ފަޚުރުވެރި ދިވެހިންގެ ބޭންކް

ދިވެހި ކޮންމެ އާއިލާއެއްގެ ބައިވެރިވުމާ އެކު ރާއްޖެ ފަޚުރުވެރިވާފަދަ މާލީ ކާމިޔާބުތަކެއް ބީއެމްއެލް އިން ދަނީ ހޯދަމުން.

އަޅުގަނޑުމެން ދިވެހިންނަކީ ފަށާ ކޮންމެ ދަތުރެއްގައި ވެސް ކަނޑައަޅާފައިވާ މިސްރާބަށް ވާސިލްވުމަށް ޓަކައިގަދައަޅާ މަސައްކަތްކުރާ ބަޔެކީމެވެ. މީގެ 34 އަހަރު ކުރިންދިވެހި ރާއްޖޭގައި ގައުމީ ބޭންކެއް އުފައްދާ ޒިންމާދާރު މަސައްކަތްތަކެއް ފެށުނީ ބޭންކިންގް ޚިދުމަތް މުޅި ގައުމަށް ފުޅާކޮށް ރައްޔިތުންނަށް އެންމެ ފަސޭހައިން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އަޒުމުގަ އެވެ. އެ ކުރި މަސައްކަތުގެ ފޮނިމީރުކަން ދިވެހިންނަށް އެތައް ގޮތަކުން ދަނީ ލިބެމުންނެވެ.

ގައުމީ ބޭންކްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ހާސިލްކޮށްފައިވާ އެންމެ މުހިންމު އެއްލަނޑުދަނޑިއަކީ ހުރިހާ ދިވެހިންނަށް ޚިދުމަތް ލިބިގަނެވޭނެ ހިސާބަށް ބޭންކިންގް ޚިދުމަތް ވާސިލްކޮށްދިނުމެވެ. މިގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭންކްގެ ގޮފިތައް ވަނީ ގާއިމުކޮށްފަ އެވެ. އަދި މިއާ އެކު ކޭޝް އޭޖެންޓުން މެދުވެރިކޮށް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވުމަކީ ދިވެހިންނަށް މިއަދު ލިބިފައިވާ އެންމެ ބޮޑު އެއްފަސޭހަ އެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން ގާއިމްކޮށްފައިވާ ޕޮއިންޓް އޮފް ސޭލްސްގެ އެންމެ ބޮޑު ވިޔުގައިގެ ސަބަބުން ފަސޭހަކަމާ ރައްކާތެރިކަމާ އެކު ވިޔަފާރީގެ މުއާމަލާތްތައްކުރެވޭނެ އިންތިޒާމު ހުރިހާ ދިވެހިންނަށް މިވަނީ ފަހިވެފަ އެވެ.

ކުރިއަރާފައި މިވާ ދުނިޔޭގައި އިންސާނުން ހޯދަމުންދާ ކާމިޔާބީއާ ތަރައްގީގެ ފަސޭހަތައް ދިވެހިންނަށް ވެސް ތަޖުރިބާ ކުރަން ލިބުމަކީ އަޅުގަނޑުމެން ކުރަމުންދާ ފޮނި އުންމީދުތަކެކެވެ. މިފަދަ ޒަމާނީ ޚިދުމަތްތައް ދިވެހިންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަބަދު ވެސް އިސްނަގާކަން އެއީ ފާހަގަކުރަން ޖެހޭ ކަމެކެވެ. މިގޮތުން ރާއްޖެއަށް އެންމެ ފުރަތަމަ އޮންލައިން ބޭންކިންގެ ޚިދުމަތް ތަޢާރަފްކޮށް ރައްކާތެރި ބޭންކިންގެ ޚިދުމަތްތައް ތިމާހުރި ކޮންމެ ތަނަކުން ކޮންމެ ވަގުތެއްގައި ވެސް ހޯދޭނެ ފަދަ އިންތިޒާމުތައް ރާއްޖޭގައި މިހާރުވަނީ ގާއިމްކޮށްފަ އެވެ. އަދި މޯބައިލް ފޯނު މެދުވެރިކޮށް ބޭންކިން ޚިދުމަތްތައް ހޯދޭނެ ގިނަ ގޮތްތަކެއް މިހާރު ވަނީ ތަޢާރަފް ކުރެވިފަ އެވެ. އޭގެތެރޭގައި ރާއްޖޭގެ ފުރަތަމަ ފަހަރަށް ސްމާޓްފޯން ބޭންކިން އެޕްލިކޭޝަންއެއް ތައާރަފްކުރުމާއި އަދި މޯބައިލް ފޯނު މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކަށް ފައިސާ ދެއްކޭނެ ޚިދުމަތް ރާއްޖޭގައި ތަޢާރަފްކުރުމަކީ، ދުނިޔޭގެ ފެންވަރުގެ އެންމެ ޒަމާނީ ތަރައްގީ އަށް ދިވެހިންގެ ލޯ ހުޅުވާލެވުނު ފިޔަވަޅެއްކަން ޔަގީނެވެ. މީގެ އިތުރުން، ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރތައް ގާއިމްކުރުމުގެ ސަބަބުން ބޭންކަށް ޒިޔާރަތްކޮށްގެން ހޯދަން ޖެހޭ އެތައް ޚިދުމަތެއް މިހާރު މިވަނީ، ތިމާޔަށް ފަސޭހަ ކޮންމެ ގަޑިއެއްގައި ވެސް ކުރެވިދާނެ ކަންތައްތަކަށް ބަދަލުވެފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގައި ތަރައްގީވަމުން އަންނަ މާލީ ދާއިރާގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްލައި، މާލީ ގޮތުން ދިވެހިންނަށް މަންފާވާނެ ފަދަ ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ޚާއްސަ ސަމާލުކަމެއް ދީފަ އެވެ. މިގޮތުން ގެދޮރު އެޅުމަށް، ކިޔެވުމަށް، ބޭސްފަރުވާއަށް، އަދި ވިޔަފާރިތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްލަން ޖެހެ އެވެ. މީގެ އިތުރުން މާލީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސްއިން ފޯރުކޮށްދޭކަން ވެސް އެއީ ފާހަގަކޮށްލަން ޖެހޭކަމެކެވެ.

ދޮށީ އުމުރުގެ ބޭފުޅުންނަށް ދެވޭ ޕެންޝަން ފައިސާ ލަސްނުކޮށް ފަސޭހަކަމާ އެކު އެބޭފުޅުންނަށް ރައްދުކޮށްދިނުމަކީ ބޭންކްގެ މުވައްޒަފުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތެވެ.

ދިވެހި މުޖުތަމަޢުގެ މުހިންމު އިޖުތިމާއީ ބައިވެރިއެއްގެ ހައިސިއްޔަތުން، އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާގެ ބޭނުންތައް ފާހަގަކޮށް، އެންމެންނަށް ބައިވެރިވެވޭނެ ރައްކާތެރި މާހައުލެއް ރާއްޖޭގައި ގާއިމްކުރުމަށް ތަފާތު އެކި ދާއިރާތަކުން އެކިއެކި ބައިވެރިންނާ އެކު ގިނަ އިޖްތިމާއީ މަސައްކަތްތަކެއް ބޭންކުން ދަނީ ކުރަމުންނެވެ.

މުޖުތަމައަށް ފައިދާ ހުރި އެތައް ކާމިޔާބުތަކެއް ދިވެހިންނަށް ހޯދައިދީ، އަޅުގަނޑުމެން އެންމެންނަށް ބަރޯސާވެވޭނެ ފަދަ ޒިންމާދާރު ފަރާތެއްކަން ބޭންކުން މިއަދު މިވަނީ ކަށަވަރުކޮށްދީފަ އެވެ. މިކާމިޔާބީތަކާ އެކު ދިވެހި ކޮންމެ އާއިލާއެއްގެ ކޮންމެ މެމްބަރަކު ވެސް ގަބޫލުކުރަނީ ބޭންކް އޮފް މޯލްޑިވްސްއަކީ އަހަރެންގެ ބޭންކްގެ ގޮތުގަ އެވެ. ފަޚުރުވެރި ދިވެހިންގެ ބޭންކުގެ ގޮތުގަ އެވެ.

comment ކޮމެންޓް