Sun Online
Eid Greetings - Maldives Post Eid Greetings - MRDC Eid Greetings - Allied Eid Greetings - Stelco

އެދިއެދި ހޯދީމޭ

ލިޔުނީމުތައްހަރު އިބްރާހީމް (މުތާ)

އަޒްޔާންގެ އަތުގެ ހަރަކާތްތަކާއި ފިރުމުންތައް ވަގުތާއެކު ގިނަވާން ފެށިއެވެ. އެއިން ކޮންމެ ފަހަރަކު އޭނަ ބަތޫލްއަށް ބޭނުންވެފައިވާ މިންވަރު ހާމަކޮށްދިނެވެ. ބަތޫލް ވެސް އެފަދަ ގާތްކަމަކަށް ބޭނުންވެފައި ވިއެވެ. ހިތުގެ ވިންދާއި ނޭވާތަކާއި ހަރަކާތްތައް ފުންވެ ޖިސްމުގައި އުފާންވާން ފެށި ޖަޒުބާތުތަކުގައި ހުޅުރޯވާން ގިނަ އިރެއް ނުނެގިއެވެ. ކެތްތެރިކަން ދެޒުވާނުންގެ ވެސް ނެތުނު ހިނދު އެދެމެދުގައިވާ ލޯބި އެކަކުއަނެކަކަށް އިހުސާސްކޮށްދިނުމާއިގެން ފީނައިގަތީ ލައްޒަތުގެ އާލަމަށެވެ. ލަދުވެތިކަމުގެ ފަރުދާތައް ކެހުނު ހިނދު ދެޖިސްމުގައި ރޯވި އަލިފާން ގަނޑު އަނދާހުލިވާން އެތައް އިރެއް ނެގިއެވެ. އޭރު ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން އަވަސްވެފައިވި ނޭވާތަކުގެ އަޑު ނޫން އަޑެއް ނުއިވެއެވެ. ބަތޫލް އޭނަގެ ހަށިގަނޑު އަޒްޔާނަށް ވެދުންކުރީ ވާލޯބި ހާމަކޮށްދެމުނެވެ.

ދެހިތުގައި އުފެދުނު ޖަޒުބާތުތަކުން ހިލުނު ލައްޒަތުގެ ތޫފާންގަނޑު ހިނދިގެން ދިޔަ އިރު ދެޒުވާނުންނަށް ވެސް އިންތިހާ ދަރަޖައިގެ ވަރުބަލިކަން އިހުސާސްކުރެވެމުން ދިޔަ އެވެ. ފުންނޭވާތައް ދޫކުރެވެމުން ދިޔަ ހިނދު ކޮޓަރިއަށް ވެރިވެފައި އޮތް އޭސީގެ ފިނިކަމުން ސަލާމަތްވުމަށް ރަޖާގަނޑުގެ އެހީއަށް އެދެވުނެވެ. އަވަސްވެފައިވި ނޭވާތަކާއި ހިތުގެ ތެޅުން ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އަޒްޔާން ބަތޫލްގެ ހަށިގަނޑުގައި ބައްދާލީ ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ.

ހިއްސުތައް ހަމައަކަށް އެޅި ވަށައިގެންވި މާހައުލަށް ސަމާލުކަން ދެވުމާއެކު މީގެ އިރުކޮޅެއް ކުރިން ހިނގާ ދިޔަ ހާދިސާގެ މަންޒަރުތައް ސިފަވެ ބަތޫލްގެ މޫނުން ލަދުވެތިކަން ފާޅުވާން ފެށިއެވެ. އެއާއެކު އަޒްޔާންގެ އަތުގެތެރެއިން ނުކުމެ ދުވެފިލަން ވެސް ބަތޫލް ބޭނުން ވިއެވެ. ނަމަވެސް އަޒްޔާނާއި ދުރުވުމުގެ ބަދަލުގައި އިތުރަށް ގާތްވެވުންނޫންކަމެއް ނުކުރެވުނެވެ. އޭނަގެ ހިތް އެކަމަށް އެދޭތީއެވެ. އެއާއެކު އަޒްޔާންގެ މޭގެ ތެރޭގައި އިހުނަށްވުރެ ބޮޑަށް ބަތޫލް މޫނު ފޮރުވާލިއެވެ. ހީވީ އެމޭގެތެރެއަށް ވިރިގެންދާން ބޭނުން ވެފައިވިހެންނެވެ.

ބަތޫލްގެ ލަދުވެތިކަން އެމޫނަށް އަވަސް ނަޒަރެއް ދިން އަޒްޔާނަށް ފާހަގަ ކުރެވުމާއެކު އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަގެ ހިތުން ބަތޫލްއަށް ދެވިފައިވި ޖާގައާއި ލޯތްބަށް މުޅިން އައު އިންޤިލާބެއް ވަނީ ގެނުވާފައެވެ. ދުވަހަކު ނުލިބޭ ފަދަ ހިތްހަމަޖެހުމެއް ސިކުނޑިއާއި ނަފުސަށް ލިބިފައިވާ ކަހަލައެވެ. ހިނދުކޮޅަކަށް ވެސް ކުރެވެމުން އައި އައު އިހުސާސްތަކާ ދުރަށްދާން އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެހުރިހާކަމެއްގެ އަސްލާއި ގުޅިފައިވަނީ ބަތޫލް އެވެ. އޭނައަށް ބަތޫލް ގާތު ހުރެވޭ ކޮންމެ ވަގުތަކު ބަޔާންކުރަން ދަތިި އުފާވެރިކަމެއް ހާސިލު ކުރެވެއެވެ. މިހާރު ބަތޫލް އޭނަގެ މިލްކަކަށް ވެނިމިފައިވާއިރު އެ އުފާތައް ދެގުނައަށް އިތުރުވެފައިވާ ފަދައެވެ. މި އަޖައިބެއްފަދަ އަންހެންކުއްޖާ ވަނީ އޭނަގެ ދިރިއުޅުން ބަދަލުކޮށްލާފައިކަން ގައިމެވެ. އޭނައާއި ބަތޫލް ބައްދަލުވި ދުވަސްތައް މަތިން ހަނދާންވެ ހެއްދެވި ފަރާތަށް ޝުކުރެވިވެވުނެވެ. އޭނަ އެންމެ ބޭނުންވި ފަރާތާއި މެދު މިހާއު އެވަނީ ހިތާއި ފުރާނައިގެ ގުޅުމެއް އުފެދިފައެވެ.

ދާނުގެ އަރާމުގެ ތެރޭގައި ގިނައިރު އޮންނަން ބޭނުންވި ކަމުގައި ވިޔަސް ފަތިހުގެ ހަމަހިމޭންކަމުގެ ތެރެއިން އިވެން ފެށި ބަންގީގެ އަޑާއެކު ދެމަފިރިންނަށް ވެސް މަޖުބޫރުވީ ދީނީ ވާޖިބު އަދާކުރުމަށް އަވަސްވެގަންނާށެވެ. ފެންވަރާލުމާއެކު ހަށިގަނޑަށް ލިބިފައިވި ލޮޑުކަން ފިލާ ތާޒާކަން ވެރިވިއެވެ. އެހުރިހާ އިރު ވެސް އަޒްޔާންގެ ލާނެއް ސަމާސާތައް ބަތޫލްއަށް އަމާޒުވިއެވެ. އެއިން ކޮންމެ ފަހަރަކު ބަތޫލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލައެވެ. މޫނާއި ކޯތާފަތުގެ ކުލަވަރުތަކަށް ބަދަލުތައް އާދެއެވެ. ހަމައެއާއެކު އުފާވެރިކަމުގެ އިހުސާސްތައް ވެސް ބަތޫލްގެ ހިތުގައި ކުޅެލަމުން ދިޔަ އެވެ. އަޒްޔާންގެ ފަރާތުން ލިބެމުން އައި ލޯބިން އެހިތް ފުރިބަންޑުންވާހާ ވިއެވެެ.

އަޒްޔާން ނަމާދަށް މިސްކިތަށް ދިއުމާއެކު ބަތޫލް ވެސް އަވަސްވެގަތީ ނަމާދަށް އެރުމަށެވެ. ނަމާދުން އަވަދިވުމާއެކު މުސައްލަ އޮޅާލަމުން އޭނަ އެނބުރިލީ ކޮޓަރީގައި ހުރި ފޮށިތަކާ ދިމާއަށެވެ. އެއަށްފަހު ފޮށީގައި ހުރި އަންނައުނުތައް އަލަމާރިއަށް ލުމަށް އަތްމަތި އަވަސްކޮށްލިއެވެ. އެމަސައްކަތުން އަވަދިވެ ހިންދެމިލިތަނާ އަޒްޔާން އައިސް ކޮޓަރިއަށް ވަނެވެ.

*****

''މަންމަ ކީއްވެތަ ރޭގަ ޕާޓީއަށް ނުދިޔައީ؟، ތިއްތަ އެހި މަންމަ ނައީ ކީއްވެގެންހޭ، އަދިވެސް ރުޅިއައިސްފަހެއްޔޯ ހުރީ، މަންމަގެ ޚަބަރެއް ނުވާތީ ދެރަ ވެސް ވެފަ ހުރީ......'' ހެނދުގެ ސަޔަށް ޢާއިލާގެ މެންބަރުންތައް އިންސާފުކުރަމުން ދިޔަ ވަގުތު މީޝެލް އޭނަގެ މަންމައާ ސުވާލުކުރި އެވެ. އެއާއެކު ޝީރީންގެ ބުމަ ގޮށްޖެހި ލޯހަނި ކޮށްލެވިއްޖެ އެވެ. އަތުގައި އޮތް ސައިޖޯޑު ވެސް ތުންފަތާއި ވަކިކޮށްލަމުން މީޝެލްއަށް ބަލާލީ ނުރުހުމާއެކުގަ އެވެ. އެވާހަކަދެއްކުމުން މީޝެލް ކުށްވެރިވި ފަދަ އެވެ.

''މަށަށް މުހިންމު ކަމަކަށް ނުވާތީ ނުދިޔައީ... މަ ނުދިޔަސް މިގެއިން ދާނެ މީހުން ވިއެއްނު!...'' ހިތްހަމަނުޖެހުމާއެކު ޝީރީން ބުނެލިއެވެ. އިތުރަށް އެމައުޟޫޢުއަށް ވާހަކަދެކެވެން ބޭނުންނުވާކަން އޭނަގެ ރާގުން ވެސް ހާމަކޮށްދެ އެވެ. އެކަން ފާހަގަ ކުރެވުނު ހިނދު މީޝެލް އަމާންކަން ދިނީ މަންމައާއި ޒުވާބެއް ހިނގަން ބޭނުން ނުވާތީ އެވެ. އޭރު ވެސް މަންމަ އައިސްފައި ހުރި ރުޅިގަނޑު ފިނިވެގެން ނުދާކަން މީޝެލްއަށް އެނގުންވެ އޭނައަށް ބޯހޫރާލެވުނީ މަންމަ ގޮތްދޫނުކުރާނެކަން ޔަޤީންވުމުންނެވެ. އޭނައަށް ވިސްނާވިސްނާ ވެސް މަންމަ ބަތޫލްދެކެ ހިތްހަމަނުޖެހެންވީ އަސްލު ސަބަބެއް ނޭގުނެވެ. މަންމަ ދައްކާ އުޒުރުތަކަކީ ތާކުންތާކުޖެހޭ ބަހަނާތަކެއް ވެސް ނޫން މެއެވެ.

ދެކެވުނު ވާހަކައެއްގެ ނުބައިކަމުން ނާޝްތާކުރާ ހިތް ވެސް ކެނޑުމުން ސުފުރާމަތި ދޫކޮށް ޝީރީން ދިޔަ އެވެ. އޭނަ ހުރީ އެކަން މަތިން ހަނދާން ކުރަން ބޭނުން ނުވެފަ އެވެ. ނަމަވެސް މީޝެލްގެ ސަބަބުން އޭނަގެ މޫޑު މުޅިންހެން ޚަރާބު ވެއްޖެ އެވެ. އޭނައާ ދެކޮޅަށް އަޒްޔާނާއި ޒައިނަބު ދިއައީތީ އެވެ. އޭނަގެ ބަހުގެ ތެދުކަން ޤަބޫލުނުކުރިކަމުގެ ނަތީޖާ ފެންނަން ދެން އޭނަ ހުންނާނީ ބަލަހައްޓައިގެންނެވެ. އޭރުން ކޮންމެވެސް އެއްޗެއް ވިސްނޭނެ ނޫން ހެއްޔެވެ؟ ނަމަވެސް އެގޮތް ވެސް އޭނައަށް ކަމަކު ނުދިޔަ އެވެ. ކަންވެ ނިމެންދެން މަންޒަރު ބަލަން ހުންނަން އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. އާޚިރުގައި ދެރަ ލިބޭނީ ހަމަ އޭނަގެ ޢާއިލާ އަށެވެ.

''ޒައިނަބު އެއުޅެނީ ކީއްކުރަންތަ؟، އޭނަ އެންމެ ދެކޮޅުހަދަންވީ ކަންތަކަށް އެންމެފަހުން އެއްބަސްވެ އެކަން ވެސް ކުރުވީ، އެއީ އަހަރެން ނަމަ މަގޭ ދުޝްމަނަކު މަގޭ ދަރިއަކާ ވައިއެޅޭ ހިސާބަކަށް ވެސް އައުމުގެ ފުރުސަތެއް ނުދޭނަން، އެހާ ބޮޑަށް އަނިޔާވެރިވިއިރު ވެސް އޭނައަކަށް ނުވިސްނުނީ ކީއްވެ؟، ކޮންކަހަލަ ވިސްނުމެއްތަ ޒައިނަބަށް ލިބިފައި އެވަނީ؟، އެހާ ރަގަޅު މީހުން ދުނިޔެއަކު ނުތިބޭނެ!....... ކަންތައް މިވަނީ ގޯހުންގޯހަށް ގޮސްފައި، ދެން ކުރާނެ ކަމެއް ވެސް އޮތީކީ ނޫން، އަހަރެން ބުނާ ބަހެއް އެކަކު ވެސް އަޑެއް ނާހާނެ...... އަޒްޔާން އެހިނގަނީ އޭނަގެ މަންމަ ދައްކާ މަގުން... އޭނައަށް ވިސްނައިދޭން އުޅުމުން ވެސް ވީކަމެއް ހަރާމުންހަރާން، އެންމެފަހުން އެހުރީ މަދެކެ ވެސް ރުޅިއައިސްފަ...''

ކޮޓަރިއަށް ވަދެ އެކަނިވުމާއެކު ޒައިނަބު ކުދިކިޔަން ފެށިއެވެ. އޭނަގެ ދުލާއި އެއްހަމައެއްގައި އަތްވެސް ހަރަކާތްކުރެއެވެ. މޫނަށް އަރާފައިވާ ކުލަތަކުން އޭނަ ނުރުހިފައިވާވަރު ރަމްޒުކޮށްދެ އެވެ. އޭނަގެ ރުޅީގެ މަސްދަރުކަމުގައިވެފައިވީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އެރިފައިވުމުންނެވެ. ބައެއްފަހަރު ޒައިނަބު އާދަޔާ ޚިލާފު މިޒާޖުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ވެދާނެހެން އޭނައަށް ޝައްކުކުރެވެއެވެ. އެހެނަސް މިވީހާ ދުވަހު ޒައިނަބުގެ ފުށުން ފެނިފައިވަނީ އޭނަގެ ހީތަކާ ފުށުއަރާ ޢަމަލުތަކެވެ. ހިތްހެޔޮކަމާއެކު ބަތޫލް ބަލައިގަތީ ދެއްކުންތެރިކަމެއް ނެތިއެވެ. ހަމައެކަނި ފެނުނީ ސާބިތުކަމާއި މަޢާފުކުރުމުގެ ރަގަޅު އުސޫލެވެ.

''ޒައިނަބުގެ މާޒީ އެނގުމުން ފަހަރެއްގައި އަޒްޔާންގެ ވިސްނުން ބަދަލުވެދާނެހެން މަށަށް ހީވަނީ، އޭރަށް އޭނަ ބޭނުންނުވިޔަސް ބަތޫލްދެކެ ރުޅިއަންނާނެ، ޖައުފަރުގެ ފުށުން ބަދަލުހިފަން ބޭނުންވާނެ، އެކަމަކު ކިހިނެއް އަހަރެން އަޒްޔާނާއި ވާހަކަދައްކާނީ؟، އޭނަ ޤަބޫލުކުރާކަށް ބޭނުމެއް ވެސް ނުވާނެ، އަމުދުން މިހާރު، އޭނަ ހީކުރާނީ އަހަރެން ފިތުނަ އުފައްދަން މަސައްކަތްކުރަނީ ކަމަށް، އެކަމަކު އެއީ ހަޤީޤަތްކަން އަހަރެން ހާމަކުރާނީ ކިހިނެއް؟، ޖައުފަރުގެ ނުބައިކަން ބުނެދޭނީ ކިހިނެއް؟... ފުރަތަމައިނުން ވެސް ހުރިހާ ކަމެއް ހާމަކުރެވުނުނަމަ މިހެން ނުވީސް...'' އެއްވެސް ހާލެއްގައި ބަތޫލްއާއެކު އަޒްޔާން ވާކަށް ޝީރީން ބޭނުމެއް ނުވިއެވެ. އޭނަ ދެކެން ބޭނުންވާހާ ވެސް މަންޒަރަކީ ބަތޫލްއަށް ހިތާމަތައް ލިބޭތަނެވެ. އެއަންހެންކުއްޖާ ދުނިޔެއިން ބާކީވެގެންދާތަނެވެ. އުފާވެރިކަމުގެ ރާހަތުން މަހުރޫމުވާތަނެވެ. އެދުވަހަކުން ޖައުފަރުގެ ނުބައިކަމުގެ ސަޒާ އޭނައަށް ލިބޭނެތާއެވެ. މީހުންގެ ދިރިއުޅުމާކުޅެ ހަލާކުގެ ތެރެއަށް ވައްޓާލުމުގެ ހިތި ނަތީޖާ ފެންނާނެއެވެ. ޖައުފަރުގެ ސަބަބުން ގެއްލިގެން ދިޔައީ ހަމައެކަނި ޒައިނަބުގެ ދިރިއުޅުމެއް ނޫނެވެ. ޒައިނަބަށް ދިމާވި ހިތާމަވެރިކަން ބަރުދާސްތުކުރަން ދަތިވެ އޭނަގެ މުސްކުޅި މަންމަ ވެސް މިފަނާވަނިވި ދުނިޔެ ދޫކޮށް ދިޔައީއެވެ. ހިތާމަޔަކަށްފަހު ހިތާމަޔެއް ލިބުނު ހިނދު ވެސް އެހުރިހާ ކަމެއް ހަނދާން ނައްތާލުން ޒައިނަބަށް އެހާ ފަސޭހަކަމަކަށް ވީ ކީއްވެގެން ހެއްޔެވެ؟ ބަދަލުހިފުމުގެ ރޫޚު އެހިތުގައި އާލާނުވީ ކީއްވެގެން ހެއްޔެވެ؟

''މީ ރުޅި އިސްކުރަންވީ ވަގުތެއް ނޫން... މީ ފުރިހަމަ ރޭވުމެއް ބިނާކުރަންވީ ވަގުތު، ވެދިޔަ ކަމެއް މަށަށް ބަދަލެއް ނުކުރެވޭނެ، އެކަމަކު އެކަމުން އަމިއްލަ ބޭނުމެއް ފުއްދޭނެހެން ކަންތައް ބަދަލު ކުރެވިދާނެ...'' ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޝީރީން ހިތާހިތުން ކަމެއް ރާވާލިއެވެ. އޭނަގެ ތުންފަތުން ވިހަ ހިނިތުންވުމެއްގެ އަސަރު ފާޅުވީ ދެނެވެ. އޭނަ ހުންނާނީ ނާޒުކު ދަނޑިވަޅަކަށް ކޮޅުމަތި ބަލަބަލައެވެ. ލިބޭ ކިތަންމެ ހަނި ފުރުސަތުގައި ވެސް އޭނަ ނިޝާނަށް ހަމަލާތައް އަމާޒުކުރާނެއެވެ. ޔަޒްޔާންގެ ހުންނަ ރުޅިވެރި މިޒާޖުގެ ބޭނުން އޭނަ މިފަހަރު ހިފާނީ ހުރިހާ ކަމަކަށް އޮތް ހައްލެއްގެ ގޮތުގައެވެ.

*****

ޓީވީ ބަލަން އިން ހިންދު ސިއްސައިގެން ދިޔައީ ބާރު އަޑުފަށްގަނޑަކާއެކު ލެއްޕުނު ގޭގެ މައިދޮރުގެ ސަބަބުންނެވެ. ހަލަބޮލިކަން ވެރިވިެފައިވި މޭގައި ފިރުމާލަމުން އަވަސްއަވަހަށް އަޑުއައި ދިމާއަށް އޭނަގެ ނަޒަރު ދަތުރުކުރިއެވެ. އޭރު ކަމަކާ މެދު ހިތްހަމަނުޖެހިފައި ހުރި ޖައުފަރު ހަރު ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ދިއުމަށް މިސްރާބު ޖަހައިފިއެވެ. އޭނަ ދިޔަ ބާރު މިނުން ސޯފާގައި އިން ހިންދު ފާހަގަކުރެވުނު ހެނެއް ވެސް ހިޔެއް ނުވެއެވެ. ހައިރާންކަން ލިބިފައިވި ހިންދުއަށް ބަލަން އިދެވުނެވެ. ކަމެއް ގޯސްވެއްޖެކަމުގެ ސިގުނަލް އޭނަގެ ހަވަނަ ހިއްސު ދޭން ފެށުމާއެކު ދެޚިޔާލެއްގެ މަތީގައި ހުރެ އޭނަ ކޮޓަރީގެ ދޮރަށް ބަލާލިއެވެ. ކުރީދުވަހު ހިނދު ދެބަސްވުމަށްފަހު އޭނަ އެހުންނަނީ ޖައުފަރާއި ވާހަކަ ނުދައްކަން ކަމަށެވެ. އެގެ ސަބަބުން އޭނަގެ ނިންމުން ބަދަލުކޮށްފާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ފެންނަމުންދާ މަންޒަރުތަކުން އިތުރަށް ގޮތުގައި ހިފަހައްޓާލެވިދާނެހެނެއް ހިޔެއް ނުވެއެވެ. ޖައުފަރުގެ ތަބީއަތަށް އައިސްފައިވާ ބަދަލުގެ ފަހަހތގައިވާ ސަބަބުން އެގެން ބޭނުންވީތީ އެވެ.

ޓީވީ ރިމޯޓް ނަގައި ޓީވީ ނިއްވާލުމަށްފަހު ކޮޓަރިއަށްދާން އުޅުނު ހިންދުއަށް ހުއްޓެވުނީ އިވުނު އަޑުފަށްގަނޑެއްގެ ސަބަބުންނެވެ. އެއާއެކު އޭނަގެ ހިތް އަވަސްވެ ނުތަނަވަސްކަން މޫނުމަތިން ފާޅުވެއްޖެއެވެ. ދެފަޔަށް ލެވުނުހާ ބާރަކާއެކު އޭނަ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ރުޅިއައިސްފައި ހުރި ޖައުފަރު އޭނަގެ ނަފުސު ހަމައަކަށް ނޭޅިގެން އުޅެއެވެ. ކޮޓަރިއަށް ކުޑަވަރެއްގެ ތޫފާނެއް ވެސް އަރާފައި ވެއެވެ. އަތުގައި ޖެހުނު ހުރިހާ އެއްޗެއް ހޫރާލާ ހިނދު އޭނަގެ ރުޅިވެރިކަމާއި އެތަކެތި ގުޅިފައިވާ ފަދައެވެ. ޖެހިލުންވެ ހުރެ ވެސް ހިންދު އެތެރެއަށް ވަނެވެ. ފެންނަމުންދާ މަންޒަރުތަކުން މަސްލަހަތުގެ ނުބައިކަން އޭނައަށް ތަސައްވަރުކުރެވުނެވެ.

''ޖައުފަރު!، ކިހިނެއް ވެގެންތަ ތިއުޅެނީ؟...'' ހުރިފިޔަވަޅުމަތީ ހުއްޓި ޖައުފަރަށް ބަލަން ހުރެ ހިންދު އަހާލިއެވެ. ރުޅިވެރިކަމުގެ ކުލަތަކުން ރަތްވެފައިވި ޖައުފަރުގެ ދެލޯ ހިންދުއަށް އަމާޒުވީ ދެނެވެ. އޭގެ ސަބަބުން ހިންދު ބިރުގަތީ އޭނައަށް ހަމަލާއެއް އަމާޒުވެދާނެތީ އެވެ.

''އޭނަ އެއީ އަަހަރުމެންގެ ދަރިއެއް ނޫން، މިއަދަށް ފަހު ނުބުނާތި މަގޭ ގާތު އޭނަ ހޯދަން ދާށޭ!، އަޑުއިވިއްޖެތަ؟...'' ޖައުފަރު ހަޅޭއްލަވައިގަތެވެ. ޖައުފަރަށް އައިސްފައިވާ ބަދަލުތަކުގެ އަސްލާ ގުޅިފައިވަނީ ބަތޫލަން އެނގުމާއެކު ހިންދުގެ ހިތަށް ނުތަނަވަސްކަން ވެރިވެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ބަތޫލްގެ ފަރާތުން ކުރިމަތިވީ ކޮންކަމެއްކަން އެނގެން އޭނަ ބޭނުން ވިއެވެ.

''މަ ބަލާނަން އޭނައަށް އަޒްޔާނާ އިނދެގެން އުޅެވޭތޯ، ހާލުގައި ޖެހުނަސް މަށަށް ވަރިހަމަ، މައިންބަފައިންގެ ބަސް ޤަބޫލުނުކުރިކަމުގެ ނަތީޖާ އޭނައަށް ލަހެއް ނުވެ ފެންނާނެ...'' ދަތްތަކަށް ބާރުލަމުން ޖައުފަރު ބުނެލިއެވެ. އެނަ ހީވަނީ ރުޅީގެ ސަބަބުން ރޫޅިދާނެހެންނެވެ.

''ކީކޭތަ ތިކިޔަނީ، ބަތޫލް... ބަތޫލް އޭނައާއި ކައިވެނި ކުރީތަ؟...'' ހިންދުއަށް އަހާލެވީ ޝޮކެއްގައި ހުރެއެވެ. އޭނަގެ ހިތް އެކަން ދޮގަކަށް ވުމަށް އެދި އޭރު ގޮވަމުން ދިޔަ އެވެ. އެހެން ކަންތައް ވެއްޖެނަމަ އޭނައަށް ބަތޫލް ދުނިއުމުރަށް ގެއްލުނީއެވެ. ޖައުފަރު ދުވަހެއްގެ ކޮޅުން ވެސް ބަތޫލް ޤަބޫލެއް ނުކުރާނެއެވެ.

''އާނ... އޭނަ ކައިވެނިކޮށްފި!، އޭނައަށް އެއްއިރެއްގައި ވެސް އަހަރުމެން މުހިންމެއް ނުވި!......'' ޖައުފަރު އިއްވާލިއެވެ. އޭނަ މިފަހަރު ސޯފާ ކައިރީ ހުރި ބިއްލޫރި މޭޒުގައި ފައިން ޖެހީނުން އޭތި ދުރަށް ފޮނުވާލިއެވެ. ހިންދުއަށް ކަންފަތުގައި އަތްއަޅާލެވުނީ ބިއްލޫރި މޭޒު ފާރުގައި ޖެހި ކިޔާލި ބާރު އަޑެއްގެ ސަބަބުންނެވެ.

''މީގެ ފަހުން އޭނައާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ، އޭނަ ހިތުން ރަގަޅު ބަޔަކު އެވަނީ ލިބިފައި، އެކަމަކު އެއިން އެކަކު ވެސް އޭނައަށް ހެވެއް ނޭދޭނެކަން މަށަށް ޔަޤީން، އެމީހުން އޭނަ ބޭނުން އެކުރަނީ މަގޭ ފުށުން ބަދަލުހިފަން ހަތިޔާރެއްގެ ގޮތުގައި، އެކަމަކު މަގޭ ހިތަށް އޭނައަށް ވާ ގޮތަކުން ދުވަހަކު އަސަރެއް ނުކުރާނެ.... އޭނައަށް އެމީހުންގެ އަސްލު އެނގޭ ދުވަހަކުން ހެޔޮވިސްނުން ލިބިފައި ހުންނާނީ...''

ޖައުފަރަށް އޭނަގެ ރުޅި ކޮންޓްރޯލް ނުކުރެވި އޭނަގެ ދޫ ފުރޮޅުނެވެ. އެކަން އޭނައަށް އެނގުންވި ހިނދު އޭނަގެ ނަޒަރު ގޮސް ހިންދުއަށް ހުއްޓުނެވެ. އޭރު ޖައުފަރު ބުނި ޖުމްލައިގެ މާނައާ މެދު ސުވާލު އުފެދިފައިވި ހިންދުގެ ދެލޮލުން ޖަވާބު ބޭނުންވެފައިވާކަމުގެ ލިސާންތައް ޖައުފަރަށް ފާހަގަކުރެވުނެވެ. އެވަގުތު އެހުރިހާކަމެއްގެ ހައްލެއްގެ ގޮތުގައި އޭނައަށް ފެނުނީ ހިންދުގެ ބޮލުގައި އިލްޒާމު އަޅުވައި އަނިޔާކުރުމެވެ. ހިންދުއަށް ރަގަޅަށް ބަތޫލް ތަރުބިއްޔަތު ކުރެވުނުނަމަ މިއަދު މިފަދަ ދުވަހެއް ދެކޭކަށް ނުޖެހުނީހެވެ. އެއާއެކު ދެފަޔަށް ލެވުނުހާ ބަރަކާއެކުގައި އޭނަ ގޮސް ހިންދުގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި އަތަށް ބާރުލަމުން ހިންދުގެ ކޯތާފަތުގައި ޖެހިއެވެ. އޭނަ އައިސްފައި ހުރި ސިނގުރުޅިއަށް ޝިފާއެއްކަމުގައި ފެނުނީ އެކަމުގެ ހަސްކާ ހިންދުއަށް ބޭލުމެވެ.

''ކަލެއަށް ބަތޫލް ބެލުނުނަމަ މިހެން ނުވީސް...''

ދެވަނަ އެތިފަހަރު ވެސް ވީއްލައިލަމުން ޖައުފަރު ބުނެލިއެވެ. ހަށިގަނޑުގައި ވޭން އެޅިކަމުގައި ވިޔަސް ހިންދުއަށް އެކަން އިހުސާސްނުކުރެވުނީ ޖަވާބު ނުލިބޭ ސުވާލުތަކުން ސިކުނޑީގައި ބިންވަޅުނެގިފައިވި ކަންތަކާ ހުރެ މީހާ ގަބުވެފައިވުމުންނެވެ. އޭގެ ސަބަބުން އެހެން ކަމަކަށް ސަމާލުކަން ދެވޭވަރެއް ނުވިއެވެ. ޖައުފަރުގެ ފުށުން އެމީހުން ބަދަލު ހިފަންވީ ކީއްވެ ހެއްޔެވެ؟ ޖައުފަރު އެމީހުންގެ ހައްޤަކަށް އަރައިގަތީ ހެއްެޔެވެ؟ އެމީހުނަށް ޖައުފަރު ދެރައެއްދީ އޮޅުވާލީ ހެއްޔެވެ؟ ސަބަބަކާ ނުލާ ޖައުފަރު އަޒްޔާންގެ ޢާއިލާ ދެކެ ރުޅި އައުމުގެ ފަހަތުގައިވާ ސިއްރަކީ އެއީ ހެއްޔެވެ؟ ބަތޫލްއާއި އަޒްޔާން ގުޅެން ޖައުފަރު ދެކޮޅުހެދުމުގެ ފަހަތުގައިވާ ހަޤީޤަތަކީ އެއީ ހެއްޔެވެ؟

(ނުނިމޭ)

ގުޅޭ ޓެގު

އެދި އެދި ހޯދީމޭ
×
DB released.