ތިނަދޫ ރޫހު ގެއްލިފައި!

ވޭތުވެދިޔަ ހަތަރު ދުވަހު އެންމެންގެ މޫނު ގދ. ތިނަދޫއާ ދިމާއަށް އަނބުރައިލަން ޖެހުނެވެ. އެންމެންގެ ކަންފަތް ތިނަދޫގެ އަޑުތަކަށް ދޭންޖެހުނެވެ. އެރަށުން ފެންމަތިވެގެން އައި ހަބަރުތަކުން ތިނަދޫގެ ރައްޔިތުންނަށް ނުތަނަވަސްކަން ގެނުވި އެވެ.

"ހަމަ ހަގީގަތަށް ވެސް މުޅި ރަށް ވަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި. އެންމެން ވަނީ ވަރަށް ބޮޑު ހާސް ކަމެއްގެ ތެރެއަށް ގެންގޮސްފައި،" ރަށު ކައުންސިލުގެ ރައީސް އަހުމަދު ނަސީރު ވިދާޅުވި އެވެ. "އެންމެ ބޮޑަށް ރައްޔިތުންނަށް ހާސްކަމާއި ނުތަނަވަސްކަން ގެނުވީ އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ ހާދިސާއިން. އެކަންވީ ވަރަށް، ވަރަށް ބޮޑު ޝޮކަކަށް. ޖުމްލަކޮށް ވޭތުވެދިޔަ ހަތަރު ދުވަހަކީ ވެސް އަޅުގަނޑުމެން ހާސް ކަމުގެ ތެރޭގައި އުޅެން ޖެހުނު ދުވަސްތައް،"

ތިނަދޫއަށް ފުރަތަމަ ދިމާވީ ރަށުން ގޭސް ހުސްވެ ހުރިހާ ގެއެއްގައި އަލުން ދަރު އުނދުން ޖަހައިގެން ކައްކަކަން ޖެހުމާއި ދަރު އުނދުނުން ކަންކަން ބެލި އިރު ގޭގޭގެ ވެށި ބައްޓަން ކޮށްފައިވާ ގޮތުން ބަދިގެތަކުން ދަރު އުނދުނަށް ގާޖައެއް ލިބޭ ގޮތެއް ނުވުމުންނެވެ. އެ "ގޭސްގަނޑުގެ" ތެރޭގައި ދުވަސްތަކެއް ވަންދެން އުޅެން ޖެހުނު ނަމަވެސް އެކަން މިހާރު ވަނީ ހައްލުވެފަ އެވެ.

"ގޭސް ހުސްވެގެން އޭގެ ހާސް ކަމުގެ 15 ދުވަހު އުޅެން ޖެހުނު. މިހާރު ގޭހުގެ މައްސަލައެއް ނެތް،" ނަސީރު ވިދާޅުވި އެވެ.

ގޭސްގަނޑުގެ ތެރެއިން ނުކުމެވުނުތަނާ ތިނަދޫގެ 8000 މީހުންގެ އާބާދީ ވަރަށް ބޮޑަށް ލަދުގަތް ކަމަކާ ދިމާވި އެވެ. އެއީ ރަށުގައި ބަނގުރާ ތައްޔާރު ކުރަމުން ދިޔަ ބިދޭސީންތަކެއް ފުލުހުން އަތުލައިގަތް ކަމަށް ބުނާ ހާދިސާއާ ގުޅިގެނެވެ. ތިނަދޫ މީހުން ބުނަނީ "އެއީ ވަރަށް ލަދުގަތް" ކަމެއް ކަމަށެވެ.

"އޭގައި ހަގީގަތެއް ނެތް ކަންތަތަކެއްވޭ. އެކަމާ ހުރެ އަޅުގަނޑުމެން އާބާދީއަށް އަސަރުތަކެއް ކުރުވި، އަދި ލަދުގަތް،" ނަސީރު ވިދާޅުވި އެވެ.

ބަނގުރާ ކެއްކި ކަމަށް ބުނާ މައްސަލައިގައި ލަދުން އިސްޖަހައިގެން ތިއްބާ ދެން ދިމާވީ ސަހަލު ކަމަކާ ނޫނެވެ. އެއީ ގިނަ އަދެއްގެ ފައިސާ އާއި ކޭޝްކާޑާއި ފޯނާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކަކާއެކު ރަށުން ބައްޕައަކާ އޭނާގެ ދަރިފުޅާއި އިތުރު މީހަކު ހައްޔަރު ކުރީ އެވެ. އެއީ މިއަ ހޯމަ ދުވަހެވެ.

"އެއް ފަހަރާ ހުރިހާ ކަމެއް އަންނަމުން ދަނިކޮށް މި ދެބަފައިންނާ، އެމީހާ ހައްޔަރު ކުރީ. އެކަމަކު އެމީހުންނަކީ ކުރިންވެސް ރިކޯޑްތައް އޮންނަ ބައެއް،" ނަސީރު ވިދާޅުވި އެވެ.
ތިނަދޫ އެހެން މީހަކު ބުނީ ދެބަފައިގެން ހާދިސާއަށް ވުރެ ބޮޑަށް ރަށަށް ހާސްކަން ވެރިވެ މީހުންގެ ރޫހު ގެއްލޭ ގޮތްވީ ނުރައްކާތެރި ވާހަކަތަކެއް ފެތުރިގަތުމުން ކަމަށެވެ. އެއީ މިނިކަށި ނަގައިގެން މަސްތުވާތަކެތި ތައްޔާރުކޮށް ރަށުތެރޭގައި ވިއްކާ ވާހަކައާއި އެކަން ކުރާ ބަޔަކު މިނިކަށި ނަގަނީ ބަންޑުންޖަހައިލި "އެނަމާ" ހާދިސާގައި މަރުވި މީހުންގެ މަހާނަތަކުން ކަމަށް އަޑުތައް ފެތުރުމުން ކަމަށެވެ.

"އެއީ ވަރަށް ބޮޑަށް މިރަށުގެ މީހުން ހާސްވި ކަމެއް، އެކަމަކު އެއީ ހަގީގަތެއް ނެތް ވާހަކައެއް. އެއިން ހާސްކަން އިތުރުވީ ރަށާ ބެހޭ ގޮތުން އެވާހަކަތައް ފެތުރިގަތުމުން،" އެމީހާ ބުންޏެވެ.

"މިނިކަށީގެ ހަބަރުވެސް ފެތުރުނު އެއީ އެކަމަކު ހަގީގަތެއް ނެތް ވާހަކަތަކެއް. އޭގެ ސަބަބުންވެސް ހާސް ކަން ކުރިމަތިވި،" ނަސީރު ވެސް ވިދާޅުވި އެވެ.

ކަމާލައިގަތީ ދެނެވެ؛ އިއްޔެ ތިނަދޫ ނިދިން ހޭލައި ދަމެއް ނުހިނގަނީސް މުޅި ރަށް ސިއްސުވާލައި ބަސް ހުއްޓުވައިލީ ރަށުގެ ހިއްކި ސަރަހައްދުގެ ގެއެއްގެ ގަރާޖުގެ ތެރެއަށް އެއްލާލާފައި އޮތް ތުއްތު ފިރިހެން ކުއްޖަކު ދިރިއޮއްވާ ފެނުމުންނެވެ.

"މުޅި ރަށް ދިޔައީ ސިހިގެން، އެންމެ ތިބީ ކަންބޮޑުވެފައި ހާސްވެފައި ވަރަށް ބޮޑަށް ދެރަވެފައި. އަދި ހިތްހަމަ ނުޖެހިފައި،" ނަސީރު ވިދާޅުވި އެވެ. "އެ ހާސްކަމުގައި އުޅެނިކޮށް ހޮސްޕިޓަލުގެ މުވައްޒަފަކު ސަމާސާއަކަށް ހަދާފައި ހޮސްޕިޓަލަށް ގުޅައި އެއީ ތިމަންނާގެ ކުއްޖެއް ކަމަށް ބުނެ ވިހަ ސަމާސާއެއް ކުރިމުން ރައްޔިތުން ވަނީ ވަރަށް ބޮޑަށް ނުރުހިފައި،"

ވޭތުވެދިޔަ ހަތަރު ދުވަސް ތިނަދޫގެ އާބާދީ ބޯ ހާސް ކަމެއްގެ ތެރެއަށް ގެންގޮސް، ތުއްތުކުއްޖާގެ މައްސަލައިގައި ވާނުވާގައި ތިއްބާ ތެންމާލައި ހޭލައްވައިލީ އިއްޔެ މެންދުރެއްހާއިރު ވާރޭ ބަންޑުކޮށްލައި މެދު ނުކެނޑި އެއްގަޑި އިރުވަންދެން ބޯކޮށް ވެހި ރަށުގައި ފެން ބޮޑުވުމުންނެވެ.

"ގޭގެއަށް ފެން ވަދެ، ދިރިއުޅުމަށް ގެއްލުންތަކެއް ނުލިބުނަސް މަގުތަކުގައި ފެންބޮޑުވި ދަތިތަކާ ކުރިމަވިތި، ހުރިހާ ކަމެއް އެއް ފަހާރާ ދިމާވީ. މިހާރު ފެންވެސް ހިނދިއްޖެ. އެކަމަކު މިހިނގައިދިޔަ ކަންތައްތަކަށް ފަހު ތިނަދޫ ވަނީ މޮޅީގައި،" އެ ރަށު މީހަކު ބުންޏެވެ.

ތިނަދޫ މީހުން އެމީހުންގެ ރަށުގެ ފަހުރަށްޓަކައި ރޫހުވަނީ ތިނަދޫގައޭ ބުނަމުން ދިޔައަސް މިވަގުތު ތިނަދޫގެ ބޮޑު އާބާދީ ވަނީ ރޫހު ގެއްލިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް