އަލިފުޅު ތުއްތު ފައުންޑޭޝަނުން ކަނޑިތީމުގައި އެޅި މިސްކިތް ހަވާލުކޮށްފި

އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ށ. ކަނޑިތީމުގައި އިމާރާތްކުރި މިސްކިތް --- ފޮޓޯ/ އަލިފުޅު ތުއްތު ފައުންޑޭޝަން

އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ށ. ކަނޑިތީމުގައި އިމާރާތް ކުރި މިސްކިތް އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

ކަނޑިތީމުގައި އިމާރާތް ކުރި މިސްކިތަކީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާކުރި މިސްކިތެކެވެ. އަލްޓެކް މޯލްޑިވްސް އާ ހަވާލުކޮށްގެން މިދިޔަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށި 700 މީހުންގެ ޖާގައިގެ އެ މިސްކިތް އިމާރާތްކުރުމަށް 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ކަނޑިތީމުގެ މިސްކިތުގެ އިތުރުން އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ދަނީ ރާއްޖޭގެ ހަ ރަށެއްގައި މިސްކިތްތައް އިމާރާތް ކުރަމުންނެވެ.

އެއީ، ހއ. ތަކަންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ނަރުދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި މ. މުލަކުގައި 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ރ. ހުޅުދުއްފާރުގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި އަދި ލ. މާމެންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، އެ ފައުންޑޭޝަނުން އިމާރާތްކުރާ އެ މިސްކިތްތަކުގެ ތެރެއިން ތިން މިސްކިތެއްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނަކީ މަޝްހޫރު ވިޔަފާރި އާއިލާ ޗަންޕާ ބްރަދާސްގެ ފަސް ބެން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި އަބްދުއްސައްތާރު މޫސާ އާއި އަހުމަދު މޫސާ އަދި ހަދީޖާ މޫސާގެ ބައްޕަ، މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ދެމުންގެންދާ ޑިސްއެބިލިޓީ އެވޯޑް މިދިޔަ އަހަރު ލިބިފައިވާ އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ދިވެހި ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ، އެކި ރަށްރަށުގައި މިސްކިތްތަކާއި ފެނާއި ނަރުދަމާ ވެސް ދަނީ ގާއިމް ކޮށްދެމުންނެވެ.

comment ކޮމެންޓް