ޓްރަމްޕުގެ ޓެކްސް ބަޔާން ލީކު ކުރަން ވިކިލީކްސް އިން ގޮވާލައިފި

ޓްރަމްޕުގެ ޓެކްސް ބަޔާން ލީކު ކުރުމަށް ވިކިލީކްސް އިން ވަނީ ގޮވާލާފައި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖެނުއަރީ 24): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްސް ބަޔާން ލީކު ކުރުމަށް ވިކިލީކްސް އިން ގޮވާލައިފި އެވެ.

ރިޔާސީ އިންތިހާބު ތެރޭގައި ހިލަރީ ކްލިންޓަންއާ ގުޅުން ހުރި ގިނަ މައުލޫމާތު ލީކު ކޮށްފައިވާ ވިކިލީކްސް އިން ވަނީ ޓްރަމްޕް ޓެކްސް ބަޔާން އާއްމު ނުކުރަމަކީ ހިލަރީއަށް ވުރެ ޓްރަމްޕް ގޯސްވާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި ކޮންމެވެސް މީހަކު ޓްރަމްޕުގެ ޓެކްސް ބަޔާން އާއްމު ވިކިލީކްސް އަށް ފޮނުވުމަށާއި، އޭރުން އެލިޔުންތައް އާއްމު ކުރާނެ ކަމަށް ވިކިލީކްސްގެ ޓުވީޓުގައިވެ އެވެ.

މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި އޮތީ ޓެކްސް ބަޔާން އާއްމު ނުކުރެވިގެން އުޅެނީ ޓެކްސް ބަޔާން އޮޑިޓް ކުރަމުން ދާތީ ކަމަށެވެ. އަދި އޮޑިޓްކޮށް ނިމުމުން ޓެކްސް ބަޔާން އާއްމު ކުރާނެ ކަމަށެވެ.

ނަމަވެސް އާދިއްތަ ދުވަހު ޓްރަމްޕުގެ ތަރުޖަމާނު ކެލެއިން ކޮންވޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ޓްރަމްޕުގެ ޓެކްސް ބަޔާނާ މެދު އެމެރިކާގެ ރައްޔިތުން އަޅައެއް ނުލަ އެވެ. އެހެންކަމުން ޓްރަމްޕް އޭނާގެ ޓެކްސް ބަޔާން އާއްމު ނުކުރައްވާނެ އެވެ. އޭގެ ސަބަބުން ޓްރަމްޕާއި ކޮންވޭ އަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވުމާ ގުޅިގެން ކޮންވޭ ވަނީ ޓްރަމްޕް ކުރިން ވިދާޅުވި ގޮތަށް، ޓެކްސް ބަޔާން އޮޑިޓްކޮށް ނިމުމުން އާއްމު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮންވޭ އެފަދަ އިން ވިދާޅުވީ ޓްރަމްޕްގެ ޓެކްސް ބަޔާން އާއްމު ކުރުމަށް ގޮވާލައި 290،000 އަށް ވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.

ފާއިތުވި 40 އަހަރު ތެރޭގައި އެމެރިކާގައި ވެރިކަން ކުރި ހުރިހާ ރައީސުން ވަނީ އެބޭފުޅުންގެ ޓެކްސް ބަޔާން އާއްމު ކުރައްވައިފަ އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް