ޓްރަމްޕް ހުވާކުރައްވާ ރަސްމިއްޔާތަށް ބިލް އާއި ހިލަރީ ކްލިންޓަން ވަޑައިގަންނަވާނެ

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ބިލް ކްލިންޓަން އާއި ހިލަރީ ކްލިންޓަންގެ އިތުރުން ޖޯޖް ބުޝް ވެސް ވަޑައިގަންނަވާނެ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖެނުއަރީ 4): ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ވެރިކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ހިލަރީ ކްލިންޓަން އާއި ފިރިކަލުން ބިލް ކްލިންޓަން ވަޑައިގަންނަވާނެ ކަމަށް އެދެބޭފުޅުން ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ވާދަ ކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހުނު ހިލަރީ ވަނީ އިންތިހާބަށް ފަހު ޕަބްލިކާ ދުރަށް ޖެހިވަޑައިގެންފައެވެ.

ނަމަވެސް އެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޖިމީ ކާޓާ ބައިވެރިވެވަަޑައިގަަންނަވާނެ ކަމަށް ވިދާޅުވި ފަހުން ހިލަރީ އާއި ބިލް ކްލިންޓަން ވަނީ އެދެބޭފުޅުންވެސް ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޖޯޖް ޑަބްލިއު ބުޝް އާއި އަނބިކަނބަލުން ލައުރާ ބުޝް ވެސް ވަނީ "ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުވުން" ބައްލަވާލެއްވުމަށް މިމަހުގެ 20 ވަނަ ދުވަހު އޮންނަ ވެރިކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޖޯޖް އެޗް ޑަބްލިއު ބުޝްގެ ސިއްހީ ހާލަތު ރަނގަޅުނުވުމުގެ ސަބަބުން އޭނާއަށް ރަސްމިއްޔާތަށް ވަޑައިނުގަނެވޭނެ ކަމަށް ބުޝްގެ އޮފީހުން ވަނީ ބުނެފައެވެ.

ބުޝް އާއިލާ ނިސްބަތްވަނީ ރިޕަބްލިކަން ޕާޓިއަށް ނަމަވެސް ޖޯޖް އާއި ލައުރާ ބުޝް ވަނީ ރިޔާސީ އިންތިހާބުގައި އެއްވެސް ބޭފުޅަކަށް ވޯޓު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޖޯޖް އެޗް ޑަބްލިއު ބުޝް ވޯޓު ދެއްވީ ހިލަރީ ކްލިންޓަންއަށެވެ.

ރިޔާސީ އިންތިހާބު ތެރޭގައި ޓްރަމްޕް ވަނީ، ބުޝްގެ ވެރިކަމުގައި އެމެރިކާ ރައްކާތެރި ކުރިކަމަށް އޭނާ ވިދާޅުވި ނަމަވެސް، 11 ސެޕްޓެމްބަރު 2001ގައި އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާތައް ދީފައި ވަނީ ބުޝްގެ ވެރިކަމުގައި ކަން ފާހަގަ ކުރައްވާފައެވެ. އަދި ބުޝް ވަނީ އިރާގުގައި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފަ ކަމަށް ވެސް ޓްރަމްޕް ތުހުމަތުކުރައްވާފައެވެ. (ބީބީސީ)

comment ކޮމެންޓް