ޕާސަނަލް ކޮމްޕިއުޓާސް އިން ނޭޝަނަލް ލައިބްރަރީއަށް ކޮމްޕިއުޓާ ސިސްޓަމް ހަދިޔާކޮށްފި

ޕާސަނަލް ކޮމްޕިއުޓާސް އިން ނޭޝަނަލް ލައިބްރަރީއަށް ކޮމްޕިއުޓާ ސިސްޓަމް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

ޕާސަނަލް ކޮމްޕިއުޓާސް އިން ނޭޝަނަލް ލައިބްރަރީ އަށް ދެ ކޮމްޕިއުޓާ ސިސްޓަމް ހަދިޔާކޮށްފި އެވެ.

ނޭޝަނަލް ލައިބްރަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާސަނަލް ކޮމްޕިއުޓާސްގެ ފަރާތުން ދެ ކޮމްޕިއުޓާ ސިސްޓަމް ހަދިޔާކޮށް ދެއްވީ އެ ކުންފުނީގެ، ސީއީއޯ މޫސާ އަސްވާން އެވެ. ނޭޝަނަލް ލައިބްރަރީގެ ފަރާތުން އެ ސިސްޓަމްތަކާ ހަވާލުވެ ވަޑައިގަތީ، ޑިރެކްޓާ ޖެނެރަލް މަހާސިން އަހްމަދު ދީދީ އެވެ.

ކޮމްޕިއުޓާ ސިސްޓަމް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާސަނަލް ކޮމްޕިއުޓާސްގެ ސީއީއޯ މޫސާ އަސްވާން ވިދާޅުވީ، އެ ސިސްޓަމްތައް ހަދިޔާ ކުރީ، އިޖްތިމާއީ ކަންކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށާއި އެކަމުގެ ސަބަބުން މުޖުތަމައުއަށް އޭގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގެން ދާނެ ކަމަށެވެ. އަދި ލައިބްރަރީ ފަދަ ތަންތަނުގައި އޮންލައިން ރިސޯސް ބޭނުން ކުރުމަށް ޕާސަނަލް ކޮމްޕިއުޓާސް އިން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.

"ކޮމްޕިއުޓާ ސިސްޓަމަކީ، ވަރަށް ކޮމަން އެއްޗެއް ރާއްޖޭގައި. އެކަމަކު އެ އެއްޗެހި ސަޕްލައިކޮށްދީގެން މުޖުތަމައުއަށް އޭގެ ފައިދާ ރަނގަޅު ގޮތުގައި ބޭނުން ކުރަންވެގެން އެ ފުރުސަތު ދޭންވެގެން އަޅުގަނޑުމެން މި ސިސްޓަމްތައް ހަދިޔާ މިކުރަނީ،" އަސްވާން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ލައިބްރަރީގެ ޑިރެކްޓާ މަހާސިން ވިދާޅުވީ، ޕާސަނަލް ކޮމްޕިއުޓާސް އާ އެކު މިއަދު ސޮއި ކުރެވިގެން ދިޔަ އެއްބަސްވުމުގެ މަގުސަދަކީ، މުޖުތަމައުއަށް އޮންލައިން ރިސޯސް ފޯރުކޯށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އޭގެ އިތުރުން ޕާސަނަލް ކޮމްޕިއުޓާސް އިން ޓްރެއިންނިން ޕްރޮގްރާމުތައް ހިންގުމާއި އެ ޓްރެއިނިން ޕްރޮގްރާމްތަކަށް ބޭނުންވާ އިކުއިޕްމެންޓް ޕާސަނަލް ކޮމްޕިއުޓާސް އިން ފޯރުކޮށްދޭ ގޮތަށް އެ ފަރާތާ އެކު ވާހަކަ ދެކެވިފައިވާ ކަމަށް ވެސް މަހާސިން ވިދާޅުވި އެވެ.

comment ކޮމެންޓް