ބޭންކުތަކުން މީހުންގެ މައުލޫމާތު ހާމަކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: ރައީސް ޔާމީން

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ

ބޭންކް މެދުވެރިކޮށް ހިންގާ މުއާމަލާތްތައް ބޭންކުގެ މުވައްޒަފުން ހާމަ ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމް ކުރުމަށް، ޝަރުއީ ނަޒަރަކުން ބަލައިލުން" މިނަމުގައި ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކު މެދުވެރިކޮށް ހިންގާ ޓްރާންސެކްޝަންތަކުގެ މައުލޫމާތު ލީކު ކުރުމުގެ ސަބަބުން އޭގެ އުނދަގޫ ދައުލަތުން އުފުލަން ޖެހޭ ކަމަށެވެ.

"ބޭންކުގެ މުވައްޒަފުންގެ ތެރެއިން މިކަހަލަ މައުލޫމާތު ނެރުމަކީ ފަސޭހަކަމާ އެކު މިހާރު ކުރާ ކަމެއް. ހުރިހާ ބޭންކެއްގައި ވެސް. އަދި މިހިނގާ ބޮޑެތި ކަންކަމުގެ ތެރޭގައި މީގެ އުނދަގޫ މުޅި ދިވެހި ދައުލަތުން އުފުލަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ހުންނަ ބޭންކްތަކަކީ ސްވިސް ބޭންކުގެ ފެންވަރުގެ ބޭންކަކަށް ކޮންމެހެން ވާން ނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް މާޗަންޓް ބޭންކުތަކުން ޕްރައިވެޓް ޓްރާންސެކްޝަންތަކުގެ މައުލޫމާތު ހާމަ ކުރާ ކަމަށާއި އެކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ނުބުނަން ރާއްޖޭގައި ހުންނަ ބޭންކް އެކައުންޓްތަކަކީ ސްވިސް ބޭންކް އެކައުންޓްތަކާ އެއް ފެންވަރަށް ދާން ޖެހޭނެ އެކޭ. އެކަމަކު އަޅުގަނޑުމެންގެ މާޗަންޓް ބޭންކުތަކުން އަޅުގަނޑުމެންގެ ޕްރައިވެޓް ޓްރާންސެކްޝަންގެ މައުލޫމާތު މާދަމާ އަކީ އެންމެންގެ ނަޒަރު ހުއްޓޭ ވަރުގެ މައުލޫމާތަށް ކޮންމެވެސް ހިސާބަކުން އެބަ ލީކް ކުރޭ. މީ ވަރަށް އާދައިގެ ކަންކަން ނޫންތޯ. މީ ކިހިނެއް ނުކުންނަ މައުލޫމާތެއްތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން ގިނަ ބަޔަކު ބޭންކުގައި ފައިސާ ބެހެއްޓުމުގެ ބަދަލުގައި ގިނަ މީހުން ހިޔާރު ކުރަނީ ނަގުދު ފައިސާގެ ގޮތުގައި ބެހެއްޓުމަށް ކަމަށެވެ.

"އެކަމަކު މި މައުލޫމާތަކީ މާދަމާ މުޅި ހުރިހާ ހިސާބެއްގައި ދެކެވޭ ވާހަކައަށް އެބަވޭ. ދެން ކާކުތޯ ބޭންކަށް ފައިސާ އަޅާނީ. އެހެންވީމާ ގިނަ ބަޔަކު އެބަ ޕްރިފާ[އިހުތިޔާރު] ކުރޭ އެކި މުއާމަލާތް ހިންގުމަށް ބޭންކިން ސިސްޓަމް ތެރެއިން ފައިސާ ނެރެ ބޭރުގައި ނަގުދުގެ ގޮތުގައި ބަހައްޓަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވިޔަފާރި އާއި މާލީ ކަންތައްތައް ތަރައްގީ ކުރަން ބޭނުން ނަމަަ ބޭންކް މެދުވެރިވެގެންނާއި އަދި އެހެން ގޮތްގޮތުން ބޭރުން ބޮޑެތި އަދަދުގެ ފައިސާ ގެނެވޭނެ ގޮތް އޮންނަން ވާނެ ކަމަށެވެ. އަދި އެމެރިކާ އިން އިސްނަގައިގެން ދުނިޔޭގައި ބޯޑާ ކްރޮސް ކުރާ މަނީ ލޯންޑްރިން ހަރަކާތްތައް ވަރަށް ފާރަވެރިކަމާ އެކު ބަލަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ އެގޮތަށް ދައުރުވާ ފައިސާގެ ސަބަބުން ރާއްޖެ ކަހަލަ ގައުމުތަކަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ.

"ސައްހަ ނޫން ގޮތެއްގައި އަންނަ ފައިސާ ވެސް ދުނިޔޭގެ ހުރިހާ ބޯޑަރުތަކެއް ވެސް ހުރަސް ކުރޭ. އެކަމަކު އެކަމާ ހެދި އަޅުގަނޑުމެން މިދާ ހިސާބަށް ގޮސްގެން މިކަން ކުރާ ކަމަށް ވަންޏާ ކުދި ކުދި ގައުމަށް މިއިން އުފުލަން ޖެހޭ ތަކުލީފު މާ ބޮޑު،" ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް