔާ އިން ބޭނުންނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ބައްދަލު ކުރުމަށް އެދި އެތައް ފަހަރަކު ސިޓީ އާއި ފޯނު ވެސް ކޮށްފައިވާ ކަމަށާއި ނަމަވެސް އެއްގޮތަކަށް ވެސް ޖަމިއްޔާގެ ވެރިން ޖަވާބު ނުދޭ ކަމަށެވެ. އެކަމަކު އިންޖީނުގެ ނުހިންގިގެން އުޅުމުން ކައުންސިލުން ތެޔޮ ދިނުމަށް ޖަމިއްޔާއިން އެދުނު ކަމަށާއި ކައުންސިލުން އެކަން ނުކޮށްދިނީ އެއްވެސް އުސޫލެއް މަޝްވަރާއެއް ނެތި "ހަމަ ހުރެފައި" ތެޔޮ ނުދޭންވެގެން ކަމަށެވެ.

"އެއްވެސް މަޝްވަރާއެއް ކުރުމަކަށް ބޭނުމެއް ނުވޭ. ދެން ހުރެލާފައި ބުނީ ކައުންސިލުން ތެޔޮ ދޭށޭ. ކައުންސިލުން އެކަމާ ދެކޮޅު ހެދީ އެއްވެސް މަޝްވަރާ ކުރުމެއް އެއްވެސް އުސޫލެއް ނެތި ހަމަ ހުރެފައި ތެޔޮ ނުދޭންވެގެން،" ވަހީދު ވިދާޅުވި އެވެ.

ކޯޓް އަމުރުގައިވާ ގޮތަށް އަމަލު ކުރުމަށް އެހީތެރިކަން ހޯދުމަށް ފުލުހުންގެ ކިބައިން ވަނީ އެދިފަ އެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު