ޑީއާރްޕީގެ ލީޑާޝިފަށް ރައްދުވާގޮތަށް "ދަށު ދަރަޖައިގެ" ވާހަކަފުޅުތަކެއް މައުމޫން ދެއްކެވީ އިހުލާސްތެރިކަމެއް ނެތުމުން: ތަސްމީން

ޑީއާރްޕީގެ އެތެރޭގެ މައްސަލަތައް ހައްލުކުރަން މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވަނިކޮށް ޕާޓީގެ ލީޑާޝިފަށް ރައްދުވާގޮތަށް "ދަށު ދަރަޖައިގެ" ވާހަކަފުޅުތަކެއް ޒައީމް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވީ އެމަނިކުފާނުގެ އިހްލާސްތެރިކަމެއް ނެތުމުން ކަމަށް އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

"ދެގޮތެއްނުވެ ކުރިއަށް" މިނަމުގައި ޑީއާރްޕީން މިރޭ އިމާދުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވަނީ ދާދި ފަހުން ޒައީމް މައުމޫންގެ އިސްލާހީ ހަރަކާތަށް ހަތް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވެފަ އެވެ.

~
އެގޮތުން ކައުންސިލަރުން އިސްނަގައިގެން ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާތައް ފެށުމަށް ހަމަޖެއްސި ދުވަހުގެ ރޭ ބޭއްވި އެޖަލްސާގައި ޑީއާރްޕީގެ ލީޑާޝިޕަށް ރައްދުވާ ގޮތަށް ދަށު ދަރަޖައިގެ ވާހަކަފުޅުތަކެއް "ޒާތީ ގޮތަކަށް" ދައްކަވާފައިވަނީ އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ.

"ކައުންސިލަރުންތައް ޕާޓީގެ ޒައީމްއާ ބައްދަލު ކުރައްވާފަ އެކަމަށް )މަޝްވަރާތައް ފެށުމަށް( އެއްބަސްވެވަށައިގެންފަ، ޖެހިގެން އައު ދުވަހު ބޭއްވި ޖަލްސާގައި، އަޅުގަނޑު މިއަދު ހިތާމަޔާއެކު މިދަންނަނީ އަޅުގަނޑަށް ރައްދުވާ ގޮތަށް ވަރަށް ޒާތީ ގޮތަކަށް އެ ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތުގައި ވަރަށް ދެރަވާންޖެހޭ ވާހަކަފުޅުތަކަކޭ. ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކަކޭ. އެކަމުގެ ސަބަބުން އަޅުގަނޑަށް ހަމަގައިމުވެސް ދޭހަވެގެންދިޔައީ މި މަސައްކަތުގައި ވެސް އެ ފަރާތުން )މައުމޫން( އިހްލާސްތެރިކަމެއް ނުގެންގުޅޭ،" މައުމޫންއަށް ޒެޑް ޑީއާރްޕީގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ ތަސްމީން ވިދާޅުވި އެވެ.

މައުމޫނަށް އިޝާރާތްކުރައްވާ ތަސްމީން އިތުރަށް ވިދާޅުވި އެވެ: "ކޮންކަމެއް ޑީއާރްޕީގެ ލީޑާޝިޕަށް ނުކުރެވިގެންތޯ ޕާޓީ ފުނޑުފުނޑުވާގޮތަށް މަސައްކަތްކުރަނީ؟"

މިމަހުގެ 9 ވަނަ ދުވަހު އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވެފައި ވަނީ ޕާޓީގެ ލީޑަރު ކަމަށް އަހުމަދު ތަސްމީން އަލީ ގެންނެވުމަށް ކުރިން ތާއީދު ކުރެއްވި ނަމަވެސް އެކަން ދެ ވަނަ ފަހަރަށް ނުކުރައްވާނެ ކަމަށާއި "ތަބަކަކަށް ލާފަ ކަމެއް ހަވާލު ކުރީމަ ވާނެގޮތް މިހާރު ފެންނަން އެބައޮތް" ކަމަށެވެ.

ޒައީމް މައުމޫން ޕާޓީގެ ލީޑާޝިޕަށް ދެއްމުން ގެންދަވާ ބަހުގެ ހަމަލާތަކަށް އިޝާރާތް ކުރައްވާ ތަސްމީން ރޭގެ ޖަލްސާގައި ވިދާޅުވީ އެ އަމަނިކުފާނު އެ އަމަލް ކުރައްވަނީ "އަމިއްލަ ފައިގަ ފުރައިންޖަހާ ބީދައިން" ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕާޓީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތަކަށް ގުޅިގެން ޕާޓީއަށް މިހާރު ވަރަށް ބޮޑެތި ހީނަރުކަމެއް އަންނަމުންދާ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ޕާޓީގެ ކޯޅުންތަކާ ގުޅިގެން މަޖިލީހުގެ މެންބަރުން ޑީއާރްޕީގެ ގެއްލެމުންދާ ކަމަށް އިޝާރާތް ވެސް ކުރެއްވެވި އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ތެރޭގައި ވެސް ޑީއާރްޕީ ބަލިކަށިވަމުންދާ ކަމަށް ތަސްމީން ވިދާޅުވި އެވެ.

"ސަރުކާރުން ވަރަށް ގިނަ ގޮތް ގޮތަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައި އަޅުގަނޑުމެން ބަލިކަށިކޮށްލާ އޭމީހުން ބޭނުންވާ ގޮތަކަށް ކަންތައް ކުރެވޭތޯ ވަނީ މަސައްކަތްކޮށްފަ. ކޮން މަސައްކަތެއްތޯ ނުކުރަނީ؟ ސުޕްރީމް ކޯޓްގައި ތަޅުއެޅުވީ، ހުރިހައި ވަޒީރުން އިސްތިއުފާދީފައި މެންބަރުންތައް ބަންދުކުރި. އެ ތައްބިރެއް ދެއްކި. މަގުމައްޗަށް ނުކުމެ އަމިއްލައަށް ކޯޓް ހަދައިގެން ހިތުހުރިހާ ގޮތަކަށް އަމަލް ކުރި. އޭރުވެސް އަޅުގަނޑުމެންނަށް ހިފެހެއްޓުނޭ މި ސަރުކާރުގެ ވަކިތަކުގައި ދަށު ނުވެ. މި ސަރުކާރުގެ ފިއްތުންތަކުން އަޅުގަނޑުމެންނަށް ސަލާމަތްވެވުނޭ. މަޖިލީހުގެ މެންބަރެއްވެސް އަޅުގަނޑުމެއްނަށް ނުގެއްލެއޭ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެން މިއުޅޭ ކަންތަކުގެ ސަބަބުން އެއްވެސް ސުވާލެއް ނެތް އަޅުގަނޑުމެން މިދަނީ މަޖިލީހުގެ ތެރޭގައި ވެސް ބަލިކަށިވަމުން،"

ޑީއާރްޕީއަކީ ޒައީމް މައުމޫންގެ "ފަހަތުން ދުވާ" ޕާޓީއެއް ކަމަށް ބުނަމުންދާ ބުނުމަށް ރައްދު ދެއްވަމުން ތަސްމީން ވިދާޅުވީ ޑީއާރްޕީއަކީ ވަކި މީހަކަށް ވުރެ، އަދި ވަކި އާއިލާއަކަށް ވުރެ މާ ބޮޑު ޕާޓީއެއް ކަމަށެވެ. އަދި ޕާޓިގެ ކުރިމަގަށްޓަކައި ކުރަމުންދާ މަސައްކަތައް ކޮންމެ ބޭފުޅަކު ހުރަހެއް ކުރިމަތި ކުރުވި ކަމުގައި ވިޔަސް އެކަން ހައްލު ކުރުމަށްޓަކާ ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2013 އާ ހަމައަށް ޕާޓީގެ ލީޑާޝިޕުގައި ދެމިހުންނަވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ތަސްމީން ވަނީ އެމަނިކުފާނު ޑީއާރްޕީގެ ލީޑާޝިޕަށް ވަޑައިގެންނެވި ގޮތުގެ ތަފްސީލު ވެސް ދެއްވާފަ އެވެ. އެގޮތުން ތަސްމީން ވިދާޅުވީ، 2008 އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރްޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން އޭރުގެ ރައީސް މައުމޫން އެމަނިކުފާނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި އޭރު ޕާޓީގެ ކުރިމަގާ ބެހޭ ގޮތުން މައުމޫން ވާހަކަފުޅު ދެއްކެވެމުން ޕާޓީގެ ލީޑާޝިޕުގެ ޒިންމާ ނަންގަވަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ އެމަނިކުފާނު އަރިހު ވިދާޅުވެފައިވާ ކަމަށެވެ. އަދި ހަމަ އޭރު ދެބޭފުޅުން މެދުގައި ދެއްކެވި ވާހަކަފުޅުގައި ސިޔާސީ މައިދާނުން އެއްކައިރިވެވަޑައިގަތުމަށް މައުމޫނު އަރިހު އެދިވަޑައިގަތުމުން އެމަނިކުފާނު އެކަމަށް އެއްބަސްވެ ވަޑައިގެންނެވި ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު އާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި ޑީއާރްޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ އިސް ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު