ތިމާ ލޯބިކުރާ ނިއުމަތް އެހެން މީހުންނަށްވެސް ލިބުމަށް އެދެންޖެހޭ: މުފްތީ

އިލްމުޓޯކްގައި މުފްތީ މެންކު ތަގްރީރުކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ތިމާއަށް ލިބިފައިވާ ނިއުމަތްތައް އެހެން މީހުންނަށްވެސް ލިބުމަށް އެދެން ޖެހޭ ކަމަށް ދުނިޔޭގެ މަޝްހޫރު އިސްލާމީ އިލްމުވެރިއެއް ކަމަށްވާ އިސްމާއިލް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.

އިލްމުޓޯކް ޕްރޮގްރާމުގެ ދަށުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި މުފްތީގެ ތަގުރީރުގައި އަލިއަޅުއްވާލައްވާފައިވަނީ އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ހައްގުތަކާ ބެހޭ ގޮތުންނެވެ.

މުފްތީ ވިދާޅުވީ، އެހެން މީހުންނަށްވެސް ތިމާއަށް ލިބިފައިވާ ނިއުމަތްތަކާ ތަނަވަސްކަން ލިބުމަށް އެދި ދުއާ ކުރުމަކީ މުހިއްމުކަމެއް ކަމަށާއި، އެކަކު އަނެކަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެއެވެ. އެކަމަކީ އެކަކު އަނެކަކުގެ މެދުގައި އޮންނަ ގާތްކަން އިތުރުވެ، އެކަކު އަނެކަކަށް އޮންނަ ލޯބި އިތުރުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ތިމާއަށް ލިބިފައިވާ ހުރިހާ ފައިސާއެއް އެހެން މީހުންނަށް ދޭން ނުޖެހޭ ކަމަށާއި، ނަމަވެސް އޭގެން ބައެއް ނުވަތަ އެއާ އެއްވަރުގެ ތަނަވަސް ކަމެއް އެހެން މީހުންނަށް ދެއްވުމަށް އެދި ދުއާ ކުރުމަށް ބާރު އަޅުއްވައި މުފްތީ ވާހަކަދެއްކެވި އެވެ.

އެކަކު އަނެކަކާ ސަލާމް ކުރުމަށް ބާރުއަޅުއްވައި ރަސޫލާ صلى الله عليه وسلم ކުރައްވާފައިވާ ހަދީޘްފުޅުތަކަށް މުފްތީ އަލި އަޅުއްވާލެއްވި އެވެ. އަދި އެކަކު އަނެކަކާ ހިނިތުންވެ ސަލާމް ގޮވުމާއި ސަލާމް ބަލައިގަތުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަދެއްކެވި އެވެ.

މުފްތީގެ ތަގުރީރުގައި، ޣީބަ ބުނުމުގެ ނުބައި އާދައާ ދުރުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން މީހުންނާ މުއާމަލާތު ކުރާއިރު ރީތި ބަހުން މުއާމަލާތުކޮށް މީހުން ނެތްތަން ތަނުގައި އެ މީހުންގެ ރަނގަޅު ވާހަކަ ދެއްކުމަށް ގޮވާލެއްވި އެވެ.

ތިމާ މަރުވާ ދުވަހު އެހެން މީހުންނަށް ތިމާ ނެތުމުން އެކަމުގެ އުނިކަން ލިބޭފަދަ އިހްސާސް ކުރެވޭ ގޮތަށް ދިރިއުޅުން ބައްޓަން ކުރަން ޖެހޭ ކަމަށް މުފްތީ ވިދާޅުވި އެވެ. އަދި އެގޮތަށް ދިރުއުޅުން ބައްޓަން ކުރެވޭނަމަ މީހުންގެ ރުހުން ލިބި، ތިމާ ދުނިޔެ ދޫކުރުމުން ތިމާއަށްޓަކައި ހެޔޮ ދުއާކޮށް، ތިމާގެ އާއިލާއާ ބައްދަލުކޮށް އެމީހުންނަށް ލިބުނު ހިތާމައިގައި ބައިވެރި ވާނެ ކަމަށް ވިދާޅުވި އެވެ.

މުފްތީގެ ތަގުރީރުގައި ބަލިމީހާއަށް ގޮވާލަން ދިއުމުގެ މުހިއްމު ކަމާބެހޭ ގޮތުން ވާހަކަދެއްކެވި އެވެ. އަދި އެކަމަކީ ތިމާއާއި މާތް ﷲ އާ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރޭ އިސްލާމީ މަރުކަޒުގައި އޮތް، ތަގުރީރު އަޑު އެހުމަށް ގިނަ ބަޔަކު މަރުކަޒަށް ގޮސްފައިވާ އިރު، ދުނިޔޭގެ ހަޔާތަކީ އާހިރަތަށް ތައްޔާރުވުމަށް އޮތް ތަނެއް ކަމަށާއި، އާހިރަތް ބާއްޖަވެރި ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް، އިސްމާއިލް މުފްތީ މެންކް ގޮވާލެއްވި އެވެ.

comment ކޮމެންޓް