ތޮއްޑޫގެ ރީތިކަން ފޮޓޯތަކުން

ތޮއްޑޫ ނޫވިލާއި ފެހިކަންގަދަ ގަސްކަރަ: ތޮއްޑޫގެ ވިޔަފާރި ބަރޯސާވެފައި ވަނީ ދަނޑުވެރިކަމާއި ގެސްޓްހައުސް ވިޔަފާރިއަށް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އއ. ތޮއްޑޫ ރީތި ވަނީ ދަނޑުބިންތަކުން ފައްކާ ކުރާ މޭވާތަކުން އެކަންޏެއް ނޫނެވެ. އެ ރަށުގެ ފެހި ކަމާއި ރައްޔިތުންގެ ހިތް ހެޔޮ ކަމަކީ ތޮއްޑޫ ރީތިވާ ސަބަބެކެވެ. ރަށަށް އަރާ ފަތުރުވެރިންނާއި ބީރައްޓެހިންގެ ލޯބި އެ ރަށަށް "ބަންޑުން" ވާ ސަބަބަކީ އެއީ އެވެ.

އަތޮޅުތަކާ ދުރުގައި މާކަނޑުގެ މެދުން ހިއްލިފައިވާ ބިން ބޮޑު، ތޮއްޑޫއަކީ މާލެއާ 67 ކިލޯމީޓަރު ދުރުގައި އޮތް ރަށެކެވެ. އަލިގުޅައެއްގެ ބާރުމިނުގައި އަލިހުރަސްކަނޑު ހުރަސްކޮށް ތޮއްޑޫއަށް އަރައި ނެގި ފޮޓޯތަކުން މި "ފޮޓޯ ސްޓޯރީ" އަޅުގަނޑު ފަށަމެވެ.

އއ.ތޮެއްޑޫ: ބިމުގެ ގޮތުން ބޮޑު ތޮއްޑޫގެ މަލަމަތިން ފެންނަނީީ ރަށުގެ ފެހިކަމާއި ވަށައިގެން ގޮތް ނޫވިލު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޓޫރިސްޓުންތަކެއް ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ: ގެސްޓް ހައުސް ވިޔަފާރީގައި ތޮއްޑޫއަކީ މަޝްހޫރު ރަށެއް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއީ ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުންދާ ރަށެކެވެ. ދަނޑުވެރިކަމާއި ގެސްޓް ހައުސް ވިޔަފާރިއަށް ބަރޯސާވެފައިވާ މިރަށުގެ ކޮންމެ ގެެއެއްގައި ކަހަލަ ގޮތަކަށް ދަނޑެއް އޮވެވެ. އަދި 17 ގެސްޓް ހައުސް ކުރެ އެވެ. ސީޒަން ތެރޭގައި 150އަށް ވުރެ ގިނަ ޓޫރިސްޓުން އެ ރަށުގައި ޗުއްޓީ ހޭދަ ކުރެ އެވެ.

ޗުއްޓީ ހޭދަކޮއްލަން ތޮއްޑޫއަށް އައިސް އުޅޭ ފަތުރުވެރިޔަކު އެ ރަށު ވިލު ތެރޭގައި މޫދު ކުޅިވަރު ކުޅެނީ: 17 ގެސްޓް ހައުސް ހުންނަ ތޮއްޑޫއަށް މޫދު ކުޅިވަރު ފުޅާވެގެން ދިޔައީ ގެސްޓްހައުސް ވިޔަފާރިއާއެކު-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ވިިނަ ގަހުން ފުރިފަ އޮތް ބިމެއްގައި އަލިފާން ރޯކޮށްލުމުން، ދުން އަރަނީ: މި ސަރަހައްދަކީ ރަމަޟާން މަހަށް ހާއްސަކޮށްގެން ކަރާ ހެއްދުމަށް ދަނޑު ދޫކުރާ ބިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފޮނި ކަރާ ފައްކާކުރާ ތޮއްޑޫއަކީ ކުޅިވަރުގެ ދަނޑަށް ވެސް ކުޅުންތެރިން ފައްކާ ކުރާ ރަށެވެ. ރަން މެޑަލް ހޯދައިގެން ދިވެހިން ފޮނިކަން ދެއްކި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުވުމުގެ އަސްލަކީ މި ރަށަށް އުފަން މުހްތާރު ނަސީރު (ޓޫކިލޯ) އެވެ. ތޮއްޑޫ ނިޒާމަކީ ވެސް އެފަދަ ފޮނި ކަރަލެކެވެ. ދިވެހި ފޮޓްބޯޅައިގެ އާއިލާއިން އަދިވެސް ދަނީ އޭނާގެ ފޮނިމީރުކަން ހޯދަމުންނެވެ. ޕްރިމިއާ ލީގުގައި ގަލޮޅު ދަނޑުގެ ފަހަތާއި ކުރި ބަލަހައްޓާ ތޮއްޑޫގެ ފަސް ދަރިން ކްލަބުތަކަށް ކުޅެ އެވެ.

ތޮއްޑޫގެ ފަޅޯދަނޑެއް: ތޮއްޑޫ ދަނޑުވެރިންގެ އުފެއްދުންތައް މާލެ އާއި ރިސޯޓުތަކަށް ފޯރުކޮށްދޭ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ތޮއްޑޫގައި ކަރާ ފަޅައި، ކާން ތައްޔާރު ކުރަނީ: ތޮއްޑޫ ކަރާ މަޝްހޫރުވެފައި ވަނީ ފޮނިކަން ގަދަ ކަރާގެ ގޮތުގައި-- ސަން ފޮޓޯ/ މުހައްމަދު އަރްފާހު

ތޮއްޑޫއަކީ ސިޔާސީ ވާދަވެރިކަން ބޮޑު ރަށެކެވެ. އާންމު ދިރިއުޅުމާއި ރަށުގެ އިޖުތިމާއީ ފޭރާމަކަށް ސިޔާސީ ކުލައެއް ނުޖެހެ އެވެ. އޭގެ އަސަރެއް ވެސް ނުކުރެ އެވެ. ރަށުގެ މެޖޯރިޓީ އޮތީ ސަރުކާރަށެވެ. ކައުންސިލްގެ ރައީސަކީ ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވި ކެންޑިޑޭޓެކެވެ. ޖުމްހޫރީ ޕާޓީގެ ތިން ކައުންސިލަރުންނާއި އެމްޑީޕީގެ ކައުންސިލަރަކާއެކު ތޮއްޑޫ ކައުންސިލް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.

ދަނޑަށް މީހަކު ފެން ޖަހަނީ: މޭވާ އާއި ތަރުކާރީގެ ކޮލެޓީ ހިފެހެއްޓުމަށް ދަނޑުތައް ބަލަހައްޓަނީ ފަރުވާތެރިކަމާއެކު-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މެންދުރުގެ ގަދަހޫނު ވަގުތު ގަހެއްގެ ހިޔަލުގައި ހުރި ޖޯޔެެއްގައި ދޮށީ އުމުރުގެ ދެ މީހަކު: ތޮެއްޑޫ އަކީ ރަށަށް އަރާ މެހެމާނުންނަށް އެކުވެރި އަދި ހިތްހެޔޮ ބައެއް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޯދަ ވީއްލާ ހިނދު، ތޮއްޑޫ ކަރާފަނި ބޮވާ ހެއްޔެވެ؟ ދިވެހިންގެ އަގުލަބިއްޔަތު ތޮއްޑޫ ކަރައަށް "ފެންބޮވަނީ" ކީއްވެ ހެއްޔެވެ؟ ތޮއްޑޫ ދަނޑުވެރިން އޭގެ ޖަވާބު ދެނީ ދެ ލަފްޒުގެ ބަހަކުންނެވެ. އެއީ "ފޮނި" ކަމެވެ.

ރޯދަ މަހު، ކޮންމެ ދުވަހަކު މާލެއަށް އެންމެ ގިނައިން ކަރާ އަރުވަނީ މި ރަށުންނެވެ. ރޯދަ މަހުގެ ކޮންމެ ދުވަހަކު 20 ޓަނެއްހާ ކަރާ މާލެއަށް އަރުވަ އެވެ.

ފެހިކަން ގަދަ ތޮއްޑޫގެ ކަރާދަނޑުތައް: ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ތޮއްޑޫއިން 20 ޓަނުގެ ކަރާ ބޭރުކުރޭ--- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހަވީރު ފިންޏަށް ތޮއްޑޫ އާއިލާއެއް ހިނގާލަނީ: ތޮއްޑޫ ރައްޔިތުންނަކީ ދުޅަހެޔޮ ބައެއް-- މުހައްމަދު އަފްރާހް

ބަނޑި ލައްވަމުން އަރި އަރިއަށް، ނަށަމުންދިޔަ އެ ކުދިންނަކީ ރީތި ކުދިންތަކެކެވެ. އެއީ ތޮއްޑޫ ސޯސަން ކްލަބާއި ބްރައިޓް ކްލަބުގެ ބަނޑިޔާ ނެށުންތެރިނެނެވެ. މި ވާހަކަ މާޒީގެ ސަފުހާތަކުންމެ، އަބަދު އަޑުއިވެ އެވެ. ތޮއްޑޫ ޒުވާން އަންހެން ކުދިން މަޝްހޫރުވެފައި ވަނީ ރީތި ބައެއްގެ ގޮތުގަ އެވެ. ނަމަވެސް ލަދުރަކި ބައެކެވެ.

މަގުގެ ދެ ފަރާތުގައި ރުއް އިންދާވުމުން ދިގު މަގަކުން ސައިކަލެއް ދުއްވާފައި ދަނީ: ތޮއްޑޫ ގިނަ މަގުތަކަކީ ހަނި މަގުތަކެއް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއީ ކުށް މަދު ރަށެކެވެ. މި ރަށުގައި ކުށެއް ކުރުމަކީ "ދަމަކުން ބަޑިއެއް" ޖަހާލުންފަދަ ކަމެކެވެ. ޒުވާނުންނާއި ކުދިބޮޑު އެންމެން އަބަދުވެސް އަވަދިނެތި އުޅެނީ މަސައްކަތުގަ އެވެ. މިއީ ދޮޅަހެޔޮ މުޖުތަމައުއެއް އޮތް ރަށެކެވެ.

ތޮއްޑޫގެ ދަނޑުތައް: ދަނޑުވެރިކަމުން ރަށަށް ބޮޑު އާންމުދަނީއެއް ލިބޭ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އިރު އޮއްސުނު ވަގުތު މީހަކު މޫދުގައި: ރަށުގެ ކޮންމެ ދިމާލަކީ ވެސް ފަތުރުވެރިންނަށް ހިތްގައިމު ތަންތަން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަތުރުވެރިންނަށް މި ރަށުން އެންމެ ބޮޑަށް ވިކެނީ ރައްޔިތުންގެ މެހެމާންދާރީ އެވެ. އިސް ރަށްވެހިންގެ މޫނުމަތިން އެ ފެންނަ ހިނިތުންވުމެވެ. ކަޅިއެއް އެއްލާލިޔަސް ހިނިތުންވުވެފައި ހުންނަތަން ރަށުން އަބަދުމެ ފެނެ އެވެ.

ޗިޗަންޑާ އަޅާ ބަރާވެފައި އޮތް ވެލެއް: ތޮއްޑޫގެ ދަނޑުތައް ބެލެހެއްޓުމުގައި އެންމެ ގިނައިން އުޅެނީ ބިދޭސީން--- ސަން ފޮޓޯ/ މުހައްމަދު އަރްފާހު

ޖުމްހޫރީ މޭވާ ވެލެއް: ތޮއްޑޫ ދަނޑުވެރިން އެކި ބާވަތް ބާވަތުގެ މޭވާ އާއި ތަރުކާރީ ހައްދާ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފަތިސްނަމާދަށް ފަހު ތޮއްޑޫގެ ހީވާގި އަންހެން ކަނބަލުން މަސައްކަތް ފަށައިގަންނަނީ ރަށު ތެރެ ސާފުކޮށް، ރީތި ރަށެއްގެ ގޮތުގައި އެ ރަށެއްގެ ގޮތުގައި ބޭވުމަށެވެ.

ތޮއްޑޫގެ ބޮޑުމަގުގައި ބައިސްކަލް ދުއްވަން އުޅޭ ކުދިންތަކެއް: ތޮއްޑޫ މީހުންނަކީ ދުޅަ ހެޔޮ ބައެއް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހޫނުގަދު ވެ ހިރަފުސް ވާތީ މަގު މައްޗައް މީހަކު ފެން ޖަހަނީ: ރަށުގެ މަގުތައް ސާފު ތާހިރު ކުރުމުގައި ވަކި ޖިއްސެއް ނެތް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ތޮއްޑޫއަކީ ރާއްޖޭގެ ނިސްބަތުން ބަލާނަމަ ބިމުގެ ގޮތުން ބޮޑު، ދަނޑު ވެރިކަމަށް އެހާމެ މޮޅު ޗަކަ ބިމެއް އޮތް ރަށެކެވެ. ފަތުރުވެރިން މި ރަށާމެދު ގަޔާވަނީ ތޮއްޑޫގެ ފެހިކަމެވެ.

comment ކޮމެންޓް