ރާއްޖޭގެ އެންމެ ބޮޑު އެލްސީޑީ ޓީވީ ސްޓެލްކޯއިން އިފްތިތާހު ކޮށްފި

ސްްޓެލްކޯއިން ހަރުކުރި "މާޓީވީ" -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރާއްޖޭގެ އެންމެ ބޮޑު ޓީވީ، "މާ ޓީވީ" ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގައި ބަހައްޓައި އެ ޓީވީ މިރޭ އިފްތިތާހު ކޮށްފި އެވެ.

ސްޓެލްކޯ އިމާރާތުގެ ފުރަގަހުގައި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހަރުކޮށްފައިވާ 35 ފޫޓޫ ދިގު 19 ފޫޓު ފުޅާ "މާ ޓީވީ" އިފްތިތާހު ކޮށްދެއްވީ، އެ ސަރަހައްދުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އިކޮނޮމިކް މިނިސްޓަރު "މާ ޓީވީ" އިފްތިތާހް ކޮށް ދެއްވަނީ -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯ ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝަކޫރު ސާލިހް ވިދާޅުވީ، އެ ޓީވީއަކީ ވަރަށް ގިނަ ދުވަސްތަކެއްގެ މަސައްކަތުން ބެހެއްޓުނު ޓީވީ އެއް ކަމަށާއި، އެ ޓީވީގެ ހިދުމަތް ވަރަށް ގިނަ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ސްޓެލްކޯ އާއި، ސަރުކާރުގެ މުއައްސަސާތަކާއި، އެހެނިހެން ކުންފުނި ތަކުން ވެސް އާއްމު ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖުތައް އެ ޓީވީ މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށެވެ.

"މި ސްކްރީނުން ގިނަ ސަރުކާރުގެ މުއައްސަސާތަކުން ބޭނުންފުޅުވާ، ގޮތްގޮތަށް ހުރި ނޯޓިސްތަކާއި، އަދި އެހެން ކުންފުނިތަކުގެ އިޝްތިހާރުތަކާއި، އަދިވެސް އަޅުގަނޑުމެން ބޭނުންވާ އެކި މައުލޫމާތު ފޯރުކޮށްދެމުން ގެންދެވޭނެ. އޭގެ ތެރޭގައި ވެދާނެ ފަހަރެއްގައި އާއްމުގޮތެއްގައި އަޅުގަނޑުމެން ގިނަ ފަހަރަށް މަސައްކަތްތައް ކުރާއިރު އެކިސަރަހައްދު ތަކުން ބައެއް ފަހަރު ކުއްލި ގޮތަކަށް ކަރަންޓު ކަނޑާލަންވެސް އެބަޖެހޭ. އެކަހަލަ ވަގުތު ތަކުގައި ވެސް މިތަނުން އަޅުގަނޑުމެންނަށް ދައްކާލެވޭނެ،" ޝަކޫރު ވިދާޅުވި އެވެ.

އޭނާގެ ވާހަކަފުޅުގައި ވަރަށް ގިނަ މަސައްކަތް ކޮށްގެންވެސް ފައިސާ ނުދައްކައިގެން ބައެއް ތަންތަނުން ކަރަންޓު ކަނޑާލަން ޖެހޭ ކަމަށާއި، ފަރާތްތަކުގެ ނަން ލިސްޓު އެ ޓީވީ މެދުވެރިކޮށް ފެންނާނެހެން ބެހެއްޓިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މީ އަންނަ ހަފްތާގައި ރެޑް ނޯޓިސް ފޮނުވަން ވެފަ ހުރި ތަންތަނޭ. ނޫނީ މިދިޔަ ހަފްތާގައި ފޮނުވި ތަންތަނޭ. އެހެންވީމާ މި ކުރު މުއްދަތުގެ ތެރޭގައި ކަނޑާވެސް ލެވިދާނެ ކަމަށް މި ސްކްރީން މެދުވެރިކޮށްވެސް ދެވިދާނެ. އެއީ ދެން ޝޯޓްކަޓެއް. އެހެން ކޮންމެހެން ހަދާ ވާހަކައެއް ނޫން މިދެންނެވީ،" ޝަކޫރު ވިދާޅުވި އެވެ.

އޭނާގެ ވާހަކަފުޅުގައި، އެ ޓީވީ ހުންނަ ސަރަހައްދުގައި އޮންނަ ސްވިމިން ޓްރެކްގައި އެކި އެކި އެކްސަސައިޒްތައް ކުރިއަށް ގެންދާ ވަގުތު އެ ޕްރޮގްރާމަކާއި ގުޅޭ މިއުޒިކާއި ވީޑިއޯ ދެއްކުން ފަދަ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް