Sun Online

އެދިއެދި ހޯދީމޭ

ލިޔުނީމުތައްހަރު އިބްރާހީމް (މުތާ)

ދެވަނަ އެތިފަހަރު ވެސް ވީއްލައިލަމުން ޖައުފަރު ބުނެލިއެވެ. ހަށިގަނޑުގައި ވޭން އެޅިކަމުގައި ވިޔަސް ހިންދުއަށް އެކަން އިހުސާސްނުކުރެވުނީ ޖަވާބު ނުލިބޭ ސުވާލުތަކުން ސިކުނޑީގައި ބިންވަޅުނެގިފައިވި ކަންތަކާ ހުރެ މީހާ ގަބުވެފައިވުމުންނެވެ. އޭގެ ސަބަބުން އެހެން ކަމަކަށް ސަމާލުކަން ދެވޭވަރެއް ނުވިއެވެ. ޖައުފަރުގެ ފުށުން އެމީހުން ބަދަލު ހިފަންވީ ކީއްވެ ހެއްޔެވެ؟ ޖައުފަރު އެމީހުންގެ ހައްޤަކަށް އަރައިގަތީ ހެއްެޔެވެ؟ އެމީހުނަށް ޖައުފަރު ދެރައެއްދީ އޮޅުވާލީ ހެއްޔެވެ؟ ސަބަބަކާ ނުލާ ޖައުފަރު އަޒްޔާންގެ ޢާއިލާ ދެކެ ރުޅި އައުމުގެ ފަހަތުގައިވާ ސިއްރަކީ އެއީ ހެއްޔެވެ؟ ބަތޫލްއާއި އަޒްޔާން ގުޅެން ޖައުފަރު ދެކޮޅުހެދުމުގެ ފަހަތުގައިވާ ހަޤީޤަތަކީ އެއީ ހެއްޔެވެ؟

ހިތުގެ ހަމަޖެހުން ގެއްލިފައިިވ ސުވާލުތަކުގެ ޖަވާބު ހޯދާނެ ގޮތެއް ހިންދުއަކަށް ނޭގުނެވެ. ޖައުފަރުގެ ފަރާތުން ދުވަހަކު ވެސް އެދެވޭ ފަދަ ނަތީޖާއެއް ނެރެވިދާނެކަމުގެ އުއްމީދެއް ނެތެވެ. މިހާރު ވެސް އޭނައަށް ކުރަމުން އެދާ އަނިޔާތަށް އެކަމުގެ ހެއްކަކަށް ފުދެއެވެ. ނަމަވެސް ބަލި ޤަބޫލުކުރާކަށް ހިންދުގެ ޒަމީރު އެއްބަހެއް ނުވިއެވެ. އޭނަ އަނދިރީގައި ބެހެއްޓިފައިވާ ސަބަބު ހޯދަން އޭނަ ބޭނުމެވެ. ޖައުފަރު އޭނައަށް ކަންތައްތައް ސިއްރުކުރަން މަސައްކަތްކުރާކަމާމެދު ހިތުގައި ޝައްކު އުފެދިފައިވާތާ ކިތަންމެ ދުވަހެކެވެ.

އަޒްޔާނާއި ޒައިނަބާ ބައްދަލުވި ދުވަހުން ފެށިގެން ޖައުފަރުގެ ތަބީއަތަށް ހައިރާންކުރުވަނިވި ބަދަލުތަކެއް އައެވެ. ބަތޫލްއާއި އަޒްޔާންގެ ގުޅުމަށް ނިމުން ގެންނަން މަސައްކަތްކުރީ ވެސް ޚުދު ޖައުފަރެވެ. ސުވާލުތަކާއެކުގައި އޭނަ ޖައުފަރަށް އެއްބާރުލުން ދިނީ އެއީ ކުށްހީއަކަށް ވެދަނެތީއެވެ. އެހެނަސް މިއަދު ޖައުފަރު އެވަނީ ނޭގުމެއްގެ ތެރެއިން އަނދިރިކަން ވެރިވެފައިވި އޭނަގެ ބުއްދިއަށް ފަނޑު އަލިކަމެއް އަޅުވާލާފައެވެ. އޭނަ ދެން ހަމަޖެހުމުގެ ނޭވާއެއް ވެސް ދޫކޮށްލާނީ ހަޤީޤަތް އެނގި ހާމަވީ ހިނދަކުންނެވެ. އޭރުން އޭނަގެ ނަފުސަށް ހަމަޖެހުމެއް ވެސް ލިބޭނެތާއެވެ. ޖައުފަރުގެ އާދަޔާ ޚިލާފު މިޒާޖުގެ ފަހަތުގައިވާ ސިއްރުތައް ވެސް އެނގޭނެތާއެވެ.

ހިތްފުރޭވަރުވުމުން ޖައުފަރު ހިންދުއާއި ދުރަށް ޖެހިލަމުން ފުންނޭވާތަކެއް ލިއެވެ. އޭރު އޭނަ ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ނަމަވެސް ބުއްދިއަށް އަތްގަދަކޮށްފައިވި ރުޅިވެރިކަމުގެ ތޫފާނުގެ ބާރު ހިނދިގެން ނުދެއެވެ. ބިންމައްޗަށް ދެމިފައި އޮތް ހިންދުއަށް ފަރުވާ ކުޑަ ނަޒަރަކުން ބަލާލަމުން އޭނަ މިސްރާބުޖެހީ ކޮޓަރިން ނުކުތުމަށެވެ. އެތާނގައި ގިނަ އިރު މަޑަކުރަން ވެއްޖެނަމަ އޭނަގެ އަތުން ހިންދުއަށް ބޮޑު ހާނިކައެއް ވެދާނެތީއެވެ.

''މީގެ ފަހުން އޭނައާއި ވާހަކަދައްކައިގެން ނުވާނެ، އޭނައަށް ވާ އެއްޗެއް ވިޔަސް ވަރިހަމަ... ހަނދާންކުރާތި މަށާ ދެކޮޅަށް ގޮސްފިއްޔާ އޭގެ ނަތީޖާ ރަގަޅެއް ނުވާނެކަން!...''

ދޮރުގެ ތަޅުގައި ހިފާލި ޖައުފަރު ހިންދުއާއި ދިމާއަށް އެނބުރިލަމުން އިންޒާރެއް ދިނެވެ. އޭނަ ހުރީ ދޫފުރޮޅުނީތީ އަމިއްލަ ނަފުސުދެކެ ރުޅިއައިސްފައެވެ. އެކަމުގެ ސަބަބުން ހިންދު ހަޤީޤަތް ހޯދަފާނެތީ ވެސް އޭނަ ހުރީ ނުތަނަވަސްކަންމަތީގަ އެވެ. ހިންދުއަށް ކުރިއެރުމެއް ލިބޭކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަން އެގޮތުގައި ދެމި އޮތުމަށް ބާރުގެ ބޭނުން ކުރަން ވެސް އޭނަ ފަހެއް ނުޖެހޭނެއެވެ.

ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ހިންދުއަށް ސިހުމެއް ލިބުނެވެ. ހަށިގަނޑަށް ލިބިފައިވި ޒަހަމްތަކުގައި އުފެދިފައިވާ ވޭނުގެ އިހުސާސު ކުރެވެން ފެށުނީ ދެނެވެ. މޫނުން ދުޅަވެ ދިލަކަން އުފެދިފައިވި ހިސާބުގައި އޭނައަށް އަތްޖައްސާލެވުނެވެ. އޭނައަށް ވޭނީ އާހެއްގެ އަޑު ބޭރުކޮށްލެވުނީ ދެނެވެ. އެވަގުތު މޭގައި އުފެދުނު އުދާސްތަކާއެކު އޭނަގެ ލޮލުން ކަރުނަތައް ފާޅުވިއެވެ.

ހަށިގަނޑުގައި ހުރި ހަކަތައަކާއެކު ތެދުވާން ހިންދު މަސައްކަތްކުރިއެވެ.

......................................................................................................

''ކިހިނެއްތަ އަހަރެން ހަދަންވީ؟... ޒައިނަބާއި ބައްދަލުކުރަންވީތަ؟، އޭނަ އަހަރެންގެ ސުވާލުތަކަށް ޖަވާބު ދޭނެތަ؟... ޖައުފަރުގެ ފުށުން އެމީހުން ބަދަލުހިފަންވީ ކީއްވެތަ؟... ޖައުފަރު އެބުނާހެން އެމީހުން ހަޤީަތުގައި ވެސް ބަތޫލްއަށް ދެރައެއް ދީފާނެތަ؟... ބަތޫލްއަށް ލިބޭ ހުރިހާ ހިތާމަތަކުން ސަލާމަތްކުރަން އަހަރެން ބޭނުން، އެކަން ވާން އޮތީ މަސްލަހަތު ހައްލުކުރެވިގެން... ޖައުފަރު އެސިއްރުކުރާކަމެއްގެ ސަބަބުން ޢާއިލާގެ ހަމަޖެހުން ވެސް ގެއްލި ދިޔައީ...''

ބަދިގެއަށް ވަދެވުމާއެކު އައިސްއަލަމާރި ހުޅުވާލުމަށްފަހު ގަނޑުފެން ޕެކެޓް ނަގައިގެން ގޮސް ކާމޭޒު ދޮށުން ގޮނޑިއެއްގައި އިށީން ހިްނދު އޭނަގެ ޒަމީރާއި ވާހަކަދެއްކިއެވެ. އަދި މޫނުން ދުޅަވެފައިވާ ހިސާބާއި ތުންފަތުން ފަޅައިގެން ގޮސްފައިވާ ތަނުގައި ގަނޑުފެން އަޅަން ފެށިއެވެ. ފިނިކަމުގެ އަސަރާއެކު ވޭނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. ނަމަވެސް އޭނަގެ ނަފުސަށް ހަމަޖެހުމެއް ނުލިބުނެވެ. ފިކުރުތަކުގެ ތެރެއަށް އޭނަ އެތައް ވަގުތެއް ވަންދެން ގެއްލިފައި ވިއެވެ. ކަންތައް ކުރަންވީ ގޮތެއް ނިންމަން ނޭގިފައެވެ. ނުތީވާތަކަށް ޖައުފަރު ދިން އިންޒާރުތައް ވެސް ހަނދާންވެ ބިރުވެރިކަމެއް ހިތުގައި އުފެދުނެވެ.

އިތުރު މީހެއްގެ ޚިޔާލަށް ބޭނުންވެފައިވުމުން ހިންދުގެ ހިތަށް ފުރަތަމަ ވެރިވީ މާރިޔާގެ ނަމަވެ. އެހެނަސް އެދެމެދުގައި އުފެދިފައިވި ނުރުހުންތެރިކަމުން އެޚިޔާލު ޖެހުނީ ދޫކޮށްލާށެވެ. އެއާއެކު އެކަނިވެރިވެ ގޮތް ހުސްވެފައިވާ މީހަކު ފަދައިން ހިންދުއަށް ޖެހުނީ ކަރު އެލުވާލާށެވެ. ކުރިއަށް ދާންވީ ކިހިނެއް ކަމެއް ނިންމުމުގައި އޭނައަށް ފިއްތުންތަކާ ކުރިމަތިވީމައެވެ. ޒައިނަބުގެ ގާތަށް ދަަންޏާ އޭނަ ދާނީ ކޮން ބަހަނާއެއްގައި ހެއްޔެވެ؟

*****

ލަސްލަހުން ނަމަވެސް ޝުޖާއުއާއި ޖަނާގެ ދެމެދުގައި އޮތް ގުޅުން ބަދަހިވަމުން ދިޔަ އެވެ. އެކުވެރިކަމުގެ މުޅިން އައު ބިންގަލެއް އެޅިފައިވި ހިނދު ޝުޖާއު ބޭނުންވީ ފަރުވާތެރިވެ ވިސްނުންތެރިކަމާއެކު ކުރިއަށްދާށެވެ. އޭނަގެ ހިތް ބަދަލުކުރެވިދާނެކަން ޔަޤީންކުރަން ބޭނުންވާތީއެވެ. އެހެންނޫންނަމަ މާނައެއް ނެތް ގޮތުގައި އަންހެންކުއްޖެއްގެ އިހުސާސްތަކާއި ކުޅެވިދާނެއެވެ. ފުން ހިތާމަތަކެއް ލިބިދާނެއެވެ.

ލިޔެވެމުން އައި މުޅިން އައު ސަފުހާތަކާ މެދު އެންމެ ބޮޑަށް އުފާވެފައިވީ ޖަނާ އެވެ. ޝުޖާއުއަށް އައި ކުއްލި ބަދަލާ ހުރެ އޭނަ ހައިރާންވިކަމުގައި ވިޔަސް ހިތަށް ލިބުނު އުފަލެއްގެ ސަބަބުން އެހުރިހާކަމެއް މަތިން ވެސް ހަނދާން ނެތުނެވެ. ހިތުގައި އުފެދިފައިވި ޝަކުވާތައް ފޮހެވި އައު އުއްމީދެއްގެ ހުޅުކޮޅު ދިއްލިފައި ވިއެވެ. އުފާވެރިކަމުގެ ޖޯޝު އޭނަގެ މޫނުން ފާޅުވާން ފެށިއެވެ. ފޯނުން އެދެމެދުގައި ބަދަހިކުރެވެމުން އައި ގުޅުން ފަހުންފަހުން އައިސް ދުއްވާލުންތަކަށް ބަދަލުވިއެވެ. ތަފާތު މާހައުލުތަކުގައި ހިތްހަމަޖައްސާލަން ދެވުނެވެ. ޝުޖާއުއަށް ވެސް އޭނަ ކަމުގޮސްފިކަމުގެ ފޮނި ޚިޔާލުތަކާއެކު ޖަނާ ހިތުގައި ޖަޒުބާތީ ރާގެއް ކުޅެލަން ފެށިއެވެ.

ބަތޫލްގެެ ނަސޭހަތުގައި ހިފައި ދޫކޮށްލެވިފައިވި ހަޔާތުގެ ހުންގާނުގައި ޝުޖާއު ހިފީ ސާބިތުކަމާއެކީގައެވެ. މިފަހަރު ދާން ބޭނުންވާ މަންޒިލު އޭނަގެ ޚިޔާލުތަކުގައިވީ ކުރަހާ ނިންމާލެވިފައެވެ. ޖަނާއާއެކު ހޭދަކުރެވުނު ދުވަސްތަކުގައި އޭނައަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. މާޒީ ހަނދާންނައްތާލާފައި ކުރިއަށް ދިއުމަށް ހިތްވަރު ލިބިފައިވާ ކަހަލައެވެ. ޖަނާގެ އަމަލުތަކާއި އެ ދެލޮލުން އޭނަ ދެކެ ވާ ލޯބި އިހުސާސްކޮށްދިނުމުގައި ކާމިޔާބު ހޯދިއެވެ. ޖަނާއާއެކު ހޭދަކުރެވޭ ވަގުތުތަކުގައި އޭނަގެ ހިތަށް ފިނިކަމެއް އިހުސާސްކުރެވެއެވެ. އެއީ ވިސްނާލަން ޖެހުނު ކަމަކަށް ވިއެވެ.

*****

އިންޑިޔާއަށް ފުރަން އޮތް ދުވަސް ކައިރިވިއިރު ޒައިނަބުގެ ސިއްހީ ހާލަތު އަޑިއަޅާލުމާއެކު އަނެއްކާ ވެސް އޭނަ އެނދުމަތި ކުރެވުނެވެ. އޭގެ ސަބަބުން ފުރުމުގެ ކަންތައް ޖެހުނީ ފަސްކޮށްލާށެވެ. އެހާލުގައި ވަނިކޮށް ފުރުމުގެ ހުއްދަ ދިނުމަށް ޑޮކްޓަރުން އުޒުރުވެރިވުމުންނެވެ. މަންމައާ މެދު ބިރުގަނެ އަޒްޔާން ކަންބޮޑުވި ހިނދު އޭނަގެ ހިތްވަރެއްކަމުގައި ވެގެން ދިޔައީ ބަތޫލް އެވެ. ކުޑަ ވަގުތުކޮޅަކަށް ވެސް އަޒްޔާނާއި ދުރަކަށް ބަތޫލް ނުދިޔަ އެވެ. ދަނޑިވަޅުގެ ނާޒުކުކަމާ ހުރެ އޭނަގެ އެހީ އަޒްޔާނަށް ބޭނުންވާނެކަން ބަތޫލްއަށް އިހުސާސްކުރެވުނެވެ. އަޒްޔާން ފާޅުނުކުރިކަމުގައި ވިޔަސް އެމޫނު އޭނައަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.

ރުޅި އައިސްފައި ހުރިކަމުގައި ވިޔަސް ޒައިނަބުގެ ހާލަތު ދަށަށް ދިއުމާއެކު މޫނު ހަދައިގެން ހުންނާކަށް ޝީރީނަކަށް ނުކެރުނެވެ. އޭނައަކީ ރަހިމުގެ ގުޅުން ކަނޑާލާ ފަދަ ނުބައި މީހެއް ނޫނެވެ. ނަމަވެސް ހޮސްޕިޓަލަށް ގޮސް އަޒްޔާނާއެކު ހުރި ބަތޫލް ފެނުމާއެކު އޭނަގެ މޫނު ބަނަވެގެން ދިޔައީނުން ހީވީ ކަޅުފޮއި ރެއެއް ހެންނެވެ. އަނގައިން ވެސް ނުބުނެ ދާން އުޅެފައި އޭނައަށް މަޑުކުރަން ޖެހުނީ ބަލި އެނދުގައި އޮތް ޒައިނަބު ގޮވާލުމުންނެވެ. ތުންއަނބުރާލާފައި ދާން އޭނައަށް ނުކެރުމުން ހިތްމަނުޖެހިފައި ހުރެ ވެސް ޝީރީން ގޮސް ޒައިނަބު އޮތް އެނދު ކައިރިއަށް ހުއްޓުނެވެ.

ޝީރީނަށް ބަލާލަމުން ޒައިނަބު ފަނޑުކޮށް ހިނިތުންވެލިއެވެ. ދުވަސްތަކަށް ފަހު ޝީރީން ފެނުމުން އެމޫނުން އުފާވެރިކަން ފާޅު ވިއެވެ.

''ދަރިފުޅުމެން މިތާ ތިބޭތާ ކޮން އިރެއް، ދޭބަލަ ބޭރުތެރެއަށް ނިކުމެލަން، މަންމައަށް ކަމެއް ނުވާނެޔޭ، ކަމެއް ވެއްޖެއްޔާމު ޝީރީން ވެސް މިހުރީނު، އަނެއްކާ ނަރުސް ކުދިން ވެސް އެބަތިބި...''

ނޭފަތާއި އަނގާޔައެކު އަޅާފައި އޮތް އޮކްސިޖަން މާސްކުގެ ތެރޭން ޒައިނަބުގެ އަޑު އިވުނެވެ. އޭނަ ބޭނުންވީ ބަތޫލްއާއި އަޒްޔާނަށް އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދޭށެވެ. އޭނަ ހޮސްޕިޓަލުގައި އެނދުމަތިކުރެވުނީއްސުރެ އަޒްޔާންގެ ދެމަފިރިިން އެތިބެނީ އޭނަގެ ހިދުމަތުގައެވެ. ދާން ބޭނުން ނުވިކަމުގައި ވިޔަސް ހައިކަމުގެ އިހުސާސާއެކު ވަރުބަލިކަން ވެސް އިންތިހާއަށް ގޮސްފައިވުމުން އަޒްޔާން ދާން ގަސްދުކުރީ އިރުކޮޅަކުން އަންނަން ނިންމައިގެންނެވެ.

އަޒްޔާންމެން ނިކުމެގެން ދަންދެން ބަލަން ހުރި ޝީރީން އެހީތެރިޔާގެ ގޮނޑީގައި އިށީނީ ތުންފިއްތާލަމުންނެވެ.

''އަދި ވެސް ރުޅިއައިސްފަތަ ތިހުރީ؟...'' ޝީރީން އަނގައިން ނުބުނެ އިންނަން ފެށުމުން ޒައިނަބު އަހާލިއެވެ. އޭނައާއި ޝީރީންގެ ދެމެދުގައި ޖެހިފައިވި މައްސަލަތައް ހައްލުކުރަން ޒައިނަބު މަސައްކަތްކުރިއެވެ.

''އަހަރެން ރުޅިއަޔަސް ވެދިޔަ ކަމެއް ބަދަލެއް ނުވާނެދޯ؟...'' ޒައިނަބަށް ބަލާލުމަށްފަހު ޝީރީން ރާގަކަށް ވާހަކަދެއްކިއެވެ.

''ތިބުނީ ތެދެއް، އެކަމަކު ޝީރީން ހިތްހަމަނުޖެހިފަ ހުންނާކަށް އަހަރެން ބޭނުމެއް ނޫން، އަހަރުމެން ދެކޮޅު ހެދިޔަސް ތަޤުދީރުގަ ލިޔެވިފަ އޮތްކަމެއް ބަދަލެއް ނުކުރެވޭނެދޯ؟...'' ޒައިނަބު ބުނެލިއެވެ.

''ކީއްވެ އެހާ ފަސޭހައިން އެކަންތައް ހަނދާން ނައްތާލީ، ޒައިނަބެއް ނޫންތަ އެންމެ ގަދަޔަށް ރުޅިއަންނަން ޖެހޭނެ މީހަކީ ވެސް؟، ދެން ކީއްވެ އެމީހުނަށް މަޢާފު ދީގެން ތިހުންނަނީ؟، އިނގޭ އަހަރެން މިހެން ބުންޏަސް ތިނިންމުން ބަދަލެއް ނުވާނެކަން، އެކަމަކު، ވިސްނާލަބަލަ މާޒީގަ ކަންތައް ވެދިޔަ ގޮތް، ކިހާ އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް ޖައުފަރު އެކަން ޚަރާބުކޮށްލީ... އެހުރިހާ އަނިޔާތަކެއްގެ އަސްލަކީ ވެސް އޭނަ، އެހުރިހާ ކަމެއްގަ މައްޗަށް އޭނަ ކިތައް ފަހަރު ރަހުމެއް ނެތް އަމަލުތައް ހިންގި!، އެއީ އިންސާނުންގެ ގިންތީގެ ތެރެއަށް ފެތޭނެ މީހެއް ނޫން...... ސިއްރުކުރަން އުޅުނަސް ދުނިއުމުރަށް މިއިން އެއްވެސް ކަމެއް ވަންހަނާއެއް ނުވާނެ!... ބަތޫލްއަށް ވެސް އަދި އަޒްޔާނަށް އެނގޭނެ ވަގުތު އައިސް ޖެހުމުން، އޭރަށް ތި ތަޤުދީރުގައި ލިޔެވިފައި އޮތް ގޮތެއް ވެސް އެނގޭނެ، ފަހަރެއްގައި ވެސް އޭގެ ނަތީޖާ ނިކުމެދާނެ ގޮތަކާ މެދު ވިސްނާލިންތަ؟... އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ތިދެއަތުން އަނދަވަޅެއްގެ ތެރެއަށް ވައްޓާލީ...''

ޝީރީން ބުނެލިއެވެ. އޭނަ ހިތްހަމަނުޖެފައި ވުމުން ހިތުގައިވި ހުރިހާ ވާހަކައެއް ބޭރުކޮށްލެވުނެވެ. އޭނައަށް ޒައިނަބުގެ ބަލިހާލާ މެދު ވިސްނައެއް ނުލެވުނެވެ. އެހެންނޫންނަމަ އޭގެ ސަބަބުން ޒައިނަބަށް ކުރާނެ އަސަރުތަކާ މެދު ވިސްނުނީހެވެ.

ވެރިވެގެން ދިޔަ ހަމަހިމޭންކަމުގެ ތެރޭން ޒައިނަބަށް ވިސްނަން އޮވެވުނެވެ. ޝީރީން ބުނިހެން އޭނައަށް ހަޤީޤަތަށް ފިލާކަށް ނުދެވޭނެއެވެ. ހަމައެއާއެކު އޭގެ ނުބައި އަސަރުތަކުން އަޒްޔާން ތާއަބަދު ސަލާމަތެއް ވެސް ނުކުރެވޭނެއެވެ. އަމުދުން މިހާރު ހާލަތު ގޮސްފައި އޮތް މިސްރާބުންނެވެ. އޭނަ އަޒްޔާނަށް ނަސޭހަތްލައިދެނީ އެސަބަބާ ހުރެއެވެ. ފަހުން ހިތާމަކުރަންޖެހޭ ފަދަ ހާލަތަކަށް އަޒްޔާން އޭނަގެ ދިރިއުޅުން ގެންގޮސްދާނެތީ އެވެ. ޝީރީން އޭނަ ދެކެ އައިސްފައި ހުރި ރުޅިން އަޒްޔާނަށް ތެދުތެދަށް އޭނަގެ މާޒީ ހާމަކުރަން ފަހެއް ވެސް ނުޖެހޭނެއެވެ. ޝީރީން ބަތޫލްދެކެ އަންނަ ރުޅިއާއި ނަފްރަތުގެ ބަދަލު ހިފެން އޮތް ގޮތަކީ ވެސް އެއީއެވެ. މިފިކުރުތަކާއެކު ޒައިނަބުގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ޝީރީންގެ ވާހަކަތައް ހުރީ އިންޒާރު ދޭފަދައަކުންނެވެ. އޭނަ ހަދަންވީ ކިހިނެއް ހެއްޔެވެ؟ ޝީރީން އެހުރީ އޭނަގެ ބަސް ޤަބޫލުނުކުރަން ގަސްދުކޮށްގެންނެވެ. އޭނަ ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނަސް ޝީރީނަށް އެއިން ފައިދާއެއް ނުކުރާނެއެވެ.

''ސުލްހަވެރިކަން އިސްކުރުކުމަކީ ރަގަޅުކަމެއް...'' ޝީރީންގެ މޫނަށް ނަޒަރު ހިންގާލަމުން ޒަައިނަބު މާނަ ފުން ޖުމްލައެއް ބުނެލިއެވެ.

''ކޮންމެ ކަމެއްގެ އިހުލާސްތެރިވާކަށް ނުޖެހޭނެ، ބަދަލަށް ބަދަލު ހިފުމަކީ ވެސް އޮންނަކަމެއް...'' ޝީރީން ދޫދޭކަށް ނޫޅުނެވެ. އޭނަ ހުރީ މާ ކުރީއްސުރެ ކަމަކަށް އަމާޒު ހިފާފައެވެ.

''އިތުރު ކޯޅުންގަނޑެއް ހިނގަންތަ ޝީރީން ބޭނުމީ؟، ކުށެއް ނެތް ކުއްޖެއްގެ ދިރިއުޅުން ބަރުބާދުކުރަންތަ ބޭނުމީ؟...'' ޒައިނަބު އެހި އެވެ.

''އާނ، އޭރަށް ބަދަލަށް ބަދަލު ހިފޭނެ، ތި ހިތުގެ އަޑިން ވެސް ބަަދަލު ހިފުމުގެ ރޫހު ކޮންމެވެސް ވަރަކަށް ވާނެ، އަހަންނަށް ޤަބޫލެއް ނުކުރެވޭ ޒައިނަބަށް އެހަނދާންތަކާއި ދުރުވެވޭނެހެނެއް...'' ޝީރީން ބުނެލިއެވެ. އެއަށް ދޭނެ ރައްދެއް ނެތުމުން ޒައިނަބުގެ ދުލަށް ހިމޭންކަން ވެރިވިއެވެ. އޭނަ ޝީރީނަށް ބަލަން އޮތް އިރު ހަނދާންތަކުގެ މަޑިކިލަނބުގެ ތެރޭގައި ގެނބިފައިވި ވޭނީ އުދާސްތަކާއި ގުޅިލާ މެހުނެވެ. އަދިވެސް އެދުވަސްތައް އިއްޔެވީކަމެއް ހެން އޭނަގެ ސިކުނޑީގައި ހަރުލާފައި ވެއެވެ. ޝީރީން ބުނާހެން އެއީ އޭނައަށް ދުރުނުވެވޭނެ ހަނދާންތަކެކެވެ. ނަމަވެސް އޭނަ ބަދަލު ހިފާކަށް ބޭނުމެއް ނޫނެވެ. އޭގެ ސަބަބުން ބަރުބާދުވެގެން ދާނީ އެންމެ ދިރިއުޅުމެއް ނޫން ވިއްޔާއެވެ.

''އެދަރަޖައަށް އިހާނެތިވެފައިވާ މީހެއްގެ ދަރިއަކާއެކު އުޅެން އަޒްޔާން ބޭނުންވާނެތަ؟...'' ޒައިނަބު ވިސްނަމުން ދިޔައީ ކޮންކަމަކާއިކަން ފަހުމުވުމާއެކު ޝީރީން ބުނެލިއެވެ.

''ޝީރީންގެ ބޭނުމަކީ ކޮބާތަ؟، ކީއްވެތަ ކޮންމެ ފަހަރަކު އަހަންނަށް މާޒީ ހަނދާންކޮށްދޭން ތިއުޅެނީ؟... އަހަރެންގެ ހުރިހާ އިހުސާސްތަކެއް އެންމެ ގާތުން ދުށް އެކަކުތީ، ދެން ކީއްވެ؟، އަހަރެން ގޯސް ނިންމުމެއް ނުނިންމަން، ޝީރީން ބޭނުންވާހެން ބަދަލުހިފައިގެން އަހަންނަށް ލިބޭނީ ކޯޗެއް؟، ގެއްލުނު އަހަރެންގެ ދިރިއުޅުން އަނބުރާ ލިބޭނެތަ؟، އަހަރެންގެ ފިރިމީހާ ޖަލުން މިނިވަންވާނެތަ؟... ނުވާނެ... އެކަމުން ބަރުބާދުވާނީ ހަމަ އަހަރެންގެ ޢާއިލާ... އަޒްޔާންގެ ފުށުން އޭނަ ފަހުން ހިތާމަކުރާނެ ޢަމަލުތަކަށް އަރައިގަނެވޭނީ، އެއްވެސް ކުށަކާނުލާ އަނިޔާވެރިވެވޭނީ... އެހެންވާންތަ ޝީރީން ބޭނުމީ، އަހަރެން އުޅުނު ހާލައިގެން ބަތޫލް އުޅޭކަށް ބޭނުމެއް ނުވޭ...'' ވަކި ހިސާބަކަށް ދެވުމާއެކު ޒައިނަބު އޭނަގެ ވާހަކަތައް މެދުކަނޑާލިއެވެ. އޭނަގެ ހިތުގައި ރިހުމެއް އުފެދިފައި ވިއެވެ. ލޮލުން ކަރުނައިގެ ދިލަކަން ފާޅުވީ ހިތި ހަނދާންތަކެއް އާލާވީތީއެވެ.

''އާނ، އަހަރެން ބޭނުމީ ބަތޫލް ބިކަހާލުގައި ޖެހެން... އޭރަށް އޭނަގެ ބައްޕައަށް ކުރެވުނު ކުށްތަކުގެ ސަޒާ ލިބޭނެ...'' ޝީރީން ޒުވާބުކުރާ ރާގަކަށް ބުނެލިއެވެ. ''އަހަރެން ހަމަ އަޖައިބުވޭ ޒައިނަބުގެ ތިވިސްނުމާ ހުރެ...''

ޒައިނަބަށް ރޮވުނެވެ. އަނދިރީގެ ސަބަބުން ކަނުވެފައިވި އޭނަގެ ޚަޔާތުގައި ދިމާވި ހާދިސާތައް ސިފަވާން ފެށިއެވެ. އޭނައާއި ޖައުފަރު ފުރަތަމަ ބައްދަލުވީ އޭނަގެ އަލަތު ކައިވެންޏަށް ބޭއްވި ސައިގެ ތެރޭންނެވެ. އެރޭ ނާއިލުގެ ގިނަ އެކުވެރިންގެ ތެރޭން އޭނައަށް ޖައުފަރު ވެސް ތަޢާރަފުވީއެވެ. އޭރު ނާއިލްއާއި ޖައުފަރާ ދެމެދު އޮތީ އެއްބައިވަންތަކަމާއި އެކުވެރިކަމެވެ. ނަމަވެސް މަންޒަރު ބަދަލުވެގެން ދިޔައީ ވަރަށް ވެސް ހަލުވި ދުވެލީއެވެ. އޭނައަށް ޖައުފަރުގެ ނިޔަތް ރަގަޅު ނޫންކަން އެނގުންވި ހިސާބުންނެވެ. އޭނަގެ ފަސްފަހަތުން ފާރަލަމުން ޖައުފަރު އުޅެން ފެށުމުންނެވެ. އެބެލުންތަކަކުގައި ނުބައި އަޒުމެއްވާކަމަށް ޝައްކުކުރެވުނެވެ. ކުށްހީތައް ޔަޤީނަށް ބަދަލުވެގެން ދިޔަ އިރު އޭނަ ހުރީ ހަދާނެ ގޮތް ހުސްވެ ކަރުތާ ފެނުގައެވެ. ލިބޭ ފުރުސަތުގައި ޖައުފަރު ޒައިނަބަށް ބިރުދައްކައި ބާރުއަޅަން ފެށީ ނާއިލްއާއި އޮތް ގުޅުންތައް ކަނޑާލުމަށެވެ. އަދި އޭނަ ހުށަހަޅަމުން އައި ލޯބި ޤަބޫލުކުރުމަށެވެ. އޭނަގެ އަތުގައި މުދަލާއި ފައިސާގެ ތަނަވަސްކަން ހުރި ކަމަށާއި ޒައިނަބަށް އުނިވާނެ ކަމެއް ނޯންނާނެކަމަަށް ބުންޏެވެ. ޖައުފަރުގެ އުނދަގޫތައް ބޮއްސުންލާ ހިސާބަށް ދިޔައިރު ވެސް ނާއިލު ގާތު ނުބުނެ ޒައިނަބު ކެތްކޮށްގެން ހުރީ ނާއިލް އޭނަގެ ވާހަކަތައް ދޮގުކޮށްފާނެކަމުގެ ބިރަށެވެ. އޭރުން އެދެމެދުގައި މައްސަލަތައް ހިލި ވަކިވެދާނެތީ ވެސް މެއެވެ. ނާއިލާއި ވަކިވުމުގެ ވޭން ބަރުދާސްތު ނުކުރެވޭނެތީ ޒައިނަބަށް އެންމެފަހުން ޖެހުނީ އެކަން ސިއްރުކުރާށެވެ. އެހިސާބުން ޒައިނަބުގެ ބަލިފަޔަކީ ކޮބައިކަން ޖައުފަރަށް އެނގުން ވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު

އެދި އެދި ހޯދީމޭ
infinity loading...
×
DB released 01.