ޑެންގޫ ހުން ފެތުރެމުންދާތީ ކިނބިދޫގައި ސްކޫލް ބަންދުކޮށްފި


ޑެންގޫ ހުން ފެތުރެމުންދާތީ ތ. ކިނބިދޫ ސްކޫލް މިއަދު ބަންދުކޮށްފި އެވެ. ކިނބިދޫ ސިއްހީ މަރުކަޒުން ބުނީ ޑެންގޫ ހުން ޖެހިގެން ހަތް ކުދިން އިއްޔެ ވެސް އެ ރަށުން މާލެ ފޮނުވާފައިވާ ކަމަށެވެ.

" ޑެންގޫ ހުން ފެތުރޭކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މިމަހުގެ ފަސްވަނަ ދުވަހު، އޭގެ ފަހުން މިހާތަނަށް 26 ކުއްޖަކަށް އެ ހުން ޖެހިއްޖެ، މިހާރު ވެސް މާލޭގައި ވެއްޖެ 15 ކުދިން،" ކިނބިދޫ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ނަސީމު ވިދާޅުވި އެވެ.

ކިނބިދޫ ރަށު ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު ވިދާޅުވީ ޑެންގޫ ހުން ފެތުރެމުންދާތީ ރަށު ކައުންސިލާއި ރަށުގެ ޒުވާނުން ގުޅިގެން ރަށުން މަދިރި ނައްތާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
" މަދިރި ނައްތާލުމުގެ މަސައްކަތް އިއްޔެއާ އޭގެ ކުރީ ދުވަހުވެސް ކުރިން، ފޮގް ކުރުމުގެ މަސައްކަތް( ދުން ޖެހުން) ވެސް އެބަ ކުރިއަށް ގެންދަން،" ހަސަން ވިދާޅުވި އެވެ.

ގާތްގަނޑަކަށް 1300 އެއްހާ މީހުން އުޅޭ ކިނބިދޫގައި 300 އެއްހާ ދަރިވަރުން އުޅެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު