ޓްރަމްޕާ ރަޝިއާއާ އޮތް ގުޅުމާ ބެހޭ ގޮތުން އެފްބީއައިއިން ތަފްސީލު ނުދިނުމުން ޑިމޮކްރެޓުން ރުޅިގަދަވެއްޖެ

އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމީ އަމަލު ކުރައްވަނީ ހަމަހަމަކަމާ އެކުތޯ ޑިމޮކްރެޓިކް ޕާޓީން ވަނީ ސުވާލު އުފައްދާފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖެނުއަރީ 14): ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް ބުނެ އެފްބީއައިއިން އެކުލަވާލި ރިޕޯޓާ ބެހޭ ގޮތުން އެމެރިކާގެ ކޮންގެރްސްއާ އެކު އެގައުމުގެ ޖާސޫސީ އިދާރާތަކުން ބޭއްވި ސިއްރު ބައްދަލުވުމެއްގައި ރަޝިއާ އާއި ޑޮނަލްޑް ޓްރަމްޕާ އޮތް ގުޅުމާ ބެހޭ ގޮތުން ތަފްސީލު ދިނުމަށް އެފްބީއައިއިން ދެކޮޅަށް ހެދި ކަމަށް ބުނެ ޑިމޮކްރަޓިކް ޕާޓީން ނުރުހުން ފާޅުކޮށްފި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން ވިދާޅުވި ގޮތުގައި އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމީ އާއި ޖާސޫސީ އިދާރާތަކުގެ އިތުރު އިސް ވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އެފްބީއައި އިން ވަނީ ރަޝިއާ އާއި ޓްރަމްޕުގެ ކެމްޕެއިނާ އޮތް ގުޅުމާ ބެހޭ ގޮތުން އެފްބީއައިއިން ތަހުގީގެއް ކުރިއަން ގެންދާ ކަމެއް ނުވަތަ މުސްތަގުބަލުގައި ކުރިއަށްގެންދާނެ ކަމަށް ބުނަން ދެކޮޅު ހަދާފަ އެވެ.

ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ގޮތުގައި ހިލަރީ ކްލިންޓަން ހުންނެވި އިރު ސަރުކާރުގެ ރަސްމީ ބޭނުންތަކަށް އަމިއްލަ އީމެއިލް ސާވާއެއް ބޭނުންކުރި މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރަން އެފްބީއައިއިން ފަސްނުޖެހުމުން، އެ ދެމައްސަލައިގައި އެފްބީއައިއިން އަމަލު ކުރަނީ ހަމަހަމަކަމާ އެކުތޯ ސުވާލު އުފެދޭ ކަމަށް ޑިމޮކްރަޓިކް ޕާޓީގެ އިސް މެމްބަރެއް ކަމަށްވާ އެޑަމް ޝިފް ވިދާޅުވި އެވެ.

އެފްބީއައި އާއި ކޮންގްރެސްގެ ބައްދަލުވުން ބާއްވާފައި ވަނީ ރިޔާސީ ކެމްޕެއިން ތެރޭގައި ޓްރަމްޕްގެ ކެމްޕެއިނާއި ރަޝިއާގެ ލީޑާޝިޕާ ދެމެދު ވަނީ ތަކުރާރުކޮށް މައުލޫމާތު ބަދަލުކޮށްފައި ކަމަށާއި ޓްރަމްޕް ބްލެކްމެއިލް ކުރެވޭ ފަދަ މައުލޫމާތު ރަޝިއާއަށް ލިބިފައިވާ ކަމަށް ބުނާ ރިޕޯޓުތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

މިމަހުގެ 20 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރައްވާ ޓްރަމްޕް ވަނީ އޭނާއާ ރަޝިއާއާ ދެމެދު އެފަދަ ގުޅުމެއް ނެތް ކަމަށް ވިދާޅުވެ އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. (އޭބީސީނިއުސް)

comment ކޮމެންޓް