ކިނބިދޫ ރައްޔިތުން ހުމާ ފިހެނީ!

ތ. ކިނބިދޫގައި މީގެ މަހެއްހާ ދުވަސްކުރިން ފެތުރެން ފެށި ހުމުގެ ރޯގާ އަދިވެސް ކޮންޓްރޯލް ނުވެ ފެތުރެމުން އެބަދެއެވެ. ކުރިން ހަމަ އެކަނި ކުޑަކުދިންނަށް ޖެހެމުން ދިޔަ ހުން މިހާރު ބޮޑެތިމީހުންނަށް ވެސް ޖެހެން ފަށާފައިވާ ކަމަށް ކިނބިދޫ ސިއްހީ މަރުކަޒާއި ރަށު ކައުންސިލުން ވެސް މިއަދު ބުންޏެވެ.

ގާތްގަނޑަކަށް 1300 މީހުންގެ އާބާދީއެއް އޮންނަ ކިނބިދޫގައި ހުމުގެ ރޯގާ ވަކިހިއްޕާލާފައިވާއިރު މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ފާރުވާ އަށް ވަނީ މާލެ ފޮނުވާފަ އެވެ. ބޮޑެތި މީހުން ހުމާ ފިހިފިހި ތިބި އިރު ވަރަށް ގިނަ ކުދަކުދިން ތިބީ ސިއްހީ މަރުކަޒުގެ އެނދުތަކުގަ އެވެ.

"ހުން އަދިވެސް ކޮންޓްރޯލެއް ނުވޭ، މިހާރުވެސް އިއްޔެވެސް ސިއްހީ މަރުކަޒުގައި ދެ ކުޑަކުދިން އެޑްމިޓްކޮށްފައި އެބަތިބި،" ކިނބިދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރ އަހުމަދު ރިޝީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުމަށް ފަރުވާ ހޯދުމަށްޓަކައި ކިނބިދޫގެ ގިނަ ކުދިން ތަކެއް ވޭމަންޑުއާއި މާލެއަށް ވެސް ގޮސްފައިވާ ކަމަށެވެ.

ކިނބިދޫ ރަށުކައުންސިލްގެ ނައިބުރ ައީސް ހަސަން މުހައްމަދު ވިދާޅުވީ ހުން ފެތުރެމުންދާލެއް ހަލުވިކަމުން ރައްޔިތުންގެ މެދުގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށާއި ރަށުގައި ޑެންގީ ހުން ކޮންޓްރޯލްނުވެ ފެތުރެމުން ދާކަމަށެވެ.

" މިހާރު ބޮޑެތިމީހުންނަށް ވެސް ޖެހެން ފަށައިފި، އިއްޔެވެސް ހުން އައިސްގެން ބޮޑު ދެމީހުން ސިއްހީ މަރުކަޒަށްގެންގޮސް ފަރުވާދީފައި ގެއަށް ފޮނުވާލީ، އެއީ ކުޑަކުދިންނަށް ޖާގަ ދިނުމުގެ ގޮތުން،" ހަސަން ވިދާޅުވިއެވެ.

ހުމުގެ މައްސަލަ ބޮޑުވެފައިވާތީ ހެލްތު ކޯޕަރޭޝަންގެ އިސް ބައެއް ބޭފުޅުން އިއްޔެ ކިނބިދުއަށް ވަޑައިގެންނެވި އެވެ. ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ބޭސް ވެސް ކޯޕަރޭޝަނުން ގެނަ އެވެ.

ކިނބިދޫން ވާހަކަ ދެއްކި މީހަކު ބުނީ މަދިރިކޮންޓްރޯލް ކުރުމަށް ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރަމުން ދިޔަ ނަމަވެސް މަދިރީގެ މައްސަލަ ރަށުގައި ވަރަށް ބޮޑު ކަމަށެވެ.

ރަށުކައުންސިލްގެ ނައިބުރައީސް ހަސަން ވިދާޅުވީ މަދިރި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވެގެން އުޅެނީ ގިނަ އަދަދެއްގެ ގެތައް ފަޅުވެފައި ހުރި އިރު އެފަދަ ގެތަކުގެ ވަޅުތައް ހާމައަށް ހުރުމުންނެވެ.

" މާލެއަށް ދިރިއުޅުން ބަދަލުކުރާ ގިނަމީހުން ދަނީ އެމީހުންގެ ގެތައް ބަލަހައްޓަން މީހަކާ ހަވާލު ނުކޮށް، އެފަދަ ގެތަކުގެ ވަޅުތައް މިހުންނަނީ ހާމައަށް، ގޯތިތެރެވެސް އޮންނަނީ ސާފުނުކޮށް، " ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ ގެތަކަށް ވެސް ފޮގްކޮށް، ވަޅުތަކަށް ކެމިކަލް އެޅުން ފަދަ މަސައްކަތްތައް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު