Sun Online
ވާހަކަ

އެދިއެދި ހޯދީމޭ

ލިޔުނީމުތައްހަރު އިބްރާހީމް (މުތާ)

''އަހަންނަކީ އަންހެނެްކުއްޖެކޭ... އެހެންނޫނަސް ޝުޖާ އުޅޭ ގޮތަކުން ހީވަނީ ޝުޖާއަށް ކަމުދާ ކުއްޖަކު އުޅޭހެން، އެކަމަކު މިވީހާ ދުވަހު ފެނިފަ ނެތީމަ އެއީ ކުށްހީއެއްކަމަށް ވެސް ހީކުރެވޭ، ދެން ނޭގޭ... ޔަޤީނުން ވެސް ޝުޖާ އެހެން ކުއްޖަކާއި ގުޅޭކަށް އަހަރެން ބޭނުމެއް ނޫން...'' ހިތަށްވެރިވި ނުތަނަވަސްކަން ޖަނާ ބޭރުކޮށްލި އެވެ. ބަތޫލްއަށް އޭގެ ސަބަބުން ހާސްކަމެއް ލިބުނުކަމުގައި ވިޔަސް ކުޅަދާނަކަމާއެކު ފޮރުވާލި އެވެ. އޭނައަށް ޖަނާގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބުތައް އެނގުނުކަމުގައި ވިޔަސް އެކަމަށް އަލިއަޅުވާލާކަށް ބޭނުމެއް ނުވިއެވެ. އެއީ މުހިންމުކަމެއްކަމުގައި އޭނައަށް ނުފެނުނީތީއެވެ. އެކަންތައް ސިއްރުކުރަން ޚުދު އޭނައާއި ޝުޖާއު ވެސް ވަނީ އެއްބަސް ވެފައެވެ.

''އަހަރެން ޖަނާއަށް އެހީވެދެންޏާ ޝުޖާއާ ގުޅޭނަން ދޯ؟...'' ބަތޫލް އެހި އެވެ.

ބަތޫލްގެ ސުވާލާއެކު ޖަނާގެ މޫނަށް ވެރިވެގެން ދިޔައީ ތަފާތު ޝުޢޫރުތަކެކެވެ. އޭނައަށް ބަތޫލްގެ މޫނުން ނަޒަރު ވަކިކޮށްލެވުނު ހިނދު އެސުވާލާ މެދު ފުންކޮށް ވިސްނުން ހިންގާލެވުނެވެ. އެފަދައިން ކަންތައްވާން އޭނަ ނުހަނު ބޭނުމެވެ. އޭނަގެ ހުވަފެންތަކުގައި ޝުޖާއުއާއެކު ހަޤީޤީ ކުލަތައް ޖެހިގެންދާނެ ދުވަހަކަށް އިންތިޒާރުކުރެވެއެވެ. އެހެނަސް ޝުޖާއުގެ ހިތް އޮތް ގޮތް އޭނައަށް ފަހުމުވެފައި ނެތުމުން ހިތުގައި ހާސްކަމުގެ ބާނީތަކެއް ވަނީ އުފެދިފަ އެވެ. އެހިތް ނުތަނަވަސްވަނީ ޝުޖާއުގެ ހިތުން އެހެން ފަރާތަކަށް ޖާގައެއް ދެވިފައިވެދާނެކަމުގެ ބިރާއެކު އެވެ. ޝުޖާއުގެ އެހުންނަ ސިއްރުވެރި ގޮތަކުން އެނޫން ކަމަކާ މެދު އޭނައަށް ވިސްނުން ހިންގައެއް ނުލެވެއެވެ. ފަހަރެއްގައި ވެސް އެފަދައިން ކަންތައް ވެއްޖެނަމަ ކެތްކުރަން ދަތި ޒަހަމްތަކެއް ހިތުގެ ފަށަލަތަކުގައި ލެވިގެން ދާނެކަން ގައިމެވެ.

''ޖަނާ...'' ޖަނާގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔަ ބަތޫލްއަށް ޖަނާގެ އަތުގައި ހިފާލެވުނެވެ.

''ޝުޖާ ލައިކްވާ ކުއްޖަކު ހުރިއްޔާ ވާނީ ކިހިނެއްތަ؟...'' ޖަނާ އަނެއްކާ ވެސް އޭނަގެ ކަންބޮޑުވުންތައް ފާޅުކުރިއެވެ. އެއާއެކު ބަތޫލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހަޤީޤަތް އެނގި ހުރެވެސް ބަތޫލްއަށް ޖެހުނީ ސިއްރު ކުރާށެވެ. އޭގެ ސަބަބުން ނިކުމެދާނެ ނޭދެވޭ ނަތީޖާތައް ތަސައްވަރު ކޮށްލެވުމުންނެވެ. ޖަނާ އަނދިރީގައި ބަހައްޓަން އޭނައަށް މަޖުބޫރުވީ އެކަންތަކާ ހުރެއެވެ. އެދެމެދުގައި އޮތް އެކުވެރިކަމަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަން ނޭދޭތީއެވެ. އޭރު ހަޤީޤަތް ސިއްރުކުރުމުން ނިކުމެދާނެ ނަތީޖާއަކާ މެދު ބަތޫލްއަށް ވިސްނާލެވިފައި ނެތެވެ. އޭނަގެ ފިކުރުތަކުގެ ދުރުމީ ހުއްޓިފައިވީ ހަމައެންމެ މަންޒަރަކަށެވެ. ޖަނާއާއި ޝުޖާއު ގުޅުވުމަށެވެ. ޝުޖާއުގެ ދިރިއުޅުން އާރާސްތު ކުރެވިދާނެކަމުގެ އުންމީދު އެހިތުގައި އޮތުމުންނެވެ.

''ތިހެން ނުވިސްނަބަލަ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅުވާނެޔޭ... ޖަނާ ޖަވާބު ނުދިނަސް މިހާރު އަހަންނަށް އެނގިއްޖެ ޖަނާ ބޭނުންކަން ޝުޖާއާ ގުޅެން، އަހަރެން އެކަމަށް އެހީވެދޭނަން... ޔޫ ހޭވް ޓު ޓްރަސްޓް މީ އިން ދިސް......'' ބަތޫލް ބޭނުންވީ ޖަނާގެ އުއްމީދު އާކޮށްދޭށެވެ. ޖަނާގެ ހުވަފެންތަކުގެ ރާޖާ ހާސިލުކުރެވޭނެކަން އިހުސާސްކޮށްދޭށެވެ. ނާއުއްމީދާއި މާޔޫސްކަމަށް ނިމުމެއް ގެނެސްދޭށެވެ. އޭރު އޭނަގެ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވެވޭނެ ގޮތަކާ މެދު ބަތޫލް ދިޔައީ ވިސްނުން ހިންގަމުންނެވެ. ޝުޖާއުއާއި އޭނަ އެވާހަކަތައް ހިއްސާކުރާނެ ގޮތަކާ މެދުގައެވެ. ޝުޖާއުގެ ފަރާތުން ލިބިދާނެ ޖަވާބަކާ މެދު ވެސް މެއެވެ. އޭގެ ސަބަބުން އެދެމެދުގައި އޮތް އެކުވެރިކަމަށް ބުރޫއަރާފާނެހެން ހީވެދާނެކަމުގެ އިންޒާރު ވެސް ސިކުނޑީގެ ކަނަކުން އިއްވަމުން ދިޔަ އެވެ. ނަމަވެސް އެހުރިހާ ކަމެއް އެއްފަރާތަކަށް ބަތޫލް ޖައްސާލީ އުއްމީދެއްގެ މަތީ ހުރެ އެވެ.

''ކިހިނެއްތަ ބަތޫ އެހީވާނީ؟، ޝުޖާއަށް އަހަރެން ކަމުދާނެތަ؟...'' އޭނަގެ ހިތުގެ އިހުސާސްތައް ބަތޫލްއަށް އެނގިފައިވުމުން އިތުރަށް ވަންހަނާކުރުމުގެ ބޭނުމެއް އޮތްކަމަކަށް ޖަނާއަކަށް ނުފެނުނެވެ. ހަޤީޤަތުގައި ބަތޫލްއާ އެވާހަކަތައް އެއްވެސް ހުރަހެއްނެތި ހިއްސާކޮށްލެވުމުން ޖަނާގެ ހިތަށް ލުޔެއް ލިބިފައި ވިއެވެ. ހަމައެއާއެކު ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ވެސް ދިއްލިއްޖެ އެވެ.

''ކީއްވެ ކަމުނުދަންވީ؟، ތީ ނުލާހިކު ރަގަޅު އަދި އެހާމެ ރީތި ކުއްޖެކޭ، ޖަނާ ފެނި ކަމެއް ނުވާނެ ފިރިހެނަކު ނުހުންނާނެ، ބަލައްޗޭ، ޝުޖާއަށް ވެސް އެކަން އިހުސާސްކުރެވޭނެ...'' އަޑަށް ސަމާސާކަން ގެންނަމުން ބަތޫލް ވާހަކަދެއްކި އެވެ. ޖަނާއަށް ވެސް ހީލެވުނެވެ.

*****

ބޭރުތެރެއަށް ނިކުމެލުމާއެކު އެންމެ ފުރަތަމަ އައިސް މޫނުގައި ބީހިލި ފިނިފިނި ރޯޅިތަކުން އަޒްޔާންގެ ސިކުނޑީގެ ހަމަޖެހުން ނަގާލާފައިވި ރުޅިވެރިކަމާ ދުރަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނެވެ. އެއާއެކު ފަޒާގެ ތެރެއަށް ދޫކޮށްލެވުނު ފުންނޭވާއަށްފަހު ހާމައަށް އޮތް އުޑަށް އޭނަ ނަޒަރު ހުއްޓާލި އެވެ. ކުރިން އުޑުމަތިން ފައުޅުވަމުން އައި ތަރިތަކާއި ހަނދުގެ ހިލަމެއް ވެސް މިހާރަކު ނުވެއެވެ. މުޅި ދުނިޔެ ހަލަބޮލި ކުރަމުން އައި ވިއްސާރައިގެ ކުލަތަކުން އުޑުމަތި ހިސާރުކޮށްލާފައި ވީތީ އެވެ. ޖެހެމުންދާ ރޯޅިތައް ވެސް އޭގެ ބާރުދައްކާލުމުގައި ކާމިޔާބު ހޯދައެވެ. އިރުކޮޅެއް ވަންދެން ބޭރުގައި ހުރެފައި އަޒްޔާން އެތެރެއަށް ވަންނަން ހިނގައިގަތީ ތުނިތުނިކޮށް ވާރޭވެހެން ފެށުމުންނެވެ. އޭރު އޭނަގެ ނަފުސު ވަނީ ހަމައަކަށް އެޅިފަ އެވެ.

އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އޮތް ޒައިނަބުގެ ޚިޔާލުތަކާއި ގުޅިފައިވަނީ މީގެ އިރުކޮޅެއް ކުރިން ހިނގި ހާދިސާ އެވެ. ތަކުރާރުކޮށް އެމަންޒަރުތައް މަތިން ހަނދާންކުރެވުނެވެ. އޭރު އޭނަގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހިފައި ވިއެވެ. އޭނަ ގަސްދުކޮށްގެން ހުރީ އަޒްޔާންއާ ބައްދަލުވާއިރަކުން އެސުވާލުތަކުގެ ޖަވާބު ހޯދާށެވެ. އަޒްޔާން އެފަދަ ބޮޑު ފިޔަވަޅެއް އަޅަން ނިންމާފައިވާއިރު ޖައުފަރުމެން އެކަމާމެދު ދެކޭ ގޮތް އޮޅުންފިލުވުން މުހިންމުކަމަށް ވެފައި ވިއެވެ. އަނެއްކާ އަޒްޔާނަށް ޖައުފަރުގެ ރުހުންލިބުނީ ހެއްޔެވެ؟ ނޫނީ ފަރުދާގެ ނިވަލުގައި މުޅިން އެހެން ކަންތައްގަނޑެއް ރޭވިގެންދަނީ ހެއްޔެވެ؟ ވާން މިއުޅޭ ގޮތަކާ މެދު ޒައިނަބުގެ ނަފުސުވީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.

އަޒްޔާން ވޯޑަށް ވަން އިރު ޝީރީން ފެންނަން ނެތުމުން އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ހުރީ ބަތޫލްގެ ބޮލުގައި ޝީރީން އެޅުވި އިލްޒާމުތަކާއި ބަތޫލްއަށް އަމާޒުކޮށް ބުނި ހުތުރު ބަސްތަކުން ޝީރީން ދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. އޭނަ ނުކުމެގެން ދިޔައީ ވެސް ރުޅީގެ ސަބަބުން އޭނަގެ ދޫ ހިމޭންނުކުރެވިދާނެކަމުގެ ބިރަށްޓަކަ އެވެ. އިތުރަށް ޝީރީނާ ވާހަކަދެއްކުމުގެ ޚިޔާލެއް ވެސް އޭނަގެ ނެތެވެ.

މީހެއްގެ ހިލަންވިކަމުގެ އިހުސާސާއެކު ޒައިނަބަށް ޚިޔާލުތަކުގެ ތެރެއިން ނިކުމެވުމެވެ. އެއަށްފަހު އޭނައަށް އެނދުގެ މަގަތުގައި އިށީން އަޒްޔާނަށް ބަލާލެވުނެވެ. ދަރިފުޅާއި ހަތަރުކަޅި ހަމަކުރެވުނު ވަގުތު އޭނައަށް ކަމެއް އިހުސާސްކުރެވުނެވެ. އަޒްޔާން އޭނައާއި ހިއްސާކުރަން ބޭނުންވާ ވާހަކަތައް ހުރިކަމެވެ. އެއިން އޭނަގެ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެކަމުގެ ޔަޤީންކަމާއެކު ޒައިނަބު ޚިޔާރުކުރީ ހިމޭންކަމެވެ. އެއީ ވާހަކަ ކުރިއަށް ގެންދިއުމަށް އޭނަ އަޒްޔާނަށް ދިން އިޝާރާތަކެވެ. ނަމަވެސް ހިމޭންކަމާއެކު އެތައް މިނެޓެއް ފާއިތުވެގެން ދިޔަ އިރު ވެސް އަޒްޔާން އަނގަޔަކުން ނުބުންޏެވެ. އެއާއެކު ޒައިނަބު ވާހަކަދައްކަން ފެށިއެވެ.

''ދަރިފުޅާ، ބަތޫލްއާ ކައިވެނިކުރަން ނިންމީ އެމީހުން އެކަމަށް ރުހުން ދިނީތަ؟، ދަރިފުޅު އެމީހުންނާ ބައްދަލުކުރަން ދިޔައީތަ؟...'' ޒައިނަބު އޭނަގެ ހިތުގައިވި ސުވާލުތަކުގެ ޖަވާބު ހޯދަން ފެށިއެވެ. މަންމަގެ ސުވާލުތައް ކުރިމަތިވާނެކަން ދުރާލާ ލަފާކޮށްލެވިފައިވުމުން އަޒްޔާން ތެދުތެދަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އެވާހަކަތައް އަޑުއަހަން އޮތް ޒައިނަބުގެ މޫނުމަތިން ހިތާމައާއި މާޔޫސްކަމުގެ އަސަރުތައް ފާޅުވެގެން ދިޔަ އެވެ. ބަތޫލްއާ މެދު އެހިތުގައި ހަމްދަރުދީ އުފެދުނެވެ. ޖައުފަރާމެދު ނުރުހުންތެރިކަން ވެސް މެއެވެ. އުފަން އަންހެނެްދަރިފުޅަށް އެފަދަ ނިކަމެތިކަމަކާއި ދެރައެއް ދޭން ކެރޭނީ ހިލަ ހިތެއްގެ ވެރިއަކަށެވެ.

''ތިވަރު ބޮޑު ކަންތައްގަނޑެއް ހިނގިއިރުވެސް މަންމަ ގާތު ބުނުން މުހިންމުކަމަކަށް ނުވިދޯ؟.....'' ޒައިނަބު އެހި އެވެ. ޒައިނަބުގެ ވާހަކަދެއްކުމުގެ ރާގު ހުރި ގޮތުން އަޒްޔާނަށް އިހުސާސްކުރެވުނީ އޭނަ ދެކެ ހިތްހަމަނުޖެހުނީ ކަމަށެވެ.

''މަންމާ އަހަރެން ހުރީ ބުނަންކަމަށް، އެކަމަކު މިއަދު އަހަންނަށް އާދެވުނު އިރު ބޮޑުދައިތަ ހުރީމަ އެފުރުސަތު ނުލިބުނީ... އަހަރެން ބޭނުމެއް ނޫން ބަތޫލް ހިތްދަތިކަމުގައި ވަނިކޮށް ދުރުގައި ހުންނާކަށް... ކައިވެނިކުރަން ނިންމީ ވެސް އެސަބަބާ ހުރެ... މަންމަ އަހަރެންގެ މިނިންމުމާމެދު ދެކެނީ ކިހިނެއްތަ؟ މަންމަ ޤަބޫލުތަ އަހަރެން ބަތޫލްއާ ކައިވެނިކުރަން؟...'' އަޒްޔާން އޭނަގެ މަންމަގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

''އާނ، މަންމަ ދުވަހަކު ވެސް ދެކޮޅެއް ނަހަދާނަން އަޒްޔާން ބަތޫލްއާއި ކައިވެނިކުރުމަކާ، ދަރިފުޅުގެ ވިސްނުން ވެސް ރަގަޅު... އެކަމަކު މިހާރު މަސްހަލަހަތު ގޯސްވެފައި އޮތް މިންވަރާމެދު މިވިސްނެނީ... ހާދަ ބޮޑު ދެރައެކޭ ބަތޫލްއަށް އެލިބުނީ... މިހާރު ބަތޫލް ކޮބާތަ؟، ބަތޫލް ކިހިނެއްތަ؟، ޖައުފަރުމެންގެ ޚަބަރެއް ފަހުންވިތަ؟...'' އަޒްޔާނަށް ބަލާލަމުން ޒައިނަބު ބުނެލިއެވެ.

'''ބަތޫ ހުރީ އޭނަގެ ރައްޓެއްސެއްގެ ގާތު... މިހާރު ކުރިއަށް ވުރެ ރަގަޅު، އެކަމަކު އަދިވެސް މުޅިން ހަމައަކަށް ނޭޅޭ، ބަތޫ ސިއްރުކުރަން އުޅުނަސް ހިތާމަކުރާކަން އަހަންނަށް އެނގޭ...'' އަޒްޔާން ފުންނޭވާއެއް ދޫކޮށްލަމުން އޮޅުންފިލުވައި ދިނެވެ.

''ދަރިފުޅާ، މަންމަ އެމީހުންނާ ވާހަކަދައްކަންތަ؟، މިހެން ބުނާ އިރު ވެސް ދަރިފުޅު ހިތްހަމަނުޖެހިދާނެކަން އެނގޭ، އެކަމަކު ބަތޫލްއަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އޭނަގެ މައިންބަފައިނާއި ދުުރުގައި ހުންނާކަށް، އެމީހުންގެ ނަފުރަތު ދުނިއުމުރަށް އަމާޒުވާތަން ދެކޭކަށް... އެމީހުންގެ ލޯތްބާއި އަޅާލުމާއި ހެޔޮ ދުޢާތައް ވެސް ބޭނުންވާނެ...'' އަޒްޔާނާއި ޒައިނަބުގެ ދެމެދަށް ވެރިވި ހިމޭންކަން ފޫދުއްވާލަމުން ޒައިނަބު ވާހަކަދެއްކި އެވެ. އެއާއެކު އަޒްޔާނަށް ސިހިފައި އޭނަގެ މަންމައާއި ހަތަރުކަޅިހަމަކޮށްލެވުނެވެ. އޭނަ އެކަމާ ނުރުހޭ މިންވަރު އެމޫނުމަތިން ރީއްޗަށް ފާޅުވެ އެވެ. އެއީ ތެދު ވާހަކަތަކެއް ކަމުގައި ވިޔަސް ޖައުފަރު ދެކެ އަންނަ ރުޅީގެ ސަބަބުން އެކަމަށް ޢަމަލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ.

''އެމީހުންގެ ވިސްނުން ދުވަހަކު ބަދަލެއް ނުވާނެ، ބަތޫލްއާ މެދު ކަންތައް ކުރި ގޮތުން އެކަން އެމީހުން ވަނީ ސާބިތުކޮށްދީފައި، އިތުރަށް ކުރެވޭނެ ކަމެއް އޮތްކަމަކަށް އަހަރެން ނުދެކެން...'' ޒައިނަބު ޚިޔާލާއި އަޒްޔާން ދެކޮޅު ހެދިއެވެ. ޖައުފަރާއި ބައްދަލުކުރުމުގެ ފުރުސަތު މަންމައަށް ދޭން އޭނަ ބޭނުން ނުވާތީ އެވެ. އެފިރިހެނާ އެވަނީ މަންމަގެ ދިރިއުޅުން އަންދާއަޅިއަށް ހަދާލާފަ އެވެ. މަންމަގެ އުފާތައް ފޭރިގެންފަ އެވެ. އަދިވެސް މަންމައަށް ހަމަޖެހުމެއް ލިބުމަށް އޭނަ ނޭދެއެވެ. އެފަދަ ނުބައި މީހެއްގެ ގާތަށް ދިއުމުގެ ފުރުސަތު މަންމައަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟ މަންމަގެ ނިކަމެތިކަމާއި ބާރެއް ނެތްކަން ހާމަކުރަން ޖައުފަރަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އޭނަ ހިފާނެކަން ގައިމެވެ.

އަޒްޔާންއާއި ދެބަސްވުމެއް އުފެދެން ބޭނުންނުވާތީ އިތުރަށް އެމައުޟޫޢުއަށް ވާހަކަދެއްކުން އެއީ ރަގަޅުކަމެއް ނޫންކަން ޒައިނަބަށް ފަހުމުވިއެވެ. އެއާއެކު އޭނަ އަޒްޔާންގެ މޫނަށް ފުން ނަޒަރެއް ދިނެވެ. އެމޫނުގައިވި ހުރިހާ ކުލަތަކެއް ދިރާސާކުރާ ފަދައަކުންނެވެ.

''ދަރިފުޅާ، ބަތޫލް އެވަނީ ހިތްދަތިކަމެއްގެ ތެރޭގައި، އޭނަ އެކަން ފާޅުނުކުރިޔަސް އަޒްޔާނަށް ވެސް އިހުސާސްކުރެވޭނެކަން ޔަޤީން، މަންމައަށް އެނގޭ ދަރިފުޅު ބޭނުންވަނީ އެހުރިހާކަމަކަށް ނިމުމެއް ގެންނަންކަން، ދަރިފުޅުގެ ނިންމުން ވެސް ރަގަޅު...... އަޒްޔާން ޖެހޭނެ ބަތޫލްއަށް އަޅާލުމާއި ލޯބިދޭން، އެކަނިވެރިކަން އިހުސާސްވުމުގެ ފުރުސަތު ދީގެން ނުވާނެ، ހުރިހާ އެއްޗެއް ދޫކޮށްލުމަށްފަހު ވެސް އަޒްޔާންގެ ގާތަށް ބަތޫލް އަންނަން ތައްޔާރަށް އެހުރީ އަޒްޔާންދެކެ ވާ ލޯތްބެއްގެ ސަބަބުން، އަޒްޔާން ނޫން މީހަކާއެކު ދިރިއުޅުމެއް ފަށަށް ބޭނުންނުވާތީ... ދަރިފުޅު އެކަން މަތިން ދުވަހަކު ހަނދާން ނައްތާނުލައްޗޭ، މަންމައަށް އެނގޭ ދަރިފުޅަށް އެނގިހުރެ ބަތޫލްއަށް ދެރައެއް ނުދޭނެކަން، ދަރިފުޅު ބަތޫލްދެކެ ލޯބިވާ މިންވަރު މަންމައަށް އެނގޭ...... އެކަމަކު ވެސް މުސްތަޤުބަލުގައި ކަންތައް ވެދާނީ ކިހިނެއްކަމެއް ލަފާކޮށްލަން އެއްވެސް މީހަކަށް ނޭގޭނެ، އުސްގަނޑަކަށްފަހު އަޑިގަނޑުތައް އަންނާނެ، ކިތަންމެ އިމްތިހާނުތަކެއް ކުރިމަތިވާނެ... އެކަމަކުވެސް ދަރިފުޅު ޖެހޭނެ ބަތޫލްގެ ޤުރުބާނީތައް ހަނދާނުގައި ބަހައްޓަން... ބަތޫލްއާއެކުގައި ވާން ގަދައަޅައި މަސައްކަތްކުރަން... ދިރިއުޅުމުގެ ދިގު ރާސްތާގައި އަޒްޔާނާއެކު ވާނެ ބައިވެރިޔެއް ބަތޫލްއަކީ...... ދަރިފުޅާ، ދުވަހަކު ބަތޫލްއަށް ދެރައެއް ނުދެއްޗޭ، ބަތޫލް ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރައްޗޭ، ބަތޫލް އެހުރީ ވަރަށް ވެސް ނާޒުކު ހާލަތެއްގައި، އިތުރަށް އެކުއްޖާގެ ހިތުގައި ނުޖައްސާނަންކަމަށް މަންމައަށް ވަޢުދުވޭ... ބަތޫލް އުފަލުގައި ގެންގުޅޭނަންކަމަށް ވެސް، ދަރިފުޅަށް މަންމަ މިކުރާ އިތުބާރު ދުވަހަކު ވެސް ނަގާލުއްޗޭ...''

ޒައިނަބުގެ ވާހަކަތައް އަޑުއަހަން ހުރި އަޒްޔާނަށް އެވާހަކަތާ މެދު ފުންކޮށް ވިސްނާލެވުނެވެ. މަންމަގެ ވާހަތަކުން އެހިތުގައި އޮތް ބިރުވެރިކަން އޭނައަށް އިހުސާސްކުރެވުނެވެ. އޭގެ ފަހަތުގައި އޮތީ މަންމަގެ ހިތި މާޒީކަން ވެސް އަޒްޔާނަށް ރޭކާލީ މަންމަގެ މޫނުން ފެނުނު އަސަރުތަކުންނެވެ. މަންމަގެ މާޒީގެ ގިނަ ކަންތައްތައް އޭނައަށް ސިއްރުކުރެވިފައިވުމުން އޮޅުން ފިލުވަން އެވަގުތު އޭނަ ނުހަނު ބޭނުން ވިއެވެ. ނަމަވެސް ސުވާލުކުރާނެހާ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ.

''މަންމާ، އަހަރެން ގާތު ތިވާހަކަތައް ނުދެއްކިޔަސް އަހަރެން ބަތޫލްއަށް ދެރައެއް ނުދޭނަމޭ......'' އަޒްޔާން ޒައިނަބު އަތަށް ބާރުކޮށްލަމުން ހިނިތުންވެލި އެވެ. އަދި އޭނަގެ ބަހުގެ ތެދުކަން ހާމަކޮށްދިނެވެ. ޒައިނަބު އިތުރު އެއްޗެއް ބުނުމެއް ނެތި އަޒްޔާނަށް ހިނިތުންވެލި އެވެ. އޭރު ވެސް ބަތޫލްއާ މެދު ކަންބޮޑުވެފައިވާ މިންވަރު އޭނަގެ ދެލޮލުން ފާޅުވެ އެވެ. ދަރިފުޅަށް ކުރެވޭ އިތުބާރުގެ މައްޗަށް ބުރަވެލަމުން ހަމަޖެހެން ޒައިނަބު މަސައްކަތް ކުރިއެވެ.

*****

ޖެހިގެން އައި ދުވަހު އަޒްޔާން އުޅުނީ ކައިވެނީގެ ކަންތަކާ އެވެ. އޭނަ ގަސްދުކުރީ ކޯޓުގެ މަރުހަލާއިން ކައިވެނީގެ ކަންތައް ނިމި ރައްޓެހިންނާއި ޢާއިލާގެ މެންބަރުންނަށް ކުޑަ ސަޔެއް ދޭށެވެ. ބަތޫލް ވެސް އެގޮތް ބޭނުންވާތީ އެވެ. އަޒްޔާނަށް ހުރިހާ ކަމެއްގައި ވެސް އެހީވުމުގައި ޝުޖާއުގެ އިތުރުން ޖަނާ އުޅުނެވެ. އެންމެ އިންތިޒާރުކުރެވުނު ވަގުތު އައިސް ކައިރިވަމުން ދިޔަ ވަރަކަށް ބަތޫލްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔަ އެވެ. އޭނަގެ ހިތަށް ވެރިވެގެންދާ އުފާވެރި ޚިޔާލުތަކުން ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ގަޑީގެ ވަގުތު ކަށި ހިންގަމުން ގޮސް އޭނަ އެންމެ އެދެވުނު ވަގުތު އައިސް ޖެހުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު

އެދި އެދި ހޯދީމޭ
×
DB released.