ބަތޫލް ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. އޭނަގެ ހުރިހާ އުއްމީދުތަކެއް އޮޔާލާ ދިޔައީ ދެނެވެ. ބިނާކުރި ހުވަފެނުގެ ގަނޑުވަރު ކުދިކުދިވެ ފައިބައިގެން އައީ ހިތުގައި ވޭން އަޅުވާލާފަ އެވެ. އޭނައަށް ވިސްނަންވީ ކިހިނެއް ކަމެއް ނޭގުނެވެ. އަޒްޔާން އޭނަ ބަލިވެ އިނުމާ ހިތްހަމަނުޖެހެންވީ ސަބަބެއް ވެސް މެއެވެ. އެހިނދު އޭނައަށް އިތުރަށް ގޯނާ ކުރީ މިހުރިހާ ދުވަހު އޭނަގެ ސިކުނޑި ކަމުން އައި ސުވާލެވެ. އަޒްޔާން އަންހެންކުއްޖަކާ ލޯބީގެ ގުޅުމެއް ބާއްވަނީ ހެއްޔެވެ؟ އޭނަގެ މަތިން ފޫހިވެ އިތުރު ފަރާތެއްގެ ލޯތްބަށް އެދެނީ ހެއްޔެވެ؟ އަޒްޔާންގެ ވިސްނުމުގައިވަނީ އޭނަ ވަރިކޮށްލުން ހެއްޔެވެ؟ ލިބެން އުޅޭ ދަރިފުޅު އެކަމަށް އޮތް ހުރަހެއްކަމުގައި ދެކެނީ ހެއްޔެވެ؟

ސިކުނޑީގެ ނާރުތައް ފިތެމުންދާ ފަދަ އިހުސާސެއް ކުރެވެން ފެށުމާއެކު އަޒްޔާން ނިތްކުރީގައި ބޮޑުވާ އިނގިލި ހިންގާލަމުން ފުންނޭވާއެއް ލިއެވެ. ދެން ވެސް އަމިއްލަ ނަސުފަށް ލުއިކަމެއް ނުލިބުނެވެ. ހީވަނީ ކަރުތާފެނުގެ ތެރެއަށް ގެނބެމުން ދާހެނެވެ. އޭނަ ދެފަޔަށް ލެވުނުހާ ބާރެއްލަމުން ކުރިއަށް ހިނގައިގަތީ ބޭރުތެރެއަށް ނިކުމެލުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިދާނެ ކަމުގެ އުއްމީދުގަ އެވެ. އޭރުން ލައިގެންފައިވާ މުސީބާތުން ސަލާމަތްވެވިދާނެ ގޮތެއް ވެސް ޚިޔާލަށް އައިސްދާނެތީއާއެކު އެވެ.

ކުރިއަށް ހިނގަމުން ދިޔަ އަޒްޔާނަށް ބަލަން ބަތޫލް ހުރީ ކަރުނުން ފުސްވެފައިވާ ދެލޮލުންނެވެ. އަޒްޔާނަށް ދިއުމުގެ ފުރުސަތު މިފަހަރު ދޭން ބަތޫލްގެ ޒަމީރު ދެކޮޅު ހެދިއެވެ. އޭނަގެ ހިތުގައި ބިންވަޅުނެގިފައިވާ ސުވާލުތަކުގެ ޖަވާބު އޭނައަށް ކޮންމެހެން ވެސް މުހިންމުވެއްޖެއެވެ. އަޒްޔާން އޭނައާ މެދު ކަންތައް ކުރަމުންއެދާ ބޭއިންސާފުވެރި ގޮތުގެ ފަހަތުގައިވާ ސިއްރު އެނގެން އޭނަ ބޭނުމެވެ. މީގެ ކުރިން އެސުވާލުތައް ހިތުގެ ތެރޭގައި އޮއްބާލައިގެން ހުރީ ހަޤީޤަތް އެނގުމުން ކެތްނުކުރެވޭ ފަދަ ވޭނެއް ތަހައްމަލުކުރަން ޖެހިދާނެކަމުގެ ބިރަށްޓަކައެވެ. ނަމަވެސް މިހާރު އޭނަގެ ކަންފަތް އެވަނީ ހަޤީޤަތް އަޑުއަހަން ތައްޔާރުވެފައެވެ. އަޒްޔާން ދެންމެ އޭނަގެ ހިތުގައި މިޔައަޅުވާލި ޖުމްލަތަކަށް ވުރެން ހިތްދަތި ޖުމްލައެއް ދެން އަޑުއިވޭނެ ހެނެއް ހިޔެއް ނުވެއެވެ.

''އަޒްޔާން!... ތިހެން ކޮންމެ ފަހަރަކު އަހަންނަށް ފުރަގަސްދީފަ ދިޔަޔަސް އެނގެން އޮތްކަމެއް ވިއްޔާ އެނގޭނެ، މިފަހަރު އަޒްޔާން ޖެހޭނީ އަހަަރެންގެ ސުވާލުތަކަށް ޖަވާބު ދޭން!... ކީއްވެތަ ތިހާ ބޮޑު ބަަދަލެއް އައިސްގެން ތިއުޅެނީ؟، އަހަރެން މަތިން ފޫހިވީ ކީއްވެ؟... އަހަރެން އަޒްޔާންގެ ގާތަށް އައީ އަހަރެންގެ ހުރިހާ އެއްޗެއް ޤުރުބާންކޮށްފައި...... އަޒްޔާން، ހެޔޮނުވާނެ ތިހެން އަހަންނާ މެދު ކަންތައް ނުކުރޭ، އަހަރެންގެ ވެސް އޮންނަނީ ހިތެކޭ!، އެހިތުގައި ވޭން އަޅައޭ!، ކިތައް ރޭގެ ނިދި އަހަރެން އަޒްޔާންގެ އިންތިޒާރުގައި ނަގާލިން؟، ތިއަތުގެ އެންމެ ފިރުމުމަކަށް އަހަރެން ކެތްމަދުވެފައިވިކަމެއް ނޭގޭތަ؟، ލޯބިން އަހަންނާ ވާހަކަދައްކާނެ އިރަކަށް އަހަރެން ހާދަ އިންތިޒާރެއް ކުރަމޭ.......... އެކަމަކު އަޒްޔާން އަހަންނާ މެދު ކަންތައް ކުރަނީ ގެންގުޅޭ އަޅެއް ފަދައިން، އަހަރެންގެ ބޭނުންތައް އެންމެފަހުން ފުއްދައިދިނީ ކޮން ދުވަހަކު؟... އަހަރެން އަޒްޔާން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެނީ އުފަލާއެކު، އެކަމަކު އަޒްޔާން އެކަންތައް ބަލައެއް ނުގަނޭ... އަހަންނާ ދިމާއަށް ހިތުހުރި އެއްޗެއް ބުނެލާ އިރު އެންމެ ފަހަރަކު ވެސް ވިސްނާލިންތަ އަހަރެންގެ ހިތަށް ކުރާނެ އަސަރާ މެދު؟...''

ދުވެލާފައި ގޮސް އަޒްޔާންގެ ކުރިބައްދަމުން ބަތޫލް ވާހަކަދެއްކިއެވެ. އޭނަގެ އަޑުގައި ރިހުމެއް ވިއެވެ. އެދެލޮލުގައި ވި ޝަކުވާތަކާއި އުދާސްތައް ކަރުނައިގެ ސިފައި ބޭރުވަމުން ދިޔަ އެވެ. ހިތަށް ކޮށްފައިވި ފުން އަސަރުތައް މިލާފައިވާ އެމޫނުމަތިން ހެކި ދެއެވެ.

''ޖަވާބުދީބަލަ!، އަޒްޔާން އަހަަރެން މަތިން ފޫހިވީތަ؟... އަޒްޔާން އުފަލެއް ނުވޭތަ ކުއްޖަކު ލިބެން އުޅޭތީ... އަހަރެން ތިބަދަލުތަކުގެ ޖަވާބު ނަގަންވީ ކިހިނެއްތަ؟... ޒޭން... ޒޭން އިތުރު މީހަކާ ގުޅުމެއް ބާއްވަނީތަ؟... ޕްލީޒް ޖަވާބު ދީބަލަ، ޒޭން އަހަރެން ދެކެ ލޯބި ވޭތަ؟...'' ރޮމުންރޮމުން އަޒްޔާންގެ ގަމީހުގައި ހިފައި ދެއަތުގެ ތެރޭ ބޮޑިކުރަމުން ބަތޫލް ބުންޏެވެ. ގިސްލެވުމުގެ ސަބަބުން އޭނައަށް ވާހަކަދައްކަން ވަރަށް އުނދަގޫވިއެވެ.

ބަތޫލްގެ ރުއިމާއި ގިސްލުމުގެ އަޑުން އަޒްޔާންގެ ބޮލުގެ ރިހުން އިތުރަށް ގަދަވިއެވެ. އެކަމާ ހުރެ އޭނަ ރުޅިއާއި ބަތޫލް ދެކެއެވެ. ނުރުހުމާއެކު އޭނަ ބަތޫލްގެ އަތުގައި ހިފެހެއްޓީ އަތުގައި ހުރި ބާރެއް ލާފައެވެ. އެއާއެކު ބަތޫލްގެ ދުލުން ވޭނީ އާހެއްގެ އަޑު ނިކުތެވެ. އޭނަ އަޒްޔާންގެ މޫނަށް ބަލާލުމާއެކު ފެނުނު ރުޅިވެރިކަމުން މޭގެ ތެރޭގައި އޮތް ހިތުގެ ވިންދު ހިތާމައިގެ ސަބަބުން ހުއްޓިދާހާ ވިއެވެ. އަޒްޔާންގެ އެހިމޭންކަމުން ބަތޫލްގެ ސުވާލުތަކަށް ޖަވާބު ދިނެވެ. އޭނައަށް ވޭނާއި ހިތާމަ ލިބުނީ އެސަބާ ހުރެއެވެ. ދުނިޔެމަތިން އެންމެ ލޯބިވި ފަރާތް އޭނައާއި ވަކިވެއްޖެކަމުގެ ހިތި ހަޤީޤަތާއެކު ބަތޫލްގެ ހަށިގަނޑަށް ކުއްލި ހިމޭންކަމެއް ވެރިވިއެވެ. އޭނަގެ ރުއިން ހުއްޓި ކަރުނަތަކުގެ ދިގު ސިލްސިލާއަށް މަޑުޖެހުމެއް އައެވެ. އޭނައަށް ވޭނެއް އިހުސާސެއް ނުކުރެވެއެވެ. ނޭވާލުމަށް ވެސް ލަސްކަމެއް އައި ހިނދު އެމޫނުގެ ކުލަ ލަސްލަހުން ފަނޑުވެ ދިރުން ގެއްލެން ފެށިއެވެ.

''ބުނަން އަހަރެން އަތުން ފައިން ގޯހެއް ހަދަން ބޭނުން ނޫނިއްޔާ ތި ބޭކާރު ސުވާލުތައް ނުކުރޭ... ބޮޑު ނޮހޮރެއްޕާނެއްވަރު ވެއްޖެޔޭ، ކަލެއާއި ނީދެވުނުނަމައޭ މިހާރު ހިތަށް އެބައަރާ...'' ބަތޫލް ދުރަށް ކޮއްޕާލަމުން އަޒްޔާން ވާހަކަދެއްކީ މީގެ ކުރިން އޭނަ ބަތޫލްއާ މުހާތަބުނުކުރާ ލަފުޒުތަކަކުންނެވެ.

އަޒްޔާން ކޮއްޕާލުމުން ގޮސް ބަތޫލްގެ ބުރަކަށި ކައިރީގައި ހުރި ފާރުގައި ޖެހުނު އަޑުފަށްގަނޑު މާހައުލަށް ފެތުރުނެވެ. ތަދުގެ އިހުސާސްނުވާ ހާލު، ރޫހު ގެއްލިފައިވި މީހަކު ފަދައިން ބަތޫލް އަޒްޔާނަށް ބަލަން ހުއްޓެވެ.

ބަތޫލްއަށް ސަމާލުކަމެއް ދިނުމެއް ނެތި އަޒްޔާން ނިކުމެ އަތުގެ ކޮޅަށް މައިދޮރު ލައްޕާލި އަޑު ބަތޫލްގެ ކަންފަތާ ހަމައަށް ފޯރިއެވެ. އެއާއެކު ހިމޭންކަމެއްގެ ތެރޭގައިވި ބަތޫލްގެ ނަފުސު ހޭލައްވާލިއެވެ. ހަށިގަނޑުގެ ހިއްސުތައް މަސައްކަތް ކުރަން ފެށި ހިނދު އެންމެ ފުރަތަމަ ވެސް އޭނައަށް އިހުސާސް ކުރެވެނީ މޭގެ ތެރޭގައި އުފެދިފައިވި ތަދެވެ. އޭގެ ސަބަބުން ނޭވާގެ ހިނގުމަށް ވެސް ފުށުއަރާހާ ވިއެވެ. ދެލޮލުން އުދާސީ ކަރުނަތައް ފައިބާ ހާލު ބަތޫލްއަށް ބިންމައްޗަށް ތިރިވެވުނެވެ. ދެފައި ގެނެސް މެޔާއި ކައިރިކޮށްލަމުން ބަތޫލްއަށް ބާރަށް ގިސްލެވުނެވެ. އެއަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ކެކުޅުމެވެ. ވޭނެވެ. އެހިތާމައިގައި ބައިވެރިވާނެ ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ނުވިއެވެ. އޯގާތެރި ބަހެއް ބުނެލަދީ ހިތްވަރުދޭނެ މީހަކު ވެސް މެއެވެ. ދިރިއުޅުމުގެ މައިދާނުގައި މުޅިން އެކަނިވެރިވެއްޖެކަމުގެ އިހުސާސް ބަތޫލްއަށް ކުރެވުނީ ދެނެވެ. އޭނައަށް މި ދުނިޔެ ކެހިދީފިއެވެ. އުފާވެރިކަމުގެ ދާނެއްކަމުގައި އުއްމީދު ކުރެވުނު ކައިވެނި ވެގެން ދިޔައީ ކަށިކުނބުރީގެ ޖަންގައްޔަކަށެވެ. ސަލާމަތްވެވުމެއް ނެތެވެ. އޭނަގެ ހިތުގައި ވަނީ ލޭކޮށިފައެވެ.

''މަންމާ...'' އެކަނިވެރިކަމާއި ގިލަންވެރިކަން އައިސް ވަކިހިއްޕާލި ހިނދު ބަތޫލްގެ ދުލުން ބޭރުވީ ހަމަ އެންމެ ލަފުޒެކެވެ. ތުރުތުރުއަޅަމުން ދިޔަ ދެތުންފަތުގެ ތެރޭން އެލަފުޒު ދެތިން ފަހަރަކު ތަކުރާރު ވިއެވެ. ދެން ވީނުވީއެއް ބަތޫލްއަކަށް އިހުސާސެއް ނުކުރެވުނެވެ. އޭނަގެ މޫނުމައްޗަށް އަނދިރިވެ އާރާއިބާރުގެއްލުނު ހަށިގަނޑު ޓައިލްސްތަކުގެ މައްޗަށް ވެއްޓުނީއެވެ. މާހައުލުގައި ހިފާލާފައި އޮތް ރުއިމުގެ އަޑު ކެނޑި ބަތޫލްއެކޭ އެއްފަދައިން މުޅިތަނަށް ހިމަހިމޭންކަން ވެރިވެއްޖެއެވެ.

*****

''އަޒްޔާން!...''

ގޭގެ ބެލް އަޅާ އަޑަކަށް ބަދިގޭގައި އުޅުނު ޝީރީން ގޮސް ދޮރު ހުޅުވާލިއެވެ. އޭނައަށް ހައިރާންކަން ލިބުނީ ވާރޭގެ ސަބަބުން ހިސާބަކަށް ތެމިފައި ހުރި އަޒްޔާން ފެނިއެވެ. އެމޫނުން އޭނައަށް ކަމެއް ދޭހަކޮށްދޭން އުޅުނު ވަގުތު އުފެދުނު ސުވާލުތައް އޮއްބާލަމުން އެތެރެއަށް ވަނުމަށް އަޒްޔާނަށް އޭނަ ތަން ދައްކާލިއެވެ.

އަޒްޔާން ހަލުވި ހިނގުމެއްގައި ގޮސް ބޮޑުކޮޓަރީގައި ހުރި ސޯފާގައި އިށީނެވެ. ފަރުވާތެރިކަމާއެކު އަޒްޔާނަށް ބަލަމުން ޝީރީން މައިދޮރު ލައްޕާލިއެވެ. ކަމެއް ގޯސްވެއްޖެކަން ނަގައިގަންނަން އޭނައަށް ގިނަ އިރެއް ބޭނުމެއް ނުވިއެވެ.

''ހާދަ ހާސްވެފަ ހުރިހެން ހީވެޔޭ... ކިހިނެއް ވީތަ؟...'' ކުރިއަށް ހިނގައިގަންނަމުން ޝީރީން އެހިއެވެ. އަދި އަޒްޔާން އިން ސޯފާއާއި އަރާހަމަކޮށްލަމުން އަޒްޔާންގެ ކޮނޑުގައި ފިރުމާލިއެވެ. އިސްތިރިކޮށްގެން އިން އަޒްޔާން ޝީރީނަށް ބަލާލީ ދެނެވެ. ކުރިމަތިވެފައިވި ކަންތަކުގެ ޒާތުން އެކަންތައް ޝީރީނާއި ހިއްސާކުރުމަކީ ރަގަޅުކަމެއް ބާއޭ އަޒްޔާނަށް ހިތާ ސުވާލުކުރެވުނެވެ. ހަމަ އެދަނޑިވަޅުގައި ޖަވާބު ވެސް ލިބުނެވެ. އެއީ ގިނަ ދުވަސްތަކަކަށް ފޮރުވިފައި އޮންނާނެކަމެއް ނޫނެނެވެ. މަސްތަކެއް ނުވެ ބަތޫލްގެ ބަނޑުން އެކަން އިޢުލާނުކުރާނެއެވެ.

ފުންނޭވާއެއް ދޫކޮށްލަމުން އަޒްޔާން ކިޔައިދިނެވެ. އަޑުއަހަން ހުރި ޝީރީންގެ މޫނުމަތިން އަޒްޔާނާ ޚިލާފަށް ފެނިގެން ދިޔައީ ހިނިތުންވުމެކެވެ. އޭނަ އަވަސްއަވަހަށް ސޯފާގައި އިށީނެވެ.

''ތިވީ މާ ރަގަޅަށް...'' ޝީރީން ބުނެލިއެވެ. އޭނަގެ ޚިޔާލުގައި އޭރު ވަނީ މުޅިން އެހެން ރޭވުމެއްގެ އަސްލު ކުރެހިފައެވެ. ހިތްހަމަނުޖެހުމުގެ ބަދަލުގައި އޭނަގެ މޫނުން އުފާވެރިކަން ފެންނަ ސަބަބަކީ އެއީ އެވެ.

''ދަރި ވިހެއީމަ އަތުލާފަ ވަރިކޮށްލާނީ، އޭރަށް ރަގަޅު ފިލާވަޅެއް ލިބިފަ އޮންނާނީ...'' ޝީރީން ބުނެލި ޖުމްލައިން އަޒްޔާނަށް ލިބުނީ ހައިރާން ކަމެކެވެ. އޭނައަށް ޝީރީން ބުނަން އުޅުނު ވާހަކަ ރަގަޅަށް ފަހުމު ނުކުރެވުނީއެވެ.

''މީ ފުރުސަތުގެ ބޭނުން ހިފަންވީ ވަގުތު، ބަތޫލް ހުންނާނީ ނާޒުކު ހާލަތެއްގައި، އޭނަ މިހާރު ވެސް އެހުރީ ނަފުސާނީ ގޮތުން ބަލިކަށިވެފައި، އިތުރަށް އޭނަގެ ހާލަތު ގޯސްކުރެވި ބުއްދިއަށް އަސަރުކުރާވަރު ކުރެވިދާނެ، އޭރަށް ވިހެއީމަ ދަރިފުޅު ވެސް އަތުލެވޭނެ، އެއަށްފަހު އޭނަ ވަރިކޮށްފަ އޭނަގެ މައިންބަފައިން ގާތަށް ފޮނުވާލާނީ، އޭރަށް އޭނަގެ ހާލުފެނި ކޮންމެވެސް އެއްޗެއް އެމީހުނަށް ވިސްނި އަޒްޔާން ގާތަށް އާދޭސްކުރަން އަންނާނެ...'' ޝީރީން އޭނަގެ ސިކުނޑީގައި ކުރެހުނު ތަސްވީރަށް ހަޤީޤީކުލަ ގެނެވެނޭ ގޮތްތައް ބުނެދިނެވެ. އަޒްޔާން އެކަމަށް ތާއީދުކޮށް އެއްޗެކޭ ނުބުނުމުން ޝީރީނަށް އޭގެ މާނަ ނެގުނީ އެހެން ގޮތެއްގަ އެވެ.

''ބަލަ އަޒްޔާންގެ މަންމަ އުޅުނު ހާލާ މެދު ވިސްނާލަބަލަ، އެއަށްވުރެ ނިކަމެތި ހާލުގަ ބިރުވެރިކަންމަތީ އުޅުނީ... އެއާއި އަޅާބަލާއިރު އެއީ އެއްވެސް އެއްޗެއް ނޫން...'' ޝީރީން ބަސްތައް އަތުރާލީ އަޒްޔާންގެ ޖަޒުބާތުތަކާ ކުޅެލެވޭ ފަދައިންނެވެ.

*****

އަޒްޔާން ގެއަށް އައީ ދަންކޮށްލާފަ އެވެ. އޭނަ އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު ސިހުން ލިބުނެވެ. ރުޅިވެރިކަމާއި ހަރުކަށިކަން ސިކުންތުކޮޅަކަށް ވިޔަސް ފިލައިގެން ދިޔަ އެވެ. ބިންމައްޗަށް ދެމިފައި އޮތް ބަތޫލް ފެނި އޭނައަށް ކުރިއަށް ޖެހިލެވުނީ އަވަސްވެފަވި ހިތަކާއެކީގަ އެވެ. އޭނަ އޭރު ހުރީ ބަތޫލްއަށް ކަމެއް ވީކަމާ ހިތާއި ނުތަނަވަސްވެފައެވެ. އަވަސްއަވަހަށް ބަތޫލްގެ ގާތަށް ތިރިވަމުން އަޒްޔާން ދެތިން ފަހަރަކު ގޮވާލިއެވެ. ނަމަވެސް ބަތޫލްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ހާސްކަން ލިބުނު ހިނދު އޭނަ ބަތޫލް އަތްދަނޑިމައްޗަށް އުފުއްލާލަމުން ގެންގޮސް ސޯފާގައި ބޭއްވިއެވެ. އަދި ބަދިގެއަށް ގޮސްފައި އައީ ފެން ތައްޓެއް ހިފައިގެންނެވެ.

ތަށިން އަތްގޮށްޓެއްގެ ފެންނަގަމުން ބަތޫލްގެ މޫނުގައި އަޒްޔާން ހާކާލިއެވެ. ދެފަހަރެއްގެ މަތިން އެދަފައިން ކަންތައް ކުރި ތަނާ ވަރުބަލިކަން އެކުލެވިފައިވި އެސްފިޔަތަށް ތަޅުވާލަމުން ބަތޫލް ލޯހުޅުވަން މަސައްކަތްކުރިއެވެ. އެއާއެކު ބޮލަށް އަރާފައިވާ ތަދާއެކު އޭނައަށް ހާހެއްގެ އަޑު ބޭރުކޮށްލެވުނެވެ. އަޒްޔާނަށް ބަތޫލްއާއި އިތުރަށް ގާތްވެވުނީ ދެނެވެ.

ބަތޫލްއަށް ފުރަތަމަކޮޅު މަންޒަރުތައް ފެނުނީ ފުސްކޮށެވެ. އެހެނަސް ވަގުތާއެކު އޭނަގެ ފެނުމުގެ ބާރު ގަދަވެ ކައިރީގައި ހުރި އަޒްޔާން ފެންނަން ފެށިއެވެ. އަޒްޔާނާއި ހަތަރުކަޅި ހަމަކުރެވުމުން އެދެލޮލުން ބަތޫލްއަށް ފާހަގަ ކުރެވުނު ކަންބޮޑުވުމުގެ އަސަރަތުރައް ފަޅި ސިކުންތުކޮޅެއްގެތެރޭގައި ގެއްލިއްޖެއެވެ.

އަޒްޔާން ބަތޫލްއާއި ދުރަށް ޖެހިލަމުން ހިނގައިގަތީ އަތުގައި އޮތް ފެންތަށި ބަދިގޭގައި ބެހެއްޓުމަށެވެ.

ހިތްވަރުކުރަން ބޭނުންވިކަމުގައި ވިޔަސް ހަޤީޤަތް އައިސް ކުރިމަތިން ފާޅުވުމުން ބަތޫލްގެެ ލޮލަށް އަނެއްކާ ވެސް ކަރުނަތައް ޖަވާ ވެއްޖެއެވެ. ވިސްނަން ބޭނުން ނުވިކަމުގައި ވިޔަސް އޭނަގެ ސިކުނޑީގައި ކުރެހިފައިވީ އެންމެ ތަސްވީރެކެވެ. އަޒްޔާން އެހެން އަންހެނަކާއެކު ވަގުތު ހޭދަކުރާ މަންޒަރުތައް ހިތުގައި ފަސޭހަވުމެއް ނެތް ޒަހަމްތަކެއް އުފައްދާލިއެވެ. ތުންފަތްޖައްސާ ބަތޫލްއަށް ބޯރުކޮށްލެވުނު އިރު މޭގެ ތެރޭގައި ބޮޑިވެފައިވި ހިތާމަތައް ބޭރުވާން ގަދަހަދަމުން ދިޔަ އެވެ. އެންމެފަހުން ހަނގުރާމައިގެ މައިދާނުގައި ބަތޫލްއަށް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާއެވެ. ތުރުތުރުއަޅަމުން އައި އޭނަގެ ތުންފަތް ފޫއަޅުވާލި ރުއިމުގެ އަޑު މުޅި ތަނަށް ފެތުރިއްޖެއެވެ.

އައިސްއަލަމާރިން ނެގި ފެންފުޅިން ކޯވަރުތައް ބޮމުން ދިޔަ އަޒްޔާނަށް ހުއްޓުމެއް ގެނުވީ ކަންފަތުގެ ތޫރީގެ ތެރެއަށް ފެތުރުނު ހިތްދަތިކަމާއި ކެކުޅުމުގެ ރުއިމުގެ އަޑުންނެވެ. ފަސްއެނބުރި ބަލާލެވުމާއެކު އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ސޯފާގައި އޮތް ބަތޫލް އަށެވެ. ރުއިމާއެކު އެހަށިގަނޑުގައި ތުރުތުރުލުމެއް އުފެދިފައި ވިއެވެ. އެގިސްލުންތަކުން އެހިތުގައި އަޅަމުން އައި ވޭންތައް އިތުރު މީހަކަށް ބަޔާންކޮށްދޭން އުޅޭ ފަދަ އެވެ. ހިލަވެފައިވި އަޒްޔާންގެ ހިތަށް އަސަރުކުރިއެވެ. އޭރު ބަތޫލް އޭނަ ގާތު ބުނި ވާހަކަތައް ވެސް ސިކުނޑީގައި ތަކުރާރުވާން ފެށިއެވެ.

އަތުގައި އޮތް ފެންފުޅި ކާމޭޒުމަތީ ބަހައްޓަމުން އަޒްޔާނަށް ހިނގައިގަނެވުނީ ބަތޫލްގެ ގާތަށް ދިއުމަށެވެ. ބަތޫލްގެ ހިތާމަތައް އޭނަ ކުރިއަށް ގެންދާ ކަހަލައެވެ. އަޒްޔާން ގޮސް ސޯފާކައިރިއަށް ތިރިވެލީ ކުޑަކަކޫމައްޗަށެވެ. އަޒްޔާން ފެނުމުން ބަތޫލް މޫނު އަނބުރާލަމުން ކަރުނަތައް ފޮހެން އުޅުނު ތަނާ ބަތޫލްގެ އަތްދަނޑިން ރަތްވެ ޗާޓުއަޅާފައި ހުރި އިނގިލިތަކުގެ ނިޝާން އަޒްޔާނަށް ފާހަގަ ކުރެވުނެވެ. ކުރެވުނު ކަންތައް އޭނައަށް ރޭކާލީ އެވެ. އޭނަ އެއަތުގައި ހިފަން އުޅުނީ ފަރުވާއެއް ބޭނުންވޭތޯ ބަލަންށެވެ. ނަމަވެސް ބަތޫލް ގަދަހަދަމުން އަޒްޔާންގެ އަތް ނައްޓުވަން މަސައްކަތްކުރި އެވެ. އެއާއެކު އަޒްޔާން ހިތްހަމަނުޖެހުނެވެ. އޭނަ ހަރުކަށިކަން ދައްކާލިއެވެ.

''އަޒްޔާން ދޭ، އަހަރެން މިހާރު ތި އޯގާތެރިކަމެއް ބޭނުމެއް ނޫން، ބޭނުންހާ އަނިޔާއެއް ދީފަ އައިސް ކުލުނުދައްކާ އަހަންނަށް އައު އުއްމީދުތަކެއް ދޭން ނޫޅޭ... އަހަރެންގެ ހިތުގައި ނެތް އިތުރަށް ތި ދޭ ސަޒާތަކަށް ކެތްކުރާނެހާ ހިއްވަރެއް!، އެކަމަކު ވެސް އަޒްޔާން އުފާތައް ވަނީ އެހެން ފަރާތަކާއި އެކުގައިކަމަށް ވަނީނަމަ އަހަރެން މިހުރީ އަޒްޔާން ދެއަންބަށް އިންނަން ވެސް ފުރުސަތުދޭން... އެކަމަކު އަހަރެންގެ އެންމެ ޝަރުތެއްވޭ... އަހަރެން އިތުރަށް ބިކަކޮށްނުލާތި، ތިހަޔާތުން އަހަންނަށް ދީފައިވާ ޖާގަ ކުޑަކަމުގައި ވިޔަސް އަހަރެން ބާކީކޮށްނުލާތި، އަޒްޔާން ނޫން އިތުރު މީހަކު ނެތް އަހަންނަށް އަޅާލާނެ، އަހަރެން އަޒްޔާން ތިދޭ އަނިޔާތަކަށް ކެތްކޮށްފާނަން، އެކަމަކު އަޒްޔާންގެ އަންބެއްގެ މަޤާމުގައި ހުރުމުގެ ފުރުސަތު އަހަންނަށް ދީ...''

ދުލަށް ގެންނަން ކިތަންމެ އުނދަގޫ ޖުމްލައެއްކަމުގައި ވިޔަސް ބަތޫލް ހިތްވަރުކުރިއެވެ. ތިމާގެ ފިރިމީހާ އިތުރު މީހަކާއެކު ހިއްސާކުރަން އެދޭނީ ފަހެ ކާކު ހެއްޔެވެ؟ ތިމާގެ ފިރިމީހާގެ އުފާތައް ވަނީ އެހެން ފަރާތަކާއެކުގައި ކަން ދެކެން ވެސް މެއެވެ. ހިތުގައި ވޭން އެޅިކަމުގައި ވިޔަސް ބަތޫލް ހުރީ އެކަމަށް ވެސް ތައްޔާރަށެވެ. އޭނަ އަޒްޔާންދެކެ ވާ ލޯތްބަށް ޓަކައެވެ. އޭނަގެ ސަބަބުން އަޒްޔާންގެ އުފާތަކަށް ހުރަސް އެޅެން ބޭނުން ނުވާތީއެވެ.

ބަތޫލްއަށް ބަލަން ހުރި އަޒްޔާން ކުއްލިޔަކަށް ކޮޅަށް ތެދުވުނެވެ. އަދި ދުރަށް ހިނގައިގަތީ ބަތޫލްގެ ކުށްހީ ފިލުވުމެއް ނެތިއެވެ. އަޒްޔާނަށް އެފަދައިން ކަންތައް ކުރަން މަޖުބޫރުވީ އޭނަގެ ހިތް ބަދަލުވެދާނެތީއެވެ. ބަތޫލްއަށް ޓަކައި ހިތުގައިވި އިހުސާސްތަކަށް ދިރުމާއި އާރޯކަން ލިބޭކަށް އޭނަ ބޭނުމެއް ނޫނެވެ. އެހެން ކަންތައް ވެއްޖެނަމަ އޭނަ ހާސިލުކުރަން އަމާޒުހިފާފައިވާ ލަނޑުދަތިކަމާ ހަމައަށް ވާސިލްނުވެވެނީސް ޖެހޭނީ ނާކާމިޔާބީއާއި ކުރިމަތިލާށެވެ.

*****

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެވެ. ރޭއްސުރެން އެއްޗެއް ނުކައި ހުންނާތީ ބަތޫލްގެ ބޮލަށް އެނބުރުން އަރާފައި ވިއެވެ. ކާއެއްޗެއް ތައްޔާރުކުރާނެ ހަކަތައެއް ނެތުމުން ބަތޫލް ބަދިގެއަށް ވަދެ ފަރުޖައްސާލީ ޖޫސްތަށްޓަކުންނެވެ. އެކަނިމާއެކަނި ކާމޭޒު ދޮށުގައި އިންދާ އަޒްޔާން ބަދިގެއަށް ވަންތަން ފެނުނެވެ. ބަތޫލް އިސްތިރިކޮށްލަމުން ލަސްލަހުން އޭނަގެ އަތުގައި އޮތް ޖޫސްތަށިން ކޯވަރުތައް ބޮމުން ދިޔަ އެވެ. އޭނަ އުއްމީދު ކުރީ އަޒްޔާން ވާހަކަދައްކާ އޭނަގެ ހާލު އޮޅުންފިލުވާނެކަމަށެވެ. ސައިބޮއެފިތޯ އަހާނެ ކަމަށެވެ. ނަމަވެސް އާދައިގެ މަތިން ބަތޫލްއަށް ލިބުނީ މާޔޫސް ކަމެވެ. އަޒްޔާން ކޮފީތަށްޓެއް ގިރައިގެން ދިޔައީ ބެލްކަނިއަށެވެ.

އަޒްޔާން އެތައް އިރެއްކޮށްފައި އައިއިރު ވެސް ބަތޫލް ތަނެއް ހިރުވާވެސް ނުލާ ގޮނޑީގައި އިނެވެ. ބަތޫލްއަށް ބަލާލަމުން އޭނަ ގޮސް ކޮފީތަށި ސިންކުގެ ތެރެއަށް ލިއެވެ. ދެޚިޔާލެއްގެ މަތީ ހުރެ އޭނަ ވާހަކަދައްކަން ފެށިއެވެ. ބަތޫލް ނުކައި ހުރެ ކަމެއް ދިމާވެއްޖެނަމަ އެކަމުގެ ޒިންމާ އެޅޭނީ އޭނަގެ ބޮލުގައި ކަމަށްވީތީ އެވެ. ޖާހިލުކަން ދައްކައިގެން ހުންނާކަށް އަޒްޔާނަށް ނުކެރުނެވެ.

''އެއްޗެއް ކައިފިންތަ؟...'' އަޒްޔާންގެ އަޑަށް ބަތޫލް ދިޔައީ ސިއްސައިގެންނެވެ.

ހައިކަމުގެ އިހުސާސާއެކު ގޮހޮރުން އަޑުތައް ލައްވަމުން ދާތީ ބަތޫލް ހުރީ އެއްޗެއްކާން ނުހަނު ބޭނުން ވެފައެވެ. އޭނަގެ ފަރުވާކުޑަކަމުގެ ސަބަބުން ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުމެއްވުމުގެ ފުރުސަތުދެވެން ނެތީމައެވެ. އަޒްޔާން އޭނަ ބަލިވެއިނުމާމެދު ހިތްހަމަނުޖެހުނުކަމުގައި ވިޔަސް އޭނަ އެދަރިފުޅު ބޭނުމެވެ. އޭރުން އޭނަގެ އެކަނިވެރިކަމާއި ހިތްދަތިކަމުގެ ހަޔާތުގައި ކުރިއަށް ދިއުމުގެ އުއްމީދެއް ވާނެއެވެ.

(ނުނިމޭ)

comment ކޮމެންޓް