ދިރާގުގެ ނެޓްވޯކަށް ވަރުގަދަ ހަމަލާތަކެއް، ބޭރުގެ އެހީތެރިކަމާއެކު މަައްސަލަ ހައްލުކުރަނީ!

ދިރާގު ހެޑް އޮފީސް --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ދޭ ހަމަލާތައް ވަރުގަދަވެފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް ބޭރުގެ ތަޖުރިބާކާރުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން މިރޭ ވިދާޅުވީ، އެ ކުންފުނިން ދެމުންގެންދާ ބްރޯޑްބޭންޑް އިންޓަނެޓާއި މޯބައިލް ޑޭޓާގެ ހިދުމަތަށް މައްސަލަތަކެއް ދިމާވަމުންދަނީ ދިރާގުގެ ނެޓްވޯކަށް ބަޔަކު ދޭ ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) ހަމަލާތަކެއްގެ ސަބަބުން ކަމަށެވެ.

އެގޮތުން އިއްޔެއާއި މިއަދު ނެޓްވޯކަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަވެ އިތުރުވެފައިވާތީ ހައްލުކުރުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް މިރުޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެކަން ހައްލުކުރުމަށް ދަތިތަކަކާ ކުރިމަތިވަނީ އެކި ދިމާދިމާލުން ހަމަލާތައް އަންނާތީއެވެ.

"މިއީ ދުނިޔޭގެ ބޮޑެތި ހިދުމަތްތައް ދެމުން އަންނަ ޕޭޕަލް އަދި ޓްވިޓާ ފަދަ ކުންފުނިތަކަށް ވެސް ދޭ ހަމަލާތަކެއް. އެކަމަކު މިއަދު ދިރާގަށް ހަމަލާ ދެމުން މިދަނީ އެކި ދިމާދިމާލުން. އެއް ދިމާލަކުން ހަމަލާދޭނަމަ އެކަން ހައްލުކުރުމަށް ފަސޭހަވެގެންދާނެ،" މިރުޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިރާގުގެ ނެޓްވޯކަށް ދޭ ހަމަލާތައް ހައްލުކުރުމަށް އެ ކުންފުނީގެ އިންޖިނިއަރުންގެ ޓީމުގެ އިތުރުން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އަދި މައްސަލަ އެއްކޮށް ހައްލުވާނެ ވަކި ދުވަހެއް ދަންނަވަން ދަތިކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިރުޝާން ފާހަގަކުރެއްވިއެވެ.

ޑީޑޮސްގެ ހަމަލާތަކުގެ ސަބަބުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ދިރާގާއި އުރީދޫގެ އިތުރުން ރާއްޖެއޮންލައިނުން ދެމުންގެންދާ ހިދުމަތްތަކަށް ދޭތެރެ ދޭތެރެއިން ބުރޫއަރައެވެ.

comment ކޮމެންޓް