އެމެރިކާގެ އިލެކްޓަރުންގެ ވޯޓުލުން މިއަދު، ވާނީ ކިހިނެއް؟

މިދިޔަ މަހު އޮތް ރިޔާސީ އިންތިހާބުގެ ތެރެއިން -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޑިސެމްބަރު 19): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް އިލެކްޓަރުންގެ ތާއިދު އޮތްތޯ ބަލައި، އޭނާ ރަސްމީކޮށް ވެރިކަމަށް އިންތިހާބު ކުރުން މިއަދު އޮންނާނެ އެވެ.

އިލެކްޓަރުންނަކީ ކޮބާ؟

އިލެކްޓަރުންނަކީ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބުގެ ކުރިން ކޮންމެ ސްޓޭޓެއްގައި ރައީސަށާއި ނައިބު ރައީސަށް ވޯޓު ދިނުމަށް އައްޔަން ކުރާ ބަޔެކެވެ. އިލެކްޓަރުންގެ ތެރޭގައި ޕާޓީގެ ލީޑަރުންނާއި، އިންތިހާބުކޮށްފައިވާ އޮފިޝަލުންނާއި، ރިޔާސީ ކެނޑިޑޭޓުންނާ ގާތް ގުޅުން އޮތް ބޭފުޅުން ވެސް ހިމެނެ އެވެ. އެގޮތުން ބިލް ކްލިންޓަން އަކީ މިއަހަރު ނިއު ޔޯކުގެ އިލެކްޓަރެކެވެ.

އެމެރިކާގެ އިލެކްޓޯރަލް ކޮލެޖް ނިޒާމު އޮންނަ ގޮތުން އެގައުމުގައި ރިޔާސީ އިންތިހާބު ބާއްވާއިރު ރައްޔިތުން ވޯޓު ދެނީ ސީދާ ރައީސަކަށް ނޫނެވެ. ނަމަވެސް އާއްމުންގެ ވޯޓުން ހޮވޭނީ ވަކި ޕާޓީއެއްގެ އިލެކްޓަރުންނެވެ. މިސާލަކަށް ޑޮނަޑްލްޑް ޓްރަމްޕަށް ވޯޓު ދިން ފަރާތަކުން އެވޯޓު ދެނީ އެސްޓޭޓުގެ ރިޕަބްލިކަން ޕާޓީގެ އިލެކްޓަރުންނަށެވެ.

އެމެރިކާގެ ހުރިހާ އިލެކްޓަރުންގެ އަދަދަކީ 538ކެވެ. އަދި ރައީސްކަމަށް ވަޑައިގަންނަވާ ފަރާތަކަށް ބޭނުން ވާނީ 270 އިލެކްޓަރުންގެ ވޯޓެވެ. މިދިޔަ މަހު އޮތް ރިޔާސީ އިންތިހާބުން ޓްރަމްޕަށް 306 އިލެކްޓަރުން ކާމިޔާބު ކުރެވުނު އިރު ހިލަރީ ކްލިންޓަންއަށް ލިބުނީ 232 އިލެކްޓަރުންނެވެ.

މިއަދު ވާނީ ކިހިނެއް؟

އެމެރިކާގެ ހުރިހާ ސްޓޭޓެއްގެ އިލެކްޓަރުން މިއަދު އެސްޓޭޓުގެ ވެރިރަށުގައި ބައްދަލު ކުރުމަށް ފަހު ރައީސަށާއި ނައިބު ރައީސަށް ވޯޓު ދޭނެ އެވެ. ކޮންމެ ޕާޓީއެއްގެ އިލެކްޓަރުންނަކީ ވެސް ޕާޓީއަށް ވަރަށް ވަފާތެރި ބަޔެއް ކަމުން އެއިލެކްޓަރުން އިދިކޮޅު ކެނޑިޑޭޓަކަށް ވޯޓު ދިނުމަކީ އާއްމު ކަމެއް ނޫނެވެ. މިފަހަރުގެ އިލެކްޓަރުންގެ ވޯޓުގައި ޕާޓީއަށް ބޭވަފާތެރި ވާނެ ކަމަށް ބުނެފައި ވަނީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޓެކްސަސްގެ އިލެކްޓަރަކު އެކަންޏެވެ.

އިލެކްޓަރުންގެ ވޯޓުން ރައީސްކަމަށް ހިލަރީ ހޮވޭނީ ރިޕަބްލިކަން ޕާޓީގެ 38 އިލެކްޓަރުން ޕާޓީއަށް ބޭވަފާތެރިވެ، ހިލަރީއަށް މިއަދު ވޯޓު ދީފި ނަމަ އެވެ.

އިލެކްޓޯރަލް ވޯޓުތައް ގުނާނީ ކޮންބައެއް؟

އަންނަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އިލެކްޓޯރަލް ވޯޓުތައް ގުނާނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އާއި މަތީގޭގެ ބައްދަލުވުމެއްގަ އެވެ. ވޯޓުތައް ގުނުމަށް ފަހު، 270 އަށް ވުރެ ގިނަ އިލެކްޓަރުންގެ ވޯޓު ކާމިޔާބު ކުރެއްވި ފަރާތަކީ ރައީސްކަމަށް ސެނެޓުގެ ރައީސް އަދި ގައުމުގެ ނައިބު ރައީސް ޖޯ ބައިޑަން އިއުލާން ކުރައްވާނެ އެވެ.

comment ކޮމެންޓް