މާލޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުން ތާޒާކޮށްފި

އިމާމުންނާއި ޚަޠީބުން ތާޒާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން މާލޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުން ތާޒާ ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ.

އިސްލާމީ މަރުކަޒުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ހަތަރު ދާއިރާއަކުން މައުލޫމާތު ދީފައިވެ އެވެ. އެ ދާއިރާތަކަކީ ގުރުއާނާއި، ފިގުހުގެ އިތުރުން ޚުތުބާ ކިއުމުގެ ހުނަރާއި، މޮސްކް މެނޭޖްމެންޓެވެ.

އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާފައި ވަނީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި، އަބްދުލް ޖަލީލް އިސްމާއިލްގެ އިތުރުން ޑރ. އަޝްރަފް އަބްދުލް ރަހީމެވެ. އަދި އޭގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފް އިން އެ ބައްދަލުވުމުގައި ވަނީ މައުލޫމާތު ދެއްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އިމާމުން ތާޒާ ކުރުވުމާއި، އިމާމުން އިތުރަށް ކިޔެވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ކޮންމެ އިމާމަކީ ވެސް ޑިޕްލޮމާ ފެންވަރުގެ ފާހެއް އޮންނަ އިމާމަކަށް ހެދުމަކީ އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައި އަތޮޅުތަކަށް އަމާޒުކޮށްގެން އެފަދަ އިތުރު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި 55 އަށް ވުރެ ގިނަ އިމާމުންނާއި ޚަޠީބުން ބައިވެރިވެ ސެޓްފިކެޓް ހާސިލް ކޮށްފައިވެ އެވެ.

comment ކޮމެންޓް