އެއާ މޯލްޑިވްސްގެ މައްސަލަ ކޯޓުން ބޭރުގައި ނިންމައިފި

19:00


ބަނގުރޫޓުވެފައިވާ އެއާ މޯލްޑިވްސްގެ މައްސަލައިގައި މެލޭޝިޔަން ހެލިކޮޕްޓާ ސާވިސަސްއާ ވާހަކަ ދައްކައިގެން ކޯޓުން ބޭރުގައި މައްސަލަ ނިންމައިފި އެވެ.


އެޓާނީ ޖެނެރަލްގެ ނާއިބު އަލްއުސްތާޒު އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވީ، މި މައްސަލަ މެލޭޝިޔާގެ ކޯޓަށް ހުށަހަޅައިގެން ކުރިއަށްދިޔައިރު އެއާ މޯލްޑިވްސް ބަނގުރޫޓުވި މައްސަލައިގައި 90 މިލިޔަނެއްހާ ޑޮލަރުގެ ދަރަނި ދިވެހި ސަރުކާރުން ދައްކަން އޮތް ކަމަށެވެ. ނަމަވެސް ކޯޓުން ބޭރުގައި މައްސަލަ ނިމިގެންދިޔައީ ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ހިމެނޭ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން 35 މިލިޔަން ޑޮލަރު މާފުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި މައްސަލަ އަކީ ދިވެހިން ބައިނަލްއަގްވާމީ މަންޒިލްތަކަށް ދަތުރުކުރުމުގައި ދިމާވެފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށާއި، މި މައްސަލަ ހައްލުވެގެން ދިއުމުން އެ ލައްގަނޑު ފިލައިގެން ދިޔައީ ކަމަށް ވިދާޅުވެ މައްސަލަ ނިމިގެންދިޔަ ގޮތުގެ ތަފްސީލް ވެސް މުއިއްޒު ދެއްވި އެވެ.


މި ކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މައްސަލަ ހައްލުކޮށް އެއް ފަރާތުން އަނެއް ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ވެސް އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އެއާ މޯލްޑިވްސްއާ ދެކޮޅަށް އެހެން ފަރާތަކުން ދައުވާއެއް ހުށަހެޅި ނަމަވެސް ގާނޫނީ ގޮތުން ކުރަންޖެހޭ ހަރަދުގެ ވަކި އަދަދަކާ މެލޭޝިޔަން ހެލިކޮޕްޓާސް ސާވިސަސް އިން ހަވާލުވާނެ ކަމަށް އެއްބަސްވެފައިވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެ އެވެ. އަދި އެއާ މޯލްޑިވްސް ހިންގުން 2000 ވަނަ އަހަރު ހުއްޓާލިއިރު އެކި ފަރާތްތަކަށް 90 މިލިއަން ޑޮލަރު ދައްކަންޖެހިފައިވާ ކަމަށާއި މި މައްސަލަ ހައްލުވުމުން ދަރަނީގެ ތެރެއިން 35.55 މިލިއަން ޑޮލަރު އުނިވެގެން ގޮސްފައިވާ ކަމަށާއި، އޭގެ ސަބަބުން ބާކީ ހުރި ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު