މުސްކުޅިއަކަށް އަޅައި ނުލާ ކަމަށް ބުނެ ކޮނޑޭ ރައްޔިތުން ރަށުގެ ހެލްތުޕޯސްޓް ބަންދުކޮށްފި

އުމުރުން ދުވަސްވީ މީހަކަށް އަޅައި ނުލާ ކަމަށް ބުނެ ގއ. ކޮނޑޭ ރައްޔިތުން ރަށުގެ ހެލްތުޕޯސްޓް ބަންދުކޮށްފި އެވެ.

ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އައްބާސް މިއަދު ވިދާޅުވީ ހެލްތުޕޯސްޓުން ހިދުމަތް ދެމުންގެންދިޔަ އުމުރުން 65 އަހަރުވެފައިވީ މީހަކާ ހެލްތުޕޯސްޓުން ހަވާލު ނުވުމުން ރައްޔިތުންގެ ބަޔަކު ނުކުމެ ހެލްތުޕޯސްޓު މިއަދު 1:00 ޖެހި އިރު ބަންދުކޮށްފައިވާ ކަމަށެވެ. އަދި ބުނީ މުސްކުޅި އެ މީހާއަކީ ޕެރެލައިޒްވެފައިވާ މީހެއް ކަމަށާއި އޭނާގެ ދަރިއަކު ވެސް ނުހުންނަ ކަމަށެވެ. މިހާތަނަށް އެމީހާ ބަލަހައްޓަމުން ދިޔައީ އާއިލީ ގޮތުން ކޮންމެ ވެސް ވަރަކަށް ގުޅުން އޮންނަ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭނާއަކީ ވަރަށް ބަލި، ޕެރަލައިޒްވެފައި އޮންނަ މީހެއް. ބެލެނިވެރިއެއް ވެސް ނެތް. ދަރިއަކު ވެސް ނުހުރޭ. ވަރަށް ދުރުތާ ތިމާގެ މީހަކު އޭނާ ބަލަނީ. އެ މީހާ ބުރާސްފަތި ދުވަހު އެދުނީ އޭނާ ބަލައިދޭނެ ގޮތެއް ހަދައި ދިނުމަށް. ދެން ހަމަ އެއްވެސް ގޮތަކަށް ނުވި. ރައްޔިތުން މިއަދު ވަގުތު ދިނީ 1:00 ޖެހުމުގެ ކުރިން ޖަވާބެއް ދޭން. ޖަވާބެއް ގޮތުގައި އެމީހުން ދިނީ ތިކަން ނެތޭ ކުރެވޭކަން. ދެން ރައްޔިތުން ނުކުމެ ހިދުމަތް ނުލިބޭ ތަނެއް ބަހައްޓަން ބޭނުން ނުވާތީ ބަންދުކުރީ،" އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮނޑޭ ކައުންސިލްގެ ރައީސް މިއަދު ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އެ ރަށު ހެލްތުޕޯސްޓުން ދޭންޖެހޭ އަސާސީ ސިއްހީ ހިދުމަތްތައްވެސް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ. އަދި ފަރުވާދިނުމުގައި ބައެއް މީހުންގެ ބައްޔާ ނުގުޅޭ އެކި ޒާތުގެ ބޭސް ދީގެން ހާލު ބޮޑުވެ، ރަށުން ބޭރުން އެ މީހުންނަށް ފަރުވާދޭން ވެސް ޖެހިފައިވާ ކަމަށެވެ.

އައްބާސް ވިދާޅުވީ ރައްޔިތުން ނުކުމެ ހެލްތުޕޯސްޓް ބަންދު ކުރުމަށްފަހު، މުސްކުޅި މީހާއަށް ފަރުވާދިނުމަށްޓަކައި މިހާރު މަސައްކަތް ކުރަމުން އަންނަނީ ގއ. ދާންދޫއަށް އެ މީހާ ގެންދިއުމަށެވެ. އެ މީހާ ދާންދުއަށް ގެންދިއުމުގެ ހުރިހާ ހަރަދެއް ކުރައްވަނީ އޭނާ އަމިއްލައަށް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮނޑޭއަކީ 517 މީހުންގެ އާބާދީއެއްގެ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުން އާބާދީ 500 އަށް އަރާ ރަށްރަށުގައި ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި ޑޮކްޓަރަކު ހުންނާނެ އެވެ. ނަމަވެސް ކޮނޑޭ ހެލްތުޕޯސްޓްގައި ހުންނަނީ އެންމެ ނަރުހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު