ޖޭއެސްސީގެ ގޮނޑިއަށް އަޅުގަނޑު ހޮވަން އިދިކޮޅު އަދި އަމިއްލަ މެމްބަރުން ވޯޓުދެއްވާނެކަމާ މެދު ޝައްކެއް ނުކުރަން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އަށް އައްޔަންކުރުމަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާއި އަދި އަމިއްލަ މެމްބަރުން ވޯޓު ދެއްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އެ މަގާމަށް ކުރިމަތިއްލައްވާފައިވާ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

"އެއްވެސް ޝައްކެއް ނުކުރަން އިންޑިޕެންޑެންޓް މެމްބަރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރައްވާ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީ އާއި، ދެން ޕީއޭ އާއި ޖުމްހޫރީ ޕާޓީ އަދި ގައުމީ ޕާޓީގެ މެމްބަރުން ވެސް އަޅުގަނޑަށް ވޯޓު ދެއްވާނެ ކަމާ މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން،" ސަން އަށް މައުލޫމާތުދެއްވަމުން ގާސިމް މިރޭ ވިދާޅުވި އެވެ.

ޖޭއެސްސީގެ ގޮނޑި ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ގާސިމް ވިދާޅުވެފައިވާ އިރު، އެ ގޮނޑިއަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ނެރެފައި ވަނީ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދި އެވެ.

ގާސިމް މިރޭ ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާދެއްވާފައި ވަޑައިގަންނަވާ ބޭފުޅާ ރައްޔިތުންނަށް ނޯޅޭ ކަމަށާއި އޭނާ ޖޭއެސްސީ އަށް އައްޔަންކުރުމަކީ "ދައުލަތުގެ ތިން ބާރު އެއްބާރަކަށް ވެގެންދާނޭ ގޮތަށް އެއް ޕާޓީއެއްގެ އަތް މައްޗަށް" ދިޔުން ކަމަށެވެ.

އަދި މިހާރު ވެސް ސަރުކާރުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރަމުންދާކަން ޝަރީއަތުގެ އެކި ނިންމުންތަކުން އެނގިގެން ގޮސްފައިވާ ކަމަށާއި އެހެން އެކަން އޮއްވައި އެކެއްގެ އަތް މައްޗަށް ދައުލަތުގެ ތިން ބާރު ދިޔުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"..އަދުލް އިންސާފުގެ ދާއިރާ މިނިވަންކޮށް ބޭއްވުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެންވީމަ، މިދެންނެވި ގޮތަށް ތިން ބާރު އެއްބާރެއް ގޮތުގައި ވެގެންދާނެ ގޮތަށް އެކެއްގެ އަތްމައްޗަށް ނޫނީ އެއް ޕާޓީއެއްގެ އަތް މައްޗަށް ހުރިހާ ބާރުތަކެއް ލިބިގެން ދިއުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ކަމަށް ނުފެންނާތީ އާއި އަދި އޭރުން އޭގެ މުސްތަގިއްލުކަން ގެއްލި، ރައްޔިތުންގެ ހައްގުތަކަށް ވާނެ ގޮތަކާ މެދު ފިކުރުކުރެވޭތީއާ، އެ ހައްގުތައް ދެމެހެއްޓުމަށާއި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެކަންތައްތައް ރައްޔިތުންނާ ހަމައަށް ވާސިލްކޮށްދިނުމުގެ ބުރަ މަސްއޫލިއްޔަތު އުފުލުމަށްޓަކައި އަޅުގަނޑު ކުރިމަތިލީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެއްވިޔަސް ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާދެއްވުން ލާޒިމެއް ނޫން ކަމަށާއި އެހެންކަމުން އެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.

ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައި ހުންނެވި މެމްބަރު، އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ ވަކިކުރުމާ ގުޅިގެން އެ މަގާމަށް އާބޭފުޅަކު އައްޔަންކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އިރު، ގާސިމާއި މާރިޔާގެ އިތުރުން އެ މަގާމަށް ޝައުގުވެރިވާ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަނީ ވިދާޅުވެފަ އެވެ.

ރިޒާ އާއި ގާސިމް ވަނީ އެ މަގާމަށް ޝައުގުވެރިވާކަން ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ވެސް އަންގައިފަ އެވެ. އެދެބޭފުޅުން ތެރެއިން ވޯޓު ދެއްވާނެ ވަކި ބޭފުޅަކު އަދި ނިންމަވާފައިނުވާ ކަމަށާއި އެކަން ނިންމާނީ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ކަމަށް ޕީއޭގެ ނައިބު ލީޑަރު އަހުމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު