އަޒްޔާންގެ ފަރުވާކުޑަކަމުން އޭނަގެ ހިތަށް އަސަރުކޮށް މާޔޫސްކަން ވެރިވިއެވެ. އެދެމެދުގައި ވި ލޯތްބަށް ކުއްލިއަކަށް އެއައި އުނިކަން އޭނައަށް ވިސްނައިނުގަނެވުނެވެ. އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ހުރެވޭ ފަދައެވެ. އަޒްޔާންގެ މިޒާޖަށް ކުއްލި ބަދަލުތަކެއް އައީ ކީއްވެގެން ހެއްޔެވެ؟ އަޒްޔާން އޭނައަށް ވެފައިވި ވަޢުދާއި އަހުދުތަކާ ހިލާފުވީ ކީއްވެގެން ހެއްޔެވެ؟ އަޒްޔާންގެ އަމަލުތަކުން އޭނަގެ ހިތަށް އަސަރުކުރާކަން ނޭގެނީ ހެއްޔެވެ؟ އަމިއްލަ ހިތާއި ބަތޫލްއަށް ޝަކުވާކުރެވުނު އަދަދެއް ނޭގެއެވެ. އޭނަ އިންތިޒާރުކުރަމުން އައީ އަޒްޔާން ނިކުންނާނެ އިރަކަށެވެ. އޭރުން އެދެމެދުގައި އުފެދެމުން އައި ނުތަނަވަސްކަމުގެ ހަޤީޤީ ސަބަބު ހޯދައިގަނެވި އެކަމަށް ނިމުމެއް އަތުވެދާނެތީއެވެ. އަޒްޔާން އޭނަ ދެކެ ނުރުހިފައިވާތަން ދެކެން އޭނަގެ ހިތާއި ޖިސްމަށް ކެތެއް ނުވާނެއެވެ.

އެއްފައި މައްޗަށް އަނެއްފައި ލައިގެން ތަޅުވާލަތަޅުވާލަ އިން ބަތޫލް ދިޔައީ ގަޑި ނުގަމުންނެވެ. ކެތްތެރިކަން ކުޑަވެފައިވާ މިންވަރު އޭނަގެ އަތާއި ފައިން ހާމަކޮށްދެއެވެ. އެހެން އިދެފައި އޭނަ ކޮޅަށް ތެދުވުނީ އަޒްޔާން ލަސްކަމުން ޚަބަރު ބަލާށެވެ. މީގެ ކުރިން އަޒްޔާން އަކީ ފާޚަނާގައި އެހާ ތަތް މީހެއް ނޫނެވެ. ނަމަވެސް މިހާރު ފެންނަމުން އެދަނީ މުޅިން ތަފާތު އަޒްޔާނެކެވެ. އަޒްޔާންގެ އެބަދަލު ބަތޫލްއަށް ނެގައިގަނެވުނީ މުޅިން އެހެން މާނައެއްގައެވެ. އަޒްޔާން އޭނަ ދެކެ ހިތްހަމަނުޖެހިފައިވާތީ އޭނަގެ ސޫރަ ވެސް ދެކެން ބޭނުންނުވަނީ ކަމުގަ އެވެ.

''ޒޭން...'' ބަތޫލް ފާޚަނާގެ ދޮރުގައި ކަޓި ޖަހާލިއެވެ. ފެންމާގަނޑުން ފެން އޮހެމުންދާ އަޑު ނޫން އިތުރު އަޑެއް އޭނައަކަށް ނީވުނެވެ.

ބައި ގަޑިއެއްހާ އިރު ފަހުން އަޒްޔާން ނިކުތް އިރު ބަތޫލް ހުރީ ކޮޓަރި ތެރޭ ކުރިކާލި ކަނޑާލަކަނޑާލަ އެވެ. އޭނަގެ ކަންފަތާއި ހަމައަށް ދޮރުހުޅުވުނު އަޑު ފޯރުމާއެކު ފަޅި ސކުންތެއް ވެސް ނަގާނުލައި އަޒްޔާނަށް ބަލާލިއެވެ. އުނުގައި ތުވާލި އޮޅާލައިގެން ހުރި އަޒްޔާނަށް ބަތޫލް ފާހަގަ ކުރެވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނަގެ ލޮލަށް ބަތޫލް ޢައިބުވެފައިވާ ފަދަ އެވެ.

އަޒްޔާން ރީތިވާ މޭޒު ކައިރިއަށް ހުއްޓިލަމުން ގަޔަށް ސެންޓް ޖަހާލިއެވެ. އަދި އަލަމާރިން ސޯޓަކާއި ޓީޝާޓެއް ނަގައި ހަށިގަނޑަށް ހެޔޮވަރުކޮށްލިއެވެ. ހިމޭންކަމާއެކު މިހުރިހާ މަންޒަރެއް ބަލަން ހުރި ބަތޫލް ވާހަކަ ދައްކަން ފެށިއެވެ.

''ތަނަކަށް ދާންތަ ތިއުޅެނީ؟...'' ބަތޫލް އަޒްޔާން ގާތަށް ދިއުމަށް ފިޔަވަޅުތަކެއް އަޅާލިއެވެ.

''ކިހިނެއްވީ؟، އެކަމަށް ވެސް ބަތޫލްގެ ހުއްދައަށް އެދެން ޖެހޭތަ؟...'' ބޭރަށް ދާން ތައްޔާރުވެލަމުން އަޒްޔާން ބުނެލިއެވެ. އެއަށްފަހު ވޮލެޓާއި އޭނަގެ ފޯނު ހިފައިގެން ކޮޓަރިން ނިކުންނަން ދިމާކޮށްލިއެވެ.

''ޒޭންއަށް ކިހިނެއްވެފަތަ ތިހުރީ؟... ތި ފަދަ ބޮޑު ބަދަލެއް އައުމުގެ ސަބަބަކީ ކޮބާތަ؟... އަހަރެންގެ ފަރާތުން ޒޭން ހިތްހަމަނުޖޭކަމެއް ދިމާވަންޏާ ވާހަކަދައްކައިގެން އެކަމަށް ހައްލު ހޯދާކަށެއްނުވީ، ތިހެން ކަންތައް ކުރުމުން އަހަރެން ދެރަވާކަމެއް ނޭގޭތަ؟، އިތުރު މައްސަލައެއް ޖެހޭކަށް އަހަރެން ބޭނުމެއް ނޫން... ޕްލީޒް ޒޭން، ވެގެން އުޅޭ ގޮތެއް ބުނެދީބަލަ...'' ބަތޫލް ނިކަން ހަލުވި މިނުގައި ގޮސް އަޒްޔާނާއި އަރާހަމަކުރަމުން އެއަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. އޭނަގެ އަޑުން ދެރަވެ ހިތުގައި ޖެހިފައިވާ މިންވަރު ސާފުކޮށް ބަޔާކޮށްދެއެވެ. ލޮލުން ކަރުނައިގެ ދިލަކަން އުފެދިގެން އައީ އަޒްޔާންގެ ހަރުކަށިކަމާއި ރުޅިވެރިކަމަށް ބަދަލެއް ނައީމަ އެވެ.

''ތި ބޭކާރު ސުވާލުތަކަށް ޖަވާބުދެވޭކަށް ނެތް!، ތަނަކަށް ދާން ލަސްވެގެން މިއުޅެނީ!...''

ބަތޫލްގެ އަތް ގަދަކަމުން ނައްޓުވާލުމަށްފަހު އަޒްޔާން ބުނެލިއެވެ. ބަތޫލްގެ އިހުސާސްތަކަށް އަޒްޔާން ޤަދަރުކުރަން ބޭނުމެއް ނުވިއެވެ. ބަތޫލްއަށް ޓަކައި އެހިތުގައި ވި ލޯބި ފަހު ނޭވާ ދޫކޮށްފިތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭނަގެ ހިތުގައި މިހާރު ވަނީ ރުޅިވެރިކަމެވެ. އެސިކުނޑީގައި އެނބުރެމުން އަންނަ ޒަލްޒަލާގެ ސަބަބުން އޭނައަށް އެއްވެސް ކަމަކާ މެދު ރަގަޅަކަށް ނުވިސްނެއެވެ. ބަދަލު ހިފުމުގެ ރޫހުގެ ބާރުގައި ނިވުމެއް ނުވާ ގިނި އަލިފާންގަނޑެއް އޭނަގެ މޭގެ ތެރޭގައި އަނދަމުން ދެއެވެ. ބަތޫލްއަށްޓަކައިވި އިހުސާސްތައް އަނދާއަޅިއަށް ހަދާލީ އެރުޅިވެރިކަމުގެ ހޫނުންނެވެ. ބަތޫލްގެ ސޫރަ ފެނުނަސް އޭނައަށް ސިފަވަނީ ޖައުފަރެވެ. އޭނަގެ މަންމަގެ ''ޤާތިލެވެ.''

''ޒޭން، ޕްލީޒް...'' އަޒްޔާން ކޮޓަރިން ނިކުތުމާއެކު ބަތޫލްއަށް އާދޭހުގެ ރާގަކަށް ގޮވާލެވުނެވެ. ކަރުނަތައް އޮހޮރެމުން ދިޔަ ހާލު އޭނަ އަޒްޔާންގެ ފަހަތުން ދިޔަ އެވެ. އޭނަ ހުރީ އެހިތަށް ގޯނާކުރަމުން އައި ސުވާލުތަކުގެ ޖަވާބުގެ އިންތިޒާރުގައެވެ.

''މިދެން ކިހާ ބޮޑުވެއްޖެ ކަމެއް ތަ!، ބުނެފީމެއްނު ތަނަކަށް ދާން ލަސްވެގެންނޭ މިއުޅެނީ!، އެއްފަހަރު ބުނީމަ އަޑު އިވެން ވެއްޖެއެއްނު!...''

ބަތޫލްގެ ސަބަބުން އަޒްޔާން ބޮލަށް އުނދަގޫވިއެވެ. އޭނަ ބަތޫލްއާއި ކުރިމަތިލަމުން ފަހު ޖުމްލަ އިއްވާލީ ހަރު އަޑުންނެވެ. އެއާއެކު ބަތޫލް ގަނޑުވެއްޖެއެވެ. އެސްފިޔަޖަހާލަން ވެސް ހަނދާން ނެތިފައިވާ ހާލު އޭނައަށް ހުރެވުނީ ފެންނަމުން އައި މަންޒަރުތައް ޤަބޫލުނުކުރެވިފައެވެ. އަޒްޔާންގެ ދެލޮލުގައި ވި ނުރުހުންތެރިކަން ހިތި ޒަހަރަކަށް ވިއެވެ. އެއަޑުގައިވި ހަރުކަށިކަން ވޭންދެނިވި ސަޒާއެއް ކަމުގައި ވިއެވެ. ބޭރުފުށުން އަނިޔާ ނުކުރިކަމުގައި ވިޔަސް އެވަގުތު ކޮޅުގައި ބަތޫލްގެ ހިތަށް އަޒްޔާން ގުނާ އަދަދުނުކުރެވޭހާ ގިނަ އަނިޔާތަކެއް ދީ ފަސޭހަވުމެއް ނެތް ލަކުނުތަކެއް އުފަންކުރުވައިފިއެވެ. ބަތޫލްއަށް އޭނަގެ ތުންފަތުގައި އަތް އަޅާލެވުނީ ގިސްލެވުމުންނެވެ. އޭނައަށް ރޮވުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ.

ބަތޫލްގެ ކަރުނަތައް ފެނި ހިލަވަމުން އައި އަޒްޔާންގެ ހިތަށް ކޮންމެވެސް ވަރަކަށް އަސަރުކުރިއެވެ. އޭނައަށް ކުރިއަށް ވެސް ޖެހިލެވުނީ ބަތޫލް މަސަލަސްކުރުމުގެ ނިޔަތުގައެވެ. އެހެނަސް އޭނަގެ އަތުގައި ހިލިހިލާ ޖަހައި ހައްޔަރުކުރުވީ މަންމަގެ މާޒީ އެވެ. މަންމަގެ ވޭނީ ފަސާނާ އޭނަގެ ހިތުގެ މުރާދު ބަދަލުކުރުވި އެވެ. އެއާއެކު އެމޫނުން ފެނުނު ހަމްދަރުދީއާއި ކުލުނުގެ ޝުޢޫރުތައް ފޮހެވިގެން ދިޔަ އެވެ. އޭނަ ބަތޫލްއަށް ފުރަގަސް ދީފައި ދާން ފެށީ އެކަނި ހާލަށް ބަތޫލް ދޫކޮށްލަމުންނެވެ. އެއަންހެންކުޖާގެ ހިތުގެ ހާލާ މެދު ކުޑަކޮށް ވެސް ވިސްނާލުމެއް ނެތި އެވެ. މުޅި ދުނިޔެ ދޫކޮށްލައި އަޒްޔާން ގާތަށް އައި ހަނދާންތައް ސިކުނޑިން ފޮހެލާފައެވެ.

ގޭގެ މައިދޮރު ލެއްޕުމާއެކު ބަތޫލްގެ އަނގައިން އާހެއް ބޭރުވިއެވެ. ހިތުގެ ދިލަތަކާއެކު އޭނައަށް ރުއިން ހުއްޓައެއް ނުލެވުނެވެ. ހަމައެއާއެކު އަޒްޔާންގެ ފަހަތުން ދާނެ ހިތްވަރެއް ވެސް ނުމެ ލިބުނެވެ. ގޮތް ހުސްވެ މަންޒިލު ގެއްލިފައިވާ މުސާފިރެއް ފަދައިން ބަތޫލްއަށް ކަރުއެލުވާލެވުނީ އަޒްޔާނާއި އޭނަގެ އުފާވެރި ޚަޔާތަށް އައި ޒަލްޒަލާގެ ލޮޅުންތަކުންނެވެ. ފޫނުބެދޭހާ ގެއްލުންތަކެއް ވެއްޖެކަން ގައިމެވެ.

*****

ޖަނާ އޭނައަށް ލިބިފައިވި އުފާވެރިކަން ހިއްސާރުކުރަން ބަތޫލްއަށް ގުޅިއެވެ. ބަތޫލް އޭނަގެ އަޑަށް ޖޯޝު ގެނެސް ވާހަކަދެއްކީ ހުޝިޔާރުކަމާއެކު އޭނަގެ މަޔޫސްކަން ވަންހަނާ ކުރަމުންނެވެ. އޭރު ވެސް އޭނަގެ ސިކުނޑި ކަމުންދާ ކަންތައް އެކުވެރިޔާއާއި ހިއްސާކުރަން ބަތޫލްގެ ޒަމީރު އެދި ގޮވިއެވެ. އޭރުން އޭނަގެ ހިތަށް ވެސް ކުޑަ ލުއިކަމެއް ލިބޭނެ ތީއެވެ. އެހެނަސް ދެމަފިރިންގެ ދެމެދުގައިވާ މައްސަލަތައް ތިންވަނަ ކަންފަތަކާ ހަމައަށް ގެންދަން ފަހު ވަގުތު ބަތޫލްއަށް ނުރުހެވުނެވެ. އޭގެ ސަބަބުން އިތުރު މައްސަލަތަކެއް ހިލިދާނެކަމުގެ ބިރަށްޓަކައެވެ. ޔަޤީނުން ވެސް ބޭރު މީހެއްގެ ފަރާތުން ދެމަފިރިންގެ މައްސަލަތައް ވާކަން އަޒްޔާނަށް އަޑުއިވޭ އިރަކުން އޭނަގެ ދެކެ އިންތިހާއަށް ރުޅި އަންނާނެ އެވެ.

*****

ދެހަފްތާ ވީއިރު އަޒްޔާނާއި ބަތޫލްގެ ދެމެދުގައި އުފެދެމުން އައި ނުތަނަވަސްކަމާއި ބީރައްޓެހިކަމުގެ ފާރު ބޯވެ އެދެމެދުގައި އޮތް ގުޅުމަށް ހީނަރުކަން ގެނުވިއެވެ. ބަތޫލް އަޒްޔާނާއި ވާހަކަދައްކަން އުޅޭ ކޮންމެ ފަހަރަކު ޒުވާބަކަށް ނުދާ ފަހަރެއް ނުދެއެވެ. އެހަރުކަށި އަޑުން ބަތޫލްގެ ނާޒުކު ހިތް ބަލިކަށިވަމުން އައެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު ހިތާމަތަކުން ހިތުގެ ކެކުޅުމަށް އިތުރު ވޭނެއް ލިބެއެވެ. ނުވީތާކަށް އެކަނިވެރިކަމުން އޭނަ ބައްދާލައި ހާސްކުރަން ވެސް ފެށިއެވެ. ބަތޫލް ގޭގައި އިންނަ ވަގުތުތަކުގައި އަޒްޔާން ލޮލަށް ދައްކާލަނީ ނިދާ ގަޑީގައެވެ. އެހެނިހެން ގަޑިތަކުގައި އަބަދުމެ އަޒްޔާން އުޅެނީ ބޭރުތެރޭގަ އެވެ. އެކަންތަކާ ހުރެ ބަތޫލްގެ ސިކުނޑިވީ ހާސްކަމުން ފުރި ބާރުވެފައެވެ. އަޒްޔާން އެހެން އަންހެނެއްގެ ގާތަށް ދަނީ ބާއޭ ވެސް އޭނަގެ ހިތުގައި ޝައްކު އުފެދުނެވެ. މައްސަލަޖެހުމުގެ ހަޤީޤީ ސަބަބަކީ އެއީ ކަމުގައި ވެސް ހީކުރެވުނެވެ. ނަމަވެސް އޭނަ އަޒްޔާންގެ ފޯނު ބެލިއިރު ވެސް އޭނަގެ ނުކުތާތަކަށް ބާރުލިބޭނެ ޒާތުގެ ހެއްކެއް ނުފެނުނެވެ. އަޒްޔާންގެ އަންނައުނުތަކުން ވެސް މެއެވެ. ގިނަ ވަގުތު އޭނަ ހުންނަނީ ޝީރީންގެ ގޭގައި ކަން ވެސް އެނގުނީ މީޝެލްގެ ފަރާތުންނެވެ. އެކަމާ އުފާވާންވީކަމެއް ނުތަވަ ކަންބޮޑުވާންވީކަމެއް ވެސް ބަތޫލްއަކަށް ނޭގުނެވެ.

ނިވެމުން އައި ޚަޔާތުގެ ބައްތީގެ ހުޅުކޮޅު ސަލާމަތްކުރަން ބަތޫލް ބޭނުން ވިއެވެ. އޭނަ ކޮޅު މަތި ބަލަމުން އައީ ރަގަޅު މާހައުލެއްގައި ހަމަޖެހިލައިގެން އަޒްޔާނާއި ވާހަކަ ދައްކާލެވޭނެ ދަނޑިވަޅަކަށެވެ. އޭރުން އުފެދެމުން އައި ދުރުކަމަށް ނިމުމެއް އައިސްދާނެކަމުގެ އުއްމީދުގައެވެ. އެއާއެކު ބަތޫލްގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައެވެ.

*****

ކޮޓަރިއަށް ވެރިވެފައި ވަނީ އުށްބައްތި ތަކުގެ ފަނޑު އަލިކަމެވެ. އެނދުގެ އަރިމަތީގައި ހުރި ކަބަޑު މަތީ ބޮޑު ތިން އުށްބައްތި ބަހައްޓާފައި ހުއްޓެވެ. ހަމައެއާއެކު ރީތިވާ މޭޒު މަތީގައި ވެސް މެއެވެ. އުށްތައް ވިރެމުން ދިޔަ އިރު އޭގެ ލުއި މީރު ވަސް ކޮޓަރި ތެރެއަށް ގުލްޒާރެއް ހެން ފެތުރިފައި އޮތެވެ. މަސްތުކަމެއް އެކުލެވިގެން ވާ މަހުލެކެވެ. އެމާހައުލަށް އިތުރު ދިރުމެއް ގެނެސް ދެމުން ދިޔައީ ރީތިވާ މޭޒުގެ ގޮނޑީގައި އިށީންދެލައިގެން އިން ބަތޫލްގެ ރީތި ކަމުންނެވެ. ފަށުވިކޮޅެއް ފަދަ އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލެވިފައެވެ. އޭގައި ތެތްކަމުގެ އަސަރު ވެސް އެކުލެވިފައި ވެއެވެ. ފައިގެ ފަލަމަސްގަނޑާ ހަމައަށް އަންވަރުގެ ކަޅުކުލައިގެ ސިލްކް ނައިޓީގައި އޭނަގެ ހަށިގަނޑުގެ ފުރިހަމަ ވަނާތައް ވަނީ ފާޅުކަން ބޮޑު ގޮތަކަށް ހާމަވެފައެވެ. ނައިޓީގެ އަތުގެ ބަދަލުގައި ހުރީ ވާކޮޅެކެވެ. އުށްބައްތީގެ އަލި އެދޮން މޫނަށް އެޅި ވަކިން ފުރިހަމަ ކަމަށް ދައްކައެވެ.

ބަތޫލް ދިޔައީ އޭނަގެ އަތުގަޔާއި ފައިގައި ލޯޝަނުން މަސާޖް ކުރަމުންނެވެ. އެހެން އިނދެފައި އޭނަ ކޮޓަރީގެ ދޮރާ ދިމާއަށް ނަޒަރު ހިންގާލާނެ އެވެ. އޭނަ އިންތިޒާރުކުރަމުން އެދަނީ އަޒްޔާން އަށެވެ. އެސޫރަ ފެންނާނެ ވަގުތަކަށެވެ. މިރޭ އޭނަގެ ހިތަށް ރާހަތެއް ލިބޭނެކަމުގެ އުއްމީދު އެހިތުގައި ވިއެވެ. ދެމަފިރިން ރޭނުކުރާތާ ވެސް ޒަމާންތަކެއް ވެއްޖެއެވެ. ގުޅުން ވަރުގަދަކޮށް ކައިވެންޏަށް އިތުރު ތާޒާކަމެއް ގެނެސްދޭން ބަތޫލްއަށް ފެނުނު އެންމެ ރަގަޅު ފާލަކީ އެއީ އެވެ. އޭނަގެ ޖިސްމު ވަނީ އަޒްޔާންގެ އަތުގެ ބީހުންތަކަށް ބޭޤަރާރުވެފައެވެ. އެތުންފަތުގެ ހޫނުކަން އިހުސާސްކުރަން ބޭނުން ވެފައެވެ. ބަތޫލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން އައީ އަޒްޔާނާއި އޭނަގެ އުފާވެރި ވަގުތުކޮޅުތައް ހަނދާނުގެ އަލްބަމުން ކުލަޖެހިގެން އައުމުންނެވެ.

އިރުއިރުކޮޅާ ގަޑީގެ ވަގުތު ކަށިއަށް ބަތޫލް ނަޒަރު އުކައެވެ. އޭނަގެ އިންތިޒާރަށް ނިމުމެއް އައީ ބާރަގަޑި ބައިވާން ކައިރިވެފައި ވަނިކޮށެވެ. ހަމަހިމޭންކަން ވެރިވެފައި އޮތް ގޭތެރެއަށް މައިދޮރު ހުޅުވުނު އަޑު ފެތުރިގެން ދިއުމާއެކު ބަތޫލްއަށް ލިބިފައިވި ފޫހިކަން ފިލައި އޭނަގެ ހިތުގެ ތެޅުން ބާރުވާން ފެށިއެވެ. މޫނަށް އުފާވެރިކަން ގެންނަމުން އޭނަ ތައްޔާރުވެލީ އަޒްޔާނަށް މަރުޚަބާ ކިޔުމަށެވެ.

އަޒްޔާން ކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ނުފެންނަ އަތަކުން ފައިތިލައިގައި ހިފެހެއްޓި ކަހަލައެވެ. ހައިރާންކަމާއެކު މުޅި ކޮޓަރިއަށް އަވަސް ނަޒަރެއް ދެވުނެވެ. އޭނަގެ ލޮލުގައި ރީތިވާ މޭޒުގެ ގޮނޑިން ތެދުވެލި ބަތޫލް އަޅައިގަންނަން ނެގީ ފަޅި ސިކުންތުކޮޅެކެވެ. ކޮޓަރިއަށް ވެރިވެފައި އޮތް މަސްތުކުރުވަނިވި މާހައުލުގެ ތެރޭން އެފުރިހަމަ ރީތިކަން ސިއްރުނުވާތީއެވެ. ބަތޫލްގެ ހަށިގަނޑުގެ ވަނާތައް ފާޅުކަން ބޮޑު ގޮތެއްގައި ފެނުމުން އަޒްޔާންގެ ހިތުގެ ވިންދު އަވަސްވެލިއެވެ. ހުޅުކޮޅުގެ ފަނޑު އަލީގެ ތެރޭން ބަތޫލް ފެންނައިރު ނިކަން ޗާލެވެ. މަސްތުކުރުވަނިވި އެޖާދުލުގައި އަޒްޔާންގެ ހިތް ބެހުނެވެ.

ދެމަފިރިންގެ ހަތަރުކަޅި ހަމަވުމާއެކު ބަތޫލްގެ ތުންފަތަށް ވެރިވެގެން އައި ލޮބުވެތި ހިނިތުންވުމުގައި އަޒްޔާންގެ ހިއްސުތައް ޤައިދު ވިއެވެ. ޖަޒުބާތުގެ ގަދަ އޮއެގެތެރޭގައި އޭނަގެ ނަފުސު މަގުން ކައްސާލީ ކަމަކަށް އެދި ހިތް ބާރުއަޅަން ފެށުމުންނެވެ. ހިއްސުތަކަށް ވެރިވެގެން އައި ހަލަބޮލިކަމަށް ނިމުމެއް އަންނަން އޭނަ ބޭނުންވީ ދެނެވެ. އެފަދަ ގާތްކަމެއް އިހުސާސް ނުކުރެވޭތާ ހާދަ ގިނަ ދުވަހެއް ވެއްޖެއެވެ.

ދޮރު ލައްޕާ ތަޅުލުމަށްފަހު އަޒްޔާން ކުރިއަށް ފިޔަވަޅުތައް އަޅަން ފެއްޓިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާ މެހިފައިވިއިރު އަޒްޔާންގެ ކޮންމެ ފިޔަވަޅާކާއެކު ބަތޫލްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔަ އެވެ. ބަތޫލްއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނީ އަޒްޔާންގެ އަތުގެ އިނގިލިތައް އޭނަގެ ކޯތާފަތުގައި ބީހިލުމުންނެވެ. އެވަގުތު ހަށިގަނޑުގެ ނާރުތަކާ ކުޅެލި ބާނީތަކުގެ ބާރުގައި ބަތޫލްގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އަޒްޔާންގެ ހޫނު ނޭވާތައް ކައިރިވަމުން އައިސް އެތުންފަތުގެ މީރުކަން ވެސް ހާސިލުކުރެވުނެވެ. ހިތާއި ޖިސްމުގައި ދެން ރޯވެގެން އައީ ވަރުގަދަ ހުޅުގަނޑެކެވެ. ދެމަފިރިންގެ ހަރަކާތްތައް ވެސް ނުހަނު އަވަހެވެ. ފުންނޭވާތައް ދޫކުރެވެމުން ދިޔަ އިރު ލައްޒަތުގެ އާލަމަށް ލަސްލަހުން ގެނބެން ފެށިއެވެ.

ހަށިގަނޑަށް ވެރިވެފައިވި ލޮޑުކަމާއެކު ފުންނޭވާތައް ދޫކުރެވެމުން ދިޔަ އެވެ. ބަތޫލް އަޒްޔާން އާއި ވީ ފަރާތަށް އެނބުރިލަމުން އެމޭގައި ފިރުމާލީ ލޯތްބާއެކުގަ އެވެ. ހާސިލު ކުރަން އެދެވުނު އަރާމާއި ލައްޒަތު ލިބި ހިތް ހަމަޖެހިލެވެމާއެކު އަޒްޔާނަށް ހަޤީޤަތް ފެންނަން ފެށިއެވެ. އޮވެވުނުތަނާއި މާހައުލެވެ. އޭނައަށް ވަގުތުން ބަތޫލްގެ އަތް ދުރަށް ޖައްސާލެވުނެވެ. އަދި ތެދުވެލަމުން ހަށިގަނޑަށް ފޭރާމެއް މެހުމެއް ނެތި ގޮސް ފާޚަނާއަށް ވަނީ ބާރަށަކަށެވެ.

ރަޖާ ގެނެސް ހަށިގަނޑު ނިވާކޮށްލި ބަތޫލްގެ ލޮލުގައި ކަރުނަތައް ގިނަވެގަތެވެ. އޭނަގެ ހުރިހާ އުއްމީދެއް ވެސް ފެނަށްވެ ނިމިއްޖެ އެވެ. ލިބުނު އުފާވެރިކަން ވެސް ކަރު ބުޑަށް ފެތުރުނީ ހިތި ޒަހަރެއްގެ ސިފައިގައެވެ. ބަތޫލްގެ ތުންފަތް ފޫއަޅުވާލާފައި ނިކުތް އާހުގެ އަޑާއެކު ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް އަތުވެއްޖެއެވެ. އަޒްޔާން އޭނައާއި ދުރުވެފައިވި މިންވަރު ބަތޫލްއަށް ތައްސައްވަރު ކުރެވުނެވެ. އޭރު އޭނަގެ ހިތުގައި ބިރުވެރިކަމުގެ ހައިޖާނެއް ވެސް އުފެދިފައި ވިއެވެ. މިހުރިހާ ކަމެއްގެ މާނަ އޭނަ ނަގަންވީ ކިހިނެއް ހެއްޔެވެ؟ އަޒްޔާން އޭނަ މަތިން ފޫހިވީ ހެއްޔެވެ؟ އަޒްޔާނަށް މުހިންމުވަނީ ހަމައެކަނި އޭނަގެ ހަށިގަނޑު ހެއްޔެވެ؟ ބޭނުންތައް ފުރިހަމަވުމުން އޭނަ އެއްލާލީ ކުނިކޮޅެއް ފަދައިންނެވެ. އެހިތުގައި އޭނައަށްޓަކައި ޤަދަރެއް ވެސް ނުވަނީ ހެއްޔެވެ؟

(ނުނިމޭ)

comment ކޮމެންޓް