''އެއްޗެއް ކައިފިންތަ؟...'' އަޒްޔާންގެ އަޑަށް ބަތޫލް ދިޔައީ ސިއްސައިގެންނެވެ.

ހައިކަމުގެ އިހުސާސާއެކު ގޮހޮރުން އަޑުތައް ލައްވަމުން ދާތީ ބަތޫލް ހުރީ އެއްޗެއްކާން ނުހަނު ބޭނުން ވެފައެވެ. އޭނަގެ ފަރުވާކުޑަކަމުގެ ސަބަބުން ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުމެއްވުމުގެ ފުރުސަތުދެވެން ނެތީމައެވެ. އަޒްޔާން އޭނަ ބަލިވެއިނުމާމެދު ހިތްހަމަނުޖެހުނުކަމުގައި ވިޔަސް އޭނަ އެދަރިފުޅު ބޭނުމެވެ. އޭރުން އޭނަގެ އެކަނިވެރިކަމާއި ހިތްދަތިކަމުގެ ހަޔާތުގައި ކުރިއަށް ދިއުމުގެ އުއްމީދެއް ވާނެއެވެ.

''ކޯޗެއް ގެންނަންވީ؟...'' ބަދިގެއިން ނިކުންނަން ދިޔަ އަޒްޔާން ފަސްއެނބުރި ބަތޫލްއަށް ބަލާލަމުން ސުވާލުކުރި އެވެ.

''އަޒްޔާން ބޭނުން އެއްޗެއް ގެނޭ...'' މާބޮޑު ފިކުރަކާނުލާ ބަތޫލް ބުނެލިއެވެ. އަދި އޭނަގެ އަތުގައި އޮތް ޖޫސްތަށިން ކޯވަރުތައް ބޯން ފެށިއެވެ. ކުއްލިޔަކަށް އަޒްޔާންގެ މިޒާޖަށް ބަދަލުތަކެއް އައުމުން ބަތޫލް ހުރީ ހައިރާންވެފަ އެވެ. އެބަދަލުތަކުގެ ފަހަތުގައިވާ މާނަ ނަގަންވީ ގޮތެއް އޭނައަކަށް ނޭގުނެވެ. އެއޯގާތެރިކަމާއި ކުލުނު ލިބެންޏާ އަޒްޔާންގެ ފަރާތުން ދިމާވެދާނެ ހިތްދަތިކަމަށް ކެތްކުރުން އޭނައަށް ނުހަނު އުނދަގޫވާނެ އެވެ. މިހާރު ވެސް އަޒްޔާންގެ އުފާތަކަށް ފުރުސަތުދޭން އޭނަ އެހުރީ ޤުރުބާންވާން ތައްޔާރަށެވެ. އެހެނަސް އޭނަ އިމްތިހާނު ކުރެވެންޏާ ވާނެ ގޮތެއް ބަތޫލްއަކަށް ނޭގެއެވެ. އޭނަ ބިރުގަންނަނީ އަޒްޔާން އޭނަ ވަރިކޮށްފާނެތީ އެވެ. ދާނެ ތަނެއް ނެތް ހާލު ދުނިޔެއަށްގިނަވެ ނިކަމެތިވާކަށް އޭނަ ބޭނުމެއް ނޫނެވެ. އަޒްޔާން ދޭހާ އަނިޔާއަކަށް ކެތްކުރަން އޭނަ ތައްޔާރަށް ހުރީ އެސަބަބާ ހުރެއެވެ. ހަމައެއާއެކު ގާތުން އެސޫރަ ފެނުމުން އޭނަގެ ދިލަ ހިތަށް ލިބޭ ފިނިކަން އިހުސާސްކުރެވެން އެދެވޭތީ އެވެ. އެއީ ވެސް އޭނަ ޝުކުރުވެރިވާނެ ކަމެކެވެ.

އަޒްޔާން އިރުކޮޅެއް ވަންދެން މަޑުކޮށްލައިގެން ހުރީ ބަތޫލް ދިން ޖަވާބު ބަދަލުކޮށްފާނެއޭ ހިތާ އެވެ. ނަމަވެސް ދެތިން މިނެޓް ފާއިތުވެގެން ދިޔަ އިރު ވެސް ބަތޫލް އަނގަޔަކުން ނުބުންޏެވެ. ހަމަހިމޭންކަން ވެރިވެފައިވާ ހާލު އަމިއްލަ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައިވާ ފަދަ އެވެ. އެއާއެކު ބަތޫލްގެ މިޒާޖަށް އައިސްފައިވާ އިންޤިލާބު އަޒްޔާނަށް ތަސައްވަރުކުރެވިއްޖެއެވެ. އެހިމޭންކަން ހެކިދެނީ ބަތޫލް ބަރުދާސްތުކުރަމުންދާ އެކަނިވެރިކަމެވެ. އެދެލޮލުން ފާޅުކޮށްދެމުން ދަނީ ނިމުމެއް ނެތް ހިތާމައާއި އުދާސްކަމުގެ ތެރޭގައި ޤައިދުވެފައިވާ ކަމެވެ. ބަތޫލްގެ ހާލާ މެދު ވިސްނުނު ވަރަކަށް އަޒްޔާންގެ ހިތަށް ގޮތެއްވާން ފެއްޓިއެވެ. ކުށްވެރި އިހުސާސްތަކެއް ކުރެވެން ފެށުނެވެ. ނަމަވެސް އެއިހުސާސްތަކުގެ ތެރެއަށް ގެއްލި ދިއުމުގެ ފުރުސަތެއް އޭނަ ނުދިނެވެ. ވެރިވެގެން އައި ޚިޔާލުތަކުގެ ތެރެއިން ނިކުމެލަމުން އޭނަ އަވަސްވެގަތީ ބޭރަށް ނުކުތުމަށެވެ.

*****

އަރާމުކޮށްލުމުގެ ނިޔަތުގައި ކޮޓަރިއަށް ވަން ބަތޫލްއަށް އެނދުގެ އަރިމަތީ ކަބަޑު މަތީ އޮތް އޭނަގެ ފޯނު ރިންގްވާ އަޑު އިވުނެވެ. ބޮލަށް އެނބުރުން އަރާ ހެން ހީވާތީ ފިޔަވަޅުތަކަށް ފަރުވާ ބަހައްޓަމުން ބަތޫލް ގޮސް އެނދުގައި އިށީނެވެ. އަދި ފޯނަށް ޖަވާބު ދޭން އުޅުނެވެ.

''ޖަނާ؟... މި ހެނދުނާ ގުޅަނީ ކީއްވެބާ؟...'' ބަތޫލްއަށް ހައިރާންކަން ލިބުނީ ފޯނަށް އަރާފައި އިން ނަން ފެނިފައެވެ. ހިތުގެ ތެރޭގައި ސުވާލުތައް އަމުނާލައިގެން ހުއްޓަސް ޖަވާބު ނުލިބޭނެތީ އޭނަ ފޯނު ނެގި އެވެ.

''ޕިސް، ޕިސް، މިހާރު ހާދަ ވަގު ވެސް ވެއްޖެޔޭ ދޯ... މަށަށް އަންގާލުމެއް ވެސް ނެތި ތިއުޅެނީ، ސިއްރުވެރިވިޔަސް ތީ ދެން ބޮޑު ވަރު އިނގޭ...'' ޖަނާގެ އަޑުގައި ޖޯޝާއެކު ޝަކުވާގެ ރާގު ވެސް ވިއެވެ.

''މިހާރު ކިހިނެއްތަ ވީ؟...'' ބަތޫލްއަށް ޖަނާ ދައްކަން އުޅޭ ވާހަކަތައް ރަގަޅަށް ފަހުމެއް ނުކުރެވުނެވެ.

''ކިހިނެއްހޭ ވީ؟... ދެން ނޭގޭކަމަށް ހެދުނަސް ބޮޑުވަރު ތީ... ތިހާ ސިކްރެޓިވް ވިޔަސް އަހަރެން ދަންނަ މީހުން ހޮސްޕިޓަލުގަ އުޅޭކަމެއް ނޭގޭތަ؟... މިއަދު ހެނދުނު ޑިއުޓީއަށް އައިސް ސައިބޯން ދިޔަ ގަޑީގަ ލެބްގަ އުޅޭ ނިޝާއާ ދިމާވީ، އޭނަ ކިޔައިދިނީ ބަތޫގެ ވާހަކަ... ކީއްވެތަ އަހަރެން ގާތު ނުބުނީ؟...'' ޖަތޫލް ބަލިވެ އިންކަން އެނގޭކަން ޖަނާ ހާމަކުރި އެވެ. ޖަނާއަށް އެޚަބަރު ލިބުމުން ބަތޫލް އުފާވި އެވެ. އޭނަ އެންމެ ފުރަތަމަ އަންގަން ބޭނުންވި މީހުންގެ ލިސްޓުގެ ކުރީގައި ޖަނާގެ ނަން އޮތެވެ. އެހެނަސް އަންގަން އެންމެ އެދެވުނު ފަރާތުގެ ފުށުން ލިބުނު ޖަވާބުގެ ސަބަބުން ލިބުނު މޮޅިވެރިކަމާ ހުރެ އިތުރު މީހަކާ އެއުފާވެރިކަން ހިއްސާކުރަން ވެސް އޭނަގެ ހިތް ދެކޮޅު ހެދީ އެވެ.

''އައެމް ސޯ ހެޕީ ފޯރ ޔޫ!... ޒޭން ގާތު ބުނެފިންތަ؟، ވަޓް ވޯޒް ހިޒް ރިއެކްޝަން؟... ވަރަށް އުފަލުންދޯ ހުރީ؟...'' ޖަނާ ސުވާލުތައް ފަށްޗަކަށް އަމުނާލި އެވެ. އެކުވެރިޔާއާއި ވާހަކަދެކެވުމުން ބަތޫލްގެ ތުންފަތުގައިވި ލުއި ހިނިތުން ގެއްލިގެން ދިޔައީ ދެނެވެ. ހާސްކަން ވެރިވެ މުޅި މީހާ ފިނިވެއްޖެއެވެ. އޭނަގެ ސިކުނޑީގައި މަންޒަރު ނެގިފައިވި ތަސްވީރުތައް ފެންނަން ފެށުމުން އިތުރު އުނދަގޫތަކެއް ކުރުވިއެވެ. ޖަނާއަށް އޭނަ ފެންނަން ނެތްކަން އެއީ ނަސީބެކޭ ބަތޫލްގެ ހިތަށް އެވަގުތު އެރިއެވެ. އެހެންނޫންނަމަ އޭނަ ސިއްރުކުރަން އުޅުނު ކަންތައް ބޭޒާރުވީހެވެ.

''ދެން ތީ އަހާކަހަލަ ސުވާލު ތަ؟... ޒޭން އުފާވާނެއެއްނު، އަހަރުމެންގެ ފުރަތަމަ ބޭބީ ވިއްޔާ...'' ފުންނޭވާއެއް ދޫކޮށްލަމުން ބަތޫލް ވާހަކަދެއްކީ އޮމާން އަޑަކުންނެވެ. އިހުސާސްތައް ފަރުދާގެ ނިވަލުގައި ވަންހަނާކުރުމުގެ ހުނަރު ބަތޫލްއަށް ލިބިފައި ވިއެވެ. ނަމަވެސް އެވަގުތު އޭނަގެ ހިތުގައި ސުވާލެއް އުފެދިގެން އައެވެ. އޭނައަށް އެހުރިހާ ކަމެއް ސިއްރުކުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ހަޤީޤަތުގެ މައްޗަށް ފަސްއަޅައި އޭނަ ފޮރުވަން ކުރާހާ މަސައްކަތެއް ބޭޒާރުވެދާނެކަމުގެ ބިރު އޭނަގެ ހިތުގައި އޮތެވެ. އަޒްޔާން އަޅާ އެންމެ ފިޔަވަޅަކުން ވެސް ހުރިހާކަމެއް ބޮއްސުން ލައިގެންދާނެ އެވެ.

''ހޫމްމްމް، ޑިއުޓީ ނިންމާފަ ޝުޖާއާއެކު އަންނާނަން، އަދި އިތުރު ވާހަކައެއް ބުނަން ވެފަ އެބައޮތޭ، އެކަމަކު ފޯނުން ބުނެވޭކަށް ނެތް، ދެން ބާއްވަނީ އިނގޭ...'' ޖަނާ ބުނެލިއެވެ. އަދި ފޯނު ކަނޑަން އުޅެފައި ވެސް ކަމެއް މަތިން ހަނދާންވުމާއެކު ބަތޫލްގެ ސިއްހަތާމެދު ސުވާލުކުރިއެވެ. ދޮގު ހަދަން އާދަވެފައިނުވާ ބަތޫލްއަށް މިފަހަރު ވެސް ހައްލެއްކަމުގައި އިހުތިޔާރުކުރަން ޖެހުނީ ދޮގުވެރިކަމެވެ. އެކަމުގެ ސަބަބުން އޭނަ ހުރީ އުނދަގޫވެފައެވެ. ނަމަވެސް ކުރެވޭނެކަމެއް ނެތެވެ. އޭނައަށް ތަޤުދީރުގައި މިންވަރުކުރައްވާފައިވާ ގޮތާ މެދު ރުހި ޤަބޫލުވުން ނޫންކަމެއް ނެތެވެ.

*****

އޮއްސެމުން ދިޔަ އިރުގެ ދަޅަތަކުން ރަންގުވަމުން އައި އުޑުމައްޗަށް ނަޒަރުހުއްޓާލައިގެން ބަތޫލް ހުއްޓެވެ. ފަޒާގައިވާ ފިނިކަން އިހުސާސްކޮށްދޭން ދައުރުކުރަމުން އައި ރޯޅިތަކުން އިރުއިރުކޮޅާ ބަތޫލްގެ މޫނުގައި ބޮސްދެމުން ދިޔަ އެވެ. އެހެން އިންނަތާ ގިނަ އިރެއް ނުވެ ގޭގެ ބެލްޖަހާލި އަޑު ހަމަހިމޭން މާހައުލުގެ ތެރެއަށް ފެތުރުނެވެ. އެއާއެކު ބަތޫލްއަށް އަވަސްވެވުނީ ދޮރުހުޅުވަން ދިއުމަށެވެ. އޭގެ ކުރިން އޭނަ ފުންނޭވާއެއް ދޫކޮށްލަމުން އަމިއްލަ ނަފުސު ތައްޔާރުކޮށްލިއެވެ. އަދި މޫނުމަތިން އުފާވެރިކަން ރަމްޒުކޮށްދޭނެ ފަދަ ފުރިހަމަ ހިނިތުންވުމެއް ކުރަހާލަމުން ތަޅުގައި ހިފާލިއެވެ.

ހުޅުވުނު ދޮރާއެކު ބަތޫލްއަށް އެންމެ ފުރަތަމަ މަރުޚަބާ ކިޔުނީ ޖަނާ އައެވެ. އެއަށް ފަހު ޖަނާއާއެކު ހުރި ޝުޖާއު ވެސް އެފަދައިން ކަންތައް ކުރިއެވެ. އެންމެ ގާތް އެކުވެރިންގެ މޫނުން ފެންނަމުން ދިޔަ އުފާވެރިކަމުން ހިޔަނިހެން ގާތުގައިވި ހިތާމަވެރިކަމަށް ލުޔެއް ލިބުނެވެ. އިހުސާސްކުރެވެމުން އައި އެކަނިވެރިކަމަށް ވެސް މެއެވެ. ބަތޫލްގެ ހިތަށް ވަގުތީ ހަމަޖެހުމެއް ލިބިފައިވީ ވެސް އެސަބަބާ ހުރެއެވެ. އެކަން އޭނަގެ މޫނުމަތިން ވެސް ފެނެއެވެ.

''މިއައީ ސައިބޯން ހެދިކާ ކޮޅެއް ވެސް ހިފައިގެން...'' އަތުގައި އޮތް ކޮތަޅު ބަތޫލްއަށް ދައްކާލަމުން ޖަނާ ބުނެލިއެވެ. ޝުޖާއުއާއި ޖަނާއަށް އެތެރެއަށް ވަންނަން ތަންދައްކަމުން ޖަނާގެ އަތުގައި އޮތް ކޮތަޅު އަތުލަން ބަތޫލް އުޅުނެވެ.

''އުހޫނ، ބަތޫ މި މަސައްކަތްކުރަން އުޅޭނެކަމެއް ނެތް، ބަތޫ ރެސްޓް ކުރާނީ...'' ބަތޫލް ކުރަން އުޅުނު ކަންތައް ފަހުމުވުމުން ޖަނާ ބުނެލިއެވެ. އަދި އެއަށްފަހު ބަތޫލްއަށް ހިނިތުންވެލަމުން މިސްރާބުޖެހީ ބަދިގެއާއި ދިމާއަށެވެ. ޖަނާގެ ފަހަތުން ބަތޫލްއާއި ޝުޖާއު ވެސް ހިނގައިގެންފިއެވެ.

''ކޮބާތަ ޒޭން؟...'' ކާމޭޒު ދޮށުން ގޮނޑިއެއްގައި އިށީންނަމުން ޝުޖާއު ސުވާލުކޮށްލިއެވެ. އެއާއެކު ބަތޫލްގެ މޫނުގެ ކުލަވަރު ބަދަލުވާން އުޅުނެވެ. އަވަސްއަވަހަށް އޭނަ ހިނިތުންވާން މަސައްކަތްކުރަމުން ޝުޖާއުގެ ސުވާލަށް ޖަވާބު ދިނެވެ.

''ދެންމެ ބޭރަށް ދިޔައީ...'' ސައިތައްޔާރުކުރަން ހަރަކާތްތެރިވަމުން ދިޔަ ޖަނާއަށް ބަލާލަމުން ބަތޫލް ބުނެލިއެވެ. ''ޖަނާއަށް އެއްޗެހި ހުންނަތަނެއް ވެސް ނޭގެއެއްނު، އެހެންވެޔޭ އަހަރެން ބުނީ ތިކަންތައްކޮށްފާނަމޭ...''

''އެހެންވިޔަސް ހެވޭ، ބަތޫލް ދޭ ގޮނޑީގައި އިށީންނަން، އަހަރެން ހޯދަފާނަމޭ...'' ބަތޫލްއަށް ޖަނާ އަމުރެއް ކުރިއެވެ. އަދި އޭނަ ބޭނުންވާ ސާމާނުތައް ހަމަކުރަން ކަބަޑުތައް ހުޅުވަން ފެށިއެވެ. ލުއި ހިނިތުންވުމަކާއެކު ޖަނާއަށް ބަލާލަމުން ޝުޖާއު ބަތޫލްގެ އަތުގައި ހިފައި ގޮނޑީގައި ބޭންދިއެވެ. ބަތޫލް ވެސް އިތުރަށް ދެކޮޅު ހަދާކަށް ނޫޅުނެވެ.

''ޝުޖާ ގުޅާބަލަ ޒޭންއަށް، އެންމެން އެކީގައި ސައިބޯނީ...'' ފެން ހޫނުކުރާ ޖަގު ކަރަންޓާއި ގުޅަމުން ޖަނާ ބުނެލިއެވެ. އަޒްޔާންގެ ނަން ނަގެވޭ ކޮންމެ ފަހަރަކު ބަތޫލްއަށް ބަދަލުތަކެއް އާދެއެވެ. ހަމަ އެއުސޫލުން އަނެއްކާ ވެސް އޭނައަށް ނުތަނަވަންކަން ލިބެން އުޅުނެވެ. އަޒްޔާން އައިސް، ޝުޖާއުމެން ދައްކަފާނެ ވާހަކައަކާ މެދު ހިތްހަމަނުޖެހިއްޖެނަމަ ވާނެ ގޮތެއް ވިސްނާލަން އޭނައަށް ދަތިވީއެވެ. މިފަހަކަށް އައިސް އަޒްޔާންގެ ތަބީއަތަށް އައިސްފައިވާ ބަދަލާ ހުރެ ރުޅިއައިސްފިނަމަ އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެތީ އެވެ. ރޭގައި ބަތޫލްއަށް ވަނީ އެސިފަ ފެނިފައެވެ. އޭނަ ޖެހިލުންވަނީ އެކުވެރިންކުރިމަތީގައި ވެސް އެސިފަ ދައްކަން އަޒްޔާން ފަސްނުޖެހިދާނެތީ އެވެ.

ނުތަނަވަސްކަމެއްގެ ތެރޭގައި ބަތޫލް ވަނިކޮށް ޝުޖާއު އޭނަގެ ފޯނު ނަގައި އަޒްޔާނަށް ގުޅާލިއެވެ. އެހުރިހާ އިރު ޝުޖާއުއަށް ބަލަން ބަތޫލްއަށް އިނދެވުނީ އެވެ. ޝުޖާއު ކަންފަތާ ފޯނު ވަކިކޮށްލި ހިނދު ބަތޫލްގެ ނަޒަރު ފެނި ދެކެވުނު ވާހަކަތައް ބަތޫލްއާއި ހިއްސާކުރިއެވެ.

''އިރުކޮޅަކުން އެބައަންނަމޯ...'' ޝުޖާއު ބުނެދިނެވެ.

''ބަތޫ، ދެން ދުވަސްކޮޅެއްވީމަ ގޭގަ ކަންތައް ކުރަން އުނދަގޫވާނެއެއްނު، ޒޭންއާ ތިދެމީހުން ތިއުޅެނީ އެކަނި ވިއްޔާ...'' ސައިތަށިތައް ސުފުރާ މައްޗަށް އަރުވަމުން ޖަނާ ބުނެލިއެވެ. ބަތޫލްއަށް އެވާހަކަތަކާ މެދު ވިސްނާލެވުނީ ދެނެވެ. ސިކުނޑީގައި ފުނިޖެހިފައިވާހާ ކަންތަކާ ހުރެ އޭނައަށް އެޚިޔާލު ނުވެސް އައެވެ. އެއާއެކު އޭނަ ކަނޑައްތުކުރަން ޖެހިފައި އޮތް އެކަނިވެރި މަސްތައް މަތިން ބަތޫލް ހަނދާންވެ އިތުރު މާޔޫސްކަމެއް ލިބުނެވެ. އަޒްޔާންގެ ފަރާތުން ލޯތްބާއި އަޅާލުން ލިބިދާނެކަމަށް ހިތުގައިވި އުއްމީދުގެ ހުޅުކޮޅުތައް ވަނީ ނިވިފައެވެ. ބަތޫލްއަށް ފުންނޭވާއެއް ދޫކޮށްލެވުނީ އެކަނިވެރިކަމާއި ކުރިމަތިލައިފިކަމުގެ އަޒުމެއް ފަދައިންނެވެ. އޭނައަށް އެނޫން އިތުރު ގޮތެއް ނެތެވެ.

ޚިޔާލަކަށް ގެއްލިފައިވާ ބަތޫލް ފެނި ޖަނާއަށް ނެގުނީ އެހެން މާނައެކެވެ. އޭނަ ބުނި ޖުމްލައިގެ ސަބަބުން ބަތޫލް އޭނަގެ މައިންބަފައިން މަތިން ހަދާންވީ ބާވައޭ ހިތާ ސުވާލުކޮށްލެވުނެވެ. ދެވުނީ ނުބައި މައުޟޫޢުއަކަށް ކަން ޖަނާއަށް ރޭކާލީ ދެނެވެ.

''ޒޭންގެ ފެމިލީ މީހަކަށް ހުރެވިދާނެއެއްނު... ޒޭންގެ ކަޒިންއެއް ހުރެއެއްނު، ކީކޭތަ އެކުއްޖާއަށް ކިޔަނީ... މިޝީތަ؟...'' ޖަނާ ހަނދާންކުރަން އުޅުމުން ވެސް އޭނަގެ ހަނދާނަށް އެކުއްޖާގެ ނަމެއް ނައެވެ.

''މީޝެލް...'' ބަތޫލް ބުނެދިނެވެ.

''އާނ މީޝެލް!، އޭނައަށް ހުރެވިދާނެއެއްނު ބަތޫ ވިހަންދެން...'' ޖަނާ ޚިޔާލެއް ދިނެވެ. އެއާއެކު ބަތޫލްއަށް ވިސްނާލެވުނެވެ. މީޝެލްއަކީ ޝީރީނާ ޚިލާފަށް އޭނައަށް ހިތްހެޔޮ ކުއްޖެކެވެ. އޭނައާއި މީޝެލްއާ ދެމެދު ގުޅުން ވެސް އޮންނަނީ ބަދަހިވެފައެވެ. އިތުރު މީހަކު ގޭގައި އުޅޭނަމަ އޭނަގެ އެކަނިވެރިކަމާއި ފޫހިކަން ވެސް ފިލާނެއެވެ. ހަމައެއާއެކު އޭނައަށް ކަންތަކުގައި އެހީތެރިވެދޭނެ ފަރާތެއް ވެސް ވާނެއެވެ. ނަމަވެސް ބަތޫލް ފަރުވާތެރިވާން ޖެހުނު ކަމެއް ވިއެވެ. އެކުގައި އުޅޭނަމަ މީޝެލްއަށް އޭނައާއި އަޒްޔާންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ރޭކާލާން ފަށާފާނެއެވެ. އެކަންތައް ސިއްރުކުރާނެ ގޮތެއް ހޯދަން ބަތޫލްއަށް ވިސްނާލަން ޖެހުނެވެ.

''އަނެއްކާ ރަގަޅު ޚިޔާލެއްތަ މިދެވުނީ؟...'' ބަތޫލް އަނގައިން ނުބުނެ އިންނަން ފެށުމުން ޖަނާ އަހާލިއެވެ.

''އާނ، ޒޭން އައީމަ އަހާލާނީ...'' ބަތޫލް ބުނެލިއެވެ.

*****

ގިނައިރުތަކެއް ނުވެ އަޒްޔާން އައިސް ބަތޫލްމެންނާއެކު ސައިގައި ބައިވެރި ވިއެވެ. އެންމެ ފުރަތަމަ ކަމަކަށް ވެސް ޖަނާ އާއި ޝުޖާއު މުބާރަކުބާދީ ދިނުމުން ބަތޫލްއަށް ނޭވާ ހިފަހައްޓާލެވުނީ އަޒްޔާންގެ ޖަވާބު އައިސްދާނެ ގޮތަކާ މެދު ހިތް އަވަސްވާން ފެށުމުންނެވެ. ނަމަވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައީ އަޒްޔާން ތުންފަތަށް ގެނައި ހިނިތުންވުމާއެކު ޖަނާމެންގެ ހެޔޮއެދުންތައް ޤަބޫލުކުރުމުންނެވެ. ހަށިފުރާނޭވާއެއް ދޫކޮށްލަމުން ބަތޫލް ވެސް ހިނިތުންވާން އުޅުނެވެ.

''އަދި ބުނަން އޮތް އެންމެ މުހިންމު ވާހަކަ ފަސްކޮށްލައިގެން މިއުޅުނީ...'' ވާހަކައިގެ ތެރޭން ޖަނާ ބުނެލިއެވެ. އޭރު އޭނަގެ ތުންފަތުގައިވަނީ މާނަ ފުން ހިނިތުންވުމެކެވެ. ކައިރީގައި އިން ޝުޖާއުއާއި ނަޒަރުބައްދަލުކޮށްލި ހިނދު އެދެލޮލުން މުޅިން ތަފާތު ވިދުމެއް ފާޅު ވިއެވެ. ވަކިވަކިން ޝުޖާއުއާއި ޖަނާއަށް ބަލަމުން ދިޔަ ބަތޫލްއަށް ކަމެއް ދޭހަވާން އުޅުނެވެ. އެއާއެކު އޭނައަށް ދެލޯބޮޑުކޮށްލަމުން އަނގަމަތީ އަތް އަޅާލެވުނެވެ.

''އާރ ޔޫ؟...'' ބަތޫލްގެ އަޑުގައި ޖޯޝު ވިއެވެ. ޖަނާ އެވަގުތު ބަތޫލްއަށް ބަލާލަމުން ބޯޖަހާލިއެވެ. ވަމުން ދިޔަ ގޮތް ނޭގިފައިވި އަޒްޔާން ސުވާލުކުރަން ފެށީ ދެނެވެ. އޭރު ޖަނާއާއި ޝުޖާއުއާއި ދެމެދު އޮތީ އާދައިގެ ގުޅުމެއް ނޫންކަން އޭނައަށް ރޭކާލައިފި އެވެ.

''ވީ އާރ ގެޓިންގް މެރީޑް...'' ޝުޖާއުއަށް ވާހަކަ ނުދެކެވެނީސް ޖަނާ އުފާވެރި ރާގަކަށް ބުނެލިއެވެ. އަޒްޔާނަށް ލިބިފައިވި ހައިރާންކަން އޭނަގެ މޫނުން ހާމަކޮށްދެއެވެ. އޭނަ ޝުޖާއުއަށް ބަލާލަމުން ސުވާލުކޮށްލިއެވެ.

''ތި ދޯ މިހުރިހާ ދުވަހަކު ގަތް ގަނޑަކީ؟، އަބަދު ބީޒީއޭ ކިޔަކިޔާފަ ލޮލަށް ދައްކާނުލާ އުޅުނީ މިހެންވެ ދޯ؟...'' އަޒްޔާންގެ އަޑުގައި ވަނީ ޝުޖާއުއާ ދިމާކުރާ ފަދަ ރާގަކެވެ.

ޖަނާއާއި ޝުޖާއުގެ ކައިވެނީގެ ޚަބަރާއެކު މާހައުލަށް އުފާވެރިކަން ވެރިވެފައި ވިއެވެ. އެދަނޑިވަޅުގައި އެކުވެރިންގެ އުފަލުގައި އަޒްޔާނާއި ބަތޫލް ބައިވެރިވީ އެދެމެދުގައިވި ނުތަނަވަސްކަން ހަނދާންނައްތާލަމުންނެވެ. ދެމަފިރިން އެފަދައިން ކަންތައް ކުރުމުގެ ފަހަތުގައި އިތުރު ސަބަބެއް ވެސް ވިއެވެ. ޖަނާއާއި ޝުޖާއުއަށް ޝައްކެއް ވާން ބޭނުން ނުވާތީއެވެ. ބަތޫލްއެކޭ އެއްފަދައިން އަޒްޔާންގެ ވިސްނުން ހުރީ ވެސް އެއް މިސްރާބަކަށްކަމަށްވުމުން ބުރަހެލިކަން ވެރިވެފައިވި ބަތޫލްގެ ހިތަށް ލުޔެއް ލިބިފައި ވިއެވެ. އެހެނަސް ހަޤީޤަތް ފަޅާއަރާ ހިސާބުން މަންޒަރުތައް ބަދަލުވެގެންދާނެ ގޮތްތައް ސިފަކުރެވި ބަތޫލްއަށް ބިރުވެރިކަން އިހުސާސްކުރެވުނެވެ. އެދުވަހަކުން ހައްލުނުކުރެވޭނެ ފަދަ ބޮޑެތި މައްސަލަތައް ހިލިގެންދާނެކަން ގައިމެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މާބަޑުވުމުގެ އުނދަގޫތައް ބަތޫލްއަށް އިހުސާސްކުރެވެން ފެށުނެވެ. މޭނުބައި ކުރުމާއި ހޮޑުލެވުން އެއީ މުޅި ދުވަހުގެ އާދައަކަށް ވެއްޖެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމާ ހުރެ ރަގަޅަށް ނުކެވޭތީ އަބަދުމެ ވަރުބަލިކަން އިހުސާސްކުރެވެއެވެ. އެންމެފަހުން އުނދަގޫތައް ބޮޑުގެ މޫނުމައްޗަށް އަނދިރިވެ ބަތޫލް ހޮސްޕިޓަލުގައި އެޑްމިޓު ވެސް ކުރެވުނެވެ. އެދުވަސްތަކުގައި ފިރިއެއްގެ އަޅާލުން ބަތޫލްއަށް ލިބުނެވެ. އޮފީހުން ޗުއްޓީ ނަގައިގެން ގިނަ ވަގުތު ބަތޫލް ގާތު ހުންނަނީ އަޒްޔާނެވެ. ބަތޫލްއަށް މީރު ވާނެ ޒާތުގެ ކާނައާ އެއްޗެހި އަޒްޔާން ގެނެސްދެއެވެ. ނޭގިނަމަވެސް އަޒްޔާނަށް އޭނަގެ ހިތުގައި ފަސްލެވިފައިވި އިހުސާސްތައް އޭނަ ކޮށްދޭ ކުޑަ ކަންތައްތަކުން ފާޅުކުރެވެމުން ދިޔަ އެވެ. އެހެނަސް އެމެސުޖުތައް ދޭހަކުރުމުގައި ބަތޫލްއަށް ފުށުއެރުންތަކާ ކުރިމަތިލާން ޖެހުނެވެ.

އަޒްޔާންގެ އަޅާލުން ލިބުނުކަމުގައި ވިޔަސް ބަތޫލްގެ ހިތާމަތަކަށް ލުޔެއް ނުލިބުނެވެ. ބަތޫލްއަށް އެއޯގާތެރިކަން ސިފަކުރެވުނީ ދުނިޔޭގެ ލޯތަކަށް ދައްކާލާ ދަޅައެއްކަމުގައެވެ. އެހެން މީހުން ތިމާއާ މެދު ދެކެމުން އަންނަ ނަޒަރިއްޔާތު ބަދަލުނުވުމަށް އަޒްޔާން ކުރަމުން އަންނަހާ މަސައްކަތުގެ ގޮތުގައެވެ. އަޒްޔާން އޭނައާއި މެދު ކުރިން އަމަލުބެހެއްޓި ރަހުމުކުޑަ ގޮތުން ބަތޫލްގެ ލޮލަށް ހަޤީޤަތް ފެނުނުކަމުގައި ވިޔަސް ނަގައިގަނެވެނީ އޮޅުވާލުމެއް ފަދައިންނެވެ. އެހާބޮޑަށް ވެސް އަޒްޔާންގެ ފުށުން އޭނަގެ ހިތުގައި ވަނީ ފަސޭހަވުމެއް ނެތް ޒަޚަމްތަކެއް އުފެދިފައެވެ.

އަޒްޔާން ބަތޫލްއަށް ބަހައްޓާ ގާތްކަމާ ހުރެ އެންމެ ބޮޑަށް ހިތް ނުތަނަވަސްވީ ޝީރީނެވެ. ލިބެން އުޅޭ ދަރިފުޅާ ހުރެ އަޒްޔާންގެ ހިތުގައި ބަތޫލްއަށް ޖާގައެއް ހުސްކުރެވިދާނެތީ އޭނަ ބިރުގަތެވެ. އޭރުން އޭނަގެ ހުރިހާ ރޭވުންތައް ފެނަށްވެ ޖެހޭނީ ނާކާމިޔާބީއާ ކުރިމަތި ލާށެވެ. އެފުރުސަތު ދޭން ރުހިގެން ޝީރީނަކަށް ނުހުރެވުނެވެ. އޭނައަށް ކަންތައް ރޭކާލާން ފެށި ހިސާބުން އޭނަގެ ބަހުގެ ހަމަލާތައް އަޒްޔާނަށް އަމާޒުވި އެވެ.

''އެއަންހެނާއަށް އަޒްޔާން އަޅާލުން ދޭކަށް ނުޖެހޭނެޔޭ!... ރެޔާ ދުވާލު އޭނަގެ ގާތުގައި ހުންނަނީ ކީއްކުރަން؟!...'' ޝީރީން ހިތްހަމަނުޖެހިފައި ބުންޏެވެ.

''އަހަރެން ނުރުހުނަސް ބަތޫލް އެއީ އަހަރެންގެ ޒިންމާއެއް، އަހަރެން ބޭނުންނުވިޔަސް ބަތޫލްގެ ބަނޑުގައި އެވަނީ އަހަރެންގެ ލޭ، އެހާލުގައި ވަނިކޮށް ބަތޫލްއަށް އަޅާލުން އެއީ އަހަރެންގެ މައްޗަށް ވާޖިބުކަމެކޭ...'' ޝީރީންގެ ސުވާލުތަކުން އަޒްޔާން ނުރުހުނެވެ. އޭނަ ބަތޫލްއަށް ކަންތައްކޮށްދެނީ ލޯތްބަކުން ނޫނެވެ. މަޖުބޫރުކަމަކަށް ވެފައިވީތީ އެވެ.

''މާ ދީންވެރިވާން އުޅޭނެކަމެއް ނެތް، ތިހެން އުޅެން ހަދައިގެން ނުރަގަޅު ނަތީޖާއެއް ނިކުންނާނީ... އޭނަ ހޮސްޕިޓަލުން ދޫކޮށްލަންދެން އަހަރެން ހުރެފާނަމޭ...'' ޝީރީން ބޭނުންވީ އޭނަގެ ކޮޅަށް ކުރިއެރުން ލިބޭށެވެ. އެންމެފަހުން ޝީރީނާއި ޒުވާބެއްކުރަން ނޭދޭތީ އަޒްޔާނަށް ޖެހުނީ އަމާންކަން ދޭށެވެ.

*****

ބަތޫލް ހޮސްޕިޓަލުން ދޫކޮށްލެވުމުން މީޝެލްގެ ބަދަލެއްކަމުގައި ބަތޫލްއަށް އަޅާލުމުގެ ބަހަނާގައި އެގެއަށް ބަދަލުވީ ޝީރީނެވެ. އެއީ އޭނަ ބޭނުންވި ގޮތެވެ. ބަތޫލްއަށް ފުރައްސާރަކޮށް ގޯނާކުރުމުގެ ފުރުސަތު އޭނައަށް ފަހިވެގެންދާނެތީ އެވެ. ހަމައެއާއެކު ބަތޫލަށް ހަމަޖެހުމުގެ ނޭވާއެއް ވެސް ލުމުގެ ފުރުސަތު ދޭން ބޭނުން ނުވާތީއެވެ. ބަތޫލްގެ ޒަހަމްތަކުގައި ލޮނުމިރުސްލާން އެފަދަ ރަނުގެ ފުރުސަތެއް ނުލިބޭނެކަން އެނގޭތީއާއެކު ވެސް މެއެވެ.

(ނުނިމޭ)

comment ކޮމެންޓް