ވޮޝިންޓަން (ޖެނުއަރީ 24): ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހު ވަގުތު އެމެރިކާ ސަރުކާރުން ވަނީ ފަލަސްތީނަށް މާލީ އެހީގެ ގޮތުގައި 221 މިލިއަން ޑޮލަރު ފޮނުވާފައި ކަަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ ސްޓޭޓް ޑިޕާޓްމެންޓުގެ އޮފިޝަލުންނާއި ކޮންގްރެސްގެ އެއިޑުން ވިދާޅުވި ގޮތުގައި ފަލަސްތީނަށް އެހީ ފޮނުވިކަން ސަރުކާރުން ކޮންގްރެސްއަށް ރަސްމީކޮށް ލިޔުމަކުން އެންގީ ހުކުރު ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ ކޮންގްރެސް އިން ވަނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ބަޖެޓުން ފަލަސްތީނަށް މާލީ އެހީވުމަށް ރުހުން ދީފަ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ މެމްބަރަކަށް ވުމަށް ފަލަސްތީން ސަރުކާރުން މަސައްކަތް ކުރަން ފެށުމުން ކޮންގްރެސްގެ ބައެއް މެމްބަރުން ވަނީ އެހީ ފޮނުވުމަށް ދެކޮޅު ހައްދަވާފަ އެވެ. ކޮންގްރެސްއިން ރުހުން ނުދިން ނަމަވެސް ސަރުކާރުން އެފަދަ އެހީ ފޮނުވުމުން ހުއްޓުވުމުގެ ބާރު ކޮންގްރެސްއަކަށް ލިބިގެން ނުވެ އެވެ.
ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން ފަލަސްތީނަށް ދޭ މާލީ އެހީ އަކީ ހުޅަނގު އައްސޭރި އާއި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުންނާއި، ސިޔާސީ އަދި ސަލާމަތީ އިސްލާހުތަކަށް އެއްބާރުލުން ދިނުމަށާއި، ފަލަސްތީނު ދައުލަތެއް ގާއިމުވުމުން ސަރުކާރު ހިންގުމަށް ދޭ އެހީ ކަމަށް ކޮންގްރެސްއަށް ފޮނުވި ލިޔުމުގައިވެ އެވެ.
ނަމަވެސް އެ ނިންމުމުގެ ސަބަބުން ކޮންގްރެސް އާއި ޓްރަމްޕުގެ ސަރުކާރު ނުރުހުންވުމަކީ އެކަށީގެންވާ ކަމެކެވެ. ޓްރަމްޕް ވަނީ ފާޅުގައި އިސްރާއީލަށް ތާއީދު ކުރައްވައި، އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވޮޝިންޓަނަށް ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި އެވެ. ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސާ ވަނީ އެމްބަސީ ބަދަލު ކުރަން އަދި ސަރުކާރުން ނުނިންމާ ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައް އަދި އޮތީ ފުރަތަމަ މަރުހަލާތަކުގައި ކަމަށް ވިދާޅުވެފަ އެވެ. (އޭޕީ)