ވިޔަފާރި ކުރުމަށް ބޮޑުފޮޅުދޫން ބިން ކުއްޔަށް ދެނީ

ބޮޑުފޮޅުދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ގެސްޓްހައުސް މޯލްޑިވްސް

ހޯލްސޭލް އަދި ރީޓޭލް ވިޔަފާރި ކުރުމަށް އއ. ބޮޑުފޮޅުދޫން ބިން ކުއްޔަށް ދޭން އެރަށު ކައުންސިލުން ނިންމައިފިއެވެ.

ބޮޑުފޮޅުދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެރަށުގެ ބަނދަރުގެ އިރުމަތީ ކޮޅުގެ ތޮށިގަނޑު ސަރަހައްދުން، ހޯލްސޭލް އަދި ރީޓޭލް ވިޔަފާރި ކުރުމަށް 1200 އަކަފޫޓުގެ ހަތަރު ބިމެއް 20 އަހަރުދުވަހުގެ މުއްދަތަކަށް ކުއްޔަށްދޭން ނިންމާފައިވާ ކަމަށެވެ.

ކުއްޔަށް ދޫކުރާ ބިމުގެ ކުލި ފެށޭ އަގަކީ އަކަފޫޓަކަށް އެއް ރުފިޔާގެ ރޭޓުން ކަމަށާއި އެގޮތުން ބިން ކުއްޔަށް ދޫކުރެވޭނީ އަކަފޫޓަކަށް އެއް ރުފިޔާއަށްވުރެ ބޮޑުކޮށް ކުލި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ކުއްޔެއް ހުށަހަޅުއްވާ ފަރާތަކަށް ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

ބޮޑުފޮޅުދޫ ކައުންސިލުން ދޫކުރާ ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްކުން މައުލޫމާތު ސާފުކުރުން އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެ ރަށު ކައުންސިލުގެ އިދާރާގައެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިންނެވެ.

ނަމަވެސް ޕްރޮޕޯޒަލްތައް ބަލައިގަންނާނީ މައުލޫމާތު ދިނުމުގެ ސެޝަންއަށްދާ މީހުންނަށް އެކަނި ކަމަށް ވެސް އެރަށު ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް