ރާއްޖެ ހިމެނޭ ގޮތަށް 18 ގައުމަކަށް އޮން އެރައިވަލް ވިސާފީ ތައިލެންޑުން ޑަބަލް ކުޑަކޮށްފި

ބެންކޮކް އެއާޕޯޓެއްގެ ތެރޭގައި ކިޔު ހަދާފައި ---

ދިވެހިންނާއި އިތުރު 18 ގައުމަކުން ތައިލެންޑަށް ދަތުރުކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އައި އޮން އެރައިވަލް ވިސާ ފީ ޑަބަލް ކުޑަކޮށްފި އެވެ.

ތައިލެންޑުގެ ސަރުކާރުން މިގޮތަށް ނިންމާފައި މިވަނީ، ރާއްޖެ ހިމެނޭ ގޮތަށް ތައިލެންޑަށް ދާ 19 ގައުމެއްގެ ރައްޔިތުންގެ އަތުން އޮން އެރަވައިލް ވިސާގެ ގޮތުގައި ނަގާ ފީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ދެގުނަ ބޮޑުކޮށްފައިވަނިކޮށެވެ.

ދިވެހިން ހިމެނޭ ގޮތަށް ތައިލެންޑަށް ދާ އެހެން ގައުމުތަކުގެ ރައްޔިތުންގެ އަތުން އޮންއެރައިވަލް ވިސާގެ ގޮތުގައި ކުރިން ނަގަމުން އައީ 1000 ބާތު ނުވަތަ ދިވެހި ރުފިޔާ އިން ނަމަ ގާތްގަނޑަކަށް 500 ރުފިޔާ އެވެ. ނަމަވެސް އޮން އެރައިވަލް ވިސާގެ ގޮތުގައި ނަގާ ފީ ސެޕްޓެމްބަރު މަހުން ފެށިގެން 2000 ބާތަށް ބޮޑުކުރި އެވެ.

ތައިލެންޑުގެ ޓޫރިޒަމް މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އޮން އެރަވައިލް ވިސާ ލިބޭ ގައުމުތަކުގެ ފަތުރުވެރިންގެ އަތުން ވިސާ ފީގެ ގޮތުގައި ނަގަމުން އައި 2000 ބާތުގެ ބަދަލުގައި މިއަދުން ފެށިގެން، ރާއްޖެ ހިމެނޭ ގޮތަށް 18 ގައުމަކަށް، ނަގާނީ އެންމެ ކުރިން ވެސް ނަގަމުން އައި 1000 ބާތު ކަމަށެވެ.

ބޭރުގެ ފަތުރުވެރިކަމަށް އިގްތިސާދު ބަރޯސާވެފައި އޮންނަ ތައިލެންޑަށްދާ ފަތުރުވެރިންގެ އަތުން އޮން އެރަވަލް ވިސާގެ ގޮތުގައި ނަގާ ފީ ކުޑަކުރަން ނިންމީ އެގައުމަށްދާ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުންނެވެ.

ތައިލެންޑުން އޮން އެރަވައިލް ވިސާ ދޭ 19 ގައުމުގެ ތެރޭގައި ރާއްޖޭގެ އިތުރުން ބޫޓާން، ޗައިނާ، އިންޑިއާ، ސައުދީ އަރަބިއްޔާ، ޓައިވާން، ޔުކްރޭންގެ އިތުރުން އުޒްބެކިސްތާނާއި ކަޒިކިސްތާން ފަދަ ގައުމުތައް ހިމެނެ އެވެ.

އޮން އެރަވައިލް ވިސާގެ ގޮތުގައި ނަގާ ފީ ކުޑަކުރުމުގެ އިތުރުން، ބޭރު ގައުމުތަކުގެ މީހުން ތައިލެންޑްގައި ދިގު މުއްދަތަކަށް ތިބުމަށް މީގެ ކުރިން ވިސާ ދޫކުރާ އެއް އަހަރުގެ ބަދަލުގައި އެ މުއްދަތު 10 އަހަރަށް އިތުރު ކުރުމަށް ވެސް ތައިލެންޑް ސަރުކާރުގެ ކެބިނެޓުން މިއަދު ވަނީ ނިންމައިފަ އެވެ. މި ވިސާ ދޫކުރަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.

ދިގު މުއްދަތުގެ ވިސާ ފުރަތަމަ ދޫކުރާނީ ފަސް އަހަރަށް ކަމަށާއި ފުރަތަމަ ފަސް އަހަރު ނިމުމުން އަނެއްކާ ވެސް އިތުރު ފަސް އަހަރަކަށް ވިސާ އާކުރެވިދާނޭ ކަމަށް ތައިލެންޑް ބޮޑުވަޒީރުގެ އޮފީހުގެ ވައިސް މިނިސްޓަރު ކާނަލް އަޕިސިޓް ޗާއިޔަނުވަޓް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، ދިގު މުއްދަތުގެ ވިސާލިބޭ މީހުން ކޮންމެ 90 ދުވަހަކުން އިމިގްރޭޝަން ފުލުހުންނަށް ރިޕޯޓް ކުރަންޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ. މިވިސާގެ ފީއެއްގެގޮތުގައި ކަނޑައަޅާފައި ވަނީ 10،000 ބާތެވެ.

comment ކޮމެންޓް