މިދިޔަ އަހަރަކީ އެންމެ ހޫނު އަހަރު! ރާއްޖޭގެ ފިނިހޫނުމިން ވެސް ދަނީ މައްޗަށް!

ޖުމްހޫރީ މައިދާނުގައި ހެދި ފެންއަރުވާ ވަޑާން ކައިރީގައި ކުޑަކުދިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރަކީ މިހާތަނަށް ދުނިޔެ ތަޖުރިބާކުރި އެންމެ ހޫނު އަހަރު ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ) އިން ކަނޑައަޅާފައިވާ އިރު، ރާއްޖޭގެ ހޫނު މިން ވެސް ދަނީ މައްޗަށް ޖެހެމުން ކަމަށް ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ސިނާއީ އިންގިލާބަށް ފަހު ހުރި މިންގަނޑު 1.1 ސެލްސިއަސް އަށް ދިޔަ ކަމަށް ޑަބްލިއުއެމްއޯ އިން ހާމަކޮށްފައިވާ ކަމަށެވެ.

އެއީ ނާސާ އާއި ނޯއާ އަދި އިނގިރޭސި މެޓް އޮފީހުގެ ތަފާސްހިސާބުތަކުން މިހާރު ކަށަވަރު ކުރެވިފައިވާ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ހޫނު އެންމެ މަތިވީ 2015 ވަނަ އަހަރު އެވެ. އެ އަހަރު ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ހުރީ ސިނާއީ އިންގިލާބުގެ ދުވަސްވަރަށް ވުރެން 0.07 ސެލްސިއަސް މަތީގަ އެވެ. ސައެންސްވެރިން ބަޔާންކުރާ ގޮތުގައި މިދަރަޖައަށް ދުނިޔެ ހޫނުވީ މީގެ 115,000 އަހަރު ކުރިން ކަމަށް ވެދާނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މުޅި ރާއްޖެ އަށް ބަލާއިރު ވެސް މިދިޔަ އަހަރު ހޫނުމިން ހުރީ މަތީގައި ކަމަށެވެ. ހޫނުމިން އެންމެ މައްޗަށް ދިޔަ ކަމަށް ރާއްޖޭގައި ރެކޯޑް ކުރެވިފައި ވަނީ ހދ. ހަނިމާދޫގައި މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ. އެއީ 35 ސެލްސިއަސް އަށެވެ.

އެ މިނިސްޓްރީން ބުނީ، މިދިޔަ 20 އަހަރާ ބަލާއިރު ރާއްޖޭގެ ފިނިހޫނު މިން ވެސް މަޑުމަޑުން ދަނީ މައްޗަށެވެ.

ދުނިޔޭގެ ގައުމުތަކުގައި ފިނި ހޫނުމިން މަތިވުމުގެ ސަބަބުން މީހުން މަރުވެ އަދި ތަފާތު ސިއްހީީ މައްސަލަތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއް ދުވަހު އެކަނި ވެސް 1661 މީހުން ވަނީ މަރުވެފަ އެވެ.

އަވަށްޓެރި އިންޑިއާގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ ވެސް މިދިޔަ އަހަރު އެވެ. އަދި އެކަމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެ، ފެނަށްޖެހިފަ އެވެ.

comment ކޮމެންޓް