ވޮޝިންޓަން (ނޮވެމްބަރު 28): އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެތައް މިލިއަން މީހުން ގާނޫނާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ ބައެއް ސްޓޭޓުތަކުގެ ވޯޓުތައް އަލުން ގުނުމުގައި ހިލަރީ ކްލިންޓަންގެ ކެމްޕެއިނުން ބައިވެރި ވާނެ ކަމަށް ބުނެފައި ވަނިކޮށެވެ.
އިލެކްޓޯރަލް ވޯޓަށް ބަލާއިރު ހިލަރީއަށް ވުރެ އިތުރަށް ޓްރަމްޕަށް ވޯޓު ލިބުނު ނަމަވެސް އާއްމުންގެ ގިނަ ވޯޓު ނުވަތަ ޕޮޕިއުލާ ވޯޓު ލިބުނީ ހިލަރީ އަށެވެ. ޓްރަމްޕަށް ވުރެ އިތުރަށް ހިލަރީއަށް ދެމިލިއަން ވޯޓު ލިބިފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
"ގާނޫނާ ހިލާފަށް ވޯޓުލީ އެތައް މިލިއަން މީހުންގެ ވޯޓުތައް ނުގުނާމަ އަޅުގަނޑު ވަނީ އިލެކްޓޯރަލް ކޮލެޖުގެ އިތުރުން ޕޮޕިއުލާ ވޯޓުވެސް ކާމިޔާބު ކޮށްފަ. އެޕޮޕިއުލާ ވޯޓު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެ އަޅުގަނޑު ދިޔަ 15 ސްޓޭޓަށް ނުގޮސް ތިން ހަތަރު ސްޓޭޓަކަށް ދިޔަ ނަމަ،" ޓްރަމްޕްގެ ޓުވީޓުތަކެއްގައި އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ ހިލަރީ ކާމިޔާބުު ކުރެއްވި ވާޖީނިއަ، ނިއު ހޭމްޕްޝަޔާ އަދި ކެލިފޯނިއާގެ ވޯޓުތަކުގައި މައްސަލައެއް އުޅޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމެރިކާގެ މީޑިއާތަކުން އެވާހަކައެއް ނުދައްކާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ޓުވީޓުތަކުގައި ކުރައްވާފައިވާ ތުހުމަތުތަކަށް އޭނާ އެއްވެސް ހެއްކެއް ދައްކަވާފައި ނުވެ އެވެ.
ވިސްކޮންސިން، މިޝިގަން އަދި ޕެންސިލްވޭނިއާގެ ވޯޓިން ސިސްޓަމްތައް ހެކް ކޮށްފައިވާ ކަމަށް ބުނެ އެސްޓޭޓުތަކުގެ ވޯޓު އަލުން ގުނުމަށް ހުށަހަޅާފައި ވަނީ ގްރީން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޖިލް ސްޓެއިން އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލު ވާނީ ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވާފައިވާ އެ ތިން ސްޓޭޓުގެ ވެސް ނަތީޖާ ބަދަލުވެއްޖެ ނަމަ އެވެ. (ބީބީސީ)