އުމަރު ޑީއާރުޕީން ވަކިކުރި މައްސަލަ ޕާޓީގެ އިސްތިއުނާފު ކޮމެޓީ އަށް ހުށަހަޅާނެ ތަން ނެތް ކަމަށް ކޯޓުން ކަނޑައަޅައިފި

ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމުން އުމަރު ނަސީރު ވަކިކުރި މައްސަލަ ޕާޓީގެ އިސްތިއުނާފު ކޮމެޓީ އަށް އިސްތިއުނާފަށް ހުށަހެޅުމަށް އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

އުމަރު ނަސީރު ޑީއާރްޕީން ވަކިކޮށްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެ ޕާޓީގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ޑީއާރްޕީން ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާތަކަށް ރިޔާއަތްކުރައްވައި ގާޒީ އަލީ ރަޝީދު މިއަދު ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ތަންދޭގޮތުން އުމަރު ޕާޓީން ވަކިކުރި މައްސަލަ ޕާޓީގެ އެތެރެއިން ހައްލުކުރުމަށް އުމަރަށް އަންގާނެތަނެއް ނެތް ކަމަށެވެ. އަދި އުމަރު ނަސީރު ޕާޓީން ވަކިކުރި ފަދަ މައްސަލައެއް ސިވިލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އެ މައްސަލަ ދަށު ކޯޓުން ބެލުމަށް ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 43 މާއްދާގެ )ނ(ގައި ބުނެފައިވާ ގޮތުން އިދާރީ ގޮތުން އަޅާ ފިޔަވަޅަކުން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ނަމަ އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި އެ މީހެއްގެ ހައްގު ހޯދުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހެޅުމަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށް ވެސް ވިދާޅުވި އެވެ.

އުމަރުގެ ޑީއާރްޕީން ވަކިކުރި މައްސަލަ ޕާޓީގެ އެތެރެއިން ހައްލުކޮށްގެން ނޫނީ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް ޑީއާރްޕީގެ ވަކީލު ހުސްނު ސުއޫދު ވިދާޅުވެފައި ވާތީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ އެ ނިޒާމަކީ ދުނިޔޭގެ އެހެނިގެން ގައުމުތަކުގައި ވެސް އަމަލް ކުރަމުންދާ ނިޒާމެއް ކަމަށެވެ. އެ އެ ގޮތަށް ކޯޓްތަކުން އަމަލް ކުރަމުންދަނީ ކޯޓުން ބޭރުގައި މައްސަލަ ނިންމުމަށާއި ކޯޓްތަކުގައި މައްސަލަތައް ފުނިނުޖެއްސުމަށް ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވި އެވެ. އެ ގޮތުން ސިވިލް ކޯޓްގައި މިހާރު ވެސް 300 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅައި ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ނިޒާމަކަށް އަމަލް ކުރެވެން ނެތީ ގާނުނުތައް އެ ގޮތަށް ތަންނުދޭތީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު