ކުރީގެ ރައީސް މައުމޫން ޑާކާ އަށް ފުރާވަޑައިގެންފި

ބަންގްލަދޭޝްގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޗިޓަގޮންގް (ޔޫ.އެސް.ޓީ.ސީ)ގެ 2011 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފުރާވަޑައިގެންފި އެވެ.

ޑާކާގެ ބަންގަބަންދު އިންޓަރނޭޝަނަލް ކޮންފަރެންސް ސެންޓަރުގައި މިމަހުގެ 29 ވަނަ ދުވަހު ބާއްވާ ބަންގްލަދޭޝްގެ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޗިޓަގޮންގް (ޔޫ.އެސް.ޓީ.ސީ) ގެ 2011 ވަނަ އަހަރުގެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވުމަށް ރައީސް މައުމޫން ކުރައްވާ އެދަތުރުފުޅަކީ، އެ ޔުނިވާސިޓީގެ ދައުވަތަކަށް އަދި އެފަރާތުން ހުރިހާ ހަރަދެއް ހަމަޖައްސާގޮތަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ރައީސް ހިޒް އެކްސެލެންސީ ޒިއްލުއް ރަހްމާން، ރައީސް މައުމޫން އަރިހުގައި މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މައުމޫން ޑާކާގައި ހޭދަކުރައްވާ ދުވަސްތަކުގައި، ރައީސް ޒިއްލުއް ރަހްމާންގެ އިތުރުން، އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ޑާކާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި މައުމޫން ފައުންޑޭޝަނާއި ގުޅުން ބަދަހިކުރުމަށްޓަކައި ބަންގްލަދޭޝްގައި ހިލޭސާބަހަށް މަސައްކަތްކުރާ ބައެއް ޖަމްއިއްޔާތަކާއި ފައުންޑޭޝަންތަކާ ބައްދަލުކުރާނެ ކަމަށް ވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެ އެވެ.

ރައީސް މައުމޫނަށް މި ރަސްމިއްޔާތަށް ދައުވަތު އެރުވުމަށް، ޔޫ.އެސް،ޓީ،ސީ. ގެ ފަރާތުން ހުސްވި މަހު، ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުގައި އިސްކޮށް ހުންނެވީ އެ ޔުނިވަރސިޓީގެ ފައުންޑަރ ވައިސް ޗާންސެލަރ ނޭޝަނަލް ޕްރޮފެސަރ ޑރ.ނޫރުލް އިސްމާއިލް އެވެ.

މި ދަތުރުފުޅުގައި ރައީސް މައުމޫންގެ އަރިހުގައި، މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއަރމަން ފާރިސް މައުމޫނާއި، ހިންގާ ކޮމެޓީގެ ބައެއް މެންބަރުންނާއި ސެކްރެޓޭރިއެޓް އޮފް ދަ ފޯމަރ ޕްރެޒިޑެންޓްގެ އެސިސްޓަންޓް ޕްރިންސިޕަލް ސެކްރެޓަރީ އިސްމާއިލް ފާއިޒް އާއި ސެކްރެޓޭރިއެޓްގެ ބައެއް މުވައްޒިފުން ބައިވެރިވެވަޑައިގެންނަވަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު