މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ
ފުރަތަމަ މެޗްގައި 16 އަހަރުން ދަށުގެ މުހްޔިއްދީން ސުކޫލާއި އަހުމަދިއްޔާ ސުކޫލް

ދެ އުމުރު ފުރައަކުން ބައިވެރިވާ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިސް އިން ބުނެފި އެވެ.

16 އަހަރުން ދަށާއި 13 އަހަރުން ދަށުގެ ބައިން ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ 16 އަހަރުން ދަށުގެ ދެ ޓީމް ކަމުގައިވާ ވިލިމާލޭ މުހްޔިއްދީން ސުކޫލާއި އަހުމަދިއްޔާ ސުކޫލެވެ.
މިއަދު ހަވީރު 4:00ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗަށް މި ދެ ޓީމް ނުކުންނަ އިރު، 16 އަހަރުން ދަށުގެ ބައިގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ވިލިމާލޭ މުހްޔިއްދީން ސްކޫލެވެ. އެގޮތުން މިއުމުރު ފުރާގައި ޖުމްލަ އަށް ސުކޫލަކުން ވާދަކުރާ އިރު، 13 އަހަރުން ދަށުގެ ބައިގައި ވާދަކުރަނީ 10 ސުކޫލަކުން ނެވެ.
މިމުބާރަތުގެ 13 އަހަރުން ދަށުގެ ބައި ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ހިމެނޭ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލުމަށް ފަހު ކުޅޭ ގުރޫޕް ސްޓޭޖުން ސެމީ ފައިނަލަށް ދާނީ ދެ ގުރޫޕުގެ އެއްވަނަ އާއި ދެ ވަނަ ހޯދާ ޓީމުތަކެވެ. ހަމައެގޮތަށް 13 އަހަރުން ދަށުގެ ބައިގައި ވާދަކުރާ 10 ޓީމު ވެސް ދެ ގުރޫޕަށް ބަހާލުމަށް ފަހު ކުޅޭ، ގުރޫޕް ސްޓޭޖުން ސެމީ ފައިނަލަށް ދާނީ ދެ ގުރޫޕުގެ އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތަކެވެ.

މި އަހަރުގެ މުބާރާތުގެ ގުރޫޕްތަކަށް ނަން ދީފައި ވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިން ކަމަށްވާ މުހައްމަދު އުމެއިރާއި އަކުރަމް އަބްދުލްޣަނީ އާއި އައްސަދު އަބްދުލްޣަނީ އަދި ގޯލްކީޕަރު އިމްރާން މުހައްމަދުގެ ނަމުންނެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ވާދަކުރާ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިފައިވާ އިރު، އިމްރާނުގެ ގުރޫޕުގައި ހިމެނެނީ މެޗަކުން ބަލިނުވެ މިދިޔަ އަހަރުގެ މުބާރާތް ހޯދި މުހްޔިއްދީނާއި އަހުމަދިއްޔާ އާއި އިމާދުއްދީން ސްކޫލް އަދި މަޖީދިއްޔާ ސްކޫލެވެ. އައްސަދުގެ ގުރޫޕުގައި ހިމެނެނީ އަރަބިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ކަލާފާނު ސްކޫލް އަދި ގަލޮޅު މަދަރުސާ އެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގެ ޓީމުތައް ދެ ގުރޫޕަށް ބަހާލައިފައިވާ އިރު، އުމެއިރުގެ ގުރޫޕުގައި ހިމެނެނީ މުހްޔިއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލް އަދި ކަލާފާން ސްކޫލެވެ. އަކުރަމްގެ ގުރޫޕުގައި ހިމެނެނީ އިމާދުއްދީން ސްކޫލާއި ގިޔާސުއްދީން ސްކޫލާއި ލާލޭ ޔޫތާއި ބިލަބޮން ހައި އަދި އަރަބިއްޔާ އެވެ.

މިމުބާރަތުގެ ފުރަތަމަ މެޗް މިއަދު ހަވީރު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނދުގައި ފެށި ކަމުގައި ވިޔަސް، މުބާރަތުގެ ބާކީ ހުރި މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ދަނޑުގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު