މޫސުމީ ސިޔާސަތާ ގުޅިގެން ނަޝީދުގެ ބަހުގެ ހަމަލާ ޓްރަންޕަށް

އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް -- ފޮޓޯ/ އޭޕީ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެއަށް ކުރިމަތިވާ މައްސަލަތަކާއި، އެ މައްސަލަތައް ހުއްޓުވުމަށް ކުރެވިފައިވާ މަސައްކަތްތަކަކީ އެންމެ މީހަކާހެދި ހުއްޓޭނެ ކަންކަމެއް ނޫން ކަމަށާއި، ގައުމެއްގެ ސަރުކާރު ހިންގަން ފެށުމުން ހަގީގީ ކަންކަން ހާމަވެ، އެކަންކަމުން ރެކެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒު ކުރައްވަމުންނެވެ.

ރައީސް ޓްރަމްޕް މީގެ ކުރިން ވިދާޅުވަމުން ގެންދެވީ މޫސުމަށް އަންނަ ބަދަލުތައް ނުވަތަ ކްލައިމެޓް ޗޭންޖަކީ ޚިޔާލީ ވާހަކައެއް ކަމަށެވެ. އަދި ކްލައިމެޓް ޗޭންޖާ ދެކޮޅަށް ކުރާ ބައިނަލްއަގުވާމީ މަސައްކަތްތަކަށް ރައީސް ޓްރަމްޕްގެ ސަރުކާރުން މާ ބޮޑު އެއްބާރުލުމެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.

އެމެރިކާގެ ޔޫޓާގައި ކުރިޔަށްދާ ސަންޑާންސް ފިލްމް ފެސްޓިވަލަށް ވަޑައިގެން ހުންނެވި، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމެރިކާގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރީ އެމެރިކާގެ ރައްޔިތުން ކަމަށާއި، އެމެރިކާގެ ރައްޔިތުންގެ ނިންމުމަކީ އެއީނަމަ އެކަމުގައި ގޯހެއް ނެތް ހާލު، އެ ނިންމުމަށް އެމަނިކުފާނު އިހުތިރާމުވެސް ކުރައްވާ ކަމަށެވެ.

ނަމަވެސް، ކްލައިމެޓް ޗޭންޖާ ދެކޮޅަށް ރައީސް ޓްރަމްޕް ދައްކަވާ ވާހަކަފުޅުތަކާ ގުޅުވައިގެން ރައީސް ނަޝީދު ވިދާޅުވީ، ކްލައިމެޓް ޗޭންޖުގެ މައްސަލަތަކާއި، އަދި އެ ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތައް، އެންމެ މީހެއްގެ ސަބަބުން ނުހުއްޓޭނެ ކަމަށެވެ.

ސަންޑާންސް ފިލްމް ފެސްޓިވަލަށް ވަޑައިގެން ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ އޭއެފްޕީ

"ގިނަ ސިޔާސީ ފަރާތްތަކުން މަގާމުތަކަށް އަންނަ އިރު އެކަހަލަ ވިސްނުންތައް ގެންގުޅޭ. އެކަމަކު ސަރުކާރެއް ހިންގަން ފެށުމުން ވިސްނޭނެ އެއީ ހަގީގަތެއް ކަމަށާއި، އެކަމުން ރެކިވަޑައިނުގަނެވޭނެކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ އަހަރު އޮތް ޕެރިސް ކްލައިމެޓް ސަމިޓުގައި ގައުމުތަކުން ކާބަން އުފައްދާ މިންވަރު މަދުކުރުމަށް ވައުދުވި އިރު، އެމެރިކާއިންވެސް ވަނީ ޕެރިސް މުއާހަދާ ތަސްދީގުކޮށް، އެއަށް އަމަލުކުރަން ވެސް ފަށައިފައެވެ. ނަމަވެސް ކްލައިމެޓް ޗޭންޖު ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވާ ރައީސް ޓްރަމްޕް، ޕެރިސް ކްލައިމެޓް ސަމިޓުގައި އެމެރިކާގެ ކުރީގެ ސަރުކާރުން ވީ ވައުދުތައް އަނބުރާ ގެންގޮސްފާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އެމެރިކާގެ އާ ސަރުކާރު އިއްޔެ ވެރިކަމާ ހަވާލުވި އިރު، އެގައުމުގެ އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީގެ އިސްވެރިޔާގެ މަގާމަށް ރައީސް ޓްރަމްޕް ނޮމިނޭޓުކުރައްވާ އޮކްލަހޯމާ ސްޓޭޓުގެ އެޓާނީ ޖެނެރަލް ސްކޮޓް ޕްރުއިޓްވެސް މީގެ ކުރިން ވިދާޅުވަމުން ގެންދެވީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ ޚިޔާލީ ފޮލާއެއް ކަމަށެވެ.

އެހެން ނަމަވެސް، އިއްޔެ ސްކޮޓް ޕްރުއިޓް ވަނީ ރައީސް ޓްރަމްޕް އަދި އޭނާވެސް މީގެ ކުރިން ވިދާޅުވަމުން ގެންދެވި ބަސްތަކާ ތަޢާރުޒުވެ، ދުނިޔެ ހޫނުވުމަކީ ހަގީގަތުގައި ވެސް ހިނގަމުންދާ ކަމެއް ކަމަށް އެއްބަސްވެފައެވެ.

comment ކޮމެންޓް