މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި މިއަދު ކުޅުނު ދެ ވަނަ މެޗް ދަރުމަވަންތަ ސުކޫލް ކާމިޔާބުކޮށް، އަރަބިއްޔާ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި އެވެ. ދަރުމަވަންތައިން ވަނީ އަރަބިއްޔާ ކޮޅަށް ހަ ލަނޑު ޖަހައިފަ އެވެ. އަރަބިއްޔާއަކަށް ލަނޑެއް ނުޖެހެ އެވެ.
މާފަންނު ޓާފް ދަނޑުގައި މިއަދު ހެނދުނު ކުޅުނު މެޗްގެ ފުރަތަމަ ހާފު ނިމުގެ ކުރިން ދަރުމަވަންތަ ސުކޫލުން ދެ ގޯލް ޖެހި އެވެ. އަނެއް ހަތަރު ގޯލް އައީ ފަހު ހާފުގަ އެވެ. މެޗްގައި ދަރުމަވަންތައިގެ ރީހާން ވަނީ ހެޓް ރިކްހަދާފަ އެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ހިމެނޭ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލުމަށް ފަހު ކުޅޭ ގުރޫޕް ސްޓޭޖުން ސެމީ ފައިނަލަށް ދާނީ ދެ ގުރޫޕުގެ އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތަކެވެ.
މި އަހަރުގެ މުބާރާތުގެ ގުރޫޕްތަކަށް ނަން ދީފައިވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިން ކަމަށްވާ މުހައްމަދު އުމެއިރާއި އަކުރަމް އަބްދުލް ޣަނީ އާއި އައްސަދު އަބްދުލް ޣަނީ އަދި އިމްރާން މުހައްމަދުގެ ނަމުންނެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ވާދަކުރާ ދަރުމަވަންތަ ސުކޫލް ހިމެނެނީ، އައްސަދު ގްރޫޕް ގައެވެ. އެގޮތުން މިބައިގައި ދެން ހިމެނޭ ޓީމް ތަކަކީ އަރަބިއްޔާ ސްކޫލާއި ކަލާފާނު ސްކޫލް އަދި ގަލޮޅު މަދަރުސާ އެވެ. އަދި މިއުމުރު ފުރާގެ އިމްރާނުގެ ގުރޫޕުގައި ހިމެނެނީ މެޗަކުން ބަލިނުވެ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ވިލިމާލޭ މުހުޔިއްދީނާއި އަހުމަދިއްޔާ އާއި އިމާދުއްދީން ސްކޫލް އަދި މަޖީދިއްޔާ ސްކޫލެވެ.
މިއުމުރުފުރާގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރު ދުވަހުގެ ހެނދުނު 8:00 ޖަހާއިރު މާފަންނު ޓާފް ދަނޑުގައެވެ. މިމެޗްގައި ބައްދަލުކުރާ ދެޓީމަކީ އިމްރާން ގްރޫޕްގެ އިމާދުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލެވެ.