14:30
ފިލިޕީންސްގައި މިއަދު ކުރިއަށްދާ އެގައުމުގެ ރިޔާސީ އަދި އާންމު އިންތިޚާބުތަކުގެ ވޯޓުލުމުގެ ވަގުތު އިތުރުކުރުމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މިގޮތުން ފިލިޕީންސްގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ވަގުތަށް އެއްގަޑިއިރު އިތުރުކޮށްފަ. މިގޮތަށް އެފަރާތުން ނިންމާފައިވަނީ އެއްފަހަރާ ގިނަ އިންތިޚާބުތަކެއް ކުރިއަށް ދިޔުމުގެ ސަބަބުން ވޯޓުލާން ދާ ކޮންމެ މީހަކު ވެސް އެތައް މަގާމަކަށް ވޯޓުލާން ޖެހި އެކަމަށް ވަރަށް ގިނަ ވަގުތު ނަގަމުންދާތީ ކަމަށް އެފަރާތުން ބުނެ އެވެ. އަދި މިފަހަރު އެގައުމުގެ ވޯޓުލުމުގައި ބޭނުންކުރާ އޮޓަމެޓިކް ސިސްޓަމަށް ދިމާވާ އެކިއެކި މައްސަލަތަކުގެ ސަބަބުން ވޯޓުލުމުގެ ކަންތައް ކުރިއަށްދާން ޖެހޭ ބާރުމިނުގައި ކުރިއަށް ނުދިޔުމަކީ ވެސް ވަގުތު އިތުރުކުރަން ޖެހުނު ސަބަބެއް ކަމަށް ވެސް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެފަރާތުން އިތުރަށް މައުލޫމާތު ދިން ގޮތުގައި އިންތިޚާބުތަކުގެ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާން ކުރެވޭވަރުވާނެ އެވެ.
ފިލިޕީންސްގެ އިންތިޚާބުތަކުގައި އެގައުމުގެ ރައީސްކަމަށާއި ކޮންގްރެސްގެ މެންބަރުކަމަށާއި އެހެނިހެން ތަފާތު މަގާމުތަކަށް 50 ހާހާ ގާތްކުރާ އަދަދެއްގެ ކެންޑިޑޭޓުން ދަނީ ވާދަކުރަމުންނެވެ.