އުމަރު ކުރައްވާ ދައުވާގައި ޑީއާރްޕީން ނެގި އިޖްރާއީ ނުކުތާއާ މެދު ކޯޓުން ގޮތެއް ނިންމަނީ

ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީން ވަކި ކުރި މައްސަލައިގައި އޭނާ އެ ޕާޓީއާ ދެކޮޅަށް ކުރައްވާ ދައުވާގައި ޑީއާރްޕީން ނެގި އިޖްރާއީ ނުކުތާއާ މެދު އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަވާނެ ކަމަށް ސިވިލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ ޑީއާރްޕީން ނެގި އިޖްރާއި ނުކުތާ ވަރަށް ރަނގަޅަށް ދިރާސާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެ މައްސަލައަށް އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޑީއާރްޕީގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެފައި ވަނީ ޕާޓީ ތެރެއިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ނޫނީ މައްސަލަ ކޯޓަށް ނުވެއްދޭނެ ކަމަށެވެ. އަދި އުމަރު ޕާޓީން ވަކި ކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އޮއްވައި އެކަން ނުކުރައްވައި މައްސަލ ކޯޓަށް ނުވެއްދޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން އޮތް ޝަރީއަތުގައި އުމަރުގެ ވަކީލު މުހައްމަދު އިބްރާހިމް ވިދާޅުވެފައި ވަނީ ފުރިހަމަ ކުރަން ޖެހޭ އިޖްރާއަތެއް އޮތް ނަމަވެސް އެ މައްސަލައެއް ކޯޓަށް ހުށަހެޅޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ އުމަރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސުއޫދު ވިދާޅުވީ ހައި ކޯޓުން ކުރިން ނިންމާފައި ވަނީ މުޅިން ތަފާތު މައްސަލައެއް ކަމަށެވެ. ޝަކުވާއެއް އޮތް ނަމަ އެކަން ވަކި ދުވަހެއްގެ ތެރޭގައި ހުށަނާޅައިފި ނަމަ ބެލޭނީ ޝަކުވާއެއް ނެތީ ކަމަށް ސިފައިންގެ ގަވާއިދުގައި ބުނެފައި އޮތުމުން ހައި ކޯޓުން ކަނޑައަޅާފައި ވަނީ ޝަކުވާ ހުށަނޭޅުމުން ޝަކުވާއެއް ނެތް ކަމަށް ބެލުމަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ހ. އާ ހިލާފް ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ހައި ކޯޓުން ނިންމި އެ މައްސަލަ އާއި އުމަރު ނަސީރުގެ މި މައްސަލައަކީ ތަފާތު ދެ ބާވަތެއްގެ މައްސަލަ ކަމަށެވެ. އަދި ޕާޓީއެއްގެ މިފަދަ މައްސަލައެއްގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތެއް އޮވެ އެކަން ފުރިހަމަނުކޮށް މައްސަލަ ހުށަހެޅޭ ކަމަށް ކޯޓުން ނިންމައިފި ނަމަ ޕާޓީތަކުގެ އަސާސީ ގަވާއިދުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ބޭނުން ކެނޑޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު