ފިލްމް ޑަބަންގް އިން އާންމުންގެ މަގުބޫލުކަމާއި ލޯބި ހޯދި ސޮނާކްޝީ ސިންހާ އަކީ ފިލްމީ ދާއިރާއަށް ނިކުތް އިރު ފަލަކޮށް ހުންނާތީ އެތައް ފާޑުކިޔުންތައް ކުރިމަތިވި ތަރިއެކެވެ.
އޭގެ ފަހުންވެސް މަޝްހޫރު އެތައް ފިލްމު ތަކެއް ކުޅެފައިވާ ސޮނާކްޝީގެ އިންސްޓަރގްރާމް ފޮލޯކުރާ ފަރާތްތަކަށް ވާނީ އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ފެނިފަ އެވެ. ޗަބީކަން ކެނޑި ލޫޅާފަތި ވާން ފަށައިފިއެވެ. ކުއްލިއަކަށް ވަރަށްބޮޑަށް ހިކިއްޖެއެވެ. މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ސޮނާކްޝީ ވަނީ ބޮންބޭ ޓައިމްސްއަށް ދިން އިންޓަވިއު އެއްގައި އޭނާގެ ފިޓްނަސް ސިއްރު ހިއްސާކޮށްފައެވެ.
ސޮނާކްޝި ބުނާ ގޮތުގައި އޭނާ ވަނީ "ޖަންކް ފުޑް" ކެއުން މުޅީން ހުއްޓާލާފައެވެ. ފިލްމް ނޫރް ގެ ޝޫޓިން ތެރޭގައި މާ ބިސީކޮށް އުޅެން ޖެހުމުން ވޯރކްއައުޓް ކުރުމަށް ވަގުތު ނުލިބި ކެއުމާ މެދު ވެސް ދެވަނަ ވިސްނުމަކަށް ދިޔައީ ކަމަށް ސޮނާކްޝީވަނީ ބުނެފައެވެ. އެ ގޮތުން ކެއުން ވެސް ތަފާތުކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.
"އެކި ކަހަލަ މީރު އެއްޗެތި ގޭގައި މަންމަ ހަދާނެ. ދެން އެތަކެތި ފެނުމުން ވަރަށް ގިނައިން ކާހިތްވޭ. އެކަމަކު މިހާރު ދެން ހަދާ ގޮތަކީ ކުޑަކޮށް ރަހަ ބަލައިލައިގެން ކެތްކޮށްލަނީ،" ސޮނާކްޝީ ބުނެފައިވެ އެވެ.
މީގެ އިތުރުން ސޮނާކްޝީގެ ޗަބީ ކަމާމެދު ފާޑުކިޔާ ފަރާތްތަކަށް ވެސް އޭނާ ވަނީ ރައްދުދީފައެވެ. ނެގެޓިވް އެނަރޖީ ބްލޮކް ކޮށްލައިފައި ބޭކާރު ކޮމެންޓްތަކާއި އޮޕީނިއަންތަކަށް އިސްކަން ދޭން ބޭނުން ނުވާކަމަށް ސޮނާކްޝީ ބުންޏެވެ. ސްކޫލުގައި އުޅުނު އިރު އޯވަރވެއިޓްކޮށް ހުންނާތީ ބުލީގެ ޝިކާރައަކަށްވެފައިވާ ސޮނާކްޝީ އިތުރަށް ބުނިގޮތުގައި އޭރުވެސް މިހާރުވެސް އޭނާ އަމިއްލަ ނަފްސު ދެކެ ފަހުރުވެރިވެއެވެ.
ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން 90 ކިލޯ ހުރި ސޮނާކްޝީ ވަނީ ޑަބަންގ ކުޅެން 60 ކިލޯއަށް ބަރުދަން ލުއިކޮށްފައެވެ. ފިލްމީ ދާއިރާއަކީ ވަރަށް ބޮޑަށް ލުކް އަށް ބަލާ ދާއިރާއެއް ކަމުން ރީތިކޮށް ހަށިގަނޑު ބަހައްޓަން އެދާއިރާގައި އުޅޭ ހުރިހާ ތަރީން އަބަދުވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން ދެއެވެ. ސޮނާކްޝީގެ ޗަބީ ކަމާ އެކުވެސް ޑަބަންގ ވެގެން ގޮސްފައި ވަނީ ވަރަށް ބޮޑު ހިޓަކަށެވެ. މިފިލްމުން ސޮނާކްޝީ އަށް ވަނީ ފިލްމްފެއަރ އެވޯރޑްގެ ބެސްޓް ފީމެއިލް ޑެބިއު ވެސް ލިބިފައެވެ. އެހެންކަމުން އޭނާ ގަބޫލުކުރާ ގޮތުގައި އެހެން މީހުން ތިމާ އާއި މެދު ދެކޭ ގޮތަށްވުރެ އަމިއްލަ ނަފުސަށް އިތުބާރުކޮށް އަމިއްލަ އަށް އެމީހާ ފެންނަ ގޮތް މާ މުހިންމެވެ.