މި އަހަރުގެ މިހާތަނަށް، އިންސާނީ ހައްގުތަކާ ގުޅުން ހުރި 964 މައްސަލައެއް ބަލާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފި އެވެ.
މިއަދު ފާހަގަކުރާ، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަސް މެމްބަރުންގެ ނަމުގައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިއަދުގެ ޝިއާރާ އެއްގޮތަށް، އަނެކާގެ ހައްގުގެ ދިފާއުގައި ތެދުވެ، ފަރުދީ ގޮތުގައި ކުރެވޭނެ ކަންކަން ކުރުމަށް ގޮވާލާ ކަމަށެވެ.
މި އަހަރުގެ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ދުވަހުގެ ޝިއާރަކީ "އަނެކާގެ ހައްގުގައި ތެދުވަމާ"އެވެ.
އެޗްއާރުސީއެމް އިން ބުނީ، ރާއްޖޭގައި ގެވެށި އަނިޔާއާއި ޖިންސީ އަނިޔާއާއި ގަނާކުރުމާއި ބިދޭސީންގެ ހައްގުތަކަށް އުނިކަން ދިނުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާރްތަކަށް ބޭނުންވާ ޚިދުމަތްތައް ނުލިބުން ފަދަ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވެ، ތަކުރާރުވަމުން ދާ ކަމަށެވެ.
"[މިކަންކަމަކީ] އެކަމާމެދު ވިސްނާ ފިކުރުކޮށް، އެކަންކަމާ ދެކޮޅަށް ތެދުވެ، އެކަންކަން ހައްލުކޮށްދިނުމަށް އަނެކާގެ ޙައްޤުގައި ފަރުދީގޮތުން ވެސް މަސައްކަތް ކުރެވިދާނެ ކަންކަން،" އެ ބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ބުނާ ގޮތުން، މި އަހަރުގެ މިހާތަނަށް، އިންސާނީ ހައްގުތަކާ ބެހޭ ގިނަ މަސައްކަތްތަކެއް އެ ކޮމިޝަނުން ކޮށްފައިވެ އެވެ. އެގޮތުން، 964 މައްސަލައެއް މި އަހަރުގެ މިހާތަނަށް ބަލާފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި ކޮމިޝަނަށް 384 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ، އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކާއި، ގައިދީންގެ ޙައްގުތަކާ ގުޅުންހުރި މައްސަލަތަކާއި ކުޑަކުދިންގެ ޙައްގުތަކާ ގުޅުން ހުރި މައްސަލަތައް ކަމަށް އެޗްއާރުސީއެމް އިން ބުނެ އެވެ.
އެޗްއާރުސީއެމް އިން ވަނީ، އިންސާނީ ހައްގުތަކުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކޮށް، އަމާން މާހައުލެއް ގާއިމުކުރުމަށް ޓަކައި ރާއްޖޭގެ މުއައްސަސާތަކުގެ އިތުރުން މުޖުތަމައުގެ އެއްބާރުލުން ދިނުމަށް ގޮވާލައިފަ އެވެ.