ބޮލީވުޑްގައި މިއަހަރު އެންމެ ހިނގާނެ ކަމަށް ބެލެވޭ ސްޓައިލްތައް

ބޮލީވުޑްގެ ފެޝަން ތަކާއި ސްޓައިލް ތައް ވަރަށް ގިނަ ބަޔަކު އަބަދުވެސް ކޮޕީކޮށް ނަމޫނާ އަކަށް ބަލައެވެ. ވަކީން ހާއްސަކޮށް ދިވެހިންގެ މެދުގައި ބޮލީވުޑްގެ މަގުބޫލުކަން ބޮޑުވެފައި ވާއިރު ބޮލީވުޑްގެ ފެޝަނާއި ސްޓައިލްތައް ކޮޕީކުރާ ދިވެހިން ވެސް މަދެއް ނޫނެވެ.

މިދިޔަ އަހަރަކީ ބޮލީވުޑަށް ފެޝަންގެ އިންގިލާބެއް އައި އަހަރެއްގޮތުގައި ފާހަގަވެފައިވާ އިރު މިއަހަރު ބީޓައުން ސްޓާރުންގެ ސްޓައިލްތަކަށް އިތުރު މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ބޮލީވުޑްގެ ސްޓައިލްތަކުގެ ފޭނުންނަށް އޮތް އުފާވެރި ހަބަރަކީ މި އަހަރުވެސް ބޮލީވުޑްގެ ތަރީން ވެގެންދާނީ ފެޝަންގެ ދުނިޔޭގައި މަގުބޫލުކަން ބޮޑު ބަޔަކަށް ކަމެވެ. އެހެންކަމުން މި އަހަރު ބޮލީވުޑްގައި އެންމެ ހިނގާނެކަމަށް ލަފާކުރެވޭ ސްޓައިލް ތަކަކީ ކޮބައިތޯ ބަލައިލުން ގިނަ ބަޔަކު ބޭނުންވާނެ އެވެ. ތިރީގައި އެވަނީ މިއަހަރު ބޮލީވުޑްގައި އެންމެ ގިނައިން ފެންނާނެ ކަމަށް ލަފާކުރެވޭ ސްޓައިލްތަކެވެ.

އެތްލެޝަރ

ބޮލީވުޑްގެ އިތުރުން ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް މަގުބޫލު އެތްލެޝަރ ޓްރެންޑަކީ ކަސްރަތު ކުރާއިރު އޭނާ ލައި އުޅޭ ހެދުންތަކުގެ މައްޗަށް އުފެދިފައިވާ ސްޓައިލެކެވެ. މިދިޔަ އަހަރު ގިނަ ތަރިންތަކެއް ދަތުރުތައް ކުރުމަށާއި ބޭރަށް ގޮސް އުޅޭއިރު ޓްރެކް ވެއާގައި ފެނުނުލެއް އާއްމެވެ. މިސްޓައިލަކީ ލައިގެން އުޅެން ވެސް ފަސޭހަ ސްޓައިލެއްކަމުން އެތްލެޝަރ ވެގެންދާނީ މި އަހަރުގެ ބޮލީވުޑް ޓްރެންޑަކަށެވެ. އޮފީހަށާއި، އާއްމުކޮށް ބޭރަށް ގޮސް އުޅޭ އުޅުމުގަޔާއި އަދި ހާއްސަ ހަފްލާތަކުގައި ވެސް ތަރިން މި ސްޓައިލް ބޭނުން ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

"ޕިންކް ވިލްބީ ދަ ނިއު ބްލެކް"

ޕިންކް ނުވަތަ ފިޔާތޮށި ކުލައަކީ ގިނަ އަންހެން ކުދިންގެ މެދުގައި ވަރަށް މަގްބޫލު ކުލައެވެ. އަދި ބައެއް ފިރިހެނުން ފިޔާތޮށިކުލަ ލުމުން އެމީހުންގެ ކޮންފިޑެންސް ދައްކުވައިދޭ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް މިކުލަ ކަމުނުދާ މީހުނާއި ކަމުދާ މީހުނަށް އޮތް ހަބަރަކީ މިއަހަރު ބީޓައުން ޑޮމިނޭޓް ކުރާނެ ކުލައަކަށް ވާނީ ފިޔާތޮށި ކުލަކަމެވެ. ޕެރިސް އަދި ނިއުޔޯރކް ފެޝަން ވީކްގައި ވެސް ފިޔާތޮށިކުލަ ވަނީ އެންމެ ގިނައިން ފެނުނު އެއްކުލައަށް ވެފައެވެ.

ރޮނގުދެމި ސްޓައިލް އެނބުރިއައުން

އެވަރ ގްރީން ސްޓައިލް ސްޓްރައިޕްސް ނުވަތަ ރޮނގުދެމި ހެދުންތައް ވެގެންދާނީ މިއަހަރު ބީޓައުން ތަރިންގެ މެދުގައި ވަރަށް މަގުބޫލު ސްޓައިލަކަށެވެ. އެއީ ފުޅާ ރޮނގު ނުވަތަ ހަނި ރޮނގުކަމުގައި ވިއަސް މި ސްޓައިލްގެ ހެދުންތައް މިއަހަރު އާއްމު ވެގެންދާނެ އެވެ.

އޮފް ޝޯލްޑަރ ހެދުންތައް އުވި ފުޅާ ކަރަށް ބަދަލުވުން

މިދިޔަ އަހަރު ސޯނަމް ކަޕޫރް ފުޅާ ކަރެއްލީ ހެދުމެއް ލުމުން ފެޝަންގެ ދާއިރާއަށް ލޯބިކުރާ ގިނަ ބަޔަކު އެކަމަށް ފާޑުކިޔެއެވެ. ނަމަވެސް ސޯނަމް ވަނީ އެކަމުގައި އޭނާގެ އެކުވެރިންނަށް ވުރެ ކުރިހޯދާފައެވެ. މިއަހަރު އޮފްޝޯލްޑަރ ހެދުންތައް އުވި ފުޅާ ކަރުލީ ހެދުންތައް ބީޓައުން ތަރިން ގެ މެދުގައި މަގުބޫލުކަން ހޯދާނެތީ އެވެ.

ކާކީ ސްޓައިލް

ފެޝަނަށް ލޯބިކުރާ މީހުނަށް މިދިޔަ އަހަރު މާބޮޑަށް އަޅައިނުލައި ދޫކޮށްލެވުނު ކާކީ ސްޓައިލް މިއަހަރު ބީޓައުން ގައި ވެރިކަން ކުރާނެއެވެ. ކާކީ ސްޓައިލަކީ ކެޝުއަލް ސްޓައިލެއް ކަމުން މި ސްޓައިލަށް ކުރީން ވަނީ މާ ބޮޑު ސަމާލުކަމެއް ނުލިބިފައެވެ. ނަމަވެސް ޑިޒައިނަރ ބެލެންސިއާގާ އިން ފެށިގެން ސްޓެލަރ މެކާޓިނީ އާއި ހަމައަށް ކާކީ ސްޓައިލްގެ ހެދުންތައް މިއަހަރުވަނީ ތައާރަފްކޮށްފަ އެވެ. އެހެންކަމުން ބޮލީވުޑްގެ ގިނަ ފިރިހެން ތަރިން މިސްޓައިލްގައި މި އަހަރު ފެނިގެންދާނެއެވެ.

comment ކޮމެންޓް